ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ހިލޭ ލިބޭނެ: ރައީސް

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ކޮވިޑް-19 ވެކްސިން ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްތިތާހު ކުރުމާއި ގަމުގައި ތަރައްގީ ކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްތިތާހު ކުރުމާއި އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް އިއްޔެ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކޮވިޑްގެ ދަތި އުދަނގޫ ދުވަސްތައް ކަނޑައްތުކުރުމަށް ފަހު، އެ ބައްޔަށް ވެކްސިނެއް ހޯދިފައިވާ ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑް 19ގެ ވެކްސިން ހޯދުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިލޭ ވެކްސިން ފޯރުކޮށް ދިނުން ކަމަށެވެ.

”ސަރުކާރުގެ ސިޔާސަތަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށް ދިނުން،“ ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ވެކްސިން ރާއްޖެއަށް ގެނެސް ޖެހުމުގެ ތައްޔާރީތައް ވުމަށް ނޭޝަނަލް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި ވަނީ މަސައްކަތް ފަށާފައެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މީގެ ކުރިން ބުނީ ވެކްސިން ރައްކާކުރާނެ ސްޓޯރޭޖް ގާއިމް ކުރުމާއި، އެކަމަށް ބޭނުންވާ ސާމާނު ގަތުމާއި ”ކޮވެކްސް ފެސިލިޓީ“ގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމުގެ މަސައްކަތް ސްޓިއަރިން ކޮމިޓީއިން ކުރަމުން އަންނަ ކަމަށެވެ.

ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށްވާ ވެކްސިން ރާއްޖެއަށް ހިލޭ ފޯރުކޮށްދޭނެ އެވެ. އެހެންކަމުން ގާތްގަނޑަކަށް 111،485 މީހުންނަށް ޖެހުމަށް ވެކްސިން ހިލޭ ލިބޭނެއެވެ.

 

ވެކްސިންތަކުގެ ތެރެއިން ރާއްޖެއިން ހޯދަން މަސައްކަތްކުރަމުން އަންނަނީ،ކޮވިޑަށް ފަރުވާކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާޒެނެކާ ވެކްސިނާއި އެމެރިކާގެ ބަޔޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިނެވެ.

 

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ނުވަ މަހަށްވުރެ ގިނަ ދުވަސް ދިވެހިން ހޭދަކޮށްފައިވާއިރު، ރާއްޖެއިން މިހާތަނަށް 13,070 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 12،001 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފަ އެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 91 ޕަސެންޓް މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން މަރުވީ 47 މީހުންނެވެ.

 

ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރުނީ އޮގަސްޓްމަހުގެ ތެރޭގައެވެ. އެ މަހު އެކަނިވެސް 3،900 މީހަކަށް ކޮވިޑް ޖެހި 12 މީހަކު އެބަލީގައި މަރުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް