ދެކުނު ސޫދާނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހޮސްޕިޓަލުތައް ސުންނާފަތިކޮށްލުމާ ގުޅިގެން، އެތައް ލައްކަ ބަޔަކު އިންސާނީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
އެހީދޭ ޖަމާއަތްތަކުން އިންޒާރުދޭ ގޮތުގައި، ދުނިޔޭގެ އެންމެ ޒުވާން ޤައުމުން ބޭހާއި، ސިއްޚީ ޚިދުމަތާއި، އުންމީދު މިވަނީ ހުސްވާން ކައިރިވެފައެވެ.މެޑެސިން ސަން ފްރޮންޓިއަރސް (އެމް.އެސް.އެފް) އިން ހާމަކުރި ގޮތުގައި، މިއަހަރުގެ ކުރީކޮޅު ލަންކިއަންގައި ހުންނަ އެ ޖަމާއަތުގެ ހޮސްޕިޓަލަށް ދިން ބޮންބުގެ ހަމަލާތަކާއެކު، އެ ސަރަހައްދުގެ 250,000 އެއްހާ މީހުންނަށް ސިއްޚީ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ހަމައެކަނި މަރުކަޒު ވަނީ ނެތިގޮސްފައެވެ. ފާއިތުވި 31 އަހަރު ދުވަހު މެދުކެނޑުމެއްނެތި ޚިދުމަތް ދެމުންދިޔަ މި ހޮސްޕިޓަލަށް ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ހަމަލާދިނުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އެތަނުގެ މުވައްޒަފުން ވަނީ ބަލިމީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.މި ހަމަލާތަކުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި، އާންމުންނާއެކު ރައްކާތެރިކަން ހޯދުމަށް ޗަސްބިންތަކާއި ޖަންގަލިތަކަށް ދުވި އެމް.އެސް.އެފްގެ ނަރުހެއްގެ ގަޔަށް ބަޑިޖަހައި ވަނީ މަރާލާފައެވެ.“އޭނާ ދުވަމުންދިޔައީ އެހެން މީހުންނެކޭވެސް އެއްފަދައިން ފުރާނަ ސަލާމަތްކުރުމަށް،“ އެމް.އެސް.އެފްއިން ދެކުނު ސޫދާނަށް ކަނޑައަޅާފައި ހުންނަ މިޝަންގެ ވެރިޔާ ޔަޝޯވަރުދަން އެން.ޑީ.ޓީ.ވީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. ”މީހުން ފިލަން ދުވަމުންދިޔައީ ލަންކިއަން ވަށައިގެންވާ ޗަސްބިންތަކަށާއި ވަލުތެރެއަށް. އެގޮތަށް ދުވަމުންދަނިކޮށް އޭނާގެ ގަޔަށް ވަޒަން އެރީ.“ލަންކިއަން ހޮސްޕިޓަލް ބަންދުކުރަން ޖެހުމަކީ ސަރުކާރުގެ ސިފައިންނާއި އިދިކޮޅު ޖަމާއަތްތަކުގެ މެދުގައި ހަމަނުޖެހުންތައް އިތުރުވެ، މުޅި ޤައުމުގެ ސިއްޚީ ނިޒާމު ފުނޑުފުނޑުވަމުންދާކަމުގެ ހެއްކެކެވެ. އެމް.އެސް.އެފް އިން ބުނާ ގޮތުގައި، 2025 ވަނަ އަހަރު ފެށުނު ފަހުން ދިން ހަމަލާތަކާއި ސަލާމަތީ ނުރައްކާތަކުގެ ސަބަބުން އޫލަންގް، އޯލްޑް ފަންގަކް، އަކޯބޯ އަދި ލަންކިއަންގައި ހުރި އެ ޖަމާއަތުގެ ހަތަރު ހޮސްޕިޓަލެއް ބަންދުކުރަން ވަނީ މަޖުބޫރުވެފައެވެ.މި ހަމަނުޖެހުންތަކުގެ ސަބަބުން މަދުވެގެން 762,000 މީހުންނަށް ސިއްޚީ ޚިދުމަތުން މަހުރޫމްވެފައިވާ ކަމަށް އެހީދޭ ޖަމާއަތްތަކުން އަންދާޒާކުރެއެވެ.ދިގުލީ ހަނގުރާމައަކަށްފަހު 2011 ވަނަ އަހަރު މިނިވަންކަން ހޯދި ދެކުނު ސޫދާނަށް، ހަރުދަނާ ސިއްޚީ ނިޒާމެއް ބިނާކުރުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިނިވަންވިތާ އެންމެ ދެ އަހަރު ތެރޭގައި ރައީސް ސަލްވާ ކީރް މާޔަރްދިތް އާއި އިދިކޮޅު ލީޑަރު ރިއެކް މަޗާރްއާ ދެމެދު އުފެދުނު ސިޔާސީ ކޯޅުމެއްގެ ސަބަބުން ދާޚިލީ ހަނގުރާމަ ފެށި، ނަސްލީ ތަޅާފޮޅުމާއި، މީހުން ގެދޮރުން ބޭރުވުމާއި ބޮޑު ތަދެއް ކުރިމަތިވިއެވެ.“މި ޤައުމުގައި ދުވަހަކުވެސް ފުރިހަމަ ސިއްޚީ އޮނިގަނޑެއް ނުވަތަ ނިޒާމެއް ގާއިމެއް ނުކުރެވޭ،“ ޔަޝޯވަރުދަން ވިދާޅުވިއެވެ. ”ލިބެމުންދިޔަ އެހީތައް ކަނޑާލުމާ ގުޅިގެން މި ހާލަތު ދާނީ އިތުރަށް ގޯސްވަމުން.“ސިއްޚީ ސާމާނު އުފުލާ މަތިންދާބޯޓުތައް ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް ދިޔުމަށް ކަމާބެހޭ ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށްވެސް އެމް.އެސް.އެފް އިން ތުހުމަތުކުރެއެވެ. ދެކުނު ސޫދާނުގެ ގިނަ ސަރަހައްދުތަކަކީ މަގުތައް ހަލާކުވެ، ފެންބޮޑުވެ ނުވަތަ ނުރައްކާތެރިވެފައިވާ ތަންތަން ކަމުން، ބޭހާއި މުވައްޒަފުން އަދި ބަލިމީހުން އުފުލުމަށް އޮތް ހަމައެކަނި ވަސީލަތަކީ ވައިގެ މަގެވެ.ފާއިތުވި މަސްތަކުގައި މި ހަނގުރާމަ ވަނީ އިތުރަށް ނުރައްކާތެރިވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެންމެ 2 ވައިގެ ހަމަލާ ރިކޯޑު ކުރެވިފައިވާއިރު، 2025 ވަނަ އަހަރު މިހާތަނަށް 138 ހަމަލާ ވަނީ ދީފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ޖޮންގްލެއި އަދި އަޕަރ ނައިލް ސްޓޭޓްތަކަށެވެ.ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެދުގައި އާންމުން ތާށިވެފައިވާއިރު، ބަޑިޖެހުމާއި، ޖިންސީ އަނިޔާކުރުމާއި، މީހުން ރަހީނުކުރުމުގެ އިތުރުން އަވަށްތަކުގައި ހުޅުޖެހުމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ. ވޯލްޑް ފުޑް ޕްރޮގްރާމުން ހާމަކުރި ގޮތުގައި، ދެކުނު ސޫދާނުގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން މިހާރު ތިބީ ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެފައެވެ.2025 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް ހަނގުރާމައިގެ ސަބަބުން އަނިޔާލިބުނު 6,000 އަށްވުރެ ގިނަ މީހުންނަށް އެމް.އެސް.އެފް އިން ފަރުވާ ދީފައިވެއެވެ. މީގެ ތެރޭގައި ބަޑީގެ އަނިޔާއާއި ބޮން ގޮވުމުގެ ސަބަބުން ޒަޚަމްވި އެތައް ހާސް ބަޔަކު ހިމެނެއެވެ. މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި އަނިޔާގެ މައްސަލަތައްވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.އދ. އިން ވަނީ ދެކުނު ސޫދާން މިހާރު އޮތީ ”ނުރައްކާތެރި ފައްތަރެއްގައި“ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އެ ޤައުމު އަނެއްކާވެސް ފުރިހަމަ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މި ހާލަތުގައި، ކާބޯތަކެތީގެ އެހީއާއި، ސާފު ބޯފެނާއި، ސިއްޚީ ފަރުވާއެއް ނެތި އެތައް ލައްކަ ބަޔަކު ދަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދުމަށް ހިޖުރަކުރަމުންނެވެ.
![]()
