ކައިވެނި ރޫޅުމާއެކު އަހަރެން ދެ ދަރިން ގޮވައިގެން ބަދަލުވީ ކުއްޔަށެވެ. އަމިއްލަ ރަށުގައި ގެދޮރެއް ނެތުމުން ދާނެ އެހެން ތަނެއްވެސް ނެތެވެ. އަހަރެންނަކީ މައިންބަފައިންގެ ހަމައެކަނި ދަރިއެވެ. ވަރަށް ޅައުމުރުގައި މައިންބަފައިން މާލެއަށް ހިޖުރަކުރުމާއެކު އަހަރެން އުފަންވީ މާލެއަށެވެ. މާލޭން ބޯހިޔާވައްސެއް ލިބޭނެކަމުގެ އުންމީދުގައި އެމީހުން ގަނަތެޅި އުމުރުހުސްވީފަހުން ބިންކޮޅެއް ލިބުނީ އާސަހަރާއިންނެވެ. އެތަނުގައި ބިނާއަކަށް ފެންނަށްހުރީ އެ ދެމީހުންގެ މަހާނަގަލެވެ.
އެމީހުންނަށްފަހު އަހަރެންނެވެ. ކައިވެނިކުރީ މާލޭގެ ގެދޮރުހުރި މީހަކާއެވެ. ވަންނާނެ ހިޔާވައްސެއްގެ ބޭނުމަކު ނޫނެވެ. އަހަރެންނަށް އޭނާ ކަމުދިޔައީތީއެވެ. އޭނާ އަހަރެންނަށް ވަރަށް ހެވެވެ. ކައިވެންޏަށްފަހު އަހަރެންގެ މައިންބަފައިންވެސް ގެންގުޅުނީ އޭނާގެ ހަވޭއްޔެއްފަދަ ގޭގައެވެ. އޭނާގެ މައިންބަފައިންވެސް އެހާމެ ރަނގަޅެވެ. ނަމަވެސް އިންސާނާގެ ހިތަކީ އެނބުރޭ ވަހުތާނެކޭ ބުނާފަދައިން އޭނާގެ ހިތްވެސް ބަދަލުވީއެވެ. ނުބައި އަންހެނެއްގެ ސިހުރުގައި ޖެހިގެންނެވެ. އެހާހިސާބުން އޭނާގެ ދިރިއުޅުމުގައި އަހަރެންގެ ބާބު ނިމުނީއެވެ.
އަހަރެން ކުއްޔަށް ބަދަލުވި ގެއަކީ ބައިބަޔަށް ބަހާފައިވާ ގެއެކެވެ. ގޭގެ ވެރިންގެ އަތުން މީހަކު ގަނެފައިވާ ގެއެކެވެ. މުޅިއެކު ހަތަރު ބަޔަށް ބަހާފައިވާއިރު ކޮންމެ ބައެއްވެސް ހުރީ ބުރިބުރިއަށް ނަގާފައެވެ. ކޮންމެ ބަޔަކުން ނުކުމެވޭގޮތަށް ހުރީ އެއް ގޯޅިގަނޑަކަށެވެ. ހުރިހާ ބައެއްގައިވެސް އުޅެނީ އެކި ހިސާބުތަކުން ކުއްޔަށް އައިސްއުޅޭ މީހުންނެވެ. އަހަރެންނަށް އެޕާޓުމަންޓެއް ލިބުނީ އެންމެ އެތެރެބައިގެ ހަތަރުވަނަބުރިންނެވެ.
އަހަރެންނަކީ ލަދުރަކި މީހަކަށް ވުމާއެކު އިސްވެ މީހުންނާ އަނގައިންބުނާ މީހެއް ނޫނެވެ. ހަތަރުކަޅި ހަމަވާ ފަހަރަކު ހިނިތުންވެލުން ފިޔަވައެވެ. ގިނަ މީހުން ދަނީ ހިނިތުންވެލަފާނެތީވެސް ބިރުން ދާހެންނެވެ. އެއީ އެމީހުންގެ މިޒާޖޭ ހިތަށްއަރައެވެ.
އަހަރެން އެގެއަށް ބަދަލުވީތާ ތިންވަނައަށްވީ ދުވަހަކީ ކޮވިޑް ބަލީގެ ސަބަބުން ފުރަބަންދު އިޢުލާންކުރި ދުވަހެވެ. ވަޒީފާއަދާކުރާ ތަނުން ވަކިކުރިކަމުގެ ސިޓީ ފޮނުވިއެވެ. ތިންމަސްދުވަހުގެ މުސާރައާއެކުގައެވެ. ދެ ދަރިންނާއެކު ހާލުގައި ޖެހުނެވެ. އެއްކުރެވިފައިހުރި ލާރިކޮޅުން ކުރިއަށް އޮތް ތިންމަސްދުވަހު ކުލިދައްކާފައި ތިބެންޖެހޭނީ ނުކައެވެ. އާއިލާ މީހަކު ނެތްތަނުގައި ދަންނަ މީހަކު ގާތުގައިވެސް އެހީއަކަށް އެދޭކަށް ލާހިކެއްނޫނެވެ. އަހަރެން ދުވަހަކު އުޅުނުގޮތެއް ނޫންވިއްޔާއެވެ.
ކޮންމެއަކަސް މާތްކަލާނގެއާ ވަކީލުކޮށްލުމަށްފަހު ދިރިއުޅުމައިގެން ކުރިއަށްދިޔައިމެވެ. ކުދިންގެ ބައްޕަގެ ހިތަށްވެސް އެކަލާނގެ ރަޙުމު ވެއްދެވީއެވެ. ތިންމަސްދުވަހަށް ވާވަރަށް ކާތަކެތި ފޮނުވިއެވެ. އަހަރެންނާ މާބޮޑަށް އަނގައިންބުނެ ނޫޅުނަސް ކުދިންނަށް އެއްޗެހި ފޮނުވައެވެ. ބޯފެން ފޯރުކޮށްދެއެވެ.
ޖެހިގެން އައި ހަފުތާގައި ރޯދަމަސް ފެށުނެވެ. އެއީވެސް ރަޙުމަތެކެވެ. ކުޑަ ކާއެތިކޮޅަކުން ފުއްދާލެވޭނެއެވެ. ކުދިންގެ ބައްޕަ ގެނައި ސާމާނުން ފުރަތަމަ ދުވަހުގެ ރޯދަވީއްލުމަށް އެއްޗެއް ހަދާލީމެވެ. މަޣުރިބަށް ގޮވުމަށް ކުޑަތަންވެފައިހުއްޓައި މީހަކު ދޮރުގައި ޓަކިދިނެވެ. އަހަރެން ހުޅުވިއިރު ހުރީ މުސްކުޅި މާމައެކެވެ. ހިނިތުންވެލާފައި ދިއްކޮށްލީ މަތިޖަހާފައިހުރި ތައްޓެކެވެ. މަތިނަގާފައި ބަލައިލިއިރު ހުރީ އެކިކަހަލަ ކާތަކެއްޗެވެ. ޝުކުރިއްޔާއޭ ބުނެފައި އަހަރެން އެތެރެއަށް ވަނީ އެ މާމަގާތުގައި ”މަޑުކޮށްލާށޭ، އަހަރެންވެސް އެއްޗެއް ދޭނަމޭ“ ބުނެފައެވެ. ތައްޓަށް އެއްޗެހި އަޅާފައި އަހަރެން އެނބުރިލިއިރު ދޮރު ހުރީ ލައްޕައި ތަޅުލާފައެވެ. ހުޅުވިއިރު މީހެއްގެ ހިލަމެއްވެސް ނެތެވެ. އަހަރެން ހިތަށްއެރީ ކުދިން ކުރި ކަމެއް ކަމަށެވެ. ނަމަވެސް އެކުދިން ތިބީ ކޮޓަރިތެރޭގައި ކިޔަވާށެވެ. ކުރާނެކަމެއް ނެތެވެ. އެ މާމަ އުޅޭ ބައެއްވެސް ނޭނގެއެވެ. ގެންގޮސްދެވޭނީވެސް އެހެންނަމަތާއެވެ. ވަރަށް ދެރަވެފައި އިނދެގެން ރޯދަވީއްލީމެވެ. މާމައަށް ދޭން އެޅި ތަކެއްޗަށް ބަލަން އިނދެގެންނެވެ. ހާރުދަމާ ހަމަޔަށް އެތަށި އެހެން ބެހެއްޓުމަށްފަހު ކާލީއެވެ. ހިތަށްއެރިއެވެ. އެހެން ދުވަހަކުން އަތުވެދާނެކަމަށް އެއްޗެހި ބަހައްޓާނީ ތައްޓަށް އަޅާފައެވެ.
އަނެއްދުވަހު އަހަރެން ހުރީ އެއްޗެހި ތައްޔާރުކޮށްގެންނެވެ. ހަމައެހާކަންހާއިރު ޓަކިޖަހާލައިފިއެވެ. މާމަ ދިއްކޮށްލި ތަށި މޭޒުމަތީ ބެހެއްޓުމަށްފަހު އަހަރެން ތައްޔާރުކުރި ތަށި ހިފައިގެން ހިނގައިގަތީމެވެ. އަނެއްކާވެސް ހައިރާންވީ ދޮރު ލައްޕައި ތަޅުލާފައި ހުރުމުންނެވެ. ހުޅުވާފައި ބަލައިލިއިރު މާމަ ޖެހުނުތާ ލަކުނުވެސް ނެތެވެ. ސިޑިން ތިރިއަށް ފޭބީމެވެ. މާމައަށް ގޮވަމުންނެވެ. މާމައެއް ނުފެނުނެވެ. ހާދަ ކުޅަދާނަ މާމައެކޭ ހިތަށްއެރިއެވެ.
ޖެހިގެންއައިދުވަހު ޓަކިޖެހުމުން އަހަރެން ހުޅުވީ ތަށި ހިފައިގެންނެވެ. އެދުވަހު މާމައެއް ނެތެވެ. ދޮރުގެ އަތްގަނޑުގައި ކޮތަޅެއް އަޅުވާފައި ހުއްޓެވެ. މީހަކު ފެންނާކަށް ނެތެވެ. އަހަރެން ކޮތަޅު ހިފައިގެން އެތެރެއަށް ވަނީމެވެ. އޭގައިވެސް ހުރީ މާމަ ގެންނަ ކަހަލަ ތައްޓެކެވެ. އެދުވަހުގެ ފަހުން މާމައެއް ނާދެއެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް އެގަޑީގައި ދޮރުގައި ކޮތަޅު އަޅުވާފައި ހުރެއެވެ. ފުރަބަންދަށް ވުމާއެކު ބޭރަށް ނުކުމެވޭނެ ގޮތެއްވެސް ނެތެވެ. އެހެންވެ މާމައަކާ ދިމައެއްނުވެއެވެ.
ރޯދަމަސް ނިމި އީދުވިލޭރެއަށް އިރުއޮއްސިއްޖެއެވެ. ޢިޝާނަމާދުން ސަލާންދިންތަނާހެން މީހަކު ދޮރުގައި ޓަކިޖަހައިފިއެވެ. ދޮރުމަތީގައި ހުރީ އެއްކަލަ މާމައެވެ. ދަޢުވަތުދިނީ އީދުދުވަހުގެ ކެއުމަށް އެގެއަށް ދިއުމަށެވެ. އަހަރެން އުފަލާއެކު ދަޢުވަތު ގަބޫލުކުރީމެވެ. ”މާމަ ހާދަ ނުފެނެޔޭ“ އަހަރެން ބުނީމެވެ. މާމަ ބުނީ މާމައަށް ކޮވިޑް ޖެހިގެން ގޭން ނުނުކުމެ ހުރީކަމަކަށެވެ. މާމަ އުޅޭ އެޕާޓުމަންޓު ކޮބައިތޯ އެހުމުން މާމަ ބުނީ އަހަރެމެން ބަލައި އަންނާނެކަމަށެވެ.
އީދުދުވަހުގެ މެންދުރު ނަމާދުން ފޭބިއިރަށް މާމަ އައެވެ. އަހަރެމެން މާމައާއެކު އެބަޔަށް ދިޔައިމެވެ. އަހަރެމެން އުޅޭ އެޕާޓުމަންޓުގެ ސިޑިން ތިރިއަށްގޮސްފައި އަނެއް ފަޅީގެ ސިޑިން އަރައިގެން ގޮސް ފަސްވަނަބުރީގައި ހުންނަނީ މާމަގެ އެޕާޓުމަންޓެވެ. ބޭރުން ބަލާއިރު ނިކަން ބަލެވެ. ހަމަ އަހަރެމެން އުޅޭކަހަލަ ދެރަވަރުގެ އެޕާޓުމަންޓެކެވެ. މާމަ ތަޅުދަނޑިޖަހައި ދޮރު ހުޅުވާލިއެވެ. އަސްތާއެވެ! ބޮޑުސިންގާ ރީތީރީތި ގަނޑުވަރެއްކަހަލަ ތަނެކެވެ. އެތެރެ ތަނަވަހެވެ. އީދަށް މުޅިތަން ޒީނަތްތެރިކޮށް އޮތީ މީރުވަސްދުއްވާލާފައެވެ. މޭޒުމަތީގައި ނަންހުސްކޮށް ކާތަކެތި ހުއްޓެވެ. ބޮޑު ތުރުކީ ކުކުޅެއްވެސް ފިހެލާފައި އޮތެވެ. އަހަރެމެން ދުވަހަކު ރަހަވެސް ނުދެކޭ އެތަކެއް ވައްތަރު ހަދާފައި ހުއްޓެވެ. އެގޭގައި އުޅޭ އެހެންމީހުން ކޮބައިތޯ އެހުމުން މާމަ ބުނީ މާމަ އުޅެނީ އެކަނި ކަމަށެވެ. ދަރިއަކުވެސް ނުހުންނަކަމަށެވެ. ހުރިހާ އެއްޗެއްވެސް ކެއްކީ މާމަކަން މާމަގެ ވާހަކައިން އެނގުނެވެ. އަހަރެމެން ވަރަށް ގިނައިން ކޭމެވެ. ގެއަށް ގެންނަންވެސް ވަރަށް ގިނަ ތަކެތި މާމަ ދިނެވެ.
އަނެއްކާވެސް އެދުވަހުގެ ފަހުން މާމަ ގެއްލިއްޖެއެވެ. މާމަ އުޅޭ ބައިގެ ދޮރުގައި އަހަރެން ޓަކިޖެހީމެވެ. މާމައަށް ކަމެއްވީތޯ ބަލާށެވެ. ޚަބަރެއްނުވިއެވެ. އަހަރެން މާޔޫސްވެގެން ދިޔައީއެވެ. އަނެއްކާވެސް އެހެން ފަހަރަކު އެބައިގައި ޓަކިޖެހީމެވެ. ޚަބަރެއްނުވިއެވެ. އަހަރެން ގޭ ވެރިމީހާއަށް ގުޅީމެވެ. އަދި އަވަހަށް އައިސްދިނުމަށް އެދުނީމެވެ. ފަހީމު ވަރަށް އަވަހަށް އަތުވެއްޖެއެވެ. އަހަރެން ފަހީމުގާތުގައި އެހީ އެބައިގައި އުޅޭ މާމަގެ ވާހަކައެވެ. މާމަގެ ޚަބަރެއް ނުވެގެންކަމަށް އަހަރެން ބުނީމެވެ. ފަހީމު ބުނީ އެބައިގައި މީހަކު ނޫޅޭކަމަށެވެ. އެބައިގެ ވެރިމީހާ މަރުވިފަހުން އެތަން ފަޅަށްހުންނަތާ ދިހައަހަރު ވެއްޖެކަމަށެވެ. ފަހީމުމެންގެ ބާރެއްހިނގާ ތަނަކަށް ނުވާތީ އެތަން ކުއްޔަށްނުދޭ ވާހަކަވެސް ބުންޏެވެ. އަހަރެން ގަބޫލެއްނުކުރީމެވެ. އެގެއަށް އީދުދުވަހު ދިޔަވާހަކަވެސް ބުނީމެވެ.
އަހަރެން ކުރުނުކޮށް ކިޔަންފެށުމުން ފަހީމު އެތަން ހުޅުވައިދިނެވެ. ނުހުޅުވާ އެތައް އަހަރެއް ވެފައިވުމުން ހުޅުވުނީވެސް ވަރަށް އުނދަގުލުންނެވެ. ހުޅުތަކުން އަޑެއްކިޔާފައި ދޮރު ހުޅުވިއްޖެއެވެ. އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ފަހީމު ބުނީ ހަމަ ތެދެކެވެ. މިއިން ޒަމާނަކު އެތަން ހުޅުވާފައިވެސް ނެތެވެ. މުޅި ތަނުގައި އޮތީ ހިރަފުހާއި މަކުނުވަލެވެ. ބޭނުންނުކުރާ ތަނަކަށް ވުމުން ކަރަންޓު ހުރީ ކަނޑާލާފައެވެ. ފޯނުން އަލިކޮށްގެން ފަހީމު ކުޑަކޮށް އެތެރެއަށް ޖެހިލިއެވެ. ވަންނާނަންތޯ އަހަރެންގާތުގައި އެހިއެވެ. އަހަރެން ނޫނެކޭ ބުނީމެވެ. އަހަރެން ހުރީ ބިރުން ގުޑިލަންވެސް ނޭނގޭވަރުވެފައެވެ.
ދާންވެގެން އަހަރެން ހިނގައިގަތީމެވެ. ސިޑިން ފައިބައިގެންދިޔައިރު އަހަރެން ހުރީ ދުވަހަކު ނުގަންނަހާ ބިރުގެންފައެވެ. ހިތަށްއެރިއެވެ. މި ލައިގަތީ ކޮންފަދަ ކަމެއް ބާވައެވެ! ހިތަށްއަރަންފެށީ މާމަ ކުއްލިއަކަށް ގެއްލޭގޮތެވެ. އެނބުރިލާއިރަށް ގޭގެ ދޮރު ލެއްޕި ތަޅުލެވިފައި ހުންނަކަމެވެ. ގޭގެ ދޮރުގައި އަޅުވާފައި ހުންނަ ކޮތަޅެވެ. އަހަރެންނަށް ގައިމުވެސް ފެނުނީ ހުވަފެނެއް ނޫނެވެ. އެހެންނަމަ ކޮންމެވެސް އިރަކުން ހޭލެވޭނެ ނޫންހެއްޔެވެ! އެޚިޔާލުގައި ހުރެގެން ގޮސް އަހަރެން އުޅޭ ބަޔަށް ވަދެ ތަޅުލީމެވެ. މީހަކު ޓަކިޖެހިހެން ހީވިއަސް އަހަރެން ހުންނަނީ ބިރުންނެވެ. ހުޅުވާކަށް ނުކެރެއެވެ.
ބިރުވެރިކަމުގައި ހުރެ އަހަރެން ހަފުސްވާންފެށިއެވެ. ނަފުސާނީ ބައްޔަކަށް އެކަން ވާންފަށައިފިއެވެ. ބިރު ފިލުވައިލުމަށްޓަކައި އަހަރެން އޮންލައިންވާން ފެށީމެވެ. ރައްޓެއްސަކު ދިމާވޭތޯ ފޭސްބުކް ހާވަންފެށީމެވެ. އެއްވެސް ރައްޓެއްސަކު އަހަރެންނަށް ގޮވައެއްނުލައެވެ. ފޫހިވެގެން އެކި އެއްޗެހި ސްޓޯރީއަށް ލަމުންދަނިކޮށް އަހަރެން އަލަށް އެޑްކުރި ކުއްޖަކު ގޮވާލައިފިއެވެ. އެހާ އަވަހަށް ޖަވާބުދެވުނީ ހާލަތުގެގޮތުން ކަންނޭނގެއެވެ. އެކި ވާހަކަދައްކަމުންގޮސް އަހަރެންނަށް ދިމާވި ކަންތަކުގެ ވާހަކަވެސް ބުނެވިއްޖެއެވެ.
އޭނާ ބުންޏެވެ. ”އެކުވެރިޔާއެވެ! ހަމަޖެހޭށެވެ. އޭރު ހުރި ފަގީރު ހާލަތުން ނެރެދެއްވުންއެދި ދުޢާކުރީމު ނޫންހެއްޔެވެ! އެވާނީ އެވަގުތު އެކަލާނގެ ތިބާއަށް މިންވަރުކުރެއްވި ރިޒްޤު ދެއްވަން މެދުވެރިކުރެއްވި ފަރާތަށެވެ. ބިރުނުގަންނާށެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ ޝައިތާނާ މެދުވެރިކުރައްވައިވެސް އެމީހަކަށް ރިޒްޤު ފޯރުކޮށްދެއްވަފާނެއެވެ. ވިސްނާލާށެވެ! އެމީހަކީ ކޮންމެ މީހަކަށްވިއަސް އެމީހަކު ތިބާއަށް އުނދަގުލެއް ނުކުރޭ ނޫންހެއްޔެވެ! ހަމައެކަނި ކުރިހާވެސް ކަމަކީ ތިބާއަށް ކާއެތިކޮޅު ދިއްކޮށްލުން ނޫންހެއްޔެވެ!“
އަހަރެންނަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ އެ ބަސްކޮޅުގެ ސަބަބުންނެވެ. މިހާރު އަހަރެންނަކީ ހިތްވަރުގަދަ، އީމާންތެރިކަމުގައި ހުރެވޭތޯބަލާ މީހަކީމެވެ. ކޮންމެ ކަމަކާވެސް އިރާދަފުޅާއެކު ކުރިމަތިލާން ކެރޭފަދަ މީހަކީމެވެ.