އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށް ޕާކިސްތާނުގެ އިސްނެގުމާއެކު އެމެރިކާއާއެކު ކުރެވޭ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ދާދި އަވަހަށް އިއުލާން ކުރެވިދާނެކަމަށް އީރާނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރުމާގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ހެޔޮ ބަދަލެއް އަތުވެއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި 102 ޑޮލަރަށް ފީފާއެއްގެ އަގު އުފުލުމަށްފަހު އީރާނުގެ ހާމަކުރާ ގުޅިގެން 96 ޑޮލަރަށް ފީފާއެއްގެ އަގު ވަނީ ދަށްވެފައެވެ. ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާގުޅިގެން 14 މިލިއަން ފީފާ ތެޔޮ އަދިވެސް ދުނިޔޭގެ ބާޒާރަށް ނުނެރެވި ޕަރޝިއަން ގަލްފް ތެރޭގައި ތާށިކުރެވިފައި އެބަހުރިކަމަށްވެއެވެ. ޕާކިސްތާނުގެ އިސްނެގުމާއެކު ކުރެވެމުންދާ މަޝްވަރާތަކުގައި ހޮރްމުޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރުމުގެ މިނިވަން ލިބިދިނުމާއި ދާއިމީގޮތުން ހަނގުރާމަހުއްޓުމަށް އެއްބަސްވެވިފައިވާކަމަށް އީރާނުގެ ސެމީ އޮފިޝަލް ނިއުސް އޭޖެންސީ އިލްނާއިން ޓެލިގްރާމްގައި ވަނީ ޕޯސްޓް ކޮށްފައެވެ. ހަނގުރާމަ ހުއްޓުމާބެހޭގޮތުން ކުރިއެރުން ލިބެމުންދާކަމަށް މަޝްވަރާ ތަކުގައި މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވަމުންދާ ފަރާތް ތަކުންވެސް ގެންދަނީ ބުނަމުންނެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއާބެހޭގޮތުން ކަނޑައެޅިގެން ވަކި އެއްޗެކޭ ބުނުމަކާ ނުލައި ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި “ ދެންހުރި ކަންތައްތަކަށް މަޝްވަރާ ކުރަން ފެށޭނެ “ ކަމަށާއި އަދި މަޝްވަރާތައް ކާމިޔާބު ކުރުމަށްޓަކައި އެމެރިކާއާއި އީރާނުންވެސް ގަދައަޅާ މަސައްކަތް ކުރަމުންގެންދާ ކަމަށް އެނޫހުން ބުނެފައިވެއެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ކައިރިއަށް މުއްސަނދި ކޮށްފައިވާ ޔޫރޭނިއަމް އެގައުމުން ބޭރަށް ނުގެންދެވޭނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ލީޑަރ މުޖްތަބާ ޚާމަނާއި ވަނީ ވިދާޅުވެފައެވެ. މި ޚަބަރުތައް ލިބެމުންދާއިރު މިފަހަރު %100 ހިތްހަމަޖެހޭފަދަ ގޮތަކަށް މަޝްވަރާތައް ނުނިމެއްޖެނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާނެ ކަމަށާއި އަދި އެކަމާ ދޭތެރޭ އަލުން ނުވިސްނަވާނެކަން ދޭހަވާ މޭރުމަކުން ރައީސް ޓްރަމްޕް ގެންދަވަނީ އިންޒާރު ދެއްވަމުންނެވެ. ރައީސް ޓްރަމްޕްގެ އިންޒާރަށް ރައްދުދީ އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ބުނެފައިވަނީ އެމެރިކާއިން ހަނގުރާމަ އަލުން ފަށައިފިނަމަ މި ފަހަރުގެ ހަނގުރާމަ ވެގެންދާނީ މުޅި ސަރަހައްދަށް ފެތުރިގެންދާނެ ނުރައްކާތެރި ހަނގުރާމައަކަށް ވެގެންދާނެ ކަމަށެވެ. ދެކުނު ކޮރެއާގެ ސުޕަރޓޭންކްރްކާއި ޗައިނާގެ 2 ސުޕަރޓޭންކަރ ގަލްފުން ބަރުކޮށްގެން އީރާނުގެ މަގުދެއްކުމާއެކު މިދިޔަ ބުދަދުވަހު ވަނީ ރައްކާތެރިކަމާއެކު ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކޮށްފައެވެ. ރިޕޯރޓްތަކުން އެނގިފައިވާގޮތުގައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ މިންތައް އީރާނުންވަނީ ވަރުގަދަކޮށްފައެވެ. އަދި އެ ދަތުރުތައް ކުރެވެމުންދަނީ އީރާނުގެ މިލިޓްރީ އެއްބާރުލުމާއެކުގައެވެ. އަދި ކުރިއަށް އޮތް ތަނުގައި ހޮރްމުޒްގެ ހަރަކާތަތައް ކުރިއަށް ގެންދާނީ އޮމާނާއި އީރާނުން ގުޅިގެން ކަމަށް ފަރަންސޭސި ވިލާތަށް އީރާނުން ކަނޑައަޅުއްވާފައިވާ ސަފީރު މުހަންމަދު އަމީން ނަޖާދު މިދިޔަ ބުދަ ދުވަހު ބުލޫމްބާރގަށް ވިދާޅުވެފައިވެއެވެ. އަދި އެ ކަނޑުއޮޅި ހުރަސްކުރުމުގައި ޓޯލް ފީވެސް ދައްކަން ޖެހޭނެއެވެ.
![]()
