ޕަރޝިއަން ގަލްފާއި ހޮރްމުޒް ކަނޑުއޮޅި އޮންނާނީ އީރާނުގެ ބާރުގެ ދަށުގައި. އީރާން ނޭވީއެމެރިކާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ކުރީގެ ރައީސް ކްލިންޓަން މިދިޔަ ހަފްތާގައި ވިދާޅުވެފައިވެއެވެ.
ކޮންމެ ހަފުތާއެއްގެ ތެރޭގައި އެމެރިކާގެ ރައްޔިތުންނަށްއެނގެންޖެހޭ އެކަމަކު އެނގުމެއް ނުވާ ބޮޑެތި އެތައް ކަމެއް ސަރުކާރުގެތެރޭގައި ހިނގަމުންދެއެވެ. އޭގެތެރޭން ބައެއްކަންތައް ރައްޔިތުންނަށް ސިއްރުކޮށް ފޮރުވުމަށް ދެއްކޭނެ ބަހަނާއެއްވެސް ނޯންނާނެއެވެ. މިއަދު އެމެރިކާގެ ރައްޔިތުންނަށް އަހަރެން ކިޔާދޭން ޖެހިފައިމިވަނީ ފާއިތުވެގެން ދިޔަ 24 ގަޑިއިރުތެރޭގައި ހިނގާދިޔަ ބޮޑެތި ވާހަކަތެކެކެވެ. ރައްޔިތުންނަށް އެނގުމެއް ނުވެއެވެ. އެއީ މިހާރު އީރާނާ ދެކޮޅަށް އެމެރިކާއިންކުރަމުންގެންދާ ހަނގުރާމައިގެ އެންމެ ފަހުގެ ވާހަކަތަކުން ތިން ހަތަރު ހާދިސާއެކެވެ.
މި ވާހަކަތަކަށް ސަމާލުކަން ދިނުން ރައްޔިތުންގެ ކިބައިން އެދިވަޑައި ގަންނަވަމެވެ. މި ތިން ހަތަރު ހާދިސާއަކަށް އެއްފަހަރާ ބަލައިލައިފިނަމަ ފެންނާނީ އެންމެ މަންޒަރެކޭ ވެސް ބުނެވިދާނެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގާ މިއަށްވުރެން ފާހަގަކުރެވޭ ކަމެއް އަހަރެންނަށް ފެނިފައެއް ނެތެވެ. އެންމެ ފުރަތަމަ ޗައިނާއިން ފަށާނަމެވެ. އަހަރެންގެ ހިތުގައި ބާއްވަން އެންމެ އުނދަގޫ ވެގެން މިއުޅެނީ އެ ވާހަކައެވެ. އެވާހަކަތައް އަހަރެން ކިޔާދިނުމަށްފަހު ކަލޭމެންގެ ތެރެއިން ހަމައެކަކަށްވެސް އެކަމާދޭތެރޭ ނުވިސްނާ ނުހުރެވޭނެކަން އެނގެއެވެ. ޗައިނާއިން އީރާނަށް ދަތުރުކުރި އާގުބޯޓެއް މިދިޔަ ހޯމަ ދުވަހު އެމެރިކާ ސިފައިން ހިފޭއްޓިއެވެ. އެ ބޯޓު ދަތުރުކުރަން ބޭނުންވީ އެމެރިކާއިން ހޮރްމުޒް ކަނޑުއޮޅި ބަނދުކޮށްފާ އޮތް އޮތުން ފޫއަޅުވާލާފައި އީރާނުގެ ބަނދަރަކަށް ދިއުމަށެވެ. އެމެރިކާ ސިފައިން އެ ބޯޓަށް އަރައި އޭގައިހުރި މުދަލުގެ ބާވަތްތައް ދެނެގަތެވެ. އެއަށްފަހު ބުރާސްފަތި ދުވަހު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ ބޯޓުން ފެނުނު މުދަލުގެ ބާވަތްތަކަކީ ވަރަށް ބޮޑު ސިއްރެއް ކަމަށެވެ. ރައީސް ޓްރަމްޕްގެ ބަސްފުޅުން ހާމަކުރާނަމަ ވިދާޅުވެފައިވަނީ “ ތެދެކެވެ، އެ ބޯޓުގައި ހުރި މުދަލުގެ ބާވަތްތަކީ ޓޮޕް