ދުނިޔޭގެ އެންމެ އެކަހެރި ބައްރު ކަމަށްވާ އެންޓާޓިކާ ގައި ތިބި ބަޔަކުވެސް ކޮވިޑް-19 ފެނިއްޖެއެވެ. އެންޓާޓިކާ އިން ކޮވިޑް-19 އަށް ފައްސިވީ އެންޓިކާގައި ހުންނަ ޗިލީގެ ބޭސްއެއްގައި ތިބި ބައެކެވެ.
މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި ބުނާ އެންޓާޓިކާ އިން 36 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ޗިލީ އިން އެންޓާޓިކާގެ ޗިލީބޭސް އަށް ދިޔަ މީހުންނެވެ. އެންޓާޓިކާ އަށް ޗިލީގެ މީހުން ގެންދިޔަ އަސްކަރީ މަނަވަރު އެނބުރި ޗިލީއަށް ދިޔަ ފަހުން އެމަނަވަރުން ވެސް 208 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ޗިލީގެ އޮފިޝަލުން ވިދާޅުވީ ގޮތުގައި އެންޓާޓިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 26 މީހުންނަކީ އެޤައުމުގެ ސިފައިންނެވެ. ބާކީ ތިބި ދިހަ މީހުންނަކީ ކޮންޓެކްޓް އުސޫލުން އަސްކަރިއްޔާގައި މަސައްކަތް ކުރާ މަދަނީ މުވައްޒަފުންތަކެކެވެ.
ޗިލީން މިހާރު ވަނީ އެންޓާޓިކާގައި ހުންނަ އެޤައުމުގެ އަސްކަރީ ބޭސްގައި ތިބި ގިނަ ސިފައިން އަނބުރާ ގައުމަށް ގެންދަން ނިންމާފައެވެ. ޗިލީގެ އަސްކަރިއްޔާ އިން ބުނީ ދެން އެންޓާޓިކާގެ ބޭސްގައި ތިބޭނީ ކޮންމެހެން އެތަނުގައި ތިބެން ޖެހޭ ސިފައިން އެކަނި ކަމަށެވެ.
ދުނިޔޭގެ ކަންކޮޅުތަކަށް ކޮވިޑް-19 ފެތުރިފައި އޮތް އިރު މިހާތަނަށް ކޮވިޑް-19 އަށް މީހަކު ފައްސިނުވެ އޮތް ބައްރަކީ ހަމައެކަނި އެންޓާޓިކާއެވެ. އެންޓާޓިކާ އިން ކޮވިޑް-19 ފެނުމާއިއެކު ދުނިޔޭގެ ހުރިހާ ބައްރަކަށް މިހާރު މިނުރައްކާތެރި ބަލި މިވަނީ ފެތުރިފައެވެ.