ކަނޑުއަޑީގެ ހޮހަޅައިން ފެނުނު ބިރުވެރި މަންޒަރު!

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ ސާފު މޫދުގައި ސައިންޓިފިކް ދިރާސާއެއް ކުރުމަށް ފެށި ދަތުރެއް، ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ހިތާމަވެރި ޑައިވިންގ ކާރިސާއަށް މިވަނީ ބަދަލުވެފައެވެ. ވާވު އަތޮޅުގެ ކަނޑުއަޑީގެ އޮތް އަނދިރި ހޮހަޅައެއްގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވިތާ ހަފުތާތަކެއް ފަހުން، އާ ހޯދުންތަކާއި، އަސަރުގަދަ ވަދާއީ މެސެޖުތަކާއި، އަދި ބިރުވެރި ރެސްކިއު ފޫޓޭޖްތަކުން، ކަނޑުގެ އަޑީގައި ހަގީގަތުގައި ހިނގި ކަންތައްތައް ދުނިޔެއަށް މިވަނީ މަޑުމަޑުން ހާމަވާން ފަށާފައެވެ.ޑޭން ޔޫރަޕް ފައުންޑޭޝަންގެ ރެސްކިއު ޓީމުން ނަގާފައިވާ އެކްސްކްލޫސިވް ވީޑިއޯ ފޫޓޭޖުން، ޑައިވަރުން ތާށިވި ބިރުވެރި މަގު ފުރަތަމަ ފަހަރަށް ވަނީ ވީޑިއޯއެއްގެ ޒަރީއާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އާންމު ރައްޔިތުންނަށް ފެނިފައެވެ.

އިޓަލީގެ ޓީޖީ1 ނިއުސްއިން ދެއްކި މި ފޫޓޭޖުން ފެންނަނީ، އަލިކޮށްފައިވާ ހަނި ހޮހަޅައެއްގެ ތެރެއިން ގޮސް، މުޅިން އަނދިރިކަމުގެ ތެރެއަށް ގެނބިފައިވާ ދެވަނަ ބަޔަކަށް، ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ ޗެންބަރަކަށް ވަދެގެންދާ މަންޒަރެވެ. ރެސްކިއު ޓީމުން ސިފަކުރި ގޮތުގައި މިއީ ނުރައްކާތެރި، މެޕްކުރެވިފައި ނުވާ، އަދި އާންމު ޑައިވިންގއަށް އެއްގޮތަކަށްވެސް ކަނޑައެޅިފައިވާ ތަނެއް ނޫނެވެ. އަދި އާންމު ޑައިވިންއަށް އެކަށީގެންވާ ވަރަށްވުރެ ނުރައްކާތެރި، ރިސްކު ބޮޑު ތަނެކެވެ،މަރުވި މީހުންގެ ހަށިތައް ނެގުމުގައި ބައިވެރިވި ފިންލޭންޑްގެ މާހިރު ރެސްކިއު ޑައިވަރު ސާމީ ޕާކަރިނެން ވަނީ މި ބިރުވެރި މިޝަނާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި، އެ ގްރޫޕް ޑައިވްކޮށްފައިވަނީ ރާއްޖޭގައި އާންމުކޮށް ޑައިވްކުރާ މިންގަނޑުތަކަށްވުރެ މާ ފުން ސަރަހައްދެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން އެމީހުން ގާތްގަނޑަކަށް 60 މީޓަރު އަޑިއަށް ފޭބިއެވެ. މިއީ އެ ސަރަހައްދުގައި އާންމުކޮށް ޑައިވްކުރާ ފުންމިނުގެ ދެގުނައެވެ.“އެފަދަ ފުންމިނަކަށް ފޭބުމަށް ބޭނުންވާ ހާއްސަ ކޭވް-ޑައިވިންގ އިކުއިޕްމަންޓެއް އެމީހުންގެ އަތަކު ނެތް،“ ޕާކަރިނެން ކިޔައިދިނެވެ. ”އެކަހަލަ ހޮހަޅައަކަށް ވަންނަންޏާ އިތުރު ޓޭންކުތަކާއި، ރީބްރީދާސް އަދި ރައްކާތެރިކަމުގެ އެޑްވާންސް ނިޒާމުތައް ބޭނުންވާނެ.“މި ރެސްކިއު އޮޕަރޭޝަނަކީ ގާތްގަނޑަކަށް ނުވާނެ ކަމެއްގެ ގޮތުގައި ބެލެވުނު ކަމެކެވެ. އެއް ހިސާބަކުން ރެސްކިއު ޓީމުން ބިރުގަތީ ޑައިވަރުން މާކަނޑަށް އޮޔާގޮސް ގެއްލުނީ ކަމަށެވެ. އުންމީދު އާވީ ފާހަގަކުރެވިފައި ނުވާ ކަނޑުއަޑީގެ ޓަނަލެއް ފެނުމުންނެވެ. އަދި ވެލިގަނޑުގެ މަތިން ފެނުނު ނިޝާންތަކަކުން، ފޮރުވިފައިވާ ހޮހަޅައާ ދިމާއަށް ރެސްކިއު ޓީމަށް މަގުދެއްކިއެވެ.މިހާރު މި ހާދިސާގެ ބައިނަލްއަގުވާމީ ތަހުގީގެއް ވަނީ ފަށާފައެވެ. ރޯމްގެ ޕްރޮސެކިއުޓަރުން ދަނީ ޑައިވިންގއަށް ބޭނުންކުރި ހުރިހާ ސާމާނަކާއި، ގޯޕްރޯ ކެމެރާއާއި، އަދި އެ ސަރަހައްދުން ފެނުނު އަމިއްލަ ތަކެތި އިޓަލީއަށް ފޮނުވުމަށް އެދެމުންނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ކެމެރާ ފޫޓޭޖްތަކުން މި ހާދިސާ ހިނގުމުގެ ކުރިން ވީ އެންމެ ފަހު ވަގުތުތައް ހާމަވެ، ދެ ގައުމުގެ އާއިލާތަކުން ކުރަމުންދާ ސުވާލުތަކަށް ޖަވާބު ލިބޭނެއެވެ.މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު މެރިން ބަޔޮލޮޖީ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް، ޒުވާން ރިސާޗަރު މިއުރިއަލް އޮޑެނީނޯ، މެރިން ބަޔޮލޮޖީ ގްރެޖުއޭޓް ފެޑެރިކޯ ގުއަލްޓިއޭރީ، އަދި ޑައިވިންގ އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ. އެމީހުންގެ މަރުގެ ސަބަބުން އިޓަލީގެ އެކަޑެމިކް އަދި ޑައިވިންގ ދާއިރާއަށް ބޮޑު ސިހުމެއް ވަނީ ލިބިފައެވެ.މި ޑައިވްގެ މަގުސަދާ މެދުވެސް ސުވާލުތައް ދަނީ އިތުރުވަމުންނެވެ. ބައެއް އާއިލާތަކުގެ ވަކީލުން ބުނާ ގޮތުގައި މި ދަތުރަކީ ޔުނިވާސިޓީގެ ސައިންޓިފިކް މަސައްކަތްތަކާ ގުޅުންހުރި ދަތުރެކެވެ. މިއާއެކު، މިކަމުގެ ޒިންމާ އުފުލުމާއި، ހުއްދަ ހޯދުމާއި، އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.މި ހުރިހާ ކަމެއް ހިނގަމުންދާއިރު، އިޓަލީގެ އެކި ކަންކޮޅުތަކުގައި އަސަރުގަދަ ވަދާއީ ހަރަކާތްތައް ދަނީ ކުރިއަށްދަމުންނެވެ.ހިތާމައިން ފުރިފައިވާ ސިޓީތަކުގައި ޖަނާޒާގެ ރަސްމިއްޔާތުތައް ބާއްވަމުންދާއިރު، ޔުނިވަރސިޓީ އޮފް ޖެނޯއާއިން ވަނީ މަރުވި މީހުން ކަނޑަށާއި މެރިން ރިސާޗަށް ކުރި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އެމީހުންގެ ސައިންޓިފިކް ޕްރޮފައިލްތައް އަލުން ހުޅުވާލާފައެވެ.ދިވެހިރާއްޖޭގައި، ރާޅުތަކުގެ އަޑީގައިވާ އެ ހޮހަޅަ ވަނީ ހިމޭންވެފައެވެ. އެއީ ކަންބޮޑުވުމާއި ބިރުވެރިކަން އެކުލެވިގެންވާ، އަދި މުޅި ދުނިޔެ ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ފަދަ ހިތާމަވެރި ހާދިސާއަކާ މިހާރު އަބަދަށްޓަކައި ގުޅިފައިވާ ތަނެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް