”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ ރާއްޖޭގައި ތަންފީޒު ކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ ޤާނޫނީގޮތުން މިއަދު ރާއްޖޭގައި ތަންފީޒު ކުރަން ފަށައިފިއެވެ.

އެގޮތުން 1 ޖަނަވަރީ 2007 ގައި އުފަންވެފައިވާ ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވާ އެއްވެސް ފަރާތެއް ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުމަކީ މިއަދުން ފެށިގެން ޤާނޫނީގޮތުން މަނާކަމެކެވެ.

އަދި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެ ފަރާތަކީ ޤާނޫނު ހުއްދަކުރާ އުމުރު ހަމަވެފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ރަސްމީ ލިއުމެއް ބަލާ ޗެކްކޮށް، އުމުރު ކަށަވަރުކުރުން، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރެއެވެ.

ހަމައެއާއެކު ޖެނެރޭޝަނަލް ބޭން އިން މަނާވާ ބާވަތްތަކުގެ ތެރޭގައި، އެއްވެސް އިސްތިސްނާއެއްނެތި، ދުންފަތުގެ ހުރިހާބާވަތެއް ހިމެނެއެވެ.

މީގެ އިތުރުން، ވަކި އުމުރަކަށް އަދި ވަކި ބާވަތަކަށް ތަފާތު ނުވާނެހެން، އީ-ސިގިރޭޓާއި ވޭޕް ރާއްޖޭގައި އުފެއްދުމާއި، ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުމާއި ރާއްޖޭގައި ބޭނުންކުރުމާއި ގެންގުޅުންވެސް ވަނީ ޤާނޫނީގޮތުން މަނާކުރެވިފައެވެ.

”ޖެނެރޭޝަނަލަ ބޭން އޮން ޓޮބޭކޯ“ ސިޔާސަތަކީ ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލް އަޤްވާމީ މުއާހަދާ، ”ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފް.ސީ.ޓީ.ސީ)“ ގެ ދަށުން ޤައުމުތަކުން އެޅުމަށް ލަފާދީފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެކެވެ.

Loading

One Response

  1. ބޮޑު ފޭކެކެވެ. ތިއަށްވުރެ މާ ރަނގަޅެއްނު މަގުމަތީ ޑްރަގްބޮއިގެން ތާއްޔާޖެހި އުޑުފައިން ތިބޭ ބަލިކުދިންކޮޅު ހޮވާލައިގެން ގެންގޮސް ބެލެހެއްޓިއްޔާ. އަދި ޑްރަގް އާއި މަސްތުވާ ބަނގުރާ ހުށްޓުވިއްޔާ. ސިގިރެޓާއި ބިޑިޔަކާއި އަޅައިގަނެގެން ނުނެއްޓިގެން ތިއުޅެނީ ކޮންމެވެސް އެހެންކަމަކާ ހެދިއެވެ. ޔަގީން

Leave a Reply to ހަސަން ފިކުރީ Cancel reply

ފަހުގެ އަޕްޑޭޓް