2 ވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނު 2 ބަޔަކަށް ބަހާލިގޮތަށް ޔޫކްރެއިންވެސް 2 ބަޔަކަށް ބަހާލަން އެމެރިކާގެ ރައީސްގެ ޚާއްސަ މުޝީރު ހުށައަޅުއްވައިފިއެވެ. ޔޫކްރެއިންގެ އެއްބައި ވެގެންދާނީ ޔޫރަޕްގެ ގައުމަކަށެވެ. އަނެއްބައި ވެގެންދާނީ ރަޝިޔާގެ ބަޔަކަށެވެ. މި ހުށައެޅުން ރައީސް ޓްރަމްޕްގެ ފަރާތުން ޔޫކްރެއިނަށް ކަނޑައޅުއްވާފައިވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ކީތު ކެލޯގް ވަނީ ޓައިމްސް އޮފަ ލަންޑަން އަށް ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ އެގޮތަށް ބަހާލުމަށްފަހު ފަރަންސޭސި ވިލާތާއި އަދި އިނގިރޭސި ސިފައިން ޑީނީޕަރ ކޯރުގެ ހުޅަނގުން ޔޫކްރެއިންގެ އުތުރާއި އިރުމަތީގެ ބައެއް ސަރަހައްދުތައް ހިމެނޭގޮތުގައި އެހެންނަމަވެސް ދެކުނުން ބްލެކް ސީ އާހަމަޔަށް ނުފޯރާގޮތަށް ބަހާލެވޭ އެ ސަރަހައްދުތައް ބަލަހައްޓާދޭނެ ކަމަށެވެ.
ރަޝިޔާގެ ބާރުގެ ދަށުގައި މިހާރުވެސް ހުރި ބިންތައް ހުންނާނީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ލެފްޓިނެންޓް ޖެނެރަލް ކީތު ކެލޯގް ވަނީ މީޑިއާއިން އޭނާގެ ވާހަކަ ނުބައިކޮށް މާނަކޮށްފައިކަމަށް ފަހުން ބުނެފައެވެ. އަދި “ އަހަރެން ބުނެފައި އެވަނީ ހަނގުރާމަ ނިމުމަށްފަހު އެމެރިކާ ނުލައި ޔޫރަޕްގެ އެއްބައިވަންތަ މިލިޓްރީ ބާރަކުން ޔޫކްރެއިންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ވާހަކަ“ އޭނާ ވިދާޅުވެފައެވެ
ލެފަޓިނެންޓް ޖެނެރަލް ކެލޯގް ގެ ވާހަކަ ފުޅާއި 2 ވަނަ ބޮޑު ހަނގުރާމައިގާ ޖަރުމަނަށް ދިމާވިގޮތް ވަރަށް ތަފާތެވެ. ޖަރުމަނުގެ ސިފައިން ބަލިވެ ގުޅިފައިވާ ޔޫރަޕްގެ ލަޝްކަރު އަތްދަށުވީއެވެ. ކެލޯގް މިހާރު ހުށައަޅުއްވާފައިވާގޮތުން ޔޫކްރެއިންގެ އިތުރު ބިމެއް ރަޝިޔާއަށް ދިނުމަކާނުލައި ހުޚަނގުގެ މިލިޓްރީ ބާރަކުން ޔޫކްރެއިންގެ ހުޅަނގުގެ ސަރަހައްދު ބަލަހައްޓާ ދޭނީއެވެ.
ރައީސް ޓްރަމްޕްގެ ދަ ޓުރުތު ޕްލެޓްފޯރމުގައި ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންގެންދާ މާނައެއްނެތް ހަނގުރާމަ ހުއްޓުވުމަށް އެ މަނިކުފާނު ބާރުއަޅުއްވަމުން ގެންދެވުމާއެކު ޚާއްސަ މުޝީރު ސްޓީވް ވިޓްކޯފް އާއިއެކު ސެއިންޓް ޕީޓަރސްބާރގްގައި ރައީސް ޕޫޓިން ވަނީ މިދިޔަ ހުކުރު ދުވަހު 4 ގަޑިއިރު މަޝްވަރާ ކުރައްވާފައެވެ. ރައީސް ޒެލެންސްކީ އެތައްފަހަރަކު އެދިވަޑައިގަތުމުންވެސް އެ ބައްދަލުކުރެއްވުމުގައި ބައިވެރިވުމުގެ ފުރުސަތު އެމަނިކުފާނަކަށް ނުވަތަ ޔޫކްރެއިންގެ ވަފުދަކަށްވެސް ނުދިނެވެ.
ރައީސް ޓްރަމްޕްގެ ޚާއްސަ މުޝީރުގެ ހުށައެޅުން އެނގިވަޑައިގަތުމާއެކު ރައީސް ޒެލެންސްކީ ހުންނެވީ ވަރަށް ކަންބޮޑުވެފައެވެ. އެމަނިކުފާނު ގެންދަވަނީ ޔޫކްރެއިންގެ ބިންތައް ރަޝިޔާއަށް ދިނުމަށް އެންމެ ފުރަތަމަ ދުވަހުއްސުރެން ދެކޮޅު ހައްދަވަމުންނެވެ. މިހާރު ވާހަކަތައް ކޮންމެ ގޮތަކަށް ބައްޓަންކުރަމުން ގެންދިޔަ ކަމުގައި ވިޔަސް ރަޝިޔާގެ ބާރުގެ ދަށަށް ޔޫކްރެއިންގެ ސަރަހައްދުތަކެއް ހިނގައިދާނެތީ ރައީސް ޒެލެންސްކީ ހުންނަވަނީ ހަދާނެގޮތެއްނެތިފައެވެ. ރައީސް ޒެލެންސްކީގެ ވިސްނުންފުޅު ކޮންމެގޮތަކަށް ހުއްޓަސް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ޔޫކްރެއިންގެ ބައެއް ސަރަހައްދުތައް ރަޝިޔާއަށް ދޫކޮށްލަން ޖެހޭނެ ކަމަށް އެމެރިކާއިން ބުނާ ބުނުމަކަށް ބަދަލެއް ނާދެއެވެ.
އެ ބައްދަލު ކުރެއްވުމަށްފަހު ވިޓްކޯފް އީރާނުގެ ނިއުކްލިއަރ މަޝްރޫއުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް މިހާރު އޮމާނަށް ވަޑައިގެންފިއެވެ.
ޔޫކްރެއިން ބަހާލުމުގެ ވާހަކައިގާ އެއްބައެއްގައި އެއްވެސް މިލިޓްރީ ހަރަކާތެއް ނުބޭއްވޭ ގޮތަށް ކަނޑައަޅައި އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ނޭޓޯގެ ފައުޖެއް އޮތުމަށް ރަޝިޔާއިން އެއްބަސްނުވާނެކަމަށް ޚާރިޖީ ވަޒީރު ލަވްރޯވް ގެންދަވަނީ ތަކްރާރުކޮށް ވިދާޅުވަމުންނެވެ.