ޕާކިސްތާނާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު އެ ޔަޤީންކަން ދެއްވާފައި ވަނީ ”ޕާކިސްތާން ޑޭ“ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
އެގޮތުން ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުންވި ސިޓީފުޅުގައި ރައީސް ވަނީ، ދެ ޤައުމުގެ ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތާއި އުފާވެރިކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
”ޕާކިސްތާން ޑޭ“ ފާހަގަކުރަނީ، އެ ޤައުމުން އިސްލާމީ ޖުމްހޫރިއްޔަތަކަށް ވާސިލުވުމަށް ކުރި ދަތުރުގެ ތެރެއިން، ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް ފާސްކޮށް ޢަމަލުކުރަން ފެށުން އިހުތިފާލުކުރުމުގެ ގޮތުންނެވެ.