ނިއުސް ސްޓަރައިޓު ޓައިމްސް (އެން.އެސް.ޓީ) އާއި ހަވާލާދީ ޚަބަރު ފަތުރާފައިވާ ގޮތުގައި އެއްގަމު މަސްވިއްކާ އެ ފިހާރައިގެ ”ބިޒްނަސް މޮޑެލް“ ބިނާވެފައިވަނީ ބްރެޒީލް, ބޮލީވިއާ, ކެނެޑާ, ކޮލަމްބިއާ, ސްޕެއިން, މެކްސިކޯ ފަދަ ގައުމުތަކުން ހަލާލް ސެޓްފިކެޓު ނޯންނަ މަސް އެތެރެކޮށް, ހަލާލް ތައްގަނޑު ޖަހައި އަލުން ޕެކްކޮށްގެން, މެލޭޝިއާގެ އެކިކަންކޮޅުތަކުގައި ހުރި ފިހާރަތަކަށް ފޮނުވުމެވެ.
މި ފިހާރައިންވަނީ އަހުގެ މަހާއި ކެންގަރޫ މަހުގެ އިތުރުން ވަރަށް ފެންވަރުދަށް ޖަރާސީމު ހުރި މަސްވެސް އެތެރެކޮށްފައެވެ.
ދެން މި މަހުގެ އަސްލު އޮޅުވާލުމަށްޓަކައި, އަސްލު ހަލާލު ތައްގަނޑު ޖަހާފައިވާ ގެރިމަހާއި އެއްކޮށްލައެވެ. މިފަދަ އެއްގަމު މަސް ގިނައިން ބޭނުންކުރާނީ ފަގީރުންގެ ސުފުރާގައެވެ.
ކަމާއިބެހޭ ފަރާތްތަކަށް ރިޝްވަތުދީގެން އެތައް އަހަރެއްވަންދެން މި ވިޔަފާރީން ފައިދާ ހޯދުމުގައި މިފިހާރައިންވަނީ ކާމިޔާބު ހޯދާފައެވެ. ރަނގަޅަށް ފާސްނުކޮށް މިފަދަ މުދާ މެލޭޝިއާއަށް އެތެރެކުރި ކަމުގެ ތުހުމަތު, މަދުވެގެން ސަރުކާރުގެ ކަމާއިބެހޭ ހަތަރު އިދާރާއެއްގެ އިސް މުވައްޒަފުންތަކަކަށްވަނީ ކޮށްފައެވެ. އެ މުވައްޒަފުންނަށްވަނީ އެ ވިޔަފާރި ހިންގި ފަރާތުން ރިޝްވަތު ނެގުމާއި ޖިންސީ ގުޅުން ބޭއްވުމުގެ ތުހުމަތު ކޮށްފައެވެ.
ކޮންމެ ގައުމެއްގައިވެސް ކޮންމެވެސް ވަރަކަށް ކޮރަޕްޝަން އޮންނާނެއެވެ. މިފަދަ ދަތި އުނދަގޫ ވަގުތުކޮޅެއްގައި ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާއިރު, ދިވެހިރާއްޖެފަދަ ގައުމަކަށް މިކަމުން ދަސްވާނީ ކޮންކަހަލަ ފިލާވަޅެއްބާއެވެ? މިފަދަ ނުބައި ކަމެއްގެ ތެރެއަށް ގައުމު ނުވެއްޓޭތޯ ޔަގީން ކުރާނީ ކިހިނެތްބާއެވެ? ކޮރަޕްޝަނާ ކުރިމަތިނުލައި ދޫކޮށްލެވޭނަމަ, މިއީ ލިބޭނެފަދަ ނަތީޖާއެވެ. މިއީ މުސްލިމު ގައުމުތަކުގައި ތިބި ކަންކަމަށް އަޅާނުލާ, ނާގާބިލް ވެރިންގެ ސަބަބުން ގިނަ ބަޔަކު ނިކަމެތިވެގންދާނެފަދަ ކަންކަމެވެ.