ރަޝިޔާގެ ތެރޭގައިތިބި ޔޫކްރެއިންގެ ސިފައިން ހުރިހާ ދިމާއަކުން ބެދިފައި

Loading

March 12, 2025
Facebook
Twitter
WhatsApp

ލަންޑަން/ކީވް ރޮއިޓާރސް
ހައިރާންކުރަނިވި ކުއްލި ހަމަލާއެއްގައި ޔޫކްރެއިން ސިފައިން މިދިޔަ ހޫނު މޫސުމުގައި ރަޝިޔާގެ ކާރސްކް ޖަޒީރާއަށް އަރައިގަތުމަށްފަހު މިހާރު އެތިބެވުނީ ރަޝިޔާ ސިފައިންގެ ފައުޖުތަކުގެ ކުރިމަތީގައި ނިކުމެވޭނެ މަގެއް ނެތިފައެވެ. މިހާތަނަށްވެސް ޔޫކްރެއިންގެ އުންމީދަކީ އެމެރިކާ އިސްނަގައިގެން ކުރެވޭ ސުލްހައިގެ މަޝްވަރާތަކުގައި އެ ޖަޒީރާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. ޔޫކްރެއިންގެ ރައީސް ވިދާޅުވަމުން ގެންދަވަނީ ކާރސްކް ޖަޒީރާއަށް އަރާގަތުމުގައި އޮތް ހަމަ އެކަނި މަގްސަދަކީ ސުލްހަވެރި އެއްބަސްވުމަކަށް އައުމުގައި އެއިން ފައިދާ ކޮށްފާނެކަމަށް ބެލުމެވެ. އެހެންނަމަވެސް އޯޕަން ޝޯ ގެ މެޕުން ފެންނަފެނުމުގައި ފާއިތުވެގެން މިދާ ދެތިން ދުވަހު ކާރސްކްގައި ތިބި ޔޫކްރެއިން ސިފައިންގެ ހާލަތުވަނީ ވަރަށް ބޮޑު ނޭންގުމެއްގެތެރެއަށް ގޮސްފައެވެ. ރަޝިޔާގެ އޮފެންސިވް ހަމަލާތަކުގައި ކާރސްކް ޖަޒީރާގެ ބައެއް ސަރަހައްދުތައް މިނިވަންކޮށް ޔޫކްރެއިންގެ ލަޝްކަރުވަނީ ދެބައިކޮށްލާފައެވެ. އަދި ޔޫކްރެއިން ސިފައިންގެ މައި ގުރޫޕް މިހާރު ވަނީ ސަޕްލައި ލައިނުން ބޭރުކޮށްލާފައެވެ.


ޔޫކްރެއިންގެ މިލިޓްރީ ބްލޮގިންގ ގެ އިތުބާރުކުރެވޭ ޑީޕްސްޓޭޓް ވަސީލަތެއް ކަމަށް ބެލެވޭ މެޕިންގއިން ހުކުރު ދުވަހު އާންމުކޮށްފައިވާގޮތުގައި ކާރސްކް ޖަޒީރާގައިތިބި ޔޫކްރެއިން ސިފައިންގެ %75 މިހާރު ތިބީ ރަޝިޔާގެ ލަޝްކަރުތަކުން ވަށާލާފައެވެ. އަދި ޔޫ އޭ ވީ ޑްރޯންގެ ވަސީލަތްތަކާއި ޚާއްސަކޮށް ކާރސްކް ޖަޒީރާ ގެ ސަރަހައްދުގައި ހިނގަމުންދާ ހަރަކާތްތަކަށް ފާރަލުމުގެ ވަސީލަތްތަކަކީވެސް ރަޝިޔާއަށް އޮތް ފަސްކުޅިއެކެވެ.
ހަނގުރާމައިގެ މި ހާލަތު ދިރާސާ ކުރައްވާބޭފުޅުން ވިދާޅުވަނީ ޔޫކްރެއިން ސިފައިންނަށް މިވަރުގެ ބޮޑު ނިކަމެތި ކަމަކާ ކުރިމަތިލާން ޖެހިފައިމިވަނީ އެމެރިކާގެ އިންޓެލިޖެންސް އެހީ ހުއްޓާލުމުގެ ސަބަބުން ކަމަށެވެ. މިހާރު ޔޫކްރެއިން ސިފައިންގެ ކުރިމަތީގައި އޮތީ:
ސިޔާސީ ގޮތުން ގަބޫލުކުރަން އުނދަގޫ ވެފައި ސައިކޯލޮޖިކަލްގޮތުން ކިތަންމެ ބޮޑު ބުރައަކަށް ވިޔަސް އެނބުރި ޔޫކްރެއިންގެ ތެރެއަށް ވަދެވޭނޭ މަގެއް ހޯދުމެވެ. ނުވަތަ ރަޝިޔާ ސިފައިންގެ އަތްދަށުވުމާއި މަރުވެގެން ދިއުމެވެ.
މިވަގުތު ހަނގުރާމައިގެ މައިދާނަށް ބަލާލާއިރު ފެންނަމުންދަނީ އެމެރިކާގެ ހުށައެޅުމާ އެއްގޮތަށް ޔޫކްރެއިން ރަޝިޔާއާއެކު ސުލްހަ ގާއިމް ކުރުމަށް ފަސްޖެހެމުން ދިއުމުގެ ނަތީޖާއެވެ. ފްރަންޓްލައިންގެ އެކިދިމަދިމާލުން ރަޝިޔާ ސިފައިން ޔޫކްރެއިންގެތެރެއަށް ވަންނަމުން ދާއިރު ޔޫކްރެއިން ސިފައިންތިބީ ހަމައެކަނި އެންމެ ދިމާލަކުންވެސް ހިފާއްޓާލެވޭނެ ގޮތެއް ނެތިފައެވެ.
ފިންލޭންޑުގެ ބްލެކްބާރޑް ގުރޫޕުގެ އެނަލިސްޓުން ރޮއިޓާރސްއަށް މައުލޫމާތު ދީފައިވާގޮތުގައި ކާރސްކް ޖަޒީރާ ގައި ޔޫކްރެއިން ސިފައިންނަށް ދިމާވެފައި އެވަނީ ހަނގުރާމައެއްގައި ދިމާވާނާ އެންމެ ނާޒުކު ފައްތަރެވެ.
ރަޝިޔާސިފައިން އަތްދަށު ނުވެ އެނބުރި ޔޫކްރެއިން ތެރެއަށް ދެމިގަތުމުގައިވެސް ނުރައްކާތެރިކަން އިންތިހާއެވެ. ރަޝިޔާ ސިފައިން ގެ ދަގަނޑު ހަންމުށިތަކުގައި ނުޖެހި ސަލާމަތްވެގެން ދިއުމަކީވެސް ނާދިރު ކަމެކެވެ. ޔާން މެތުވީވް ކިޔާ އެހެން އެނަލިސްޓަކު ޓެލިގްރާމް ގައި ފާޅުކޮށްފައިވާ ޚިޔާލުގައި ޔޫކްރެއިން ސިފައިންނަށް ރަނގަޅުގޮތަކާ ދޭތެރޭ ވިސްނާނެ ވަގުތުވެސް ވަރަށް ކުޑަވެއްޖެ ކަމަށެވެ.
ހަނގުރާމައިގެ ހާލަތާބެހޭގޮތުން ރަޝިޔާގެ ދިފާއީ ވުޒާރާއިން ނުވަތަ ޔޫކްރެއިން މިލިޓްރިގެ ފަރާތުންވެސް ވާހަކަދައްކަން ބޭނުން ނުވާކަހަލައެވެ.
މީޑިއާތަކުން ދެކޭގޮތުގައި ކާރސްކް ޖަޒީރާއަށް ޔޫކްރެއިން ސިފައިން ވަދެގަތުމަކީ ރަޝިޔާގެ ރައީސަށް ވަރަށް ބޮޑު ލަދުވެތި ކަމަކަށް ވިއެވެ. އެހެންނަމަވެސް އެމަނިކުފާނު އޭރުވެސް ވިދާޅުވަމުން ގެންދަވާފައިވަނީ ކާރސްކް ޖަޒީރާއިން ޔޫކްރެއިން ސިފައިން ނެރެލާނެ ކަމަށާއި އަދި އެއީ އުދަނގޫ ކަމެއް ނޫންކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް