ރައީސް ޞާލިޙް ފުލުހުންގެ ބިލު ތަސްދީޤް ކުރައްވައިފި

5

މަގާމުގައި ތިއްބެވި ފުލުހުންގެ އިސް އޮފިސަރުން މަގާމުތަކުން ދުރުކުރެވޭ އިސްލާހާއެކު މަޖިލީހުން ފާސްކޮށްފައިވާ ފުލުހުންގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ތަސްދީގުކުރައްވައިފި އެވެ.

ފުލުހުންގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގައެވެ.

ފުލުހުންގެ ބިލުގައި ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަ ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ފުލުސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއްވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.

އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވެއްޖެ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، އެބޭފުޅަކު ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމިދާނެ އެވެ. އެ ނިންމުން ތަންފީޒު ކުރަން ޕޮލިސް ކޮމިޝަނަރަށް ބޯޑުން އަންގަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ޕޮލިސް ބޯޑުން މައްސަލަ ބަލާ ނިންމާ އެކުލަވާލާ ރިޕޯޓުގައި އެ އޮފިސަރެއްގެ އާމްދަނީ އާއި ދަރަނީގެ ތަފްސީލްތަކާއި އަނބިންނާއި ދަރިންގެ މާލީ ބަޔާނުން ކަމެއް ފާހަގަ ވާނަމަ އެކަމާ އާދަޔާ ހިލާފު ކުރިއެރުންތަކެއް ލިބިފައިވާ ނަމަ އެކަންކަމާ އަދި މީގެ ކުރިން މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން އަދި އިތުރު ކޮމިޝަނަކުން އެ އޮފިސަރަކާ މެދު މައްސަލައެއް ބަލަމުން ދާނަމަ އެކަމާ ގުޅޭ މައުލޫމާތު ހިމަނަން ޖެހެ އެވެ.

ބިލް ތަސްދީގުކުރުމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަން، “ދިވެހި ފުލުހުންގެ ހިދުމަތް” މިގޮތަށް ބަދަލުވެގެން ދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އިނގިރޭސީން ބޭނުންކުރާއިރު ދެންވެސް ބޭނުން ކުރާނީ “މޯލްޑިވްސް ޕޮލިސް ސާވިސް” ކަމަށް ބުނެފައިވެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