ރައްޔިތުންގެ ވެރިކަމާއި އަމިއްލަ ވެރިކަމުގެ ތަފާތު

Loading

Facebook
Twitter
WhatsApp
Anni Hamid Mohamed Zaki Maldives

ދެ ރަޙްމަތްތެރިއަކު ހަވީރު ފިނިކޮށްލަން އަތިިރިމަތީހޮޅުއަށީގައި އިށީނދެލައިގެންތިބެ އެކިއެކި ކަންކމާބެހޭގޮތުން ޚިޔާލު ބަދަލު ކުރަމުން ގެންދިޔަ ދުވަހެކެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި އެއް ރަޙްމަތްެތެރިޔަކު ބުންޏެވެ.  މިއަދު ނިކަން ސިޔާސަތާ ބެހިލަމާހެއްޔެވެ. އާނ ! ކުރީ ޒަމާނުގައި އެއީ ބޮޑުވެގެންވާ އަދަބުލިބޭ ކުށަކަށްވިޔަސް މިހާރު އެބުނަނީ އެއީ ކޮންމެމީހަކުވެސް ދައްކަންވީ ވާހަކައެއް ކަމަށްތާއެވެ !

މުޅި ދުނިޔޭގަައިވެސް  ކޮންމެ ގައުމެއްގައިވެސް ކޮންމެ ރައްޔިތަކުވެސް ބޭނުންވާނީ ރައްޔިތުންގެ ވެރިކަމެކެވެ. އެހެންނަމަވެސް، އަހަރެމެންގެ ތެރޭގައި ގިނައިން ބުނެއުޅެނީ އަމިއްލަ ވެރިކަމެކޭ މިހެންނެވެ. ދާދި މިދާކަށްދުވަހު ދިވެހިބަހުގެ އުސްތާޛަކު ވިދާޅުވެފައިވާފަދައިން ކޮންމެނަމެއްކިޔަސް ވެރިކަމަކީ ފެންނަ އެއްޗެއް ނޫނެވެ. އެއީ ރައްޔިތުންގެ ސިކުނޑިގައި އޮންނަ ތަސައްވުރެކެވެ. އެ ތަސައްވުރު ގަޑުބަޑުކޮށް  އެ ދެ ލަަފުޒު ދެގޮތަށް މާނަކުރަން ޖެހެނީ ވެރިކަންކުރަންތިބޭބަޔަކުގެ އަމަލުތައް ހުންނަގޮތަކުންނެވެ. ވެރިކަން ހޯދަން ފޯރީގައި މަސައްކަތްކުރާ ދުވަސްވަރުވެސް ބުނާއަޑުއިވޭނީ އަހަރެމެންގެ ވެރިކަމެއްގައި ރައްޔިތުންނަށް ނުލިބިގެންއުޅޭ ހުރިހާ ކަމެއް ފުރިހަމަކޮށްދޭނެކަމުގެ ވަޢުދުތަކެވެ. އަހަރެމެން ވެރިކަން ކޮށްދޭނީ ރައްޔިތުންބޭނުންވާގޮތަށެވެ. އެހެނީ ވެރިންނަކީ ރައްޔިތުންނެވެ. ސަރުކާރަކީ ދައުލަތްހިންގުމަށް ހަވާލުކުރެވޭ ޚާދިމުންތަކެެވެ. ވީމާ ވެރިކަމުގެ ހުރިހާބާރެއްލިބިގެންވަނީ ރައްޔިރުނަށެވެ. ވެރިންނަކީ އަސްލު ރައްޔަތުމީހާއެވެ. މިކަހަލަ ބަސްތަކެވެ. މި ބުނުންތަކަށްްް ނުވަތަ ވަޢުދުތަކަށް ރައްޔިތުންގެ ސިކުނޑީގައި އޮންނަ ތަސައްވުރަކީ ރައްޔިތުންގެ ވެރިކަމެއް ކަމުގައި ދެކޭއިރު ވެރިކަންކުރަންތިބޭމީހުންގެ ހީކުރުމަކީ އަމިއްލަ ވެރިކަމެއް ބާވައެވެ…!! ނޫނީ މިއީ ހަމައެކައްޗެއް ހެއްޔެވެ ! އަހަރެމެންނަށް އޮޅުންއަރާ ސަބަބުތަކެއް އެބަހުއްޓެވެ.

