އީރާނަށް އެމެރިކާއިން ދިން އާ ހަމަލާތަކެއްގައި، އެތައް ހާސް އާންމުންނަށް ފެން ފޯރުކޮށްދޭ މުހިންމު ވަސީލަތްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ބުނުމާ ގުޅިގެން، ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އަންގާރަ ދުވަހުގެ ރޭ ދިން މި ހަމަލާތަކަކީ ހޮރްމޫޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން ދިން ހަމަލާތަކެކެވެ. ވޮޝިންޓަނުން މި އޮޕަރޭޝަން ސިފަކުރީ އީރާނުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ހިންގި ”އަމިއްލަ ދިފާއީ“ ހަރަކާތެއްގެ ގޮތުގައެވެ. ނަމަވެސް، ތެހެރާނުން ބުނާ ގޮތުގައި މި ހަމަލާތައް އަމާޒުވީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަކަށް ނޫނެވެ. އީރާނުގެ ދެކުނުގައި ހުރި ފެން ރައްކާކުރާ ތަންތަން ހިމެނޭހެން އާންމުންގެ ޒަރޫރީ ވަސީލަތްތަކަށް ވެސް ވަނީ ހަމަލާދީފައެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ”އައި.އާރު.ޖީ.ސީ“ އިން ބުނި ގޮތުގައި އެމެރިކާގެ ހަމަލާތައް ސިރީކް، ޖާސްކް، މިނާބް، ގޭޝްމް އައިލެންޑް އަދި ބަންދަރު އައްބާސްގެ ބަނދަރަށް ވަނީ އަމާޒުވެފައެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި މުވާސަލާތީ ޓަވަރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހޮރްމޮޒްގާން ޕްރޮވިންސްގައި ހުރި ފެން ރައްކާކުރާ ދެ ކޮންކްރީޓް ޓޭންކެއް ވަނީ މުޅިން ހަލާކުވެފައެވެ.
ގެއްލުން ލިބުނު މި ޓޭންކުތަކަކީ ކޫހެސްތަކް ސިޓީއާއި ކައިރީގައިވާ 10 އަވަށެއްގައި ދިރިއުޅޭ 20،000 އަށްވުރެ ގިނަ މީހުންނަށް ބޯފެން ފޯރުކޮށްދޭ ވަސީލަތްތަކެވެ. އީރާނުގެ މީޑިއާތަކުން އަންދާޒާކުރާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން 780،000 އާއި 830,000 އެމެރިކާ ޑޮލަރާ ދެމެދުގެ މާލީ ގެއްލުމެއް ލިބިފައިވެއެވެ.
މި ހަމަލާއަށް ހާއްސަ ސަމާލުކަމެއް ލިބިފައިވަނީ، އީރާނަކީ މިހާރުވެސް އެ ގައުމުގެ ޒަމާނީ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ފެނުގެ ތަދާ ކުރިމަތިލަމުންދާ ގައުމަކަށް ވާތީއެވެ. ގިނަ އަހަރުތަކެއްގެ ހަނަފަސްކަމާއި، ވާރޭ ވެހޭ މިންވަރު މަދުވުމާއި، ފެނުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މެނޭޖްމަންޓް ދަށްވުމުގެ ސަބަބުން އެ ގައުމުގެ ފެނުގެ ނިޒާމު ވަނީ ހުއްޓުމަކަށް އަންނަން ކައިރިވެފައެވެ. ބައިނަލްއަގުވާމީ ފެން މޮނިޓަރ ކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އީރާނަކީ ”އިންތިހާއަށް މަތިވެފައިވާ“ ފެނުގެ ދަތިކަން އޮތް ގައުމެކެވެ. މީގެ މާނައަކީ އެ ގައުމުން ކޮންމެ އަހަރަކުވެސް އިއާދަކުރަނިވި ފެނުގެ ވަސީލަތްތަކުގެ 80 އިންސައްތައަށްވުރެ ގިނައިން ބޭނުންކުރެއެވެ.
އެ ގައުމުން ވަނީ ވިދިވިދިގެން ފަސް އަހަރު ހަނަފަސްކަން ތަހައްމަލުކޮށްފައެވެ. 2025 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އައިއިރު، އީރާނުގެ ބައެއް ބޮޑެތި ޑޭމްތައް ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ. ތެހެރާނުގެ އަމީރު ކަބީރު ޑޭމްގައި ހުރީ އޭގެ ޖުމްލަ ގާބިލުކަމުގެ އެންމެ 8 އިންސައްތަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މުޅި ގައުމުގައި ފެން ރައްކާކުރާ ތަންތަނާއި ބިމުގެ އަޑީގެ ފެން ވަނީ ދަށްވަމުން ގޮސްފައެވެ.
މިއީ ފެނާ ގުޅުންހުރި ވަސީލަތްތަކަށް އެމެރިކާއިން ހަމަލާދޭ ކަމަށް އީރާނުން ތުހުމަތުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މާރިޗު މަހު އީރާނުގެ އޮފިޝަލުން ބުނި ގޮތުގައި ގޭޝްމް އައިލެންޑްގައި ހުރި ފެން މީރުކުރާ ޕްލާންޓަކަށް ދިން ހަމަލާއެއްގެ ސަބަބުން 30 އެއްހާ އަވަށަށް ފެން ފޯރުކޮށްދިނުމަށް ހުރަސް އެޅުނެވެ. ފެން މީރުކުރާ ނިޒާމުތަކަކީ ގުދުރަތީ ފެން މަދު ގަލްފް ސަރަހައްދުގައި ވަރަށް މުހިންމު ވަސީލަތްތަކެކެވެ.
އެންމެ ފަހުން ހިނގި މި ހާދިސާއާ ގުޅިގެން ގާނޫނީ އަދި އަޚްލާގީ ސުވާލުތަކެއް ވެސް ވަނީ އުފެދިފައެވެ. ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތައް ބުނާ ގޮތުން ފެނުގެ ވަސީލަތްތަކަކީ އާންމުންގެ އިންފްރާސްޓްރަކްޗަރ ކަމަށް ބެލެވޭތީ، ހަތިޔާރު އެޅި ހަނގުރާމަތަކުގައި އެފަދަ ތަންތަނަށް ހަމަލާދިނުން މަނަލެވެ. ފެނުގެ ވަސީލަތްތަކާ ބެހޭ ”ބާލިން ރޫލްސް“ ގައި ބަޔާންކޮށްފައިވާ ގޮތުގައި، އާންމުންނަށް ނުބައްދަލު ތަކުލީފުތަކެއް އުފުލަން ޖެހޭ ނަމަ ފެނުގެ ނިޒާމުތައް ހަލާކުކޮށްލައިގެން ނުވާނެއެވެ.
އީރާނުގެ ފެނުގެ ސިނާއަތުގެ ތަރުޖަމާނު އީސާ ބޮޒޯގްޒާދޭ މި ހަމަލާ ސިފަކުރެއްވީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައެވެ. ފެނުގެ ވަސީލަތްތަކަށް ހަމަލާދިން ކަމަށް އެމެރިކާއިން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ތުހުމަތުތަކާ ގުޅިގެން ބައިނަލްއަގުވާމީ ފާޑުކިޔުންތައް އިތުރުވާނެ ކަމަށް ބެލެވެއެވެ.
![]()
