މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހެދުމެއްނެތި ދަތުރުކުރުމުގެ ހުއްދަ ހެލްތު ޕޮރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ދީފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕީސީއާރު ޓެސްޓް ހެދުމެއްނެތި އަތޮޅުތެރެއަށް ދަތުރުކުރެވޭނީ ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ހުއްދަލިބިގެން ކުރުމުއްދަތަކަށް މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކަށެވެ.
ކުރިން މިފަދަ ކުރުދަތުރުތައް ކުރެވެނީ 72 ގަޑިއުރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓް އޮތްނަމައެވެ.
އަތޮޅުތެރެއަށް ކުރުމުއްދަތަކަށް ދަތުރުކުރާ ފަރާތްތަކުގެ އިތުރުން ވެސް ބައެއް ލުއިތައް އެޗްޕީއޭއިން ވަނީ ދީފައެވެ.
އެގޮތުން ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާއާއެކު ރިސޯޓްތަކަށް ޗުއްޓީ ހޭދަކުުރުމަށް ދިއުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ. މިގޮތަށް ރިސޯޓްތަކަށް ދަތުރުކުރާ ފަރާތްތަކަށް ހުރުމާއި ކެއުމުގެ ކަންކަން ރިސޯޓުގައި މަސައްކަތް ކުރާ މުއައްޒަފުންނާއި ވަކިން ހަމަޖައްސާފައި ހުންނަންޖެހޭނެކަމަށް އެޗްޕީއޭގެ އިއުލާންގައި ވެއެވެ.
ކުރުމުއްދަތުގެ މަސައްކަތްތަށާއި ޗުއްޓީ ހޭދަކުރުމަށް ރިސޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން ދަތުރު ނިންމުމަށްފަހު މާލެސިޓީ ފިޔަވައި އެހެން ރަށަކަށް ދާނަމަ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާންޖެހެއެވެ.
ޕީސީއާރު ނެގެޓިވް ނަތީޖާ އެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެސިޓީއަށް އަންނަ ފަރާތްތަކުން ކަރަންޓީންވާންޖެހޭ ޖެހުންވެސް ވަނީ އުވާލާފައެވެ. ނަމަވެސް 10 ދުވަހުގެ މުއްދަތަށް ގޭގައި މާސްކުއަޅައިގެން އުޅުމާއި ގޭގައި އެކަހެރިވެ ތިބުން އެދެވިގެންވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ބޭރުން އައިސް ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ރިސޯޓްދަތުރުކުރާ މީހުންނާއި މާލެ ސިޓީއަށް އަންނަ ސިއްޚީދާއިިރާ އާއި ތައުލީމީ އަދި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކަށް އަންނަ މުއައްޒަފުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާންޖެހެއެވެ. އަދި މިފަދަ ފަރާތްތައް ކަރަންޓީންނުން ދޫކޮށްލަނީ ކަރަންޓީން މުއްދަތު ފުރިހަމަކުރުމަށް ފަހު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.
One Response
ތިގޮތް ވަރަށް ރަނގަޅެވެ. ނަމަވެސް ރާއްޖެރެއަށް ގޮސް 10 ދުވަހު ކަރަންޓީނުވާން ޖެހެނީމާ މާ ކަޑައެވެ. އެއަށްވުރެ ޓެސްޓުހަދާ ނެގެޓިވް ނަތީޖާ ހޯދައިގެން ދެވޭގޮތް ހެދުން މާރަނގަޅެވެ. އޭރުން ކޮވިޑްނެތް ރަށްރަށްގޮސް ތިމާގެ ގާތް މީހުންއެކު ކުރު ޗުއްޓީއެއް ހަދާފައި އެންބުރި އާދެވުމުން މާ އޯކޭއެވެ. ދެން މިގެންދެވޭގޮތް ގިނަމީހުން ބުނާގޮތުން ވާނުވާ ނޭގެއެވެ.