އެމެރިކާގެ ނައިބު ރައީސްގެ ހައިސިއްޔަތުން ޖޭ ޑީ ވޭންސް އީރާނާއެކު ކުރަމުންގެންދާ މަޝްވަރާތަކުގެ ނަތީޖާއާ ބެހޭ ގޮތުން ރައީސް ޑޮނާލްޑް ޓްރަމްޕް އިތުބާރުކުރައްވާ ވަރަށް ޚާއްސަ ބޭފުޅުންގެ ރައުޔު ހޯއްދަވަމުންގެންދަވާކަން މައުލޫމާތު ލިބެފައިވާ ތިން މީހަކު ސީ އެން އެން އަށް ކިޔާދީފިއެވެ.
ޕާކިސްތާނުގައި މަޝްވަރާތައް ކުރިއަށް ދިޔައިރު ވަރަށް ގިނައިން ރައީސް ގެންދެވީ ނައިބު ރައީސަށް ފޯނުން ވާހަކަ ދައްކަވަމުންނެވެ. ހަމައެއާއެކު ނައިބު ރައީސްގެ ހުނަރާ ދޭތެރޭ މުޝީރުންނާއި އަދި ޚާއްސަ ބޭފުޅުން ދެކޭގޮތްވެސް ގެންދެވީ ހޯއްދަވަމުންނެވެ. ސީ އެން އެން އަށް މައުލޫމާތު ދިން މީހުން ބުނެފައިވެއެވެ. އެ ވާހަކަތަކުން އެމެރިކާ ބޭނުންވާ ނަތީޖާ ހާސިލު ނުކުރެވިއްޖެނަމަ އެއީ ނައިބް ރައީސް ގެ ނުކުޅެދުންތެރިކަމެވެ. ރައީސް ޓްރަމްޕް ވިދާޅުވި ކަމަށްވެއެވެ. އަދި އެ ނަތީޖާއާ ހަމަޔަށް ދެވިއްޖެނަމަ އެއީ އަހަރެންގެ މޮޅުކަމާއި ހުނަރުވެރިކަމުގެ ނަތީޖާކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވެފައިވާކަމަށް ރޮއިޓާރސްގެ އިވާންވޫޗީ ބުނެފައިވެއެވެ.
ނައިބުރައީސް ވޭންސް އަށް ފާރަލާން ރައީސް ޓްރަމްޕް ގެ ވިސްނުމަށް އައީ މެދުއިރުމަތީގެ ހަނގުރާމައިގާ ދެބޭފުޅުން ދެކިވަޑައިގަންނަވާގޮތް ފުރަތަމަ ދުވަހުވެސް ތަފާތުވެފައިވާތީ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ޑެއިލީ ބީސްޓުން ކިޔާދީފައި ވެއެވެ. ކޮންމެއަކަށް ރައީސް ޓްރަމްޕްގެ އެމެރިކާގެ އިންތިޚާބުގައި ވޯޓުދޭންތިބި ޒުވާނުން ވައިޓްހައުސްގެ ސިޔާސަތުތަކާ ނުރުހޭކަން އެނގިވަޑައިގަތުމާއެކުގައިވެސް އީރާނުގެ މައްސަލާގައި ރައީސް ޓްރަމްޕް ތަމްސީލު ކުރައްވަން ޖެހިވަޑައިގަތުމުން ނައިބު ރައީސްގެ ކުރިފުޅުމަތީގައި ރައީސް ޓްރަމްޕް އެދިވަޑައި ގަންނަވާ ނަތީޖާ ނެރެދިނުން ނޫން އެހެން މަގެއް ފެންނާކަށް ނެތެވެ.
ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ އިސްރާލާއި ލެބަނަންއާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ލިބިފައިވާއިރު ޚާރިޖީ ވަޒީރު ރޫބިއޯ އާއި ނައިބް ރައީސްގެ ވޭންސްގެ ހުނަރު އަޅާ ކިއުއްވަމުން ގެންދަވާ ކަމަށްވެސް ސީ އެން އެން އަށް މައުލޫމާތު ދީފައިވެއެވެ. މާރޯ ރޫބިއޯ އާއި ޖޭ ޑި ވޭންސް ގެ މެދުގައި 2028 ވަނައަހަރު ރިޔާސީ ވާދަވެރިކަން ވަނީ އުފެދިފައެވެ.
ޕާކިސްތާނުގައި ކުރެވުނު މަޝްވަރާތައް ފުލުން ގޮސްފައިވީ ނަމަވެސް ނައިބު ރައީސާއެކު އަލުން މަޝްވަރާތައް ފެށުމަށްޓަކައި ގެންދަނީ މަސައްކަތްކުރެވެމުންނެވެ.
މެދުއިރުމަތީގެ ހާލަތާބެހޭގޮތުން ޑެއިލީ ބީސްޓުން ވައިޓްހައުސްގެ ކޮމެންޓަކަށް އެދުމުން ނައިބު ރައީސް ޖޭ ޑީ ވޭންސްގެ އޮފީހާ ގުޅުމަށް ވަނީ ބުނެފައެވެ.
ޑޮނާލްޑް ޓްރަމްޕް މިފަހަރު ރިޔާސަތާ ހަވާލު ވެ ވަޑައިގަތުމަށްފަހު ގެންދެވީ ނައިބް ރައީސް ޖޭ ޑީ ވޭންސް ވެގެންދާނީ އެމެރިކާގެ ރިޔާސަތު ދެން ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓް ކަމަށް ބުރަވެ ވާހަކަފުޅު ދައްކަވަމުންނެވެ. އެހެންނަމަވެސް އީރާނާ ދެކޮޅަށް ހަނގުރާމަކަށް ދިއުމަށް ނައިބު ރައީސް ވައިޓް ހައުސްގައި އެންމެ އަޑުގަދަކޮށް ދެކޮޅުހެއްދެވި ހިސާބުން ފެށިގެން ރައީސް ޓްރަމްޕްގެ ފޭވަރިޓަކީ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ކަމުގައި ވެއްޖެއެވެ. ރޫބިއޯ އަކީ ރައީސް ޓްރަމްޕް އެޅުއްވިހާ ބަތަކަށް ރިހަ ކަމުގައި ބެލެވޭ ބޭފުޅެކެވެ.
ނައިބު ރައީސް ވޭންސް އާއި ނޭޝަނަލް އިންޓެލިޖެންސްގެ ޗީފް ތުލްސީ ގައްބާރޑް އެއްވެސް ކަމަކާދޭތެރޭ ރަނގަޅު ވިސްނުމެއް ނުގެންގުޅުއްވާކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް އެ ދެބޭފުޅުންނަށް ކޯފާވެ މަލާމާތްކުރައްވާމަށް ވައިޓްހައުސް އިން ޒީޓިއޯއަށް ވެސް ކިޔާދީފައި ވެއެވެ.
![]()
