އެމެރިކާ ނޭވީންގެ ތެރެއިން މަގާމުގެ ކުރިއެރުން ލިބެންޖެހޭ އޮފިސަރުންގެ ނަންތައް ކަނޑައަޅާފައިވާ ލިސްޓުން 9 މީހަކަށް މަގާމުގެ ކުރިއެރުން ނުދޭގޮތަށް ދިފާއީ ވަޒީރު ހެގްސެތު ނިންމައިފިއެވެ. އޭގެތެރޭގައި ހިމެނެނީ ކަޅު ނަސްލުގެ މީހުންނާއި އަދި އަންހެނުންނެވެ. ދިފާއީ ވަޒީރުގެ މި ނިންމުމަކީ މަގާމުގެ ކުރިއެރުމަށް ވާދަކުރާ ދޮން މީހުންގެ ނަސްލަށް ނިސްބަތްކުރެވޭ 22 މީހަކަށް އެއް ސްޓާރ ޖެނެރަލް މަގާމު ފަހިކޮށްދިނުމަށްޓަކައި ނިންމެވި ނިންމުމެއްކަމަށް މައުލޫމާތު އެނގޭ ދެ ފަރާތަކުން ނިއުޔޯރކް ޓައިމްސްއަށް ކިޔާ ދީފައިވާކަމަށް ވެއެވެ.
ހެގްސެތުގެ މި ނިންމުމަކީ ރައީސް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ނަސްލީ ތަފާތުކުރުން އިތުރަށް ފުޅާކުރަން މަގުފަހިކުރުން ކަމުގައި ބުނެ ފާޑުކިއުންތައް ވަނީ އަމާޒުކުރެވިފައެވެ. މަގާމުގެ ކުރިއެރުންލިބެންޖެހޭ ލިސްޓު ކަނޑައަޅާފައިވަނީ ގަވައިދުގައި ބުނެފައިވާ އެންމެހާ ކަންތަކަށް ފުރިހަމައަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށާއި އެ ލިސްޓާމެދު ވަރަށް ބޮޑު ޔަގީކަން އޮތްކަމަށް ނޭވީން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އެ ލިސްޓުގައި ހިމެނޭ ކަޅު ނަސްލަށް ނިސްބަތްކުރެވޭ 3 އަންހެން އޮފިސަރަކާއި އަދި ކަޅު ނަސްލަށް ނިސްބަތްކުރެވޭ ފިރިހެން 2 އޮފިސަރުން އެ 5 މީހުންގެ ނަން ދިފާއީ ވަޒީރު ވަނީ އުނިކޮށްފައެވެ. އެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ނުދޭން ނިންމި ސަބަބެއް ހެގްސެތު ހާމައެއް ނުކުރެއެވެ. މިލިޓްރީންނަށް މަގާމުގެ ކުރިއެރުން ދެވެމުންއަންނަނީ ގިނަ ބެލުންތަކެއް ބެލުމަށްފަހު އެ މަގާމުތައް ލިބެންޖެހޭ މީހުންނަށް ކަމަށާއި އެ ކަމުގައި ނަސްލަށާއި ކުލައަށް ނުބެލޭނެކަމަށް ބުނެ ޕެންޓަގަންގެ އެންމެ އިސް ތަރުޖަމާނު ސީން ޕާރނެލް ވަނީ ހެގްސެތުގެ ނިންމުމަށް ގޮންޖަހާފައެވެ. ހެގްސެތު ކުރައްވާކަންތަކުން މިލިޓްރީއާ ބެހޭ ވަޒީރުގެ މަގާމުގެ ތެރެއަށް އަތްބޭނެނީކަމަށް ސިފަކޮށް މިލިޓްރީގެ އިސް އޮފިސަރަކު ވަނީ ވާހަކަ ދައްކާފައެވެ. މަގާމުގެ ކުރިއެރުން ދިނުމަށް ދިފާއީ ވަޒީރު ހެގްސެތު ނިންމަވާފައިވާ ލިސްޓުން ރައީސް ޓްރަމްޕްގެ ޕަރސަނަލް ފިޒިޝަން ކެޕްޓަން ސީން ބާރބަބެއްލާގެ ނަން ފާހަގަ ކުރެވެއެވެ. އުމުރުން 80 އަހަރުގެ ދުވަސްތައް ގުނަމުންގެންދާ ރައީސް ޓްރަމްޕްގެ ދެ ފައިގެ ކުޑަހުޅު ދުޅަވެ ދެ އަތް އާދަޔާޚިލާފަށް ރަތްވެ އަދި ކަނދުރާގެ އެތަން މިތަނުގައި އެލަރޖީގެ ނިޝާންތައް ފާޅުވެފައި ހުރުމާއެކުވެސް ރައީސް ހުންނެވީ ފުރިހަމަ ސިއްހަތެއްގައިކަން ބަޔާންކޮށް މިދިޔަ ހަފުތާގައި އޭނާވަނީ އިއުލާންކޮށްފައެވެ. އެމެރިކާގެ ނޭވީންނާ ބެހޭ އެހެން ޚަބަރެއްގައި ޖަޕާނުގެ ޔޯކޯސުކާގައި ހުންނަ އެމެރިކާގެ 7 ވަނަ ފްލީޓްގެ އުޅަނދުފަހަރު މަރާމާތުކޮށް ބަލަހައްޓާ ނޭވަލް ރިޕެއަރ ފެސިލިޓީގެ ކޮމާންޑިން އޮފިސަރާއި ސީނިއަރ އެގްޒެކެޓިވް އޮފިސަރ އަދި މަރާމާތު ކުރުމުގެ ކަންތައް ތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންގެންދާ ލީޑަރ މަގާމުން ވަކިކޮށް ގެއަށް ފޮނުވާލައިފި ޚަބަރު ޓާސްކް ޕަރޕޯޒް ގައި ހާމަކޮށްފިއެވެ. އިތުބާރު ނެތްކަމަށް ކަނޑައަޅައި މިއަދު ވަޒީފާއިން ވަކިކޮށްފައިވަނީ ކެޕްޓަން ވެންޑެލް ޕެނެޓްރަންޓް އާއި ކެޕްޓަން އެޑްވިން ކެޓްބިގް އަދި މާސްޓަރ ޗީފް ޕެޓީ އޮފިސަރ ތޯމަސް ޑިން ހަވެލް އެވެ. އެ ބައިމީހުން ވަޒީފާއިން ވަކިކުރި ސަބަބު ނޭވީން ތަފްސީލް ދީފައެއް ނުވެއެވެ. މިއަދު މީޑިއާއަށް ތިލަވެފައިވާ އެހެން ޚަބަރެއްގައި އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދު ކޮށްފައިވަނިކޮށް އޮމާނުގެ ބަނޑުދަށުންލާފައި ބޯޓުފަހަރު ދަތުރުކުރަން އެމެރިކާ މިލިޓްރީން މަގުފަހިކޮށްދޭކަން އެސޯޝިއޭޓެޑް ޕްރެސްއިން ފަޅާއަރުވާލައިފިއެވެ.
![]()