ސީކްރެޓް އެކެވެ ”. އެމެރިކާ ކަނޑުގެ ސިފައިން ބަންދުކޮށްފައިވާ ކަނޑުއޮޅިއަކުން ޗައިނާގެ ބޯޓެއް ޓްޕް ސީކްރެޓް މުދަލަކާއެކު ދަތުރު ކުރުމާ ދޭތެރޭ ހަމަކޮންމެ މީހަކު ވިސްނާލަން ޖެހޭނެއެވެ. އެމެރިކާ ސިފައިން އެ ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އެމެރިކާގެ ރައްޔިތުން އެންމެ ގެލަނެއްގެ ގޭސް ގަތުމަށް 4 ޑޮލަރަށްވުރެން ގިނައިން މިވަނީ ހޭދަކުރަން ޖެހިފައެވެ. ހޮރްމުޒް ކަނޑުއޮޅީގައި އަޅާފައިހުރި މައިންތައް ސާފުކުރަން ހަނގުރާމަ ހުއްޓާލުމަށްފަހުވެސް ހައެއްކަ މަސްދުވަސް ނަގާނެއެވެ. އެއީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ މުދާ އެ ކަނޑުއޮޅިން ބޭރުވިޔަ ނުދީ ހުއްޓުވުމަށް ބޭނުންކުރާ ބަރު ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބައެކޭވެސް ބުނެވިދާނެއެވެ. އެކަމަކު އެމެރިކާގެ ކަނޑު ސިފައިން ބަންދު ކޮށްގެން އުޅޭ އެ ކަނޑުއޮޅިން އެމެރިކާގެ އެންމެ ވާދަވެރި ބައިވެރިޔާ އަދި އީރާނުން އެކްސްޕޯރޓްކުރާ ތެލުގެ 90% ބޭނުންކުރާ ޗައިނާގެ އުޅަނދެއް އެ ކަނޑުއޮޅި ހުރަސްކޮށް އެމެރިކާގެ ރައީސްގެ ބަސްފުޅުންނަމަ “ ޓޮޕް ސީކްރެޓް “ މުދަލަކާއެކު ދަތުރު ކުރުމުން އެންމެ ކުޑަމިނު އެ މުދަލުގެ ބާވަތް އެމެރިކާގެ ރައްޔިތުންނަށް ހާމަކޮށްދޭންވެސް ބޭނުމެއް ނުވިއެވެ. ޗައިނާގެ ހަރަކާތާ ދޭތެރޭ ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާތޯ ރިޕޯރޓަރަކު ރައީސް ޓްރަމްޕް އަށް ސުވާލު ދެންނެވުމުން ދެއްވި ޖަވާބަކީ “ ނޫނެކޭ، އަހަރެމެންވެސް އެހެން ގައުމުތަކާދޭތެރޭ ކަންތައް ކުރަމުންގެންދަނީ ހަމަ އެގޮތަށް ކަމަށާއި ހިތްހަމަނުޖެހުމެއްވެސް ނެތް ކަމަށާއި އަދި ޗައިނާއިން އެގޮތަށް ކަންތައް ކުރީ ކީއްވެގެންތޯ އަހަންވެސް ބޭނުން ނުވާ “ ކަމަށެވެ. އަދި ޑިޕްލޯމެޓިކް ދެކޮޅުވެރިކަމެއް ފާޅުކޮށް އެ ގައުމުގެ ސަފީރު އެމެރިކާގެ ޚާރިޖިއްޔާއަށް ހާޒިރު ކުރަންވެސް ބޭނުން ނުވާކަމަށް ވިދާޅުވިއެވެ. ރައީސް ޓްރަމްޕްގެ މިޖަވާބާ ދޭތެރޭ އެމެރިކާގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. އެމެރިކާ ރައްޔިތުންގެ ފައިސާއިން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ބަންދުކޮށްގެން އުޅޭ ކަނޑުއޮޅިއަކުން އަދި އެ ކަމުގެ ސަބަބުން އަހަރެމެންގެ އެންމެ އެކުވެރި ޔޫރަޕްގެ ގައުމުތައް ހަކަތައަށް ޖެހި އެމެރިކާގެ ފިޔަވަޅަށް ނުރުހުން ފާޅުކޮށް އާންމު ދަތުރުތަކަށްޓަކައި ސިޔާސީ މަޝްވަރާތަކުން އެ ކަނޑުއޮޅި ހުޅުވޭނެ މަގެއް ހޯދަން މަސައްކަތް ކުރަމުންދާއިރު އީރާނުގެ އެންމެ އެކުވެރި ގައުމުގެ ޗައިނާގެ މައްޗަށް އެމެރިކާގެ ބާރެއް ނުހިނގައެވެ. އަހަރެން ދަނަން ބަހުރުވައިގާ އެމެރިކާއިން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުން ޗައިނާގެ މައްޗަށް ނުހިންގޭނަމަ އެއީ ފިލްމުކުޅެނީއެވެ. އޭގެ އަގަކަށް އެމެރިކާގެ ރައްޔިތުން މި ޖެހެނީ ކޮންމެ ގޭސް ގެލަނަކަށް 4.9 ޑޮލަރު ހޭދަކުރާށެވެ. ޗައިނާއަށް އެކަނި އެ މަގު ހުޅުވިފައި އޮންނަންޖެހޭ ސަބަބަކީ ކޮބާހެއްޔެވެ ؟ ޖަވާބު ހޯދަން ވަރަށް ފަސޭހައެވެ. ޗައިނާއިން އެމެރިކާގެ 760 ބިލިއަން ޑޮލަރުގެ ޓްރެޝަރީ ބޯންޑް ވަނީ ގަނެފައެވެ. ޗައިނާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ބިޔަ އިކޮނޮމީއެވެ. އެއީ އެމެރިކާ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. އެއީ ދުނިޔޭގެ އެންމެ ބިޔަ މިލިޓްރީ ލަޝްކަރެވެ. އެ ގައުމަށް ނިއުކްލިއަރ ހަތިޔާރު ވަނީ ލިބިފައެވެ. އެމެރިކާއިން ޔޫރަޕްގެ ގައުމުތަކާއި އަދި ނުވިތާކަށް ނަސޯރާދީނުގެ އެންމެ އިސްފާދިރީ އާއި އަދި ދުނިޔޭގެ ފުޓްބޯޅައިގެ އިދާރާއާ އެކު ދެކޮޅުވެރިކަން ފާޅުކުރަމުންގެންދާއިރު ހޮރްމުޒް ކަނޑުއޮޅި ބަނދުކޮށްގެން އުޅުމަކީ ކުރަންޖެހޭ ކަމެއް ކަމުގައި އަހަރެން ނުދެކެމެވެ. ޗައިނާއަކީ އާދައިގެ ބައިވެރިއެއް ނޫނެވެ. އެއީ އަހަރެން 8 އަހަރުވަންދެން ކޮށްފައިވާ ތަޖުރިބާއެކެވެ. އެކަމަކު ހޮރްމުޒް ކަނޑުއޮޅި ބަންދު ކޮށްގެން އުޅުމުގެ އަގު އެމެރިކާ ރައްޔިތުންގެ ޖީބުން އަދާ ކުރަންޖެހިފައިވާއިރު އެ ކަނޑުއޮޅި ބަންދުކުރެވިފައިވާ އެންމެ މުހިންމު ގައުމުން އެއްވެސް ހިފޭއްޓުމެއްނެތި ދަތުރު ކުރެވެމުންދާނަމަ އެއީ ބޭކާރު ބަންދުކުރުމެކެވެ. އަދި އެއީ ފިލްމު ކުޅުމެކެވެ. އެމެރިކާ
