ޗައިނާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފި

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން އުފެއްދި ވެކްސިން (ސީނޮފާމް ވެކްސިން) އާންމުންގެ ގަޔަށް ޖަހައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފިއެވެ.

ޗައިނާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނުފައިވަނީ ”ބެއިޖިންގް އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް“ އިން އުފައްދައި ތަޖްރިބާގެ ހުރިހާ މަރުހަލާތަކެއް ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްފައިވާ ”ސީނޮފާމް ވެކްސިން“ އަކީ ރައްކާތެރި ވެކްސިންއެއްކަން ދައުލަތުގެ ސިއްހީ ކަންކަމާބެހޭ ފަންނީ ރެގިއުލޭޓް އިދާރާތަކުން ކަނޑައަޅާފައިވާކަމަށާ މިއާއެކު އާންމުންގެ ގަޔަށް ޖަހައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމުގައެވެ. ކުރިން މިވެކްސިން ޖެހުމުގެ ހުއްދަދިނީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ގަޔަށް އެކަންޏެވެ.

ވެކްސިނަށް ހުއްދަ ދީފައިވާއިރު، ޗައިނާގެ ޕަބްލިކް ހެލްތާބެހޭ އިދާރާތަކުންވަނީ އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ. ވެކްސިން އުފެއްދި ”ބެއިޖިންގް އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް“ އަކީ ބޭހާއި ވެކްސިންއާއި އެނޫންވެސް ސިއްހަތާބެހޭ ދާއިރާގެ ގިނަ އުފެއްދުންތަކެއް އުފައްދާ ޗައިނާ ސަރުކާރުގެ ބިނަ ކުންފުނި ކަމަށްވާ ސީނޮފާމް ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ވެކްސިން ޖަހާމީހުންގެ ތެރެއިން 85 އިންސައްތަ މީހުން ކޮވިޑް-19 އިން ސަލާމަތްވާކަން ތަޖްރިބާތަކުން ކަށަވަރުވެފައިވާކަން ޗައިނާއިންވަނީ ހާމަކޮށްފައެވެ.

ޗައިނާގެ ޕަބްލިކް ހެލްތާބެހޭ އިދާރާތަކުން ރާވާފައިވަނީ ފެބުރުވަރީ މަހުގެ ތެރޭގައި 70 މިލިޔަނާއި 80 މިލިޔަނާ ދެމެދުގެ އަދަދެއްގެ މީހުންނަށް ވެކްސިން ދިނުމަށެވެ. ޗައިނާއިން ކޮވިޑް-19 އާ ދެކޮޅަށް އެހެން ވެކްސިނެއްވެސް އުފައްދާފައިވެއެވެ. އެވެކްސިންގެ ކްލިނިކަލް ތަޖްރިބާގެ އެންމެ ފަހުގެ މަރުޙަލާ ވަނީ ނިމުމުގެ މަގުމަތީގައެވެ.

ކޮވިޑް-19 ދުނިޔޭގެ ލެވެލްގައި ކޮންޓްރޯލް ކުރެވޭނީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔޫ.އެޗް.އޯ) އިންނާއި ސިއްހަތާބެހޭ ދިރާސާތައްކުރާ ފަރާތްތަކުން ބުނެއެވެ.

Loading

One Response

  1. އަސްލު ތި ރަނގަޅުވާނެބާ؟ ޗައިނާ އޭ ބުނެފިއްޔާ ޝައްކުއުފެދިވައި ވަނީ. ރަނގަޅިއްޔާ ކިތަންމެހާވެސް ރަނގަޅު.

Leave a Reply to މަހުޖޫބު ޢަލީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް