މި މަހުގެ 24ވަނަ ދުވަހު ޢުމްރާއަށް ދިއުމަށް އޮތް ދަތުރު ފަސްކުރެވިފައިވާކަމަށް ބުނެ، އަސްކޮއި ޓްރެވަލް ސަރވިސްގެ ވެރިޔާ ފިލާފައިވާކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.
މި ވާހަކަތައް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުން ހާމަކުރަމުންދާއިރު، އެކަކު ބުނެފައިވަނީ، ގަލްފުގައި އުފެދިފައިވާ ހަމަނުޖެހުންތައް މަޑުޖެހިލަންދެން ދަތުރު ފަސްކުރެވިފައިވާކަމަށް އެ ގުރޫޕުގެ ވެރިޔާ މެސެޖުކޮށްފައިވާކަމަށެވެ.
އަސްކޮއި ގުރޫޕުގެ ވެރިޔާގެ ފޮޓޮއަކާއެކު ކޮށްފައިވާ މި ޕޯސްޓުގައި ވަނީ، ޕޯސްޓުކުރި ފަރާތުން އަސްކޮއި ގުރޫޕާއެކު މި މަހުގެ 24ވަނަ ދުވަހު ޢުމްރާއަށް ފުރުމަށް ހަމަޖެހިފައިވާކަމަށާއި، ނަމަވެސް އެ ދަތުރު ފަސްކުރެވިފައިވާކަމަށް ބުނެ މެސެޖު ފޮނުވުމަށްފަހު، ގުރޫޕުގެ ވެރިޔާގެ ފޯނުވެސް މިހާރު ނިއްވާލާފައި ވާކަމަށެވެ.
އަދި ޢުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ޕާސްޕޯޓުތައްވެސް ވީ ގުރޫޕުގެ ހަވާލުގައި ކަމަށް އެ ޕޯސްޓުކުރި މީހާ ވަނީ ބުނެފައެވެ.
ޚަބަރު ލިބިފައިވާގޮތުގައި އެ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް އުތުރުގެ އެއް ރަށަކުން އެކަނިވެސް 28 މީހުން ވަނީ ފައިސާ ދައްކާފައެވެ.
އަސްކޮއި ގުރޫޕުގެ ވެރިޔާއާ ގުޅޭގޮތުން މީގެ ކުރިންވެސް މިފަދަ މައްސަލައެއް ފެންމަތިވެ، މިހާރު އެ މައްސަލަ ޝަރީޢަތަށް ފޮނުވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
![]()

2 Responses
ކިހާދެރަކަމެއް. މީހުންނަށް ވެސް މިހާރު އެބަ އެނގެންޖެހޭ މިކަހަލަ މަކަރުހަދާ ގުރޫޕްތައް. މި ގުރޫޕުތަކަށް ކީއްކުރަންތަ ލާރި ދައްކަނީ. އަސްކޮއި ގުރޫޕުގެ ހުއްދަ ބާޠިލުކުރަންވީނު މިވަރުވާއިރު، ހުރިހާ ގެއްލުމެއް ޢާންމު ރައްޔިތުންނަށް
މިކަލޭގެ މޫނު ރަނގަޅަށް ފެންނަ ފޮޓޯއެއް ނެތީތޯ? މިކަހަލަ ވިޔާނުދާ މީހުން ރަނގަޅަށް އެނގެން އެބަޖެހޭ.