ގެ ކަނޑުސިފައިން ހިފޭއްޓި ބޯޓާބެހޭގޮތުންވެސް ވާހަކަދައްކަން ބޭނުމެވެ. އެ ބޯޓުގެ ނަމަކީ ޓުސްކާއެވެ. 900 ފޫޓުގެ ދިގު ބޯޓެކެވެ. އެމެރިކާ ނޭވީން އެ ބޯޓަށް ހަމަލާދިނީ 5 އިންޗީގެ ބަޑިން އެ ބޯޓުގެ އިންޖީނު ރޫމަށް ހަމަލާދިނީއެވެ. އެއަށްފަހު ބޯޓުގެ ފަޅުވެރިން ހެލިކޮޕްޓަރުގައި މެއިން ޑެކަށް ނެރުނެވެ. އެ ބޯޓު މިހާރު އޮތީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައެވެ. އީރާނުގެ ރެޑް ކްރެސެންޓުން ބުނެފައިވަނީ އެ ބޯޓުން ގެންނަނީ ޑައަލަސިސް ފަރުވާދޭން ޖެހޭ މީހުންގެ ބޭސްކަމަށެވެ. އެހެން ކަމަށްވާނަމަ އެމެރިކާ ކަނޑު ސިފައިންނަށް އެ ބޭސްތައް ހިފޭއްޓިގެން ނުވާނެއެވެ. އެކަމަކު އެމެރިކާ ސަރުކާރުން އެ ބޯޓުގައިހުރި މަދަލަކާބެހޭ އެއްވެސް ތަފްސީލެއް ދީފައި ނުވެއެވެ. އީރާން ރެޑް ކްރެސެންޓުން ވަގުތުގެ ފައިދާ ނަގައި ދުނިޔޭގެ ހަމްދަރުދީ ހޯދަން މަސައްކަތްކުރާނެ ކަމަށްވެސް ބަލަން ޖެހެއެވެ. ފާއިތުވެގެން މިދާ 70 ވަރަކަށް އަހަރު އެމެރިކާއިން ވަކާލާތުކުރާ އިންސާނީ ކަރާމަތާ ބެހޭ ގާނޫނުތަކުގެ ދަށުން ބަލިމީހުންގެ ފަރުވާއަށް ބޭނުންކުރާ ބޭސް ހިފޭއްޓޭނެ އެއްވެސްހާލަތެއް އޮވެގެން ނުވާނެއެވެ. 4 ވަނަ ޖެނީވާ ކޮންވެންޝަނުންވެސް އެކަން ވަނީ މަނާކޮށްފައެވެ. މެޑިކަލް ސަޕްލައި ހިފައިގެން ދަތުރުކުރި ބޯޓެއް ރަނގަޅަށް ބަލާ ޗެކްކުރުމަށްފަހުގައި ނޫންގޮތަކަށް ބަޑިޖަހައި އެ ބޯޓު ހިފޭއްޓުމަކީ އެމެރިކާ ސަރުކާރުން ޖަވާބުދާރީ ވާންޖެހޭނެ މައްސަލައެކެވެ. އެކަމަކު މިހާތަނަށް ޕެންޓަގަން އާއި ޚާރިޖިއްޔާ އަދި ކޮންގްރެސް އިންވެސް ވާހަކަދައްކާފައެއް ނުވެއެވެ. ދެން މިބަލާލަނީ މިއަދުގެ ހާދިސާއަށެވެ. އެމެރިކާއާއެކު އެއްވެސް މަޝްވަރާއަކަށް ދިއުމަށް ރޭވިފައިނުވާކަމަށް އީރާނުގެ ޚާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އިތުރު މަޝްވަރާތައް މުހިންމުކަމަށް މީގެ ކުރިން އެ އިދާރާއިން ބުނެފައި ވެއެވެ. އީރާނުން ހުށައެޅުމެއް ހުށައަޅައި ނައިބު ރައީސް ޕާކިސްތާނަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފައިކަމަށާއި އީރާނުގެ ހުށައެޅުމުގައި އޮތް އެއްޗެއް އެނގިވަޑައި ނުގަންނަވާކަމަށް ރޮއިޓާރސްއަށް ރައީސްޓްރަމްޕް ވިދާޅުވި ކަމަށްވެއެވެ. އެއަށްފަހު ހަނގުރާމަ ހުއްޓާލުމާބެހޭ ޓައިމް ލައިނަކާ ދޭތެރޭ ސުވާލު ކުރުމުން ޖަވާބު ދެއްވާފައިވަނީ އަވަސް އަރުވާލައިގެން ނޫޅުމަށެވެ. ހަތަރު ފަސް ހަފުތާގެ ތެރޭގައި ހަނގުރާމަހުއްޓާލެވޭނެކަމަށް ވިދާޅުވި އަނގަފުޅުން މިހާރު އެ ވިދާޅުވަނީ އަވަސް އަރުމާލައިގެން ނޫޅުމަށެވެ. ރައީސް ޓްރަމްޕް ވިދާޅުވަނީ އީރާނުގައި ހުރި ޔޫރޭނިއަމް އެމެރިކާއާ ހަވާލުކުރަން އެއްބަސް ވެފައިވާ ކަމަށެވެ. އީރާނުން އެކަން ދޮގުކުރެއެވެ. ރައީސް ޓްރަމްޕް ވިދާޅުވަނީ ހަތަރު ފަސް ހަފުތާގެ ތެރޭގައި ހަނގުރާމަ ހުއްޓާލެވޭނެ ކަމަށެވެ. އީރާނުން ބުނަމުންގެންދަނީ މަޝްވަރާކުރުމުގެ ރޭވުމެއް އަދި ނެތްކަމަށެވެ. މިހާރު ރައީސް ވިދާޅުވަނީ އަވަސްއަރުވާލައިގެން ނޫޅުމަށެވެ. ސިޔާސީ ގޮތުން ކުރެވޭ މަޝްވަރާތަކަކީ ފަސޭހަ ކަމެއް ނޫންކަން އަހަރެންނަށް ވަނީ އެތައްފަހަރަކު ތަޖްރިބާ ކުރެވިފައެވެ. ބައެއްފަހަރު ބޭރުން ފެންނަ މަންޒަރު ހަގީގަތާ އެއްގޮތް ނުވާފަހަރުވެސް ކުރިމަތި ވަމުން ދެއެވެ. ފާއިތުވެގެން މިދާ 50 އަހަރު ސިޔާސީ ދާއިރާއިން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ހުއްދަ ހޯދުމަކާ ނުލައި ހަނގުރާމައެއް ފަށައި ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލި ކަމަށް އިއުލާން ކުރުމަށްފަހު އެއީ ދޮގެއްކަމަށް ވިދާޅުވެ އެއަށްފަހު މިހާރު އަވަސްއަރުވާލައިގެން ނޫޅުމަށް ވިދާޅުވުމުން އެނގި ހާމަވެގެންދަނީ އެއީ ސްޓްރާޓިޖިކް ރޭވުމެއް ނޫންކަމެވެ. އަދި އެއިން އެނގިގެންދަނީ އެ ވިދާޅުވާ ސްޓްރާޓެޖީއެއް ފޭލިވަމުންދާކަމެވެ. އަދި އެ ސްޓްރާޓެޖީ ތަންފީޒު ކުރަން އުޅޭ މީހާ އެ ހާލަތުން ނިކުމެ ގަނެވޭނެ މަގެއް ހޯދަން މަރުފަލި ޖަހަނީކަމެވެ. މިހާހިސާބުން އެމެރިކާގެ ތާރީޚުގެ ތެރެއަށް ޖެހިލާނަމެވެ. 1962 ވަނަ ރައީސް ކެނެޑީއަށް ކިއުބާގެ މިސައިލްތަކުގެ މައްސަލައާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ސޯވިއެޓްގެ މިސައިލްތައް ކިއުބާގައި ހުރިކަން އެނގިވަޑައިގެންނެވިއެވެ. އެމެރިކާ ޔޫ-2 ޖާސޫސީ މަތިންދާ ބޯޓުތަކުން އޭގެ ފޮޓޯތައް ނެގިއެވެ. ކެނެޑީއަށް ލިބިވަޑައިގެންފައިއޮތީ ރަޝިޔާއާ ދެކޮޅަށް ނިކުމެ ވަޑައިގަތުމަށް ހަމައެކަނި 13 ދުވަހެވެ. ކެނެޑީ އެޅުއްވި ފިޔަވަޅަކީ ކިއުބާއަށް ނޭވަލް ބްލޮކޭޑެއް ކުރިމަތި ކުރުމެވެ. އެ ބްލޮކޭޑަށް އެމަނިކުފާނު ދެއްވި ނަމަކީ ކަރަންޓީން ކުރުމެވެ. ބައިނަލް އަގްވާމީ ގާނޫނުގައި ބޮލްކޭޑް އަކީ ހަނގުރާމައިގެ އަމަލެއް ކަމަށް މާނަކޮށްފައިވާތީ ރައީސް ކެނެޑީ އެ ބަސްމަގު ބޭނުން ނުކުރެއްވީއެވެ. އޭގެ ސަބަބުން ސޯވިއެޓް ލީޑަރ ކުރުސްޗޯފްއަށް އެމެރިކާއާއެކު ސިޔާސީގޮތުން މަޝްވަރާކުރުމަށް ފުރުސަތު ހުޅުވިގެން ދިޔައެވެ. ދެކެވުނު ހުރިހާ ވާހަކަތަކެއް ކުރިއަށް ގެންދެވުނީ ޑިޕްލޯމެޓިކް ގިއުގަނޑުގެ ތެރޭގައެވެ. ކިއުބާގައިހުރި މިސައިލްތައް އަނބުރާ ގެންދަން ކުރުސްޗޯފް އެއްބަސްވެ ވަޑައިގެންނެވިކަމަށް ކެނެޑީ ވިދާޅުވީ ހުރިހާ މަޝްވަރާތަކެއް ނިމުމަށްފަހުގައެވެ. ކޮންމެ ދުވަހަކު ވާހަކަފުޅެއް ހާމަ ނުކުރައްވައެވެ. ސޯވިއެޓް އޮފިޝަލުންގެ އިންކާރުކުރެއްވުން ހާމަކުރައްވާނެ ފުރުސަތެއް ނުދެއްވައެވެ. މަޝްވަރާތައް ކުރިއަށް ގެންދެވީ ތަޖްރިބާކާރު ސިޔާސީ ލީޑަރުންގެ ހުނަރުތައް ބޭނުންފުޅު ކުރައްވައިގެންނެވެ. ރައީސް ޓްރަމްޕް ކަންތައް ކުރައްވާގޮތަށް ވިދާޅުވަން ބޭނުންފުޅު ކޮންމެ ވާހަކައެއް އެމަނިކުފާނުގެ ސޯޝަލް ޕްލެޓްފޯމުގައި ހާމަކުރައްވަމުން ގެންދަވާ އުސޫލަކުން ނޫނެވެ. އެމެރިކާގެ ތާރީޚުގައި ދިމާވި އެންމެ ނުރައްކާތެރި 13 ދުވަސް ކެނެޑީ ނިންމަވާލެއްވީ ފުރިހަމަ މާނާއިގާ ސިޔާސީ ވިސްނުންފުޅުގައެވެ. އެމެރިކާގެ ރައްޔިތުން ގައުމުގެ ރައީސަށް އޮތް އިތުބާރެއްގައި އެ ނުރައްކާތެރި 13 ދުވަސް ވާނުވާ ނޭންގޭ ގޮތެއް ގައި ތިބޭކަށް ނުޖެހުނެވެ. ރައީސް ޓްރަމްޕް ކަންތައް ކުރައްވަނީ ދިމާ އިދިކޮޅަށެވެ. މަޝްވަރާތަކުގައި ގެންގުޅުއްވާ އުސޫލެއްގެ ސަބަބުން އެ މަޝްވަރާތައ ފެށުމުގެ ކުރިން އީރާނުން އެއްބަސްވުމަކަށް ގެނެވިދާނެ މަގުތައް ގެންދަނީ އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާގެ ވަސީލަތުން ބަންދު ކުރަމުންނެވެ. ރައީސް ޓްރަމްޕް ގެ ސޯޝަލް މީޑިއާ ބަޔާންތަކަށް އީރާނުން ދޮގެކޭ ބުނަން ޖައްސަމުންނެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާއިން ފެންނަ ބަޔާންތަކަކީ އެމެރިކާގެ މަގްބޫލުކަން ދުނިޔޭގެ ކުރިމަތީގައި ވެއްޓެމުންދާ ހަގީގަތެވެ. އަދިވެސް އެމެރިކާ ސަރުކާރުގެ ތެރޭގައި ހިނގަމުންދާ އެހެން ކަމަކަށް އަލިއަޅުވާލަން ބޭނުންވެއެވެ. އެމެރިކާގެ އެޑްމިނިސްޓްރޭޝަނުން ގައި ތިބި މީހުންގެ ފެންވަރު އެނގެންޖެހޭތީއެވެ. އެމެރިކާ ސަރުކާރުގެ ޚާއްސަ މަންދޫބެއް ކުރިއަށް އޮތް ވޯލްޑްކަޕް މުބާރާތުން އީރާން އެއްފަރާތް ކުރުމަށްފަހު މިފަހަރުގެ މުބާރާތަށް ކޮލިފައި ނުވި އިޓަލީ ބައިވެރިކުރަން ދުނިޔޭ ފުޓްބޯޅަ އެސޯޝިއޭޝަންގައި ވަކާލާތު ކޮށްފިއެވެ. އެއީ އިޓަލީގެ ބޮޑުވަޒީރު ޖޯރޖިއާ މެލޯނިއާ އާ އެކު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމުގެ ބޭނުމުގައެވެ. އެއީ ރައީސް ޓްރަމްޕް އާއި އަދި ފީފާގެ ރައީސްގެ ވިސްނުމެއްކަން ސީ އެން އެން އިން ބުނެފައިވެއެވެ. އެއީ ބައިނަލް އަގްވާމީ ކުޅިވަރުގެ ވެށީގައި އެމެރިކާގެ އަގު ކިހާވަރަކަށް ވެއްޓިގެންދާނެ އަމަލެއްކަން ކުރިން ވިސްނުން ފުޅަށް އައިސްފައި ނެތް ކަމަށްވިޔަސް އީރާނުގެ ކުޅުންތެރިންނަށް ގޯނާކުރަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ ރައީސް ޓްރަމްޕްގެ އެ ވިސްނުންފުޅު ފަހުން ދޫކޮށްލެއްވުމަކީ އަހަރެންވެސް އުފާކުރާ ނިންމެވުމެކެވެ. މިވާހަކަތައް މި ހާމަކޮށްލީ އެއްވެސް ބޭފުޅަކު ބަދުނާމް ކުރުމުގެ ބޭނުމުގައެއް ނޫނެވެ. އެކަމަކު އެމެރިކާގެ ރިޔާސަތުގައި މިހާރު ކަންތައް ހިނގަމުންދާ ދޯދިޔާކަން ރައްޔިތުންނަށް ބުނެދިނުމަށްޓަކައެވެ. ހޮރްމުޒް ކަނޑުއޮޅި އޮތީ ބައިނަލް އަގްވާމީ ދަތުރުތަކަށް ބަންދު ކޮށްފައެވެ. އެކަމަކު ޗައިނާއަށް އެ ބަންދުކުރުން ހިންގޭކަމަކަށް ނުވެއެވެ. މެޑިކަލް ސަޕްލައި ހިފައިގެން ދަތުރު ކުރިކަމަށްބުނާ ބޯޓެއް އެވަނީ އެމެރިކާގެ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ބޯޓުގައި ހުރީ ޓްޕް ސީކްރެޓް މުދަލެކެވެ. އެއި ކޮން އެއްޗެއްކަން ހާމަކުރެވޭކަން ނެތެވެ. ނަސޯރާދީނުގެ އެންމެ އިސް ފާދިރީއާ ޖެހުނު މައްސަލަ ހައްލުކުރަން ދުނިޔޭގެ މުބާރާތުން މިފަހަރު ކަޓާފައިވާ އިޓްލީ އަނބުރާ ގެންނަން ގޮވާލަމުން ގެންދިއުމަކީ ކުޅިވަރުގެ ދާއިރާއަށް ފާޑުކިއުމެއް ނޫނެވެ. އަދި ހަމަ މި ވަގުތު ގަލްފުގެ ސަރަހައްދުގައި އެމެރިކާގެ ބައިލައްކަ ކަނޑުސިފައިން އެތިބީ އަނބުރާ ގެނެވޭނެ ގޮތެއް ނެތިފައެވެ. ހަނގުރާމައިގެ ހާލަތާބެހޭގޮތުން އަހަރެންގެ ވަރަށް އިޚްލާސްތެރި ރައުޔަކީ އީރާނުން މިހާތަނަށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކެއް ނުގެންގުޅޭއިރު ރައީސް ޓްރަމްޕް ވިދާވަމުންގެންދަވަނީ އީރާނުން ހަނގުރާމަ ހުއްޓާލެވޭގޮތެއް ބަލަމުން ގެންދާ ކަމަށެވެ. ޓްރަމްޕް ވިދާޅުވަނީ އީރާނުން މަޝަވަރާއަށް ހުށައެޅުމެއް ތައްޔާރުކުރަމުން ގެންދާ ކަމަށާއި އެކަމަކު އޭގައި އޮތް އެއްޗެއް ނޭންގޭ ކަމަށެވެ. ދާއިމީ ހައްލަކަށް މަގު ހޯދަން ޕާކިސްތާނުން މަސައްކަތްކުރަމުން ގެންދާއިރު ޗައިނާ ނޫން އެހެން ގައުމުތަކަށް ހޮރްމުޒް ކަނޑުއޮޅި އޮތީ ބަންދުވެފައެވެ. އެމެރިކާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އެންމެ ގާތް 30 ގައުމުން ގެންދަނީ ހޮރްމުޒް ކަނޑުއޮޅި ހުޅުވިދާނެ މަގެއް ހޯދަން މަސައްކަތްކުރަމުންނެވެ. މި ހުރިހާކަމެއް ހިނަގަމުންދާއިރު ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ “ ޑޯންޓް ރަޝްމީ “ އެވެ. އަހަރެންނަށް ހީވާގޮތުގައި ވެގެން އުޅެނީ މުޅިން އެހެން ގޮތެކެވެ. މިއީ އެތެރޭގެ މައުލޫމާތެއް ނޫނެވެ. އަހަރެންގެ އަމިއްލަ ވިސްނުމެވެ. ރައީސް ޓްރަމްޕް އެ ވިދާޅުވާ އެއްވެސް ކަމަކަށް އީރުން އެއްބަސްވުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އީރާނުން ކޮށްފާނެ ކޮންމެ އިންކާރެއްގެ ސަބަބުން ކުރިއަށް އޮތް މަޝްވަރާތަކަށް ހުރަސް އެޅޭނެއެވެ. އެމެރިކާއިން އެއްފަހަރު ދުނިޔެއަށް ހާމަކޮށްފި ވާހަކައެއް އަނބުރާ ނުގެނެވޭނެއެވެ. ދިހަ އަހަރުވާންދެން އީރާނުގައި މުއްސަނދިކޮށްފައިހުރި ޔުރޭނިއަމް ހުރިކަމަށް އެމެރިކާއިން ބުނަމުން ގެންދާއިރު ކުއްލިއަކަށް ރައީސް އޮބާމާގެ އިސްތަށިފުޅަށް ހުރިހާކަމެއް ކަނޑާލުމަކީ ޓްރަމްޕް އަށް ކުރިވިދާނެ ކަމެއް ނޫނެވެ. ރައީސް ޓްރަމްޕް އަށް ބޮޑު ލަދެއްގައި ނުބެދި މިހާރު ބުނެވެން އޮތީ ހަމައެކަނީ “ އަހަރެން މި އުޅެނީ ރައީސް އޮބާމާއަށް ވުރެން މާ ރަނަގަޅު އެއްބަސްވުމެއް އީރާނާއެކު އެކުލަވާލުމަށެވެ. “ މިހެންނެވެ. މަޝްވަރާ ކުރުމަކީ ވަކިމީހަކު ދެކޭގޮތް ބާރުގެބޭނުންކޮށްގެން ވިޔަސް ތަންފީޒު ކުރުވުމެއް ނޫނެވެ. މަޝްވަރާކުރުމުގައި ދެފަރާތުގެ ހުށައެޅުންތައްވެސް މުތާލިއާ ކުރަންޖެހޭނެއެވެ. ދޫދޭން ޖެހޭނެއެވެ. އެއްބަސްވުމަކަށް އާދެވޭނީ އެ ވިސްނުމުގައި ކުރެވޭ މަޝްވަރާތަކެވެ. ފަހުގެ މިސާލެއްގެ ގޮތުން ރައީސް އޮބާމާގެ ރިޔާސަތުގައި އީރާނާއެކު ވެވުނު ޖޭ އޯ ސީ ޕީ އޭ އެއްބަސްވުން ފުދެއެވެ. މައްސަލަ އޮތީ ހައްލުވެފައެވެ. އެކަމަކު ރައީސް ޓްރަމްޕް އަމިއްލައަށް އެ އެއްބަސްވުމުން އެކަހެރިވެ މޮޅުގޮތެއް ހޯއްދަވަން ކުރައްވާ މަސައްކަތުގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ އީރާނާ ދެކޮޅަށް އެމެރިކާއިން މިހާރު ކުރަމުންގެންދާ ހަނގުރާމައިގާ ކުރީގެ ރައީސް ބިލް ކްލިންޓަން ދެކިވަޑައިގަންނަވާ ގޮތުގެ ޚުލާސާ އުސްއަލިތަކެކެވެ.
![]()
