މާދަަރީ ބަހާއި އާދަކާދަ ގެއްލިގެން ދިއުމުގެ ބިރުވެރި ވަގުތުގައި

Loading

Facebook
Twitter
WhatsApp

މީގެ އަހަރުތަކެއް ކުރިން ދިވެހިބަހުން ލިޔާ ލިއުންތައް ލެޓިން އަކުރުން ލިއުމަށް ބާރުއެޅެމުން ދިޔަ ދުވަސްތަކެއް ވަނީ ފެނިފައެވެ. ކޮންމެ ކަމެއްވެސް އަލަށް ފަށާގަންނައިރު ފާޑުކިއުން ތަކާއި އަދި އުދނގޫ ތަކަކާވެސް ކުރިމަތިލާން ޖެހޭނެއެވެ. އެ ދުވަސްވަރު އެންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހިވަޑައި ގެންނެވި ބޭފުޅުންގެ ތެރޭގައި ހުކުރު ކުރައްވާ އިމާމުން ހިމެނިވަޑައިގެންނެވިއެވެ. ލެޓިން އަކުރުން ލިޔެފައިވާ ޚުތުބާ ކިއުމަށް ގިނަ ވަގުތު ހޭދަވެގެން ދިޔައީތީވެއެވެ. ދިވެހިބަހުން ދިވެހިން ބޭނުންކުރަމުންގެންދިޔަ ތާނަ އަކުރުގެ ބަދަލުގައި ލެޓިން އަކުރުން ލިޔެފައިހުރި ޚުތުބާތައް ދުލަށް ފަސޭހައެއް ނުވިއެވެ.


ކޮންމެ ކަމެއްގައިވެސް ފަސޭހައަކާއި އުދަނގުލެއް އޮންނާނެކަމަށް ބުނާ އުސޫލުން ދިވެހިބަސް ލެޓިން އަކުރުން ލިއުމުގައިވެސް މި ދެގޮތް ހިމެނޭކަމަށް ބުނެވޭނެއެވެ. ލެޓިން އަކުރުން ދިވެހި ބަސްލިއުމުން ލިބެމުންދިޔަ އުނދަގުލުގެ މިސާލެއް ހުކުރު ޚުތުބާ ކިއުމާ ބެހޭގޮތުން ކުރިން މި ބުނީއެވެ. ދިވެހިބަސް ލެޓިން އަކުރުން އެދުވަސްވަރު ލިއުމުން ލިބުނު އެންމެ ބޮޑު ލުއިފަސޭހައަކީ ސަރުކާރުގެ ލިއުންތައްވެސް އަތުން ލިޔަން ޖެހިފައިވުމާއެކު ވަރަށް ގިނަފަހަރު މަސައްކަތްކުރަން ޖެހިފައިވާ އިދާރާގެ ވެރިޔާ ވިދާޅުވާ މޭރުމުން ސިޓި ބިޓީ ނުލިޔެވުމުގެ ސަބަބުން އެތައްފަހަރަކު އަލުން ލިޔަންޖެހުން މިސާލެއްގެ ގޮތުގައި ފާހަގަކޮށްލާނަމެވެ. އެއީ ލިޔާ މުއައްޒިފަކަށް ވަރަށް ބުރަކަމަށް އޮންނަނީ ވެފައެވެ. އާންމުގޮތެއްގައި ސިޓީ ލިއުމަކީ ކާތިބުން ފެންވަރުގެ މުއައްޒިފުންގެ މަސައްކަތެކެވެ. ވެރިޔަކަށް ހުންނަވާ ބޭފުޅާ ލިއަންވީ އެއްޗެއް ވަރަށް ޚުލާސާކޮށް ވިދާޅުވާނީ ސެކްރެޓަރީ އަށެވެ. އެ ކޮޓަރިކޮޅުން ނިކުމެގެން ކާތިބުކައިރިއަށް އާދެވޭ އިރު ވެރިޔާ ވިދާޅުވި ބަސްފުޅު ސެކްރެޓަރީ ރަނގަޅަށް ހަނދާނެއް ނުހުރެއެވެ. އަނެއްފަހަރު ވެރިޔާ އަރިހަށްގޮސް އަހާލުމުގެ ހިތްވަރެއް ސެކްރެޓަރީއަށް ލިބިފައެއް ނުހުރެއެވެ. ފިތިބާރުވެގެންދަނީ ކާތިބު މީހާއެވެ. ލެޓިން އަކުރުން ލިއުން ތައާރުފް ކުރުމުން ޓައިޕްރައިޓަރ ބޭނުންކޮށްގެން މާބޮޑު ތަކްލީފަކާ ނުލައި އެތައް ފަހަރަކުވެސް ލިޔުމުގެ ފުރުސަތު ހުޅުވިގެން ދިޔައީއެވެ.
