އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހިނގަމުންދާގޮތް ބަލާ ފާސްކުރާނެ އެއްވެސް މަގެއް ނުފެންނަކަމަށް އައި އޭ އީ އޭ އިން ބުނޭ
އެމެރިކާ ސިފައިންގެތެރޭގައި އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކޮށް އަދި އޭގެފަހުން ޔުނައިޓެޑް ނޭޝަންސްގެ ވެޕަން އިންސްޕެކްޓަރެއްގެ މަގާމު ފުރާފައިވާ ސްކޮޓް ރިޓަރ އޭނާގެ ޑަބްލިޔޫ ބީ އޯ ރިޕޯރޓުގައި ބުނެފައި ވެއެވެ.
އީރާނުގައި މިހާރު ނިއުކްލިއަރ ހަތިޔާރު އެބަ ހުރިކަމަށް އެގައުމުގެ ސުޕްރީމް ލީޑަރ އާޔަތުﷲ މުޖުތަބާ ޚާމަނާއިގެ އޮފީހުން އިއުލާންކުރުމުގެ ސަބަބުން މެދުއިރުމަތީގެ ބާރުތަކުގެ ރާޒުވާކުޅިބައި އީރާނުން އެފުށްމިފުށަށް ޖަހައި ދުނިޔޭގެ ވެރިންނަށް ކުއްލި ސިހުމެއް ގެނެސްދީފިކަމަށް ސްކޮޓް ރިޓަރގެ ރިޕޯރޓުގައި މިއަދު ހާމަކޮށްފައިވެއެވެ. މި ޚަބަރާ ގުޅިގެން ހާމަވެގެންދިޔަ ސިއްރު ލިއެކިއުން ތަކަކުން ރޭޑިއޯ އެކްޓިވް މާއްދާތަކެއް ބަދަލުކޮށްފައިވާކަމުގެ ނިޝާންތައް ވަނީ އިންކާރު ނުކުރެވޭ މިންވަރަށް ފެނިފައިކަމަށްވެސް އެ ރިޕޯރޓުގައި ބުނެފައިވެއެވެ.
އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބިފައިވުމާ ދޭތެރޭ ދިއްކުރެވޭ ހުރިހާ އިނގިލިތައް ދިމާކުރެވެނީ އުތުރު ކޮރެޔާގެ ވެރިރަށް ޕިޔޯންޔަންގް އާ ދިމާލަށެވެ. މިކަން ކުރައްވާފައިވަނީ އެ ގައުމުގެ ލީޑަރ ކިމް ޖޯން އުން ކަމަށާއި މަރުގެ މި ޝިޕްމެންޓްތައް އެ ގައުމުގެ ހުޅަނގުފަރާތުގައި ފުނިޖެހިފައިވާއޮންނަ ސަރވެލަންސް ނެޓްވާރކްތަކުން އެއްފަރާތްވެ އީރާނަށް މި ވަސީލަތްތައް ފޯރުކޮށްދީފައިވާކަމުގެ ހެކިތައް ވަނީ ފެނިފައެވެ.
އިސްރާއީލުގެ ހަތިޔާރުތައް ތައްޔާރީ ހާލަތަށް ގެނެސްފައި ހުރިއިރު އީރާނުން ތިބާ ފާލުގައި އިނގިލި އަޅުވާލައިގެންނޭ މިހާރު ބުނެވިދާނެއެވެ. މި ދެގައުމުން ބޭނުންކުރާނެ ނިއުކްލިއަރ ހަތިޔާރަކާމެދު ގޮތެއް ނިންމުމަށް ހޭދަވެގެންމިދާ މަދު ސިކުންތުކޮޅުގެ ތެރޭގައި ދުނިޔެއޮތީ ހިތުގެ އެންމެފަހު ވިންދުގެ ބިރުވެރި އިންތިޒާރުގައެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކަސްތޮޅުތަކުގައި ވިއްސަކަށް އަހަރު ތާށިކޮށްފާއޮތް އީރާނުން އެމެރިކާއާއި އިސްރާއީލްގެ ލޮލުގެ ކުރިމަތީގައި ނިއުކްލިއަރ ހަތިޔާރު ކާމިޔާބުކުރިގޮތަކާ ދޭތެރޭ ވިސްނާފިކުރުކުރަން ޖެހެއެވެ. ޕިޔޯންގްޔަން އާއި އީރާނުގެ ގުޅުން ކިހާ ފުންމިނަކަށް ގޮސްފައިވާކަން ދިރާސާ ކޮށްލަން ޖެހެއެވެ. މި ބިރުވެރި ހާލަތު ދުނިޔެއަށް ކުރިމަތިކުރުވީ ކިމް ޖޯން އުންކަމަށް ވޯޝިންގޓަނުން ބުނެއެވެ. އިންސާނިއްޔަތުގެ ކުރިމައްޗަށް މިހާރު ހުށައެޅިފައިވާ އެންމެ މުހިންމު ސުވާލަކީ އިސްރާއީލާއި އީރާނުންކުރެން ގައުމަކުން ހަމައިން ނައްޓާލައިފިނަމަ ދުނިޔެއަށް ދެން ކުރިމަތިލާންޖެހޭނީ ކޮންފަދަ ހާލަތަކަށް ހެއްޔެވެ ؟
ފާއިތުވެގެން ދިޔަ ވިއްސަކަށް އަހަރު އެމެރިކާއާއި ހުޅަނގުންކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާން އޮތީ ނިދާފައެއް ނޫނެވެ. އެ ގައުމުގެ ދިފާއުގައި ކަށަވަރު ކުރަން ޖެހޭނެ ހުރިހާ ވަސީލަތެއް ގެންދިޔައީ ގާއިމް ކުރަމުންނެވެ. އަންޑަރގްރައުންޑް ސިޓީ ތަކާއި ފަރުބަދަތަކުގެ ބިންގަރާސްތަކުގައެވެ. އެމެރިކާގެ އިންޓެލިޖެންސް ލޯތަކަށް ސިއްރުކުރެވިފައިވާ އެންމެ އަކަ އިންޗިއެއްވެސް ދުނިޔޭގައި ނޯންނާނެކަމަށް ދައުވާކުރަމުން ގެންދަނިކޮށް އެމެރިކާގެ ފާރަވެރިންނާއި އިންޓެލިޖެންސްގެ ލޯތައް ނުފޯރާ ހިސާބު ފުންމިނުގައެވެ. އެމެރިކާގެ ބިޔަ ބަންކަރ ބަސްޓަރގެ ނަމުން މަޝްހޫރު ވެފައިވާ ބިޔަ ބޮންއަޅާ ބޯޓުފަހަރުންވެސް ގޮއްވާ ނުލެވޭނެ ފުންމިނެއްގައެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކުޅިބައިގެ ކުޅިތައް ތަރުތީބު ކުރުމަށްޓަކައި މަދުވެގެން ތިން އަހަރު ދުވަސް ނަގާނެކަން ކަށަވަރުކުރެވޭތީ ހުޅަނގުގެ ގައުމުތަކުން ތިބީ އަތްއުރާލައިގެންނެވެ. ހުޅަނގުން ދެކޭގޮތުގައި ނިއުކްލިއަރ ބޮމަކީ ބިޔަ ބޮޑު އެއްޗަކެވެ. ސިއްރު ސިއްރުން އުފައްދާ ލެވިދާނެ އެއްޗެއް ނޫނެވެ. އެއީ ފާއިތުވެގެންދިޔަ ގަރުނުގެ މުސްކުޅިވެފައިވާ ވިސްނުމެއްކަން ހުޅަނގުގެ ގައުމުތަކަށް ނޭންގުނެވެ.
އީރާނުން ދުވަސްތައް ހޭދަކުރަމުން ގެންދިޔައީ ނިއުކްލިއަރގެ އާ އީޖާދުތަކާއި ދިރާސާތައް އެއްކުރުމުގައެވެ. މިސައިލެއްގެ ތުނބުގައި ލައިގެން އުދުހިފައި ދެވިދާނެ ކުދިކުދި ނިއުކްލިއަރ ބޮން އުފެއްދުމަށްޓަކައި ގޭތެރޭން ލިބެންހުރި މައުދަންތައް ބޭނުންކުރެވިދާނެ ޒަމާނުގެ ޓެކްނޯލޮޖީ އިތުރަށް ދިރާސާ ކުރަމުންނެވެ. މިއަދުގެ ނަތީޖާއަށް ބަލާލާއިރު ހަގީގަތަކީ އީރާނުން ބޭނުންވެއްޖެ ހިނދެއްގައި ސައިޒްގެގޮތުން ކުދިކުދި އެކަމަކު އެތައްހާސް ޓަނެއްގެ ޓީ އެން ޓީ ބާރު އެކުލެވޭ ނިއުކްލިއަރ ބޮން އުފެއްދުމުގެ ގާބިލުކަން އީރާނުން ފުރިހަމައަށް ލިބިގެންފައިވާކަމާ ދޭތެރޭ ދެބަސް ނުވެވޭނެއެވެ. އީރާނުން މި ފެންވަރަށް މިލިޓްރީ ތަރައްގީ ކުރަމުންގެންދިޔައިރު “ ޓެކްނޯލޮޖީއެއް ނުހުންނާނެއޭ، ނުކުރެވޭނެއޭ “ ބުނެ އެމެރިކާއިން ފާޅުކުރަމުންގެންދިޔަ ޝުއޫރުތަކަކީ ޓެކްނޯލޮޖީގެ ދާއިރާގައި އެމެރިކާއިން އީރާނާއެކު ފައިހަމަ ނުކުރެވޭނެކަން ހާމަކޮށްދިނުމެވެ.
މި ޚަބަރުތައް ކިޔަމުންދާއިރު އީރާނުން %90 އަށް ޔޫރޭނިއަމް މުއްސަނދިކޮށް ނިއުކްލިއަރ އެތައް ހަތިޔާރެއް އުފެއްދުން ހަމައެކަނި 14 ވަރަކަށް ދުވަހަށް ކައިރިކޮށްފިކަން ބައިނަލް އަގްވާމީ ހަކަތައާބެހޭ ފާރވެރި އޭޖެންސީއާއި ޕެންޓަގަން އިން މިދިޔަ ހަފުތާގެ އަންގާރަދުވަހު ހާމަކޮށްފިއެވެ. މި ސާދަދުވަސް އެހެންގޮތަކަށް ބަދަލުވެގެން ހިނގައިދާނެ ހަމައެކަނި ގޮތަކީ ތެހެރާނުގެ ވިސްނުން ބަދަލުވެގެންދިއުމެވެ. ޔުރޭނިއަމް މުއްސަނދިކުރުމުގެ %90 ރަތް ރޮނގު މިދިޔަ އަންގާރަދުވަހު އީރާނުން ހުރަސްކޮށްފައިވާކަން ނިއުސް ވަޔަރ އެކްސް އިންވެސް ވަނީ ތަކުރާރުކޮށްފައެވެ. އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުވުން ހުއްޓުވަން ޔުނައިޓެޑް ނޭޝަންސް މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކުން އަޅަމުންގެންދިޔަ ފިޔަވަޅުތައް ރަޝިޔާއާއި ޗައިނާއިން ވަނީ ވީޓޯ ކޮށް ބޭރު އަރުވާލާފައެވެ. އީރާނުން ނިއުކްލިއަރ އުފެއްދުމަށް މިހާރު އޮތް ހަމައެކަނި ފިޔަވަޅަކީ ސުޕްރީމްލީޑަރގެ ސިޔާސީ ނިންމުމެކެވެ.
މިހާރު އުފެދޭ ސުވާލަކީ އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކާއި ޓެކްނޯލޮޖީ ނައްތާލުން އެމެރިކާގެ ބިޔަ ބަންކަރ ބަސްޓަރތަކުންވެސް ނުކުޅެދުނީ ހެއްޔެވެ ؟ ކުރިއަށްއޮތީ މަޝްވަރާކޮށްގެން ގޮތެއް ނިންމުންތޯ ނުވަތަ މިލިޓްރީގޮތުން ފިޔަވަޅު އެޅުންތޯ އަދި އެންމެ ފަހުގެ ނިންމުމެއްގެ ގޮތުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އީރާނަށް ލިބިދޭން ޖެހުނީ ހެއްޔެވެ ؟ އީރާނަށް އެ ފުރުސަތު ލިބިއްޖެނަމަ މިސްރާއި ސައޫދީ އެރޭބިއާއާއި ތުރުކީންވެސް އެ ފުރުސަތަށްއެދި ދައުވާ ކުރާނެއެވެ.
މިއަދުގެ ހާލަތުގައި އިރާނާ ދެކޮޅަށް ނުވަތަ އީރާނާ އެކުގައި ތިން ފިޔަވަޅެއް އެޅިދާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ. ފުރަތަމަ ފިޔަވަޅަކީ އީރާނަކީ ނިއުކްލިއަރ ބާރު ލިބިފައިވާ ގައުމެއް ކަމުގައި ގަބޫލުކުރުމެވެ. އަދި މުސްގްބަލްގައި ކޮންޓްރޯލުން ނައްޓާލައިގެން ނުދާނެގޮތަކަށް އެއްބަސްވުމަކަށް އައުމެވެ. މިފަދަ އެއްބަސްވުމެއްގެ ދަށުން އީރާނުން ނިއުކްލިއަރ އުފެއްދުންތަކާއި ޔުރޭނިއަމް މުއްސަނދިކުރުމަށް މިންގަނޑުތަކެއް ކަނޑައެޅިދާނެއެވެ. އޭގެ ބަދަލުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އަދި ސެކިއުރިޓީ ގަރަންޓީ ކަށަވަރުކޮށް ދެވިދާނެއެވެ. މިފަދަ އެއްބަސްވުމެއް ކާމިޔާބު ކުރެވިދާނެ ފުރުސަތު އޮތުމާއެކު ކުރިމަގުގައި ހަނގުރާމައިގެ ނުރައްކާވެސް ނެތިގެން ދާނެއެވެ.
ދެވަނަގޮތަކީ އިސްރާއީލުން ނުވަތަ އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާދެކޮޅަށް މިލިޓްރީ ހަމަލާތަކެއްދީ އީރާނުގެ ނިއުކްލިއަރ މަޝްރޫއު އެއްކޮށް ނައްތާލުމެވެ. މިކަންތައް ނުކުރެވުން ކައިރިއެވެ. އީރާނުގެ ނިއުކްލިއަރ ސައިޓްތައް ދެނަތުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އަދި އަމުދުން އީރާނުން ހާސިލުކޮށްފައިވާ ނިއުކްލިއަރ ޓެކްނޯލޮޖީއާއި ދިރާސާތައް ނެތިކޮށްލުމަކީ ކުރެވިދާނެކަމެއް ނޫނެވެ. އީރާނާ ދެކޮޅަށް ދެވޭ ކޮންމެ ހަމަލާއެއްގެ ރައްދު މުޅި ގަލްފު ސަރަހައްދުން އުފުލަން ޖެހޭނެއެވެ. ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ މުޅިދުނިޔެއިން ކުރިމަތިލާން ޖެހޭނެއެވެ. ތެލުގެ އަގު 200 އެމެރިކާ ޑޮލަރަށް ވުރެން މައްޗަށްގޮސް ދުނިޔޭގެ އިގްތިސާދު އެފުށް މިފުށަށް ޖެހިގެންދާނެއެވެ. އީރާނާ ދެކޮޅަށް ދެވޭ ހަމަލާތަކެއްގެ ސަބަބުން ނިއުކްލިއަރ މަޝްރޫއު ދެތިން އަހަރު ފަހަތަށް ޖައްސާލެވިދާނެއެވެ. އެކަމަކު އެއީ ހަމައެކަނި ވަގުތީ ހައްލެކެވެ.
![]()
