އެމެރިކާއާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދިޔަ ހަނގުރާމަ 60 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމާއި އަދި އެއަށްފަހު މެދުއިރުމައްޗަށް ދާއިމީ ސުލްހައެއް ގެނައުމަށްޓަކައި ޕާކިސްތާނާއި ގަތަރުން އިސްނެގުމާއެކު ސުވިޒަރލޭންޑްގައި އެމެރިކާއާއި އީރާނުން ބޭއްވި މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ކުރިންވެސް ވަނީ ނާކާމިޔާބީގެ ނިޝާންތައް ވަނީ ފެނިފައެވެ.
އެ ބައްދަލު ކުރެއްވުމުގައި އީރާނުގެ ޚާރިޖާވަޒީރު ޕާކިސްތާނުގެ ބޮޑުވަޒީރު ސަލާންގަލާންކުރެއްވުމަށްފަހު އެ މަޝްވަރާތަކުގައި ބައިވެރިވެރިވެ ވަޑައިގެންނެވި އެމެރިކާގެ މަންދޫބު ނައިބުރައީސް ޖޭ ޑީ ވޭންސް ފެންނަކަމަށްވެސް ނުހައްދަވާ ވަޑައިގަތުމުގެ ސަބަބަކީ ކޮބައިތޯ ބެލުންތެރިންނާއި މީޑިއާތަކުން ގެންދިޔައީ ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ. އާންމު އުސޫލެއްގެ ގޮތުން މަޝްވަރާތަކަށް ވަޑައިގަންނަވާ މަންދޫބުން ސަލާންކުރައްވައި ގުޅިފައިވާ ބަޔާންނެރުމަކީ އާދައެކެވެ. އެހެންނަމަވެސް އެތަނުގައި ހުންނެވި އެމެރިކާގެ ނައިބު ރައީސާ ދިމާލަށް ބައްލަވާވެސް ނުލައި އީރާންގެ ޚާރިޖީ ވަޒީރު އެނބުރި ވަޑައިގެންނެވީ އަހަރެމެން މިތަނަށް އައީ ހަމައެކަނި ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކަށް ކަމަށާއި އެމެރިކާއާއެކު ރަހްމަތްތެރިކަން އުފެއްދުމުގެ ވިސްނުމެއްގައި ނޫންކަމަށް ވިދާޅުވަމުން ކަހަލައެވެ. އީރާނުގެ މަޖިލީހުގެ ރައީސް ވެސް ވަނީ ހަމަ އެމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އީރާނުގެ ސުޕްރީމް ލީޑަރާއި އަދި ގައުމުގެ ވަރަށްގިނަ އިސްވެރިންތަކެއް ޝަހީދުކޮށްލުމުގެ އަނިޔާވެރި އަމަލު ހިންގާފައިވާ ބަޔަކާ ސަލާންކޮށް ގުރޫޕް ފޮޓޯ ނެގުމަކީ އީރާނުން ދުވަހަކުވެސް ކުރާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޝްވަރާ ބައްދަލުކުރުންތަކަށް އީރާނުގެ ވަފުދު ދިއުމުގެ މާކުރިން އެމެރިކާއަށް އެކަން އަންގާފައިވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް ހުރި މަޝްވަރާތައް ކުރެވިގެންދާނީ ޓެކްނިކަލް ފެންވަރުގައި ކަމަށާއި އެއްމޭޒެއް ކައިރީގައި ތިބެގެންނޫންކަމަށްވެސް ވިދާޅުވިއެވެ.
ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ ވެށި ބަނަވަމުންދިގޮތާދޭތެރޭ ހިތްޕުޅު އުދާސްވެފައިވާ މިންވަރުއެ މަޝްވަރާތަކުގެ މޭސްތިރިންގެ ތެރޭގައި ހިމެނޭ ގަތަރުގެ ބޮޑުވަޒީރުގެ ހަރަކާތްތަކުންވެސް ހާމަވެގެން ދިޔައެވެ. މިއިން އެއްވެސް ކަމަކީ ނައިބު ރައީސް ޖޭ ޑީ ވޭންސްއަށް ބާރު ފޯރުވޭ ކަމަކަށް ނުވިއެވެ.
ވަގުތީ ގޮތުން 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމާއި އަދި އޭގެފަހުން މެދުއިރުމަތީގައި ދާއިމީ ސުލްހައެއް ގާއިމް ކުރުމުގެ މަޝްވަރާތަކުގައި ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް މިނިވަންކަމާއެކު ހުޅުވާލާފާއޮތުން އެޖެންޑާ ކުރެވިފައިވަނީ ވަރަށް މުހިންމު ނަންބަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުތަކަކީ ކޮންޓްރޯލް ކުރެވިގެން ކުރެވޭ ދަތުރުތަކަށްހެދުމަކީ އީރާނުގެ ވިސްނުމެވެ. މަޝްވަރާތައް ފެށުމުގެ ކުރިން ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުތައް އެމެރިކާއިން ބޭނުންވާގޮތަށް ހުޅުވާ ނުލައިފިނަމަ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އީރާނުގެ ވަފުދުގެ ބޭފުޅުން އެނބުރި ގައުމަށް ވަޑައި ނުގަންނަވާނެ ކަމަށާއި އަދި ދުނިޔޭގެ ޗާޓުގައި އިސްލާމިކް ރިޕަބްލިކް އޮފް އީރާން އެވެ ކިޔާގައުމެއް ނޯންނާނެކަމަށް އެދުވަހު ހެނދުނު ކޭބަލް ނިއުސް މެދުވެރިކޮށް ރައީސް ޓްރަމްޕް ދެއްވި އިންޒާރަކީ މަޝްވަރާތަކުގެ ވެށި އިތުރަށް ގޯސްވެގެންދިޔަ ސަބަބު ކަމުގައި މީޑީއާތަކުން ފާހަގަކޮށްފައިވެއެވެ.
![]()