ކޮންމެއަކަސް ދިވެހިބަސް ލެޓިން އަކުރުން ލިއުމަކީ އެދުވަސްވަރު ރާއްޖޭގައި ތިބި ދިވެހި ބަހުގެ މާހިރުންނަށް ފަސޭހައިން އެއްބަސްވެވޭ ކަމަކަށްނުވިއެވެ. ދިވެހިންގެ މާދަރީ ބަސް ދުވަސްކޮޅަކުން ގާދޫކޮލުން ބޭރަށްގޮސް ގެއްލިދާނެކަމުގެ ބިރުވެރިކަން ބޮޑުކަމަށް އަޑު އުފުލާން ފެށްޓެވި ތަންވެސް ފެނިގެން ދިޔައެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރެވުނު ކަމަކަށްވެސް ވެދާނެއެވެ. ފެތުރިގެންދިޔަ އަޑުތަކަށް ސަރުކާރުންވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. އަދި އުނދަގުލާއެކުވެސް ދިވެހި އަކުރުން ދިވެހިބަސް ލިއުމަށް ސަރުކާރުން ބާރު އަޅުއްވަމުން ގެންދެވިއެވެ. ލެޓިން އަކުރުން ދިވެހިބަސްލިއުން މަނާކުރުމުގެ ބަދަލުގައި އިޚްތިޔާރަށް ދޫކޮށްލެއްވީއެވެ. ދުވަސްކޮޅަކުން ކޮމްޕިއުޓަރުން ދިވެހިއަކުރު ލިއުން ތައާރުފް ކުރެވި ދިވެހިބަސް ލިއުމަށް ހެޔޮ އިންގިލާބެއް ގެނެސްދީފިއެވެ.
ދިވެހިބަހުގެ އުސްތާޒުންނަކީ އިސް ރަށްވެހިންނަށްވެ މިއަދުގެ ތައުލީމީ ދަރިންނަކީ ދިވެހި ގައުމާއި މާދަރީ ބަހާއި ސަގާފަތާއި އާދަކާދައިގެ ބެލެނިވެރިންކަމުގައި ވެގެން ހިނގައްޖެއެވެ. އެހިސާބުން އަންނަންފެށި ބަދަލުތަކުގެތެރެއިން ހަމައެކަނި ދިވެހިންގެ މާދަރީ ބަހަށް އަންނަމުންދާ ބަދަލުތަކަށް ހެޔޮ ނިޔަތެއްގައި ބަލާލުން ރަނގަޅުވާނެއެވެ. އެންމެ ފުރަތަމަ ތަރުބިއްޔަތުގެ މައިދާން ކަމުގައި ބެލެވޭ ސްކޫލްތަކަށެވެ. ދިވެހި ބަހަކީ މަޖުބޫރު މާއްދާއެކެވެ. އެކަމަކު ހިތާމައަކީ ދިވެހިބަހުގައި ސުކުންކުރެވޭ ހަމަތައް ރަނގަޅަށް އުނގަންނައި ދިނުމުގެ ކުރިން ޅެމާއި ރާއިވަރާއި ފަރިހި މާނަކުރަން ދަސްކޮށްދޭން މުގައްރަރުގައި ހިމަނާފައި އޮތުމެވެ. ނަތީޖާއަކީ ގްރޭޑް 12 ނިމިގެން ސްކޫލްތަކުން ނިކުންނަ ދަރިވަރުންގެ ބޮޑު ހިއްސާއަކަށް ދިވެހިބަހުން ގަވައިދާއެއްގޮތަށް އެންމެ ބައިސަފްހާވެސް ލިޔަން ނޭގުމެވެ. ވާހަކަދެއްކުމުގައި ކޮންމެވެސް ބޭރުބަހެއް ދޭތެރެއަކުން ވައްޓާލުމަކީ ޝަރަފެކެވެ. އެ ބަސް ވައްޓާލެވުނީ ކޮންތަނަކަށްކަން ރަނގަޅަށް އެނގުންވެސް ބޭނުން ނުވާކަހަލައެވެ. ބޭނުމެއް ޖެހިގެން ސަރުކާރުގެ އޮފީހަކަށް ދާންޖެހުމުން ވެރިއަކަށް ދަންނަވާލާފައި ޖަވާބެއް އެބަ ދެމޭ ބުނުމުގެ ބަދަލުގައި ވެރިމީހާ ހުންނަނީ ޖަވާބު އަންނަނީ ކަލޭ މަޑުކުރަނީ މިކަހަލަ ޖަވާބު ލިބުން އާންމު ވެއްޖެއެވެ. ފިހާރައަކަށްވަދެ އެއްޗެއް ގަތުމުން ކޮތަޅެއް ނަގާލަން ބޭނުންތޯ އަހާލުން އާންމު ވެއްޖެއެވެ.
ކުރީފަހަރު ބަހުގެ އުސްތާޒުންގެ ކަންބޮޑުވުން އޮތީ ދިވެހިބަސް ގާދޫކޮލުން ބޭރުވެގެން ހިނގައިދާނެތީއެވެ. މިފަހަރު ދިވެހިބަސް އޮތްތަނެއް ހޯދަންބަލާލިއިރު ބަންގާޅުކަނޑުގެ މެދާހަމަޔަށް ގޮސް ގެއްލިއްޖެއެވެ. ބަހުގެ އުސްތާޒުންތިބީ މުސްކުޅި ކުރައްވާފައެވެ. އެބޭފުޅުންގެ އަޑު ކަނޑުވާލާފައެވެ. ޒުވާން ޖީލު އޮތީ ކޮންމެވެސް ބޭރުބަހެއްގެ ޝިކާރަ އަކަށް ވެފައެވެ. ބައެއްބޭފުޅުން މިކަން ގަބޫލެއް ނުކުރާނެއެވެ. އެކަމަކު މިއީ ކޮންމެ ދުވަހަކު ފެންނަމުންދާ ހަގީގަތެކެވެ. ދާދިފަހުން ރާއްޖޭގެ ވެރިކަން ކުރާ ރަށުގެ ބައެއް މަގުތަކުގެ ނަންބޯޑުތައް ނުބައިކޮށްލިއެ މަގުތަކުގައި ހަރުކޮށްފާ ހުއްޓެވެ. މީޑިއާތަކުން ކަމާބެހޭ ފަރާތަށް ސުވާލުކުރުމުން އެއީ ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކުރި މަސައްކަތެއް ކަމަށް ބުނެ ފުއްދާލީއެވެ. ތިމާއަށް މުސާރަ ދީފައި ހަވާލުކުރި ވަޒީފާއަށް ތިމާ އެކަށީގެންނުވާކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ކޮންޓްރެކްޓަށް ހަވާލުކުރިއަސް އެ މަސައްކަތެއް ކުރެވެމުންދަނީ ރަނގަޅަށްތޯ ބަލަންޖެހޭނެއެވެ.
ދިވެހިބަހަކީ ވަރަށް ފަޚްރުވެރި ބަހެކެވެ. ދުނިޔޭގެ ނިސްބަތުން ކުޑަކުޑަ އާބާދީއެއްގައި އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް އޮތުމަކީ ފާހަގަ ކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު ރާއްޖޭގެ ބައެއް ހިސާބުގައި އެންމެ ދިހަވަރަކަށް ހާސް މީހުން ދިރިއުޅޭއިރު ދިވެހިބަހުގެ އިތުރުން އެ އަބާދީގައި ބޭނުންކުރާ އަމިއްލަ ބަހެއް އޮތުމަކީވެސް ޝަރަފެކެވެ. ބޭރުބަސްތައް ދަސްކުރުމާއެކުގައި ދިވެހިބަހުގެ މި ޝަރަފްވެރި މަގާމުވެސް ދަމަހައްޓަން ޖެހޭނެއެވެ. ބޭރުބަސްތައް އެބަސްތަކުގެ މާހިރުން ބޭނުންކޮށްފައިވާގޮތަށް ބޭނުންކުރަން އުނގެނުމާއެކު ދިވެހިބަސްވެސް ބޭނުންކުރަންޖެހޭނީ ދިވެހި ބަހުގެ މާހިރުން ބޭނުންކުރައްވަމުން ގެންދެވި ގޮތުގައެވެ. ކޮންމެ ގޮތަކަށް ބުނެލިއަސް އެ ބުނި އެއްޗެއް އަޑުއަހާމީހާއަށް ފަހުމް ވުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ބަސްމޮށުމަކީ ތިމާގެ ޝަޚްސިއްޔަތު އަނެކުންނަށް އެންމެ ރަނގަޅަށް އޮޅުން ފިލާނެ ވަސީލަތެވެ.
މި ލިއުން ގެނެސްދޭ މީހާއަކީ އެއްވެސް ބަހެއްގެ އުސްތާޒަކީމެއް ނޫނެވެ. އެކަމަކު ބަސްދަސްކުރާހިތްވާމީހަކީމެވެ. މިއަދު އަޅުގަނޑުމެން ވަރަށް އާންމުކޮށް ބޭނުންކުރާ ވަރަށް ކުރު ދެތިން ޖުމުލައެއް ބޭނުންކުރުމުގައި ބަހުގެ އުސްތާޒުން ބޭނުންވާގޮތް ފާހަގަ ކޮށްލާނަމެވެ.
މިސާލަކަށް ޝުކުރިއްޔާ އޭ ބުނުމުން މަރުހަބާއޭ ބުނުމުގެ ބަދަލުގައި “ އެއީ މަގޭ އުފަލެއް “ ގަނޑިއަކަށް ދާންޖެހޭތަނަކަށް ނުދެވި ލަސްވުމުން މައާފްކުރާށޭ ބުނުމުގެ ބަދަލުގައި “ މަޑުކޮށްލަދިނީތީވެ އުފާކުރަމޭ ނުވަތަ ކަލޭގެ ކެތްތެރިކަމަށްޓަކައި އިހްތިރާމް ކުރަމޭ “ ވަކިން ޚާއްސަ މަސައްކަތެއް އެނގޭތޯ ސުވާލުކޮށްފިނަމަ ނޭންގެއޭ ބުނުމުގެ ބަދަލުގައި “ ވަރަށް އަވަހަށް ދަސްކޮއްލާނަމޭ ނުވަތަ ތިޔައީ ވަރަށް ޝައުގުވެރުކަން ހުރި މަސައްކަތެއް “ މިފަދަ ގޮތަކަށް ޖަވާބު ދިނުން އާދަކުރުމުން އަޑުއަހާމީހާގެ ކުރިމަތީގައި ތިމާއަށް އިހްތިރާމްކުރުން އުފެދޭނެއެވެ.
ބަހަކުން ފުރިހަމައަށް ވާހަކަ ދައްކަން އެނގުމަކީ ހިތައް އެރި އެއްޗެއް ހިތަށް އެރިގޮތެއްގައި ބުނެ ވީއްލާލުމެއް ނޫނެވެ. ވާހަކަދެއްކުމުގައި އިޚްތިޔާރުކުރެވޭ ބަސްމަގުގެ ސަބަބުން ތިމާގެ އަގު ވަޒަންކުރެވިގެންދާނެކަން ހަނދާންކުރާށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް