ޔޫރަޕުގެ ތާރީޚުގައި ވެސް އައި އެންމެ ގަދަ ހޫނު ރާޅުތަކުގެ ތެރެއިން ހޫނު ރާޅަކާ އެ ބައްރު މިހާރު ކުރިމަތިލަމުންދާއިރު، ރެކޯޑް މިންވަރަކަށް ހޫނުމިން މައްޗަށް ގޮސް 1،300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ސިއްހީ ނިޒާމުތަކަށް ބާރުބޮޑުވެ، ތަންތަނުގައި އަލިފާން ރޯވުމުގެ ބިރުވެރިކަން އިތުރުވެ، އެތައް މިލިއަން ބައެއްގެ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފައެވެ.
ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން ޑަބްލިއު.އެމް.އޯ އިން ބުނާ ގޮތުގައި، ޖޫން 21 އިން ފެށިގެން ކުރިމަތިވެފައިވާ މި އާދަޔާ ހިލާފު ހޫނު ރާޅުގެ ސަބަބުން ގިނަ ގައުމުތަކެއްގެ ހޫނުމިނުގެ ރެކޯޑްތައް މުގުރާލާފައިވާއިރު، 150 މިލިއަނަށްވުރެ ގިނަ މީހުންނަށް މީގެ އަސަރު ވަނީ ކޮށްފައެވެ. މި ގަދަ ހޫނުގެ ސަބަބުން ދަނޑުވެރިކަމަށް ގެއްލުންވެ، އިކޯސިސްޓަމްތަކަށް ނުރައްކާވެ، މަސައްކަތްތެރިންގެ އުފެއްދުންތެރިކަން ދަށްވެ، އިންފްރާސްޓްރަކްޗަރަށް އޮތް ޕްރެޝަރު ވަނީ އިތުރުވެފައެވެ. ހަމައެއާއެކު، ބައެއް ސަރަހައްދުތަކަށް ކުރިމަތިވި ގަދަ ތޫފާންތަކާއި އިތުރުވަމުންދާ ހަނަފަސްކަމުގެ ސަބަބުން މި ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ހޫނުވަމުންދާ ބައްރު ކަމަށްވާ ޔޫރަޕުގައި، ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާއެކު، ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ގިނައިން، ގިނަ ދުވަހަށް ދެމިގެންދާ އަދި މިއަށްވުރެ ގަދަ ހޫނު ރާޅުތައް ކުރިމަތިވާނެ ކަމަށް ޑަބްލިއު.އެމް.އޯ އިން ވަނީ އިންޒާރު ދީފައެވެ.
”މިފަދަ ހޫނު ރާޅުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު އަހަރެމެން ފެންނާނެ ކަމަށް އުންމީދުކުރާ ކަންތައްތައް“ ޑަބްލިއު.އެމް.އޯގެ ހެޑް އޮފް ކްލައިމެޓް އިންފޮމޭޝަން ޖޯން ކެނެޑީ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 1976 ވަނަ އަހަރުގެ ތާރީޚީ ހޫނު ރާޅަށްފަހު ވިލާތުގެ ހޫނުމިން ގާތްގަނޑަކަށް ދެ ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައިވުމުން، ހޫނުމިން އިންތިހާއަށް މައްޗަށް ދިއުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
ޖަރުމަނުވިލާތުގެ ތާރީޚުގައި ވެސް އެންމެ ހޫނުގަދަ ދުވަސްތައް ތަޖުރިބާކޮށްފައިވާއިރު، ޖޫން 28 ވަނަ ދުވަހު އެ ގައުމުގެ އިރުމަތީ އަވަށެއް ކަމަށްވާ ކޯޝެންގެ ހޫނުމިން 41.7 ޑިގްރީ ސެލްސިއަސްއަށް އެރިއެވެ. 250 އަށްވުރެ ގިނަ މޫސުމާ ބެހޭ ސްޓޭޝަންތަކުން އެންމެ މަތީ ހޫނުމިން ރެކޯޑްކޮށްފައިވާއިރު، ރޭގަނޑުގެ ހޫނުމިން ވެސް ނުރައްކާތެރި މިންވަރަކަށް މަތީގައި ހުރުމުގެ ސަބަބުން، ދުވާލުގެ ހޫނުން ސަލާމަތްވެ ހަށިގަނޑަށް އަރާމު ލިބުމަށް ވަނީ ހުރަސް އެޅިފައެވެ.
އިތުރު ބައެއް ގައުމުތަކުގެ ގައުމީ ރެކޯޑްތައް ވެސް ވަނީ މުގުރާލާފައެވެ. ހަންގޭރީގެ ބުޑަޕެސްޓް ކައިރިން 40.7 ޑިގްރީ ސެލްސިއަސް ރެކޯޑް ކުރެވުނުއިރު، ޕޮލެންޑުން 40.5 ޑިގްރީ ސެލްސިއަސް އަދި އޮސްޓްރިއާގެ ވިއެންނާއިން 40 ޑިގްރީ ސެލްސިއަސް ރެކޯޑް ކުރެވުނެވެ. އިނގިރޭސިވިލާތުގައި ޖޫން މަހުގެ ހޫނުމިން ޖެހިޖެހިގެން ތިން ދުވަހު ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމާ ގުޅިގެން، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގަދަ ހޫނުގެ ”ރެޑް ވޯނިންގް“ ތިން ދުވަހުގެ މުއްދަތަށް ވަނީ ނެރެފައެވެ.
ފްރާންސްގައި ވެސް ތާރީޚީ ގޮތުން އެންމެ ހޫނުގަދަ ދުވަސް ރެކޯޑް ކުރެވުނުއިރު، ގައުމީ އެވްރެޖް ހޫނުމިން 30 ޑިގްރީ ސެލްސިއަސްގައި ހުރެފައި އެންމެ މަތިން 43.8 ޑިގްރީ ސެލްސިއަސްއަށް އެރިއެވެ. ކަމާބެހޭ ފަރާތްތަކުން 58 ޑިޕާޓްމަންޓެއްގައި ރެޑް އެލާޓް ނެރެ، ފަޅުތެރޭގައި އަލިފާން ރޯވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދީފައިވެއެވެ. އަދި ހޫނުން ސަލާމަތްވުމަށް ފެނަށް އެރުނު މީހުންގެ ތެރެއިން 40 އެއްހާ މީހުން ގެނބިގެން މަރުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ސްޕެއިންގައި ވެސް ޖޫން މަހުގެ އެންމެ ހޫނުގަދަ ދުވަސްތައް ރެކޯޑް ކުރެވުނުއިރު، ގިނަ ސަރަހައްދުތަކެއްގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔައެވެ.
ސިއްހީ މާހިރުން ސިފަކުރައްވާ ގޮތުގައި ގަދަ ހޫނަކީ ”ހިމޭން ގާތިލެކެވެ“. ސަބަބަކީ ހޫނުގެ ސަބަބުން މަރުވާ ގިނަ މީހުންގެ މައުލޫމާތު ރިޕޯޓް ނުކުރެވި ދާތީއެވެ. ރޭގަނޑުގެ ހޫނުމިން މަތިވުމަކީ ވަކިން ނުރައްކާތެރި ކަމެކެވެ. ސަބަބަކީ މުޅި ދުވާލު ގަދަ ހޫނުގައި އުޅުމަށްފަހު ހަށިގަނޑު ފިނިވެ، އަލުން އިއާދަވުމަށް ފުރުސަތު ނުލިބޭތީއެވެ. އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، މާބަނޑު އަންހެނުން، ބޭރުގައި މަސައްކަތްކުރާ މީހުން އަދި ދާއިމީ ބަލިތައް ހުންނަ މީހުންނަކީ މިކަމުގެ ނުރައްކާ އެންމެ ބޮޑު މީހުންނެވެ.
މި ނުރައްކާތައް ކުޑަކުރުމަށްޓަކައި، ޑަބްލިއު.އެމް.އޯ އާއި ވޯލްޑް ހެލްތް އޯގަނައިޒޭޝަން ގުޅިގެން، ސަރުކާރުތަކުން އިންސާނީ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރިއާލާ އިންޒާރުދޭ ނިޒާމުތަކާއި ހޫނުން ރައްކާތެރިވުމުގެ ޕްލޭންތައް ވަރުގަދަ ކުރަމުންދެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ފަހަރުގެ ހޫނު ރާޅަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާތެރި މޫސުމީ ހާދިސާތައް އިތުރުވެ، ނުރައްކާ ބޮޑުވެ، އަދި މިކަމަށް ފަރުވާކުޑަކޮށްލެވެން ނެތްކަން ހަނދާންކޮށްދޭ ވަރުގަދަ ހެއްކެކެވެ.
![]()
