މުޖުތަމަޢުގެ އިޞްލާޙަށްޓަކައި މުސްލިމް ޤައުމެއްގެ ވެރިންގެ މަސްއޫލިއްޔަތުގެ ބޮޑުކަން

Loading

Facebook
Twitter
WhatsApp

އިންސާނުންނަކީ އެބައިމީހުންގެ ޠަބީޢަތުގައި އެކުލެވިގެންވާ ބަލިކަށި ސިފަތަކުގެ ގިނަކަމާހުރެ، ފިސާރިއަވަހަށް ހެޔޮމަގުން އެއްކިބާވާ ބަޔެކެވެ. އެންމެބޮޑު ސަބަބަކީ، ޝައިޠާނާގެ ވަސްވާސްތެރިކަމާއި، އަމިއްލަ ނަފުސުގެ އެދުންތަކަށް އިޖާބަދިނުން ބޮޑު ބަޔަކަށްވުމެވެ. މީގެއިތުރަށް ޠަބީޢަތުގައި ލައްވައިފައިވާ ތަފާތުގެ ބޮޑުކަމާހުރެ، ރަނގަޅާއި ނުބައި ކަނޑައެޅުމުގައި ދެމީހަކު އެއްގޮތް ނުވުމެވެ. ކަންމިހެން ހުރުމާއެކު، އިންސާނުން އަމިއްލައަށް އެބައިމީހުންގެ ދިރިއުޅުން ބިނާކުރާނެ މަންހަޖު އެކުލަވައިލާނަމަ، މެދުވެރިވާނެ މައްސަލަތައް އެއީ ވަޒަންކޮށްލަންވެސް ފަސޭހަ ކަމެއްނޫނެވެ.

އިލާހީ މަންހަޖާނުލައި އިންސާނާގެ ދިރިއުޅުން ސިފަކުރަން އެންމެ އެކަށީގެންވަނީ، ހުންގާނެއްނެތި، ގަދަކަނޑެއްގައި ދަތުރުކުރަން ނުކުތް ދޯންޏެއްގެ މިސާލެވެ. ނުވަތަ ވަރަށް މިޒަމާނާ ގުޅޭގޮތަކަށް ސިފަކުރާނަމަ، ދުއްވާފައިދާ މަތިންދާބޯޓެއްގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅައިލުމުން ދެން އެބޯޓަށް މެދުވެރިވާނެގޮތެވެ.

ޒަމާންތައް ދައުރުވަމުންގޮސް، މިއަދު އިންސާނުން މިވޭތުކުރަނީ ރަށްވެހިކަމާއި ތަމައްދުންގެ، ތަރައްޤީއާއި ތަހުޛީބުގެ ޒަމާނެވެ. އިންސާނީ ޙަޔާތުގެ ދިގުދަތުރުގައި މިހާހިސާބަށް އާދެވުނުއިރު، ކޮންމެ މުޖުތަމަޢެއްގައިވެސް ޤާނޫނުތައް އެކުލަވާނެ މުއައްސަސާތައް އެކަށައަޅައި، ލިޔެވިފައިވާ ޤާނޫނުތައް ހޯދައިދެވިފައެވެ. އެހެންނަމަވެސް، އެއީ އިސާހިތަކު އެއަށް އިޞްލާޙާއި ބަދަލު ބޭނުންވާ އެއްޗެއްކަމުގައިނޫނީ ނުވެއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އެފަދަ ޤާނޫނުތައް އެކަށައަޅަނީ، އަމިއްލައެދުމުން ފޯވެފައިވާ، މާދަމާ ކަންހިނގާނެގޮތް ވަޒަވެސް ނުކުރެވޭ ނިކަމެތި އިންސާނުންނެވެ. އެހެންކަމާއެކު އެފަދަ ޤާނޫނަކީ އިންސާނުންގެ ހުރިހައި ބޭނުންތަކަކަށް އެދެވޭ ޙައްލެއް ހޯދައިދެވިފައިވާ އެއްޗެއްކަމަށް ނުވާހިނދު، މުޖުތަމަޢުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމުގެ ޤާބިލުއެއްޗެއް ކަމުގައިވެސްނުވެއެވެ.

އިސްލާމީ ޝަރީޢަތަކީ މީސްތަކުންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވުމުގެ ޛަރީޢާއެވެ. އެ ޝަރީޢަތުގައި އަންގަވައިފައި ވާގޮތަށް ޢަމަލުތައް ބެހެއްޓުމަކީ، އެންމެންގެ މަސްއޫލިއްޔަތެކެވެ. ވަކިން ޚާއްޞަކޮށް މުސްލިމު ޖަމާޢަތެއްގެ ވެރިން އެކަމުގައި މަސްއޫލުވުން ބޮޑެވެ. އެހެނީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ޙުކުމްތައް މީސްތަކުންގެމެދުގައި ތަންފީޛުކުރުމަކީ، ވެރިންގެ ޒިއްމާއެކެވެ. އެބައިމީހުންގެމައްޗަށް ލާޒިމުކަމެކެވެ. ވެރިންގެ އިސްނެގުމާނުލައި، އިސްލާމީ މުޖުތަމަޢެއްގައި ﷲގެ ޝަރީޢަތް ތަންފީޛެއް ނުކުރެވޭނެއެވެ.

ވެރިންގެ އެއްބާރުލުމާއި އަޅައިލުންނުލިބި، މުސްލިމުންނަށް ޢަމަލުކުރެވޭނީ ޝަރީޢަތުގެ މަދު ބަޔަކަށެވެ. އަޅުކަންކުރުމާއި، ކައިވަންޏާއި، ވަރިއާއި، ވިޔަފާރިއާއި އެހެނިހެން މުޢާމަލާތުގެތެރެއިން ވެސް ބައެއް ކަންކަމަށެވެ. ޝަރީޢަތުގެ ބޮޑުބައެއްކަމުގައިވާ ޢަދުލުއިންސާފު ޤާއިމުކުރުމާއި، އެކިއެކި ކުށްކުށުގެ ޢުޤޫބާތް ދިނުންފަދަ މުހިއްމު އެތައްބަޔެއް ވެރިންގެ އަޅައިލުމާއި އެބައިމީހުންގެ އިސްނެގުމާނުލައި މުޖުތަމަޢުގައި ތަންފީޛެއް ނުކުރެވޭނެއެވެ.

ކަންމިހެންހުރުމާއެކު އިސްލާމީ މުޖުތަމަޢެއްގެ ވެރިންގެ މަސްއޫލިއްޔަތު ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّـهِ عَاقِبَةُ الْأُمُورِ.} (سورة الْحج: 41) މާނައީ: “އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރި ކުރައްވައިފިނަމަ، ނަމާދުޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ.”

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް