އީރާނާއެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިވެރިވާ އެމެރިކާގެ ސިފައިން އަނބުރާ ގެނައުމަށް ގޮވާލާ ގަރާރެއް ފާސްކޮށް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޔާސީ ގޮތުން ވަރުގަދަ ރައްދެއް ދީފިއެވެ.
ބުދަ ދުވަހު 215 ވޯޓުގެ ހަނި އަޣުލަބިއްޔަތަކުން ނަމަވެސް ފާސްކުރި މި ގަރާރަކީ، މީގެ ތިން މަސް ކުރިން ހަނގުރާމަ ފެށުނު ފަހުން، ތެހެރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް ކުޑަކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވާ ފިޔަވަޅަކަށް ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ހައުސް އިން ތާއީދުކުރި ފުރަތަމަ ފަހަރެވެ. މި ފިޔަވަޅަކީ ބޮޑަށް ރަމްޒީ ކަމަކަށް ވެފައި، ޓްރަމްޕްގެ މޭޒާ ހަމައަށް މި ގަރާރު ފޯރައިފިނަމަ ވީޓޯ ކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް، މިއީ މި ހަމަނުޖެހުމާ މެދު ވޮޝިންގޓަންގައި އޮތް ކަންބޮޑުވުން އިތުރުވަމުންދާކަމުގެ ނިޝާނެކެވެ.ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ޕާޓީގެ ނިންމުމާ ދެކޮޅަށް ނުކުމެ، ޑިމޮކްރެޓުންނާ ގުޅިގެން މި ގަރާރަށް ތާއީދުކޮށްފައިވާއިރު، މިއީ ހަނގުރާމައިގެ ކަންކަން ސަރުކާރުން ބަލަހައްޓަމުންދާ ގޮތާ މެދު އުފެދިފައިވާ ބައިބައިވުންތައް ހާމަވެގެންދިޔަ ކަމެކެވެ.ވޯޓަށް ފަހު، ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ ޑިމޮކްރެޓުން ވަނީ މި ނަތީޖާއަކީ ރައީސަށް ދެވުނު ސާފު އިންޒާރެއްގެ ގޮތުގައި ސިފަކޮށްފައެވެ.“މިއީ އެމެރިކާގެ ރައްޔިތުންގެ ފަރާތުން ޑޮނަލްޑް ޓްރަމްޕަށް ދޭ ވަރަށް ބާރުގަދަ އަދި ސާފު މެސެޖެއް.. އީރާނުގައި އޭނާ އަމިއްލައަށް ފެއްޓެވި، މަގުބޫލުކަން ކުޑަ އަދި ޣައިރު ގާނޫނީ ހަނގުރާމަ ނިންމާލަންވީ ވަގުތު އައިސް ޖެހިއްޖެ…“ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.މި ގަރާރު ދެން ހުށަހެޅޭނީ ސެނެޓަށެވެ. ސެނެޓުގައި މިފަދަ އެހެން ފިޔަވަޅެއް މިހާރުވެސް ވަނީ މުހިންމު އިޖުރާއީ މަރުހަލާއެއް ކަޑައްތުކޮށްފައެވެ. ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ އެ މަޖިލީހުގައި މި ހަފުތާގެ ކުރީކޮޅު ވޯޓަށް އެހުން އެކަށީގެންވީ ނަމަވެސް، ޕާޓީގެ ލީޑަރުން އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.މި ވޯޓު މި ނެގުނީ ރައީސްގެ ހަނގުރާމައިގެ ބާރުތަކާ މެދު ބަހުސްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ކޮންގްރެސްގެ ހުއްދަ ހޯދުމެއް ނެތި، ފެބްރުއަރީ މަހުގެ ފަހުކޮޅު އިޒްރޭލާ ގުޅިގެން އީރާނަށް އަސްކަރީ ހަމަލާތައް ދީގެން ޓްރަމްޕް އެމެރިކާގެ ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް ޑިމޮކްރެޓުން ތުހުމަތު ކުރެއެވެ.’ވޯ ޕަވަރސް އެކްޓް‘ ގެ ދަށުން، އެމެރިކާގެ ސިފައިން ހަނގުރާމައެއްގެ ތެރެއަށް ފޮނުވާތާ 60 ދުވަހުގެ ތެރޭގައި ރައީސް ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހެއެވެ. ޑިމޮކްރެޓުން ބުނާ ގޮތުގައި އެ މުއްދަތު މީގެ ހަފުތާތަކެއް ކުރިން ވަނީ ހަމަވެފައެވެ. އެހެންކަމުން މިހާރު ކުރިއަށްދާ އަސްކަރީ ކެމްޕޭނަކީ ޣައިރު ގާނޫނީ ކަމެކެވެ.ވައިޓް ހައުސްއިން އެ މާނަކުރުން ގަބޫލެއް ނުކުރެއެވެ. އެމީހުން ބުނާ ގޮތުގައި އޭޕްރީލް މަހުގެ ސުލްހައިގެ އެއްބަސްވުމާއެކު އެ މުއްދަތު ގުނުން ވަނީ މެދުކެނޑިފައެވެ. އަދި ދެ ފަރާތުގެ މެދުގައި އަސްކަރީ ކުރިމަތިލުންތައް ހިނގަމުންދިޔަ ނަމަވެސް، ހަނގުރާމަ އޮތީ މައިގަނޑު ގޮތެއްގައި ނިމިފައި ކަމަށް ސަރުކާރުގެ އޮފިޝަލުން ދަނީ ބުނަމުންނެވެ.އެހެންނަމަވެސް، މުޅި ސަރަހައްދުގައި މަސްރަހު އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ރޭގަނޑުގެ ވަގުތެއްގައި އެމެރިކާއިން ވަނީ އީރާނުގެ ޑްރޯންތަކެއް ހުއްޓުވައި، އީރާނުގެ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ހަމަލާދީފައިވާ ކަމަށް އިއުލާންކޮށްފައެވެ. އޭގެ ރައްދުގައި އީރާނުގެ ސިފައިން ގަލްފުގެ ބައެއް ގައުމުތަކަށް ޑްރޯން އާއި މިސައިލް ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.މި ގަރާރާ ދެކޮޅު ހަދާ ރިޕަބްލިކަން މެންބަރުން ބުނަނީ، އީރާނު ބަލިކަށިވެފައިވާ ދަނޑިވަޅެއްގައި ސިފައިން ބޭލުމަކީ އެމެރިކާ ބަލިކަށިވެގެންދާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް، މަރުވާ މީހުންގެ އަދަދާއި، އަސްކަރީ ހަރަދުތަކާއި، ސިޔާސީ ފިއްތުންތައް އިތުރުވަމުންދާތީ، ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިޚާބުގެ ކުރިން ހަނގުރާމައާ މެދު އޮތް ކަންބޮޑުވުންތައް ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުންނެވެ.މި ގަރާރުގެ ސަބަބުން އެމެރިކާގެ ސިޔާސަތަށް ވަގުތުން ބަދަލެއް ނައި ނަމަވެސް، މިއީ ޓްރަމްޕްގެ ހަނގުރާމައިގެ ބާރުތަކަށް ކޮންގްރެސްއިން ކުރިމަތިކުރި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަދި މިއީ މެދުއިރުމަތީގެ އިތުރުވަމުންދާ ހަމަނުޖެހުންތަކުގައި އެމެރިކާގެ ދައުރާ މެދު އޮތް ބަހުސް އިތުރަށް ވަރުގަދަވެފައިވާކަން ހާމަކޮށްދޭ ކަމެކެވެ.
![]()