ރައްޔިތުންގެ ވެރިކަމެއްކުރުމަށްޓަކައި އެބައިމީހުން ހޮވާ ވެރިޔަކު ހުރެއެވެ. އެބައިމީހުންނަށް ވެރިކަން ކޮށްދޭން ހޮވާމީހާ ކަންތައްކުރާނެގޮތް ކަނޑައަޅާނެ ބަޔަކު މަޖިލީސްގެ ނަމުގައި ބަޔަކު އެބައިމީހުން ހޮވައެވެ. އަދި ވެރިކަން ކުރުމާއި ކަނޑައެޅުންތައް ހިނގަމުންދަނީ ރައްޔިތުން އެންމެ ބޭނުންވާގޮތަށްތޯ ބަލައި ފާރަލައި ހަމަމަގަށް އަޅުވާނެ ފަނޑިޔާރުގެއެއްވެސް ގާއިމު ކުރެވެއެވެ. އަދިވެސް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މުޅިންމިނިވަން މުއައްސަސާތަކެއްވެސް އުފެދެއެވެ. މިއީ ވެރިކަން ހިންގުމުގެ ބާރުތައް ބަހާލެވިފައިވާ ގޮފިތަކެކޭ ބުނަމާހެއްޔެވެ. މިހުރިހާ ފަރާތްތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބަޖެޓްހަދާ ހިތްފުރޭވަރުގެ ބަޖެޓެއް ހަމަޖެއްސެއެވެ. ބަލާލާއިރު ވަރަށްރަނގަޅު ފުރިހަމަ ނިޒާމެކެވެ. މިފަދަ ރަނގަޅު ގޮތަކަށް ކަންތައްތައް ރޭވި ހަމަޖެހުމަށްފަހު ރައްޔިތުންގެ ވެރިކަން އަމިއްލަ ވެރިކަމަކަށް ފުރޮޅިގެންދަނީ ކީއްވެގެންކަން ކޮންމެމީހަކުވެސް ވިސްނާންޖެހެއެވެ. ސަބަބަކީ ވެރިކަމުގައްޔާއި ގައުމުގެ މިލްކުވެރިކަމުގައި ކުޑައެއް ބޮޑެއްނެތި ހަމަކޮންމެމީހެއްގެ ޙިއްސާވެސް އެއްވަަރަށް ހިމެނޭތީއެވެ. ނުރަނގަޅު ގޮތްތައް ރަނގަޅުކުރުމަށްޓަކައެވެ.

ވެރިކަންކުރަން ހަވާލުކުރާމީހާއަށް މަޖިލީސް ގައި ތިބޭ ގިނަބައެއްގެ ރުހުން އަބަދުވެސް ލިބޭގޮތަށް އޮތުން ރަނގަޅު ހެއްޔެވެ؟  ފަހެ ، އޭރުން އެ ދެގޮފީގެ ބާރު އެއްވީ ކަމަކަށް ނުބެލެވޭ ހެއްޔެވެ؟  ދެން ބުނަންވީ ފަނޑިޔާރުންގެ ވާހަކައާއި މިނިވަން މުއައްސަސާތަކުގެ ވާހަކައެވެ… އެމަގާމުތަކަށް ކުރިމަތިލާ މީހުންގެ ނަންތަކުގެތެރޭން ވެރިމީހާ ޚިޔާރުކުރާ ނަންތަކެއް އެއްކަލަ މަޖިލީހަށް ފޮނުވައިގެން ފާސްކުރަނީއެވެ. އެއަށްފަހު މަޖިލީހުން ފާސްކުރި މީހުންގެ ނަމުގައި ވަޒީފާއަށް ހަމަޖެހިގެންދަނީއެވެ. މިހާހިސާބުން ހުރިހާގޮފިތައް ފާޑަށް އެއްވީނޫންހެއްޔެވެ! މިއީ އަހަރެމެންގެ ތެރޭގައި މިހާރު ރައްޔަތުންގެވެރިކަން ރައްޔަތުންޓަކައި ކުރެވޭގޮތެވެ. އެހެންވީމާ އަހަރެމެންގެ ރާއްޖޭގައި މިކުރެވެނީ ރައްޔިތުންގެ ވެރިކަމެއް ނުވަތަ އަމިއްލަ ވެރިކަމެއް ހެއްޔެވެ !!!!

ވާހަކަތައް އަޑުއަހަން އިން އެހެންމީހަކު ވާހަކައިގެތެެރެއަށް ވަދެފާ ބުނެލިއެވެ. ނިޒާމާއި އިންތިޒާމްތައް ތިހުރީ ރައްޔިތުންގެވެރިކަމެއް ކުރާގޮތަށެވެ. އެކަމަކު ތިކުރެވެނީ އަމިއްލަ ވެރިކަމެއް ދޯއެވެ! އެހެންވީމާ މިއުޅެވެނީ ބޮޑު އޮޅުމެއްގެތެރޭގައިތާއެވެ. މިކަންތައް ރަނގަޅު ކުރެވޭނެ ގޮތެއްވެސް ފަހެ ނެތީހެއްޔެވެ.

އަނެއްކާވެސް ފުރަތަމަ ވާހަކަދެއްކި މީހާ ޖަވާބުދޭން ފެށިއެވެ.  ރަނގަޅު ކުރެވޭގޮތްތަށް ކިތަންމެހާވެސް ގިނައެވެ. އަދި ހަމައެހާ ފަސޭހައެެވެ.

ފުރަތަމަ ކަމަކަށް ރައްޔިތުންނަށް ގާނޫނު އަސާސީން ދީފައިވާ ވެރިކަމުގެ ބާރު ހެޔޮގޮތުގައި ބޭނުންކުރާށެވެ. ދިވެހިން ލިޔެފައިއެވާ އެގާނޫނު ވެރިމީހާ ބޭނުންވީމާ ވެރިމީހާ ވަޒީފާދީފާއި ހުންނަ ޕީޖީ ”ދައުލަތުގެވަކީލު“ ވެރިމީހާ ބޭނުންވާގޮތައް މާނަކުރުން ހުއްޓުވެންޖެހޭމެއެވެ. މިވެސް ފާޑެއްގެ އޮޅުވާލުމެކެވެ. އެއިރަކު ހުންނަ ރައީސްމީހާ ވަޒީފާދޭ “ ސަރުކާރުގެ“ ޕީޖީ އަށް މިކިޔަނީ ދައުލަތުގެ ނަންބޭނުންކޮށްގެން ”ދައުލަތުގެވަކީލް“ އެވެ. މީނާ އަބަދުވެސް ބަލަނީ އެބޮޑުވަޒީފާއިން އޭނާއަށް ވަޒީފާ ދިން ރައިސްމީހާ ހިތްޕުޅާވާހުރިހާގޮތެއް ދައުލަތުގެ ނަމުގައި ހަދައިދޭންށެވެ.

ދެވަނަކަމަކަށް ސިޔާސީ ވެގެން މިއުޅޭ ޕާރޓީތަކަށް ދެން މިހާރު ނޫނެކޭ ބުނާށެވެ. ޕާރޓީ އުފައްދާ ބަޔަކު ބޭނުން ޕާރޓީއެއް އުފައްދާށެވެ. އެކަމަކު އެއީ ގާނޫނީގޮތުން ބާރުލިބި އަދި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ހިންގާ އެއްޗަކަށް ވިޔަ ނުދޭށެވެ.

ތިންވަނަ ކަމަކަށް އެއްވެސް ސިޔާސީ ޕާރޓީއެއް ނުވަތަ މާލޫދުޕާރޓީއެއްގައި ބައިވެރިވާމީހަކަށް މަޖިލީހުގެ މެމްބަރު ކަން ނުދޭށެވެ. މިކަންކަން އަހަރެމެންގެ ގާނޫނު އަސާސީން ކަށަވަރު ކުރާށެވެ. އެހެނީ މިވީދުވަސްތަކުގައި ރައްޔިތުންގެ މަޖިލިސްއަށް ޕާޓީ ލައިނުން ހޮވޭމީހުންގެ ފެންވަރާއި ހޮވޭގޮތާއި ކިހާ ކަރަޕްޓްކަން މިހާރުއެނގި ގައިމުވެއްޖެނޫންހެވެ. މަަޖިލީހަކީ ރައްޔިތުންގެ ތަނަކަށް ހަދައި އެކަން ކަށަވަރު ކުރާށެވެ.

ވެރިކަމަށް ކުރިމަތިލާ މީހުންގެތެރޭން ރައްޔިތުން ބޭނުންވާ މީހަކު ހޮވާށެވެ. އޭރުން ވެރިމީހާ ބޯލަނބަންޖެހޭނީ ހަމައެކަނި މަޖިލީހަށެވެ. އޭނާގެ ހަތަރެސްފައި ބަނދެ މަޖުބޫރުކޮށްގެން ކަންތައްތައް ކުރުވޭނެ ސިޔާސީ ޕާރޓީއެއް އޭރަކުން ނޯންނާނެއެވެ. މިގޮތުން ތަފާތު ނަންތަކުގައި ޕާރޓީ މީހުންނަށް ދޭންޖެހޭ މަގާމުތަކަށް ހޭދަކުރަންޖެހޭ ފައިސާ ރައްޔިތުންގެ ކަންކަމަށް ހޭދަކުރަން ރައްކާ ކުރެވޭނެއެވެ. ރައްޔިތުންގެ ކަންކަމާދޭތެރޭ ވިސްނަން އޭނާއަށް ވަގުތުވެސް ލިބޭނެއެވެ.

ކަމާނުބެހޭ ބޭރުގެ ފަރާތްތަކުން ފާޑު ކިޔާނެއެވެ.. އަހަރެމެންނަކާ ކޮންކަމެއްހެއްޔެވެ. ދުވަސްކޮޅަކުން އެމީހުންވެސް މައިތިރިވެދާނެއެވެ. އާނ ފަހެ، ދާދި މިދާކަށްދުވަހާޖެހެންދެންވެސް އެހެންގޮތަކަށް ބުނާނަމަ މިހާރު މިފެށިގެންއުޅޭ މޮޅުގޮތް އައުމުގެ ކުރިންވެސް ވެރިކަންކުރި ބޭފުޅުން ބުނަމުންގެންދެވީ ދިވެހިރާއްޖޭގައި ކުރެވެމުންދިޔައީ ނަމޫނާ އެއްފަދަ ރައްޔިތުންގެ ވެރިކަމެއް ކަމުގައި ނޫންހެއްޔެވެ! އެހެންވީމާ ދެންލިބޭ ފުރުސަތުގައި އަޖުމަބަލާލުން ރަނގަޅު ނުވާނެހެއްޔެވެ.

Loading

5 Responses

  1. ބަރާބަރު ލިޔުމެއް. ކީއްކުރާނީ ޖޯލިފަތީގަ ތިބެ ތިހެން މަދުބަޔަކަށް ބުއްދިއެއް އަޔަސް ގިނަމީހުން ބޭނުން ކުރާނީ ވޯޓަކާހަމަށް ދާއިރު އެހެންމީހެއްގެ ސިކުނޑި. އެމީހާ ބުނެދޭނީ ހަދާނެގޮތް. އެމީހާ ވޯޓަށް އަގުކިޔާނީ. ދެން އޭރަކު ހަދާނެއް ނުހުރެޔޯލަ ތިވާހަކަތަކެއް. ބަލަމާހިނގާ ދޯ ކައުންސިލް އިންތިޚާބަށް ވާނެގޮތެއް. އެއީ ބޮޑެތި ޢައިލާތަކުގެ ބާރު ވަރަށްބޮޑު އޮންނަ އިންތިޚާބެއް.

  2. އަނެއްދިވެހި ރާއްޖޭގެ ޙާލު ކިޔައިދޭން ބޭފުޅެއް ނެތްތޯ؟ ގައިމުވެސް އޮޑިވަނީ އަނެއް ދިވެހި ރާއްޖެއަށް ގޮސްފަ. ބުނާތީ އިވެނީ ދާންކުރި ދަތުރުގައި އޮޑި ފަރަށް އެރީޔޯ ދެން މާލިމީ އޮޑިއާއި ފަޅުވެރިން ދޫކޮށް އޮޑިފުންމާލިއްޔޯ. ހުސް ޔޯލަ ޔޯލަ. ތިތަނުން އަނެއް ދިވެހި ރާއްޖެ އަށް ވީގޮތް ކިޔައިދީބަލަ.

  3. އަނެއް ދިވެހިރާއްޖޭގެ ހަގީގަތް އެނގިވަޑައިގަންނަވާ ބޭފުޅަކު ތިކަންވެސް އޮޅުންފިލުވާދެއްވަން އެބަޖެހޭ…އެހެންނޫނީ މުސްތަގްބަލްގައި އަސްލު މަންޒަރު އޮންނާނީ ކިލަނބު ކޮށްލާފާ.

  4. އަންނިގެ ސަބަބުން އޭނާގެ އަމިއްލަ ބޮޑޭ ހެދުމާއި ޚުދުމުޚުތާރުކަމުން ރިޕޯމް މޫވްމަންޓްއާއި އެމްޑީޕީގެ އިން ދިވެހިންނަށް ގެންނަދޭން ބޭނުންވި އެންމެހާ ހެޔޮކަމެއް މިވަނީ ބޮލާފޮށާއެޅި ނިމިފައެވެ. މައުމޫނަށް ގޮޅާބޯ ޖައްސާ އޭނާބުނާ ގޮތުންނަމަ ”އޮފް ކަނޑާލަން“ ޖެއްސި ގޮޅާބޯ ރަންތިރީސް އަހަރުގެ ބާނީއަށްވެ އެމްޑީޕީ ހަރުގޭގައި ރަން 30 އަހަރުގެ ލަވަޖަހާ ކޯލިޝަން ހެދިމީ އަންނިގެ އަސްލު މިހާރު ދިވެހިންނަށް އެގިއްޖެއެވެ. ވެރިކަމާއިހެދި ބޫތުކައިފާހުރި މީހެއްކަން އޭނާގެ ޢަމަލުން އެވަނީ ދައްކުވާދީފައެވެ. އަދި ދާނީވެސް ދައްކަމުންނެވެ. އެހޮޔޮ ދައުލަތް އިންޑިއާއަށް ވިއްކައިލާ ބޮޑުވަޒީރަކަށް ޑީލް ހަދައިގެން ނަމަވެސް!! ރައްޔަތުންވެސް ވޯޓް ވިއްކުން ހުއްޓާލަން ޖެހެއެވެ.

  5. އަންނިއަށް މިވީގޮތާއި ގައުމަސް ގެނެވުނު ޑިމޮކްރެސީއިން ފައިދާވީ ކޮންގޮތަކަށް ކޮން ބަޔަކަށްތޯއެވެ. ރައްޔަރުންނަށް ވީ ޚަރަދު ބޮޑު ބަލާވެރި ކަމަކަށެވެ. ސަލާމް ޖަހައިގެން އުޅޭ ނުވަތަ ވެރީންނަށް ސަނާކިޔައިގެން ދައުލަތުގެ ކުންފުނިތަކުންނާއި އުފެދޭ ސަރުކާރަކުން ވަޒީފާހޯދައިގެން އުޅޭ ކަންނެތް ލޮޑުބަޔަކަށް ދިވެހީން ބަދަލުވީއެވެ. އަދި ގައުމު ދަރުވާލެވި ނިންމާލެވިއްޖެކަހަލައެވެ. ގޯހުން ގޯސް…..

Leave a Reply to އަލީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް