ހަންޓާވައިރަސް ފެތުރި، ބައެއް މީހުން މަރުވެފައިވާ ”އެމް.ވީ ހޮންޑިއަސް“ ކްރޫޒް މޮނިޓަރ ކުރަމުން ދަނިކޮށް، އެ އުޅަނދު ސްޕެއިންގެ ކެނޭރީ އައިލެންޑްސްއާ ގާތްކުރަމުން ދާތީ ބައިނަލްއަޤުވާމީ މައިދާނުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. ހަންޓާ ވައިރަހުގެ ވޭދަނަތައް މައިގަނޑު ގޮތެއްގައި މި ފަހަރު ފެނިފައި މިވަނީ އާޖެންޓީނާއިން ނައްޓާލައިގެން ދަތުރުކުރަމުން ދިޔަ ކްރޫސް ލައިނާއެއްކަމުގައިވާ ”އެމް.ވީ ހޮންޑިއަސް“ގެ ތެރެއިންނެވެ. އެގޮތުން މި ބަލީގައި މިފަހަރު އެންމެ ފުރަތަމަ މަރުވެފައިވަނީވެސް މި ކްރޫސްއިން ދަތުރުކުރި މީހެކެވެ.
އެހެންކަމުން މި ކްރޫސްލައިން ދެކެ ގިނަ ބައެއްގެ މެދުގައިވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. އަދި ގިނަބަޔަކު މިއީ ”މަރުގެ“ އުޅަދެއް ކަމަށް ސިފަކޮށް، އެންމެ ރަނގަޅުވާނީ އެ އުނޅަދު ކަނޑު ފެއްތުމުން ކަމުގައިވެސް ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި އެބަ ބުނަމުންދެއެވެ.ލަންދޭސީ (ޑަޗް) ދިދައިގެ ދަށުން ދަތުރުކުރާ މި އުޅަނދުގައި 140 އަށްވުރެ ގިނަ ފަސިންޖަރުންނާއި ފަޅުވެރިން ތިބިއިރު، އެތައް ހަފުތާއެއް ވަންދެން ކަނޑުމަތީގައި އުޅުމަށްފަހު، މިހާރު މި އުޅަނދު މިސްރާބު ޖަހާފައިވަނީ ޓެނެރީފްއަށެވެ. މި ދަތުރުގެ ތެރޭގައި އަށް މީހަކު ބަލިވެފައިވާއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ސިއްޙީ މާހިރުން ހާމަކުރި ގޮތުގައި، ބަލި ފެތުރޭކަން ކަށަވަރުވުމުގެ ކުރިން ބައެއް ފަސިންޖަރުން ވަނީ އުޅަނދުން ފައިބައިފައެވެ. މިކަމާ ގުޅިގެން، ބަލިޖެހިފައިވާ މީހުންނާ ބައްދަލުވި މީހުން ދެނެގަތުމުގެ ބޮޑު މަސައްކަތެއް ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ވަނީ ފަށާފައެވެ.އުޅަނދު ބަނދަރުކުރުމުގެ ކުރިން، ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އިޢުލާނުކޮށްފައެވެ. އެގޮތުން، ފަސިންޖަރުން ބަނދަރުން ބޭލުމަށްފަހު، ވަކިން ޚާއްޞަ ކުރެވިފައިވާ ”އެކަހެރި“ ސަރަޙައްދަކަށް ގެންދެވޭނެއެވެ. އަދި އެމީހުން އެނބުރި ޤައުމަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ފްލައިޓްތަކާ ހަމައަށް ގެންދާނީ ސަލާމަތީ ގޮތުން ވަރުގަދަ ކުރެވިފައިވާ ޚާއްޞަ އުޅަނދުތަކެއްގައެވެ.މި ބަލިމަޑުކަމުގެ އަޞްލަކީ ހަންޓާވައިރަސްގެ ނާދިރު ބާވަތެއް ކަމަށްވާ ”އެންޑީސް ސްޓްރެއިން“ ކަމަށް ބެލެވެއެވެ. އާންމުކޮށް ހަންޓާވައިރަސް ފެތުރެނީ މީދާ ފަދަ ތަކެތީގެ ނަޖިހުގެ ޒަރީޢާއިން ކަމަށްވިޔަސް، މި ބާވަތަކީ އިންސާނުންގެ މެދުގައި ފެތުރުމުގެ ފުރުޞަތު އޮތް ބާވަތެއް ކަމުން ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.އިންޓަނެޓުގައި މިކަމާ ގުޅޭ ބިރުވެރި ވާހަކަތައް ދެކެވުނު ނަމަވެސް، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (WHO) އިން ބުނެފައިވަނީ މިއީ ކޮވިޑް-19 ފަދަ މުޅި ދުނިޔެއަށް ނުރައްކާވާނެ ފަދަ ޙާލަތެއް ނޫން ކަމަށެވެ. އެ ޖަމްޢިއްޔާގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމެޔާ ވިދާޅުވި ގޮތުގައި، މި ވައިރަހަކީ އެހާ ފަސޭހައިން އިންސާނުންގެ މެދުގައި ފެތުރޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް، ބަލި ފެތުރޭކަން އެނގުމުގެ ކުރިން އުޅަނދުން ފޭބި މީހުން މޮނިޓަރ ކުރުމުގެ މަސައްކަތް ހަތަރު ބައްރެއްގައި މިހާރުވެސް ދަނީ ކުރިއަށެވެ.ޓެނެރީފްގެ ރައްޔިތުންގެ މެދުގައި މިކަމުގެ ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ބައެއް ޖަމާޢަތްތަކުން ދަނީ އެ އުޅަނދު ސްޕެއިންއަށް ވަނުމަށް ހުއްދަ ނުދިނުމަށް ގޮވާލަމުންނެވެ. އެމީހުން ބުނާ ގޮތުގައި ކުރީގެ ސިއްޙީ ކާރިސާތަކުން ލިބުނު ފިލާވަޅުތަކުގެ ބޭނުން ހިފަންޖެހެއެވެ.އުޅަނދުގައި ތިބި ފަސިންޖަރުން ބުނާ ގޮތުގައި، އެނބުރި އެއްގަމަށް ދާއިރު އާންމުންގެ ފަރާތުން ކުރިމަތިވެދާނެ ނުރުހުމަކަށް އެމީހުން ބިރުގަނެއެވެ. ބައެއް ފަސިންޖަރުން އެމީހުންގެ ޙާލަތު ސިފަކުރީ ބޮޑު ތޫފާނެއްގެ މެދަށް ދެވޭ ފަދަ އިޙްސާސެއް ކުރެވޭ ކަމަށެވެ.ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި އާންމުންނަށް އޮތް ނުރައްކާ ކުޑައެވެ. ނަމަވެސް، މުޅި ދުނިޔޭގެ ސަމާލުކަން މި އުޅަނދަށް ހުއްޓިފައިވާއިރު، މިއީ ކްރޫޒް ޝިޕެއް ފަދަ ބަންދު މާޙައުލެއްގައި ނުރައްކާތެރި ބައްޔެއް ފެނުމުން ބިރުވެރިކަން ފެތުރިގެންދާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
![]()
