ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެމްއޭސީއެލް އާއި ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އެވެ.
މި އެއްބަސްވުމުގެ ދަށުން، ކައްދޫ އެއާޕޯޓު، އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އޮޕަރޭޓް ކުރުމާއި ލ. ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ ދަަށުން ކައްދޫ އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ، 2،800 މީޓަރުގެ ދިގު ރަންވޭއަކާއެކު އެވެ.
މީގެ އިތުރަށް އާޕޯޓު މަޝްރޫއު އަށް 114 ހެކްޓަރުގެ ބިން އަދި ފޮނަދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 30 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ވަނީ ނިންމާފައެވެ.
![]()

One Response
ދެވަަނަފަހަރަށް ވެވުނު ވަޢުދު. 2023ގެ ކެމްޕޭންތެރޭގައިވެސް ހަމަ ތިވަޢުދު ތިގޮތަށްވަނީ ވެފައެވެ. ތިކަން ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ދެން ބަލަމާ! ވައުދުވެލުމުގައި މިރައީސް ހަމަ ޕީއެޗްޑީ ނަންގަވައިފިއެވެ. ޝުކުރިއްޔާ ރައީސް!