އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އީރާނަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރަން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމެއްގެ ޝަރަފް ސްޕޭނުން ލިބިގެންފިއެވެ. ސްޕޭނުން މިފަހަރު އީރާނަށް ފޯރުކޮށްދީފައިވަނީ އެއް ކްރޯޑް ޔޫރޯގެ ދީލަތި އެހީއެކެވެ. ސްޕޭނާއެކު ޔޫރަޕްގެ އެހެން ގައުމުތަކުންވެސް އީރާން އަލުން އާރާސްތުކުރުމަށްޓަކައި އެހީތެރިވެ ދިނުމަށް ސްޕޭންގެ ޚާރިޖީވަޒީރު ޖޯސެ މެނުއަލް އަލްބަރެސް ގެންދަވަނީ ގޮވާލައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވަމުންގެންދަވަނީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމާއި ދޭދޭ ގައުމުތަކުގެ އިސްތިގްލާލް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މަގުބަންދުކޮށް ދުއްތުރާ ކުރަމުންގެންދާ ގައުމުތަކާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން އިން ތެދުވަން ޖެހޭނެކަމަށެވެ.
އިސްރާއީލާއެކު ވިޔަފާރީގެ ގުޅުންތައް ނުހިންގުމަށް ބާރު އަޅައި އަދި ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ލާ އިންސާނީ ޖަރީމާތަކުގެ ސަބަބުން ސްޕޭންގެ އިސްނެގުމާއެކު އިސްރާއީލާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަނުން އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފެށުމާއެކު އީރާނާއި ސްޕޭނުގެ ގުޅުންތައް އަންނަނީ ވަރަށްބޮޑަށް ބަދަހި ވަމުންނެވެ. ސްޕޭން ބެލެވި ފައިވަނީ އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ޖަރީމާތަކާ ދެކޮޅަށް ޔޫރަޕްގައި އެންމެބޮޑަށް ވަކާލާތު ކުރަމުން ގެންދާ ގައުމު ކަމުގައެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ޔޫރަޕްގެ ގައުމުތަކުން އިއުތިރާފްކުރުވުމުގައި އެންމެ ކުރީސަފުން ފެންނަ ގައުމަކީވެސް ސްޕޭނެވެ.
![]()
