ފަނޑިޔާރުންނަށް ކެހިވެރި ގަވާއިދުތައް

Loading

March 9, 2025
Facebook
Twitter
WhatsApp

ފަނޑިޔާރުންކުރާ ބައެއް ޙުކުމްތަކުގެ ސަބަބުން ކުރީގެ ބައެއް ސަރުކާރަށާއި ބައެއް ސިޔާސީ މީހުންނަށް ހިތުހުރިގޮތަކަށް ކަންތައްނުކުރެވޭތީ ފަނޑިޔާރުން ހަތުރުންކަމުގައި އެ މީހުން ދެކުނެވެ. ނަތީޖާއަކަށްވީ ޖޭ.އެސް.ސީ.އަށް  ސިޔާސީ ބާރުއަތުލައި އަދި ކުރީގެ ސަރުކާރުތަކުން ފަނޑިޔާރުންނަށް އަމާޒުކޮށްގެން ޤާނޫނުތައް ހަދައި، އުޞޫލުތައް ހަދައި، ފަނޑިޔާރުންނަށް ލިބިދީފައިވާ ގިނަ ޙައްޤުތަކެއް ޖަރަހަށް އުނިކޮށްލުމެވެ. އެގޮތުން ހެދިފަައިވާ ބައެއް ގަވާއިދުތަކަށް ކުރުކޮށް އަލިއަޅުވައިލާނަމެވެ.

އެކެއް: ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު  ނަންބަރު: 2019/ 1069-R  ) ގެ (1 ވަނަ އިޞްލާޙް ހިމަނާފައިވާ) އެޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)

މި މާއްދާގެ (ހ) ގައި ބުނެފައިވަނީ އިންޓެގްރެޓީ ބަޔަށް 80 މާކްސް ނުލިބޭ ނަމަ އިންޓަވިޔު އިން ޑިސްކޮލިފައި ވާނެކަމަށެވެ. މިމާއްދާއަކީ އެޤަވާޢިދުގެ 6 ވަނަ މާއްދާ އާއި ޚިލާފަށް ހިމަނާފައިވާ މާއްދާއެކެވެ. 6 ވަނަ މާއްދާގައި ބުނެފައިވަނީ ، ވަޒީފާ އަދާ ކޮށްފައިވާ  ތަންތަނުން ކުށުގެ ރެކޯޑު ސާފުކުރަންވާނެކަމަށެވެ. އެ މާއްދާގައި  ބުނެފައި އެވަނީ ޖިނާޢީ ކުށުގެ ރެކޯޑު ގެ ވާހަކައެވެ. ސުލޫކީ މައްސަލަ އަކީ ކުށުގެ ރެކޯޑެއް ނޫނެވެ. އެގޮތަށް އެކަން އޮއްވައި އިންޓެގްރެޓީގެ ހުއްޖަތް ދައްކައިގެން ވަޒީފާގެ ހައްގުވަނީ ބައެއް ފަޑިޔަރުންނަށް ގެއްލުވާފައެވެ.

އަނެއްކޮޅުން ގަބޫލުކުރަން ޖެހޭ އަނެއް ހަގީގަތަކީ ޖޭ.އެސް.ސީ ގެ މެޖޯރިޓީ އަބަދުވެސް އޮންނަނީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުންނަށެވެ.  އެގޮތުން ސިޔާސީ މީހުން ހިންގާ ތަޙްޤީގެއްގައި އިދާރީ ގޮތުން އަޅާ ފިޔަވަޅެއް ގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ  ލިބުނު ގެއްލުމަށް އިންސާފު ހޯދުމަށް ޝަރީޢަތަށް ދެވޭނެ މަގު އޮންނަންޖެހެނީ ހުޅުވިފައިއެވެ. ސަބަބަކީ ސިޔަސީ ބަޔަކު ޖޭ.އެސް.ސީ.ގައި ތިއްބަވައިގެން ކުރާ ތަހުގީގެއް އިންޞާފުވެރި ވާނެކަމަށް ޤާނޫނީ ނަޒަރަކުން ނުބެލޭނެތީއެވެ.  

ފަނޑިޔާރުންގެ ޤާނޫނުގައާއި ޤާނޫނު އަސާސީ ގައި ފަނޑިޔާރުކަމަށް ޢައްޔަނު ކުރެވޭނެ ޝަރުޠުތައް ކަނޑައަޅާފައިވެއެވެ. އެހެން ކަމުން އެއާ ފުށުއަރާ ޝަރުޠެއް ގަވާއިދަކުން ހެދިގެންނުވާނެއެވެ.

ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ޤަވާޢިދަށް ގެނެސްފައިވާ 1 ވަނަ އިޞްލާޙް ގެ 6 ވަނަ މާއްދާގައި ކުށުގެ ރެކޯޑު ކަމަށް ބުނެފައިވާ ޢިބާރާތު މާނަ ކަމަށް ގާނޫނު އަސާސީގެ މަފުހޫމަކީ ޖިނާޢީ ކުށުގެ ރެކޯޑެވެ. އާއްމުގޮތެއްގައި މުޅި ދުނިޔޭގައި ވެސް ވަޒީފާތަކަށް ވައްދަން ރިކޯޑުކަމުގައި ބަލަނީ ޖިނާޢީ ކުށުގެ ރެކޯޑެވެ. ޖިނާޢީ ކުށުގެ ރެކޯޑުފިޔަވައި ސުލޫކީ ޝައްކެއް އޮތްނަމަ އެކަމުގެ ތެދު ދޮގު ޝަރުޢީ ހަމަތަކުން ކޯޓު މަރުހަލާއަކުން ސާބިތުކޮށްދިނުމަށް އެ މީހަކަށް ފުރުސަތު އޮންނަން ޖެހޭނެއެވެ. އެކަމުގެ ފަހު ބަސް ބުނަންޖެހޭނީ ކޯޓު މަރުހަލާއިންނެވެ. ސިޔާސީ ނުފޫޒު އޮތް ޖޭ.އެސް.ސީ. ފަދަ މުއައްސަސާއަކުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ވަޒީފަ ލިބުމުގެ ހައްގު ނިގުޅައި ނުގަނެވޭނެއެވެ. އިސްވެ ދެންނެވުނު ގަވާއިދު ހެދިފައި އެއޮތީ ޖޭ.އެސް.ސީ. ބެނުންވެއްޖެ ހިދެއްގައި ނުފޫޒުގެ ބޭނުން ކުރެވޭ ގޮތަކަށެވެ.

ދޭއް: ސުލޫކީ މައްސަލައެއްގައި ވަކިކޮށްފި ނަމަ ޚިދުމަތްކުރި މުއްދަތަށް ބަލައި ފައިސާގެ އެއްވެސް އިނާޔަތެއް ފަނޑިޔާރުންނަށް ނުލިބޭގޮތަށް ހެދުން   

ސުލޫކީ މައްސަލައެއްގައި ވަކިކޮށްފި ނަމަ ޚިދުމަތްކުރި މުއްދަތަށް ބަލައި ފައިސާގެ އެއްވެސް އިނާޔަތެއް ފަނޑިޔާރުންނަށް ނުލިބޭގޮތަށް ވަނީ ހަދައިފައެވެ. ނަމަވެސް ސިވިލްސަރވިސްގެ މުވައްޒަފަކު ވަކިވިޔަސް ވަކިކުރި ނަމަވެސް ޚިދުމަތުގެ މުއްދަތަށް ބަލައި ފައިސާގެ އިނާޔަތެއް ލިބިދެއެވެ. މިއީ އިދާރީ ފިޔަވަޅު އެޅުމުގައި އިދާރީ ގޮތުން ދައުލަތުގެ މުވައްޒަފުން ތަފާތުކުރުމެކެވެ. ފަނޑިޔާރު ކަމުގައި ހުންނަވާއިރު ޕެންޝަން ސްކީމަށް މުސާރައިން ބޮޑު ޢަދަދެއް ކަނޑުމަށްފަހު ވަކިކުރާއިރު ކެނޑި ފައިސާއިން އެއްވެސް މިންވަރެއް ނުލިބޭގޮތަށް އޮތުމަކީ ޔަގީނުންވެސް ވެވޭ އަނިޔާއެކެވެ. އަދި ޖޭ.އެސް.ސީ.އަށް  ބިރުން ނުވަތަ ވޭތުވެދިޔަ ބައެއް ސަރުކާރުތަކުގެ ނުފޫޒަށް ބިރުން ބައެއް ފަނޑިޔާރުން އެއްޗެއްނުލިބި އަމިއްލައިން ވަކިވެވެގެން ހިނގައްޖެއެވެ. އަދި ބައެއް ފަނޑިޔާރުން ވަކިކޮށްފިއެވެ. ކޮންމެއަކަސް ބޭނުންވަނީ އެ މީހުންނަށް ވެސް އިންސާފުލިބުމެވެ. އެއީ އެ މީހުން ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ އެ ކަމަށް އަދަބު ދިނުމެވެ. ނަމަވެސް ހަމަހަމަކަމާއެކު އެމީހުންކޮށްފަައިވާ ބުރަ މަސައްކަތަށް ހައްގުވި މާލީ އިނާޔަތު ސިވިލްސަރވިސްގެ މުވައްޒަފުންނަކޭ އެއްފަދައިން އެ މީހުންނަށް ވެސް ދިނުމެވެ.   

ތިނެއް: ފަނޑިޔާރުންގެ ރިޓަޔަމަންޓުގެ ގަވާއިދު 28/02/2023 ގެ 12ވަނަ މާއްދާ

 ޖޭ.އެސް.ސީ.ން ފަނޑިޔާރުންގެ ރިޓަޔަމަންޓުގެ ގަވާއިދު 28/02/2023 ގެ 12ވަނަ މާއްދާ ލިޔެފައިވަނީ ގާނޫނަކުން ލިބިފައިވާ ފަނޑިޔާރުންގެ މާލީ ހައްގަކަށް އުނިކަންއަންނަގޮތަކަށެވެ. އެ ގަވައިދުގައި ލިޔެވިފައިވަނީ އެ ގަވާއިދުގެ ދަށުން ރިޓަޔަކުރެވޭ ފަޑިޔާރަކު ދައުލަތުގެ އެއްވެސް މަގާމެއް ފުރާ މުއްދަތުގައި ރިޓަޔަރމެންޓުގެ އިނާޔަތްތައް ނުލިބޭނެކަމަށެވެ. އަނެއްކޮޅުން އެހެން މުއައްސަސާއަކުން ރިޓަޔަރމެންޓު ލިބެމުންއަންނަ މީހަކު ދައުލަތުގެ ވަޒީފައަކަށް ދިޔަނަމަވެސް އެމީހެއްގެ އަތުން ރިޓަޔަމެންޓު ނުކަނަޑައެވެ. އެ މައްދާގައި ފާހަނގަވާ ބައެއް އޮޅުންބޮޅުންތަކަކީ:

ހ- ”މި ގަވައިދުގެ ދަށުން ރިޓަޔަރކުރެވޭ“ އޮތުމުން އެ ގަވާއިދަށްވުރެ ކުރީގައި ރިޓަރވެފައިވާ ފަނޑިޔާރުން އެ ގަވާއިދުގެ ދަށުގައި ހިމެނޭނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. އާނއެކޭ ބުނެފިނަމަ އުފެދޭ ސުވާލަކީ ރިޓަރވެފައިވާ ފަނޑިޔާރުންނަކީ ޖޭ.އެސް،ސީގެ ބަލަދު އަރާ ބަޔަކަށް ނުވާ ހާލު ބަދަލު ނަައަރާ ބަޔެއްގެ މައްޗަށް ގަވާއިދެއް ހެދިދާނެތޯ ނުވަތަ ނޫންތޯ އެވެ؟

ށ- ރިޓަޔަރމެންޓުގެ އިނާޔަތަކީ ގާނޫނަކުން ދެވޭ މާލީ ހައްގަކަށް ވާތީ އެ ގާނޫނޫގައި އެ ނުލިބޭނެ ހާލަތެއް ބުނެފައިނުވާހިނދު ހެދެވޭ ގަވާއިދަކުން އެ މާލި ހައްގު އުނިކުރެވިދާނެތޯ އުފެދޭ ސުވާލެވެ.

ނ- ދައުލަތުގެ މިނިވަން މުއައްސަސާތަކުންނާއި ސިވިލްސާވިސުން ރިޓަޔަރކުރެވޭ މީހުން ދައުލަތުގެ މަގާމެއް ފުރާ މުއްދަތުގައި ރިޓަޔަރމެންޓުގެ އިނާޔަތްތައް ބަރާބަރަށް ލިބެމުންދާ އިރު ވަކީން ފަނޑިޔާރުން އެކަމުން މަހުރޫމުކުރަންޖެހޭ ޚާއްސަ ގާނޫނީ ސަބަބެއް ބަޔާންކޮށްފައިނުވާތީއެވެ.      

ތިނެއް: ފަނޑިޔާރުންނަށް ހެލްތު އިންޝޫރެންސު ދިނުމުގައި ޖޭ.އެސް.ސީން ގާނޫނޫ އަސާސީއާ ޚިލާފުވެފައިވުން

ވާހަކަ ދައްކަންފަށައިފި ނަމަ ކޮޅުން ނުލާވަރަށް ރައްޖެގެ ހާލަތު މިއޮތީ ގޯސްވެފައެވެ. މިމައްސަލަ ކުރުކޮށްދަންނަވާ ނަމަ ދެންނެވޭނީ ގާނޫނޫ އަސާސީ ބުނަނީ ފަނޑިޔާރުންނަށް ހެލްތު އިންޝޫރެންސު ފުރިހަމައަށް ދިނުމަށެވެ. ނަމަވެސް މިހާރު ފަޑިޔާރުންނަށް ޖެ.އެސް.ސީންދީފައިވާ ހެލްތު އިންޝޫރެންސުން ބައެއް ދަންކަންޖެހެނީ ފަނޑިޔާރުންގެ އަމިއްލަ ޖީބުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް