އިސްރާއީލުން ޣައްޒާގައި ހިންގާ އުދުވާނަށް މަގުފަހިކޮށްދޭ ކަމުގެ ތުހުމަތު 51 ގައުމަކަށް

Loading

Facebook
Twitter
WhatsApp

އަލްޖަޒީރާއިން ކުރިއަށްގެންދިޔަ ބޮޑު ތަހުގީގަކުން ހާމަވި ގޮތުގައި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ”ނަސްލު ނައްތާލުމުގެ އަމަލަކަށް ވުމުގެ ފުރުސަތު އޮތް ކަމަށް“ ބައިނަލްއަގުވާމީ އަދުލުގެ ކޯޓު (އައި.ސީ.ޖޭ) އިން އިންޒާރު ދީފައި ވަނިކޮށް، މަދުވެގެން 51 ގައުމަކާއި ސަރަހައްދަކުން ވަނީ އިސްރާއީލަށް އަސްކަރީ ސާމާނު ފޯރުކޮށްދީފައެވެ.

މޭ 23 ގައި ޝާއިއުކުރި މި ތަހުގީގުގައި 2022 އާއި 2025 އާ ދެމެދު އިސްރާއީލުގެ ކަސްޓަމްސް އަދި އިމްޕޯޓް ޑޭޓާ ދިރާސާކޮށްފައިވެއެވެ. މި ހޯދުންތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ ތެރޭގައި ހަނގުރާމަވެރި ސާމާނުގެ 2,600 އަށްވުރެ ގިނަ ޝިޕްމަންޓް އިސްރާއީލަށް އެތެރެކޮށްފައިވެއެވެ. މީގެ ތެރޭގައި ވަޒަނާއި، ގޮވާތަކެއްޗާއި، ހަތިޔާރުގެ ބައިތަކުގެ އިތުރުން އަސްކަރީ އުޅަނދުފަހަރުގެ ބައިތައް ހިމެނެއެވެ.

މި ރިޕޯޓުގައިވާ ގޮތުން، އެތެރެކުރި މި ތަކެތީގެ އަގު ގާތްގަނޑަކަށް 885 މިލިއަން ޑޮލަރަށް އަރާއިރު، މީގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ ތަކެތި އިސްރާއީލަށް އެތެރެކޮށްފައިވަނީ ޖެނުއަރީ 2024 ގައި އައި.ސީ.ޖޭ އިން ކުރި ހުކުމަށް ފަހުގައެވެ. އެ ހުކުމުގައި، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް އަމަލީ ފިޔަވަޅު އެޅުމަށް ’ޖެނޮސައިޑް ކޮންވެންޝަން‘ ގައި ސޮއިކޮށްފައިވާ ގައުމުތަކަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް، ކޯޓުގެ އެ އިންޒާރަށް ފަހުވެސް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ މިންވަރު އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ތަހުގީގުން ހާމަވާ ގޮތުގައި އިސްރާއީލަށް އެންމެ ގިނައިން މި ސާމާނު ފޯރުކޮށްދީފައިވަނީ އެމެރިކާ، އިންޑިއާ، ރޫމޭނިއާ، ތައިވާން އަދި ޗެކް ރިޕަބްލިކުންނެވެ. މީގެ ތެރެއިން އެމެރިކާ އާއި އިންޑިއާ އެކަނިވެސް، ރެކޯޑުކުރެވިފައިވާ އަސްކަރީ އިމްޕޯޓުގެ ތިންބައިކުޅަ ދެބައި ހިއްސާކުރެއެވެ.

މީގެ އިތުރުން، ބައެއް ގައުމުތަކުން ހަނގުރާމަ ހުއްޓާލުމަށް ފާޅުގައި ތާއީދުކޮށް، ހަތިޔާރު ވިއްކުން ހަނިކުރާނެ ކަމަށް އިއުލާނުކުރުމަށް ފަހުވެސް، އަސްކަރީ ސާމާނު އިސްރާއީލަށް ފޮނުވުމުގެ ހުއްދަ ދެމުންދިޔަ ކަމަށް މި ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ. މި ގައުމުތަކުގެ ތެރޭގައި ސްޕެއިން، ކެނެޑާ، ފްރާންސް، އިޓަލީ، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތް ހިމެނޭ ކަމަށް ފާހަގަކޮށްފައިވެއެވެ.

އަލްޖަޒީރާއާ ވާހަކަދެއްކެވި ގާނޫނީ މާހިރުން އިންޒާރު ދެއްވި ގޮތުގައި، އައި.ސީ.ޖޭގެ ނިންމުމަށް ފަހުވެސް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ ސަރުކާރުތަކަކީ ބައިނަލްއަގުވާމީ ޖަރީމާތަކުގައި ބައިވެރިވާ ބައެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ. ބައިނަލްއަގުވާމީ ގާނޫނާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ގައުމުތަކުގެ މައްޗަށް އޮތް ޒިންމާއަކީ ހަމައެކަނި ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ދިނުމެއް ނޫނެވެ. އަދި ކިޔެއްތަ، ގަތުލުއާންމެއް ހިނގާފާނެ ކަމުގެ ސާފު ހެކިތަކެއް ހުރި ނަމަ، އެކަން ހުއްޓުވުމަކީވެސް އެ ގައުމުތަކުގެ މައްޗަށް ލާޒިމު ކަމެކެވެ.

މި ރިޕޯޓުން ހާމަވާ ގޮތުގައި، ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ހަނގުރާމައަށް ފަހު ޣައްޒާ އޮތީ ބިރުވެރި ހާލަތެއްގައެވެ. އޮކްޓޯބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމާ ހަމައަށް، 70،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 171،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އދ. ގެ ސެޓެލައިޓް ސެންޓަރުން އަންދާޒާކުރާ ގޮތުގައި، ޣައްޒާގެ އިމާރާތްތަކުގެ 80 އިންސައްތައަށްވުރެ ގިނަ ތަންތަން ވަނީ ސުންނާފަތިވެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އަލްޖަޒީރާގެ ތަހުގީގުން އިތުރަށް ފާހަގަވީ، ހަނގުރާމަ މެދުކަނޑާލާފައިވާ ވަގުތުތަކުގައިވެސް ހަތިޔާރުގެ ޝިޕްމަންޓްތައް އިސްރާއީލަށް ލިބެމުންދިޔަ ކަމެވެ. މީގެއިން ދޭހަވަނީ ހަނގުރާމަ މެދުކަނޑާލާ ވަގުތުތަކަކީ އަސްކަރީ ސާމާނު އަލުން ޖަމާކުރުމަށް ބޭނުންކުރާ ވަގުތުތަކެއްގެ ގޮތުގައި އޮތް ކަމެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، ދުނިޔޭގެ އެކި ގައުމުތަކުން ހަތިޔާރާއި ވަޒަނާއި އަސްކަރީ ސާމާނު ފޯރުކޮށްދިނުމުގައި އެހީތެރިނުވާ ނަމަ، އިސްރާއީލަށް މިހާ ވަރުގަދަޔަށް މި އުދުވާން ކުރިއަކަށް ނުގެންދެވުނީހެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް