އީރާނުގެ ގުޅުންތަކުގައި ގަލްފުގެ ވިސްނުން އެމެރިކާއާ ދުރަށް

Loading

Facebook
Twitter
WhatsApp

ގަލްފުގެ ގައުމުތަކާއި އެމެރިކާއާ ދެމެދު ފުށޫއެރުންތަކެއް އަންނަމުންދާކަމަށް ދަ ޓެލިގްރާފް ފަދަ ބައެއް މަޝްހޫރު މީޑިއާ ޕްލެޓްފޯރމްތަކުން ފެންނަން ފަށައިފިއެވެ.

ބައެއް ރިޕޯރޓް ތަކުގައިބުނެފައިވާގޮތުން އެމެރިކާއާއި އީރާނުން ހަނގުރާމަހުއްޓާލައި މެދުއިރުމަތީގައި ދާއިމީ ސުލްހައެއް ގާއިމް ކުރުމުގެ މަޝްވަރާތައް ކުރެވެމުންދާއިރު ފަރުދާގެ އަނެއް ފަރާތުގައި ގަލްފުގެ ގައުމުތަކުން އީރާން ބަލައިގަތުމުގެ ވިސްނުމެއް އުފަންވެ އެންމެ ފުރަތަމަ ވާހަކަތައް ފެށިފައިވަނީ އީރާނާއި އޮމާނާ އެކުގައެވެ. އެއަށްފަހު އޮމާނާއި ގަތަރާ ދެމެދުގައެވެ. އަދި އެންމެފަހުން އީރާނާ ސައޫދީ އެރޭބިއާއާއި ދެމެދުގައެވެ. މަޝްވަރާތައް އަމާޒުކުރެވިފައިވަނީ މިހާރު ހިނގަމުން ހަނގުރާމައިގެ ހިރަފުސްތައް އޮބިގެން ދިއުމަށްފަހު މިއަންނަ އޯގަސްޓްމަހުގެ ފަހުން މެދުއިރުމަތީގައި އީރާނުވެސް ހިމެނޭގޮތުގައި “ ނިއު ނޯމަލް “ އެއް އުފަންކުރުވުމުގެ މައްޗަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް މިނިވަންގޮތެއްގައި ހުޅުވާލާފައި ބޭއްވުމަށްޓަކައި ގަލްފުގެ ގައުމުތަކުން އީރާނަށް ފޯރުކޮށްދެވިދާނެ މާލީ އެހީތައްވެސް އެ މަޝްވަރާތަކުގައި ހިމެނާފައި ވެއެވެ. ހޮރްމުޒް ކަނޑުއޮޅިން އީރާނުގެ ގަވައިދުތަކާ ޚިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދެމުން ގެންދާ އިންޒާރުތަކާއި އެ އުޅަނދުފަހަރުން ކުރިމަތިލާން ޖެހިދާނެ ހަމަލާތަކުގެ ސަބަބުން ގަލްފުގެ އެހެންގައުމު ތަކަށްވެސް މުސްތަގްބަލްގައި އުފުލަން އުދަނގޫ ބުރައަކަށް ވެދާނެއެވެ. ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގައި އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމަށް އެމެރިކާގެ ރައީސް އިއުލާންކުރަމުންގެންދިޔަ ނަމަވެސް އީރާނުގެ ނުރުހުމާއެކު އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ނުރައްކާތެރިކަން އަރަބި ގައުމުތަކުވެރިންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް އެމެރިކާގެ ސައުފާން ސެންޓަރުންވެސް ބުނެފައިވެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ގަލްފުގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގައި ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައި ކުރެއްވި މަޝްވަރާތަކުން އެއްވެސް ޓޯލް ފީއެއް ދިނުމަކާނުލައި އެ ކަނޑުއޮޅިން ބައިނަލް އަގްވާމީ ދަތުރުތައް ކުރެވެން ޖެހޭނެކަމަށް އަރަބި ލީޑަރުން ވަނީ އެއްބަސްވެ ވަޑައިގެންފައި ކަމަށް އިނގިރޭސި ވިލާތުގެ ޗެތަމް ހައުސްގެ އަނީސާ ބަޝީރީ ތަބްރޭޒީ ބުނެފައިވެއެވެ.
މެދުއިރުމަތީގެ ގައުމުތަކުގައި އެމެރިކާއަށް ކުރަމުންގެންދިޔަ އިތުބާރު ކުޑަވަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށާއި އީރާނާއެކު އަތާއަތް ޖޯދުކޮށްލުމުގެ ވަގުތު ޖެހިއްޖެކަން ދޭހަވާ މޭރުމަކުން މިޑްލްއީސްޓް އިންސްޓިޓިއުޓުގެ ސީނިއަރ ފެލޯ ގޯނުލް ތޯލް ވާހަކަދައްކާފައިވެއެވެ. އަދި ކައިރި މުސްތަގްބަލެއްގައި އެކަން ހިނގުމަކީ ހައިރާންވާންޖެހޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ބުނެފައި ވެއެވެ. ކުރިއަށް އޮތް މުސްތަގްބަލްގައި ގަލްފުގެ އެންމެހާ މައްސަލަތައް އަލުން ރާވައި ބައްޓަންކުރުމަކީގަލްފުގެ ލީޑަރުންގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅުއްވައި އެމެރިކާއާއި ހުޅަނގުގެ ފިއްތުންތަކާހުރެ އިނދަޖެހިފައިވާ އީރާނުގެ އިގްތިސާދު އަލުން ކޮޅަށް ނެގުމަށްޓަކައި އަރަބި ގައުމުތަކުން އީރާނުގައި އިންވެސްޓްކުރެވޭނެގޮތްތަކާދޭތެރޭގައިވެސް އެބެފުޅުން ގެންދަވަނީ ވިސްނަވަމުންކަން އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕްގައި ގަލްފުގެ އަރަބި ގައުމުތަކުގެ މަސްރަޙް ދިރާސާ ކުރައްވާ އެންމެ އިސް މީހާގެ ހައިސިއްޔަތުން ޔާސްމީން ފާރޫގު ބުނެފައިވެއެވެ. އަދި މި ހަރަކާތުގައި އިސްވެ ހަރަކާތްތެރި ވަމުން ގެންދަވަނީ ސައޫދީ އެރޭބިއާއިންކަންވެސް އެ ގްރޫޕްގެ ފަރާތުން ޔާސްމީން ފާރޫގް ބުނެފައިވެއެވެ. ހަމައެއާއެކު ގަލްފުގެ ގައުމުތަކަށް އީރާނުގެ ނުރައްކަލެއް ނެތްކަންވެސް ކަށަވަރުކުރަން އެބޭފުޅުން ބޭނުންވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަތައް މިހާތަނަށް އައިއިރު ހޮރްމުޒް ކަނޑުއޮޅިއަކީ ކިހާބާރުގަދަ ހަތިޔާރެއްކަން އީރާނަށް ރަނގަޅަށް އެނގިއްޖެއެވެ. ގަލްފުގެ ލީޑަރުންނާއި ސިޔާސީގޮތުން ފުންނާބު އުސް ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި އީރާނަށް ލިބިފައިމިވާ ބާރުގަދަ ހަތިޔާރު ފުރިހަމަގޮތުގައި އީރާނުން ބޭނުން ކުރާނެއެވެ. ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ 60 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު އީރާނުން ބޭނުންވާ ގަވައިދުތައް ތަންފީޒުކުރުމަށްޓަކައި ގަލްފް ސްޓްރެއިޓް އޮތޯރިޓީ އުފައްދައި އީރާނުން މިހާރު ވަނީ ފުރިހަމައަށް ތައްޔާރު ވެފައެވެ.
މައިންތައް ނަގައި ސާފުކުރުމާއި ދަތުރުކުރާ އުޅަނދުފަހަރުގެ ސަބަބުން ތިމާވެއްޓަށް ލިބޭގެއްލުންތައް ރައްކާތެރިކުރުންފަދަ ކަންތައްތަކަށް އީރާނުގެ އިންޝޫރެންސް ކަވަރ ނެގުން މަޖުބޫރު ކުރުންފަދަ ގަވައިދުތައް އީރާނުން ތަންފީޒު ކުރާނެއެވެ. އަދި އެއީ ބައިނަލް އަގްވާމީ ގާނޫނުތަކުންވެސް މަނާ ނުކުރެވޭނެ ކަންތަކެވެ. މިކަންތަކުގެ މައުލޫމާތު ދަ ޓެލިގްރާފަށްވެސް ވަނީ ލިބިފައެވެ.
އެމެރިކާއިން އީރާނާއެކު މަޝްވަރާތައްކުރެވެމުންދާއިރު ފަރުދާގެ ފުރަގަހުގައި އަރަބި ގައުމުތަކުން ގަލްފުގެ މުސްތަގްބަލް އެކަށަ އެޅުމުގެ މަޝްވަރާތައް ކުރެވެމުން ދިއުން ދޭހަކޮށްދެނީ އެ ގައުމުތަކުން އެމެރިކާއާއި ދުރަށް ދިއުން ބޭނުންވާކަމެވެ. އަދި އެމެރިކާއިން ފޯރުކޮށް ނުދެވިދާނެ ކޮންމެ ސެކިއުރޓީ އެހީތެރިކަމެއް އެހެން ގައުމުތަކުން ހޯދުންވެސް އެބޭފުޅުންގެ މަޝްވަރާތަކުގައި ހިމެނިފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް