ފަހުގެ ތާރީޚެއްގައި ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ލުބުނާނުގައި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދާ ކަމަށް ބުނެ، އިސްތިރާތީޖީ ގޮތުން މުހިންމު ހޯރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން އިއުލާނުކުރުމާ ގުޅިގެން، ހޮނިހިރު ދުވަހު މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ނުތަނަވަސްވެއްޖެއެވެ. މި ފިޔަވަޅުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފާނެތީ ކަންބޮޑުވުން އުފެދިފައިވާއިރު، ސަރަހައްދީ ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ތެހެރާނާއި ވޮޝިންޓަނާ ދެމެދު ކުރިއަށް އޮތް ޑިޕްލޮމެޓިކް މަޝްވަރާތަކަށް ވަނީ ހިޔަނި އެޅިފައެވެ.
އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުން ބުނި ގޮތުގައި، މި ނިންމުމަކީ އެމެރިކާއިން ”އެއްބަސްވުމާ ޚިލާފުވުމާއި“ އަދި ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ އެކަމަށް ދިން ރައްދެކެވެ. އަދި ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ އެ ގައުމުގެ ރައްދުގެ ”ފުރަތަމަ ފިޔަވަޅު“ ކަމަށްވެސް އީރާނުން ވަނީ އިންޒާރު ދީފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކަނޑުގެ ސިފައިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހަރުކަށި އިންޒާރެއް ދީފައެވެ. އެގޮތުން، ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކޮށްފިނަމަ އެ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެ ކަމަށް ވަނީ ބުނެފައެވެ. މި ހަނި ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް އެކްސްޕޯޓްކުރާ، ދުނިޔޭގެ އެންމެ މުހިންމު ހަކަތައިގެ ކޮރިޑޯއެވެ. މީގެ ކުރިން މި މަގަށް ދިމާވި ހުރަސްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ދުނިޔޭގެ ފެންވަރުގައި ތެލުގެ ސަޕްލައިއާ މެދު ކަންބޮޑުވުން އުފެދުނެވެ.
މި ފަހަރު ކަނޑުއޮޅި ބަންދުކޮށްފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ދެމެދު ސޮއިކުރެވުނު ވަގުތީ އެއްބަސްވުމެއްގެ ދަށުން އެ މަގު ހުޅުވާލަން އީރާނުން އެއްބަސްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ހޮނިހިރު ދުވަހުގެ އިއުލާނުގެ ކުރިން، އުޅަނދުފަހަރު ދަތުރުކުރުން އޮތީ މަޑުމަޑުން އާންމު ހާލަތަކަށް ރުޖޫއަވާން ފަށާފައެވެ.
މި ކުރިއެރުންތައް މި އައީ އީރާނާއި އެމެރިކާގެ އޮފިޝަލުންގެ މެދުގައި ސްވިޒަލޭންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ އާ ބުރުގެ މަޝްވަރާތަކަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުގެ ވަފުދެއް ހޮނިހިރު ދުވަހު ސްވިޒަލޭންޑަށް ފުރާފައިވާއިރު، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދާދިފަހުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ވެފައިވާ އިލްތިޒާމްތައް ތަންފީޒުކުރުމަށާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހިމެނޭހެން ހައްލުނުވެ ހުރި މައްސަލަތަކަށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ އިންޒާރު ދެއްވި ގޮތުގައި، އެއްބަސްވުމުގެ މާއްދާތަކަށް އަމަލުނުކޮށްފިނަމަ، ދެ ގައުމުގެ މެދުގައި ގާއިމުކުރެވުނު މުޅި އެއްބަސްވުން ނުރައްކަލަށް ހުށަހެޅިދާނެއެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ސްވިޒަލޭންޑަށް ދަތުރުކުރައްވާނެ ކަމަށް އިޝާރާތް ކުރައްވާފައިވާއިރު، އެމެރިކާގެ އިސް މުސައްލަހުން މިހާރުވެސް ތިއްބެވީ މަޝްވަރާތަކުގެ ފަންނީ ކަންކަން ބެލެހެއްޓުމަށް އެ ގައުމުގައެވެ.
މިހެން މިކަން އޮތްއިރު، ލުބުނާނުގެ ދެކުނުގައި އަދިވެސް ދަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ. އެމެރިކާއާއި ގަތަރު މެދުވެރިވެގެން ހުކުރު ދުވަހު އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވަނީ ރޫޅެން ފަށާފައެވެ. އިސްރާއީލާއި ހިޒްބުالله އިން ދަނީ އެއްބަޔަކު އަނެއްބަޔަކު އެއްބަސްވުމާ ޚިލާފުވާ ކަމަށް ތުހުމަތު ކުރަމުންނެވެ. އިސްރާއީލު ސިފައިން ހިޒްބުالله އިން ހަމަލާދޭ ކަމަށް ރިޕޯޓްކުރާއިރު، ހިޒްބުالله އިން ތުހުމަތުކުރަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ ނިވާފަތްގަނޑުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށެވެ.
ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން އަލުން ދޭން ފެށި ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. މި ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4،000 އަށްވުރެ މައްޗަށް އަރާފައެވެ.ދެކުނު ލުބުނާނުގެ ރައްޔިތުން ސިފަކުރި ގޮތުގައި އެ ސަރަހައްދުގައި އޮތީ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ މާހައުލެކެވެ. އަދި ހަނގުރާމަ ވަރުގަދަވެއްޖެ ނަމަ، އަނެއްކާވެސް ރަށްދޫކޮށް ދިއުމަށް ގިނަ އާއިލާތަކަކުން ދަނީ ތައްޔާރުވަމުންނެވެ.
ޑިޕްލޮމޭޓުން ފުޅާ ދާއިރާއެއްގައި ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންދާއިރު، ހޯރްމޫޒް ކަނޑުއޮޅި އަލުން ބަންދުކުރުމާއި ލުބުނާނުގައި އިތުރުވަމުންދާ ކުރިމަތިލުންތަކުން ހާމަވަނީ، މުޅި ސަރަހައްދުގެ ހަމަޖެހުން އޮތީ ނާޒުކު ފަށެއްގެ މަތީގައި ކަމެވެ.
![]()
