ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރ ކަމަށް ދައުވާކުރާ އެމެރިކާއާއި މެދުއިރުމަތީގައި މިލިޓްރީގޮތުން އެންމެ ބާރުގަދަ އިސްރާއީލުން އީރާނާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައުގެ އެންމެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި އެމެރިކާގެ 17 ފައިޓަރޖެޓް އީރާނުންވަނީ ވައްޓާލާފައެވެ. އޭގެ އިތުރުން ތާޑު ފަދަ އެންމެ ޒަމާނީ ދިފާއީ ނިޒާމްތައް ހިމެނޭ ގޮތުގައި އެމެރިކާގެ ހައި-ޕްރޮފައިލް ރާޑަރ ސިސްޓަމްތަކާއި އެފް-35 މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓެއްވެސް ވަނީ ހަލާކުކޮށްލާފައެވެ. ކަނޑައެޅިގެން ސަބަބު ހާމަވެފައިނެތް ކަމުގައިވިޔަސް އެމެރިކާގެ އެންމެ ބިޔަ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޖެރާލްޑް އާރް ފޯރޑްއަށް ގެއްލުން ތަކެއް ލިބި މެދުއިރުމަތި ދޫކޮށް ދާންޖެހުމަކީވެސް އެމެރިކާގެ މިލިޓްރީ ހައިބަތަށް ލިބުނު ބޮޑު ގެއްލުމެކެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާދެކޮޅަށް ދެމުންގެންދާ މިލިޓްރީ ހަމަލާތަކުގެ ސަބަބުން މީގެ ކުރިން ހިނގާފައިވާ ހަނގުރާމަތަކުން މުޅިދުނިޔޭގެ މަސްރަހަށް އައިސްފައިނުވާ ބަދަލުތަކެއްގެ ފެށުމަކަށް ވެއްޖެއެވެ. ފެންނަމުންދާ ބަދަލުތަކުގެތެރޭގައި ދުނިޔޭގެ ހުރިހާކަމެއްގައި އެންމެ އިސްކޮށް ބަސްކިޔަމުންގެންދާ މަގާމު އެމެރިކާއަށް ގެއްލެމުން ދިއުން ފާހަގަކުރެވެއެވެ. މިއަދާ ހަމަޔަށް ބައިވެރިންކަމުގައި ގުނަމުންގެންދިޔަ ޔޫރަޕްގެ ގައުމުތައް އެމެރިކާއާ ދުރަށް ޖެހެމުންދާކަން ފާހަގަކުރެވެއެވެ. ޔޫރަޕްގެ ބާރުގަދަ ގައުމުތަކުގެ ވިސްނުމަށް އަންނަ ބަދަލުތަކުގެ ތެރޭގައި އެމެރިކާއަކީ ބައިވެރިއަކަށްވުރެން ބޮޑަށް އިސްތިއުމާރީ ބާރެއްގެ ގޮތުގައި ސިފަކުރަމުން ގެންދާކަންވެސް ފާހަގަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ގައުމުތަކުގެ ރައްޔިތުން މަގުތަކަށް ނިކުމެ އަމިއްލަވަންތަ ސިފަ ގެއްލެމުންދާކަމުގެ ޝޫއޫރުތައް ފާޅުކުރަން ފަށައިފިއެވެ. ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތަކެއް ނޫނެވެ. އެމެރިކާއިން ދިން އެއްޗެއް ކައިގެން ތިބެންޖެހޭނީ ކިހާދުވަހަކުތޯ ސުވާލުކުރަން ބޭއްވޭ އެއްވުންތަކެވެ. ގައުމުތަކުގެ އިގްތިސާދާއި ސަރަހައްދުގެ ތެރެއަށް އެމެރިކާއިން އަތްބާނަން ފެށުމުންނެވެ. މެޑިޓެރޭނިއަން ކަނޑުން ފެށިގެން އާރޓިކް ސަރަހައްދަށް ގްލޯބަލް އޯރޑަރގައި ރެނދު އަޅަމުންދާތަން ފެންނަމުން ދިއުމުގެ ސަބަބަކީ ގްލޯބަލް ބެލެންސް އޮފް ޕަވަރގެ ޗާޓު އަލުންކުރެހިގެން ދިއުމަށް ފަހި ވުންކަމުގައި ގަބޫލުކުރެވެން ފަށައިފިއެވެ. އެމެރިކާއަކީ މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ބިރެއް ކަމުގެ ވިސްނުން ބެލްގްރޭޑުން ފެށިގެން ސިޑްނީއާ ހަމަޔަށް ފެތުރިގެން ހިނގައްޖެއެވެ. ގައުމުތަކުގެ އަމިއްލަ މިނިވަންކަމާއި ކެރިފޯރުމާއެކު އެމެރިކާގެ ރައްކާތެރިކަމަށް މިހާރު ބޭނުމެއް ނުވެއެވެ.
ފާއިތުވެގެން މިދާ ފަސްދުވަހު އެމެރިކާގެ ހަރަކާތްތަކާދެކޮޅަށް ފާޅުގައި ނިކުމެ އަލްބޭނިއާގެ މަގުތައް ވަނީ ފުރާލާފައެވެ. މައްސަލަ ފަޅާއަރާފައިވަނީ އަލްބޭނިއާގެ ޖަޒީރާއެއް ހަމައެކަނި މުއްސަނދިންނަށް ޚާއްސަކުރެވިގެން ޖެރާރޑް ކުޝްނަރ އާއި އިވަންކާ ޓްރަމްޕް މަލްޓި ބިލައަން ޑޮލަރ އިންވެސްޓްކުރާ އަމިއްލަ ވަންތަ ޖަޒީރާއަކަށް ހެދުމުންނެވެ. އަލްބޭނިއާގެ ރައްޔިތުން ދެކޭގޮތުގައި މިއީ ބާރުގެ ބޭނުންކޮށްގެން އަލްބޭނިއާގެ ބިންތައް ފޭރުމަށް އެމެރިކާއިން ހިންގާ ސިލްސިލާގެ ބައެކެވެ.
ފަރަންސޭސި ވިލާތައި ޔޫ ކޭ އިން ތައްޔާރުވަމުން ގެންދަނީ ހޮރްމުޒް ކަނޑުއޮޅިއަށް އީރާނުގެ ސިޔާދަތާއި އިސްތިގްލާލް ގަބޫލުކުރުމާއެކު ހަނގުރާމައަށްފަހު އެމެރިކާގެ ބައިވެރިވުމަކާ ނުލައި ގުޅިފައިވާ 15 ގައުމަކުން އެ ކަނޑުއޮޅިގެ މައިންތައް ނަގައި ސާފުކުރުމަށްފަހު އެ ކަނޑުއޮޅިން މިނިވަންކަމާއެކު ބައިނަލް އަގްވާމީ ދަތުރުތަކަށް މަގުފަހިކޮށް ދިނުމަށެވެ.
ދާދިފަހުން ފަރަންސޭސި ރައީސް އީރާނުގެ ރައީސަށް ފޯނުކުރައްވައި ދެއްކެވި ވާހަކަފުޅު ތަކުގައި ދުނިޔޭގައި އުފެދިފައިވާ މައްސަލަތައް ސިޔާސީ ގޮތުން ހައްލުކުރުމުގައި އެމެރިކާއިން ނުކުޅެދިފައިވާ މިންވަރާދޭތެރޭ އެއްބަސްވެ ވަޑައި ގެންނެވިއެވެ.
ގްރީންލޭންޑަކީ އެމެރިކާއަށް ލިބެންޖެހޭ ޖަޒީރާއެއް ކަމަށް ޚާރިޖީ ވަޒީރު ރޫބިއޯ އިއުލާން ކުރެއްވުމުން ގްރީންލޭންޑްގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި 2009 ވަނައަހަރު ވެފައިވާ އެއްބަސްވުން ހަނދާންކޮށްދީ އެގައުމުގެ ރައްޔިތުން ވަނީ ރޫބިއޯއަށް ހޫނު ޖަވާބެއް ދީފައެވެ. އެ ޖަޒީރާގެ ނިންމުންތައް އެއީ އެ ރައްޔިތުންގެ ހައްގެއް ކަމަށާއި އެމެރިކާގެ ގާނޫނުހަދާ މަޖިލީހަކާ އެއްވެސް ގުޅުމެއް ނޯންނާނެކަންވެސް ހާމަކޮށްދީފައެވެ.
އެމެރިކާއިން ޑެންމާރކަށް ކަނޑައަޅުއަޅުއްވާފައިވާ ސަފީރު ޑިނަރ ދައުވަތަކަށް ބޭރަށް ނިކުމެ ވަޑައިގަތުމުގައި އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިންނަށް ތާއީދުކުރައްވާ މީހަކަށް ހެދިގެން މެނުވީ ބޭރަށް ނިކުތުމުގައި ރައްކާތެރިކަމެއް ނެތްކަން ވިސްނި ވަޑައިގަތުމުން ޑެންމާރކްގެ ރައްޔިތުންނގެ ޝުއޫރުތައް އެނގި ފާޅުވެގެން ހިނގައްޖެއެވެ. މިއާ ޚިލާފަށް ފަރަންސޭސި ވިލާތުގެ ރައީސް ވިދާޅުވަމުންގެންދަވަނީ ފަރަންސޭސި ވިލާތުގެ ސިޔާސަތަކީ ގައުމުތަކުގެ ސިޔާދަތާއި މިނިވަންކަމާ ނުބެހުން ކަމަށެވެ. ޔޫރަޕުން އަބަދުވެސް މަސައްކަތްކުރާނީ ދޭދޭ ގައުމުތަކުގެ ހަމަޖެހުން ކަށަވަރުކުރުމަށެވެ. ނޯރވޭއިންވެސް ފަރަންސޭސި ވިލާތުގެ ވިސްނުމަށް ތާއީދުކުރާކަން ވަނީ ހާމަކޮށްފައެވެ.
އެމެރިކާއިން ގެންގުޅޭ ހަންފެތުރުމުގެ ސިޔާސަތަށް ފާޑުވިދާޅުވެ ޔޫރަޕްގެ ގައުމުތައް ފުރިހަމަ މާނައިގާ އަމިއްލަ ފައިމައްޗަށް ތެދުވަންވީ ވަގުތު އަތުވެއްޖެކަމަށް ފިންލޭންޑުގެ ރައީސް އެލެގްޒެންޑަރ ސްޓަބް ވިސްނުންތެރިކަމާއެކު ކުރެއްވި އިއުލާނެއްގައި ފާހަގަކުރެވެއެވެ. އެމަނިކުފާނުގެ އިއުލާންކުރެއްވުމުގައި ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ވުމުގެ ބަދަލުގައި ޔޫރަޕްގެ ގައުމުތަކާގުޅުމަށް ގޮވާލައްވާފައި ވެއެވެ. އިނގިރޭސި ވިލާތާއި ބޯލްކަންގެ ގައުމުތަކާއި ތުރުކީއާއި ޔޫކްރެއިން އަދި މަލްޑޯވާއާއި ޖޯރޖިއާ ވެސް ހިމެނޭގޮތުގައި ޔޫރަޕްގެ މިނިވަން މިލިޓްރީއެއް އޮތުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ލީޑަރުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ. ރަޝިޔާއާއި ޗައިނާ އަދި އެމެރިކާގެ މުށުތެރޭން މިނިވަންވެފައިވާ މުސްތަގިއްލު މިލިޓްރީ ޔޫރަޕަކަށް އެމަނިކުފާނު ގެންދަނީ ދައުވާ ކުރައްވަމުންނެވެ. މިހާތަނަށް އެމެރިކާގެ އެންމެ ބޮޑު ބައިވެރިޔާ ޔޫރަޕިއަން ޔުނިއަންގައި މި ވިސްނުމުގައި ގަދަޔަށް ކުލަޖެހެމުން ދާން ފަށައިފިއެވެ. ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓް ކަމުގައި ވާންޖެހޭނެކަމަށް ބާރު އަޅައި ކެނެޑާގައި ހުންނަވާ އެމެރިކާގެ ސަފީރު ޕީޓް ހޮކްސްޓެރާ ބައިނަލް އަގްވާމީ މީޑިއާތަކަށް ދެއްކެވި ވާހަކަ ފާހަގަކުރެވެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކެނެޑާގެ މިނިވަން ކަމާއި އިސްތިގްލާލްގެ މައްޗަށް ކެނެޑާ ޔޫ އެސް އަދި މެކްސިކޯގެ “ ކުސްމާ “ އެއްބަސް ވުމަށްވެސް އަލި އަޅުވާލެއްވިއެވެ.
ކެނެޑާ އިން އެމެރިކާއަށް ގޮތް ދޫކުރަން ބޭނުމެއް ނުވެއެވެ. މޮނިޓޮބާގެ ޕްރިމިއަރ ވެބް ކިނޫ ހަމަވަގުތުން ކެނެޑާގައި ހުންނަވާ އެމެރިކާ ސަފީރުގެ ވިދާޅުވުން ގަބޫލު ނުކުރާނެކަން އިއުލާންކުރެއްވިއެވެ. އަދި އެމެރިކާގެ އިދްތިސާދީ ފިއްތުންތަކަށް “ ކޫޒްމާއެއް ނުވަތަ ބޫޒްމާއެއް “ ނޯންނާނެކަމަށް ވިދާޅުވެ ރައްދު ދެއްވިއެވެ. އެމެރިކާގެ ޑިޖިޓަލް ދެކޮޅުވެރިކަމަށް ބޮޑު ވަޒީރު މާރކް ކާނީވެސް ވަނީ ދެކޮޅު ހައްދަވާފައެވެ.
![]()
