ފިކުރެއްގެ މައްޗަށް އާސަންދަ ދިރާސާކުރުން

Loading

Facebook
Twitter
WhatsApp

އާސަންދައިގެ މި ވަގުތުގެ ހަގީގަތަކީ ކޮބައިތޯއެވެ؟ އާދެ! ތެދުތެދަށް ދަންނަވާނަމަ އާސަންދަ މިހާރު އެ އޮތީ ބަނގުރޫޓުވެފައެވެ. ނުރައްކާތެރި ބޮޑެތި ބަލިތަކަށް ޚަރަދުކުރުމަށް ނުކުޅެދިފައެވެ. ސަބަބުތައް ވަރަށް ވެސް ގިނައެވެ. މީގެ އެއް ސަބަބަކީ ރާއްޖޭގެ ބޭރަށާއި އެތެރޭގެ ޕުރައިވެޓު ސެކުޓަރު ތަކަށް ހިފެހެއްޓުމެއް ނެތި ދޫކޮށްގެން ތިބުމުގެ ހިތި ނަތީޖާއެވެ.


ނަމަވެސް އެއަށްވުރެ ބޮޑު ހިތަމައަކީ އާސަންދަ ބޮއްސުންލައިގެން ދިއުމުން ތުޙުމަތު އެޅުވީ ރައްޔިތުންގެ ބޮލުގައެވެ. އަދި އެކަމުގެ އަގު ދައްކަންޖެހުނީ ވެސް ރައްޔިތުންނެވެ. ސަރުކާރަށް އާސަންދަ ކުރިޔަށް ނުގެންދެވޭނެހެން ހީވުމުން އެކަން ޙައްލުކުރާކަށެއް އެއްވެސް ސަރުކާރަކަށް ނޭގުނެވެ. ނުވަތަ ނުވަތަ މާލީ ފަސާދަތަކުގެ (ކަރަޕުޝަނުގެ) އޮއިވަރުގައި ސަރުކާރުތައް ތިބޭތީ އެކަން އިސްލާޙް ކުރާކަށެށް ބޭނުމެއްނުވިއެވެ. ޖުމުލަގޮތެއްގައި ހުރިހާ ސަރުކަރެއްގެ ވެސް ވިސްނުން ހުންނަނީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ރައްޔިތުން ގިންތިތަކައް ބަހައިލައިގެން އެއްބަޔަކު އެ ޚިދުމަތުން މަޙުރޫމު ކޮއްލުމަށެވެ. ބަހަނާއަކަށް އުފުލާ ސިޔަސީ އަޑަކީ ”ސަބުސިޑީ ދެވެންޖެހޭނީ ތަނަވަސްކަން ނެތް މީހުންނަށް“ ކަމަށެވެ.
ކުރީގެ ސަރުކާރުގެ އާސަންދަ ޕޮލެސީގެ ވިސްނުން މި ނޫހުން ބައްލަވާ! (ދިޑެއިލީ، 22 ނޮވެމްބަރ 2022) އަދި ކިއެއްތަ! ޚަރަދު ކުރުމަށް ޓަކައި މިސަރުކާރުގެ ވެސް ސިޔާސީ އެއް ވިސްނުމަކީ ”ސަބުސިޑީ ދެވޭންޖެހޭނީ ތަނަވަސްކަން ނެތް މީހުންނަށް“ ކަމަށެވެ.
ހިތާމައިގެ ކޮޅެއްނެތެވެ. ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އަމަލު ހުންނަގޮތަކީ މަތިބަރު ސަރުކާރުތައް އުފައްދައިގެން، ރައްޔަތުންނަށް ވެފައިވާ ވަޢުދު ފުއްދުމަށް މަތިމައްޗަށް ލޯނު ނަގަމުން، ޑިއުޓީ އާއި ޓެކުސް ބޮޑުކުރުން ފަދަ ކަންކަން ކުރަމުން ގެންދިއުމެވެ. އެގޮތުން މި ގައުމު މިއޮތީ އިފުލާސް ކުރުމުގެ ފަހު އިސްޓޭޖުގައި ކަމަށް ވެސް ބުނެވިދާނެއެވެ.
ގަބޫލު ކުރަންޖެހޭ ޙަގީގަތަކީ ބާރުތަކުން އަރައި ގަދަވެގަންނަނީ އަމިއްލައަށް ދިފާއުވާން ނޭނގޭ ބަލިކަށި ގައުމުތަކަށެވެ. މި ޒަމާނުގެ އިސްތިޢުމާރާއި ފިކުރީ ހަނގުރާމައިން ގައުމާއި ރައްޔިތުން ވިސްނުން ތެރިކަމާއިއެކު ސާލާމަތް ކުރަން ޖެހޭނީ ރައްޔިތުން ހޮވާފައި އޮންނަ ސަރުކާރަކުންނެވެ. ބަޔަކަށް ކިތަންމެ ވަރަކަށް ހަޖަމު ނުކުރެވުނަސް މިދަންނަވަނީ ޙަގީގަތެވެ. ލިބޭ އާމުދަނީއަކުން ދެކޮޅުޖައްސައި ރޭވުންތެރިކަމާއި އެކު ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުން ބޭނުންވާ އަސާސީ ބޭސްފަރުވާއި ބޯހިޔާވަހިކަމާއި ތަޢުލީމާއި ރައްކާތެރިކަން ފޯރުކޮއްދިނުމަކީ ރައްޔިތުންގެ ޙައްޤުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކެވެ. ރައްޔަތުން އަތުން ޓެކްސް ނަގަނީވެސް އެކަން ފުރިހަމަކޮށް ދިނުމުގެ ނަމުގައެވެ.
އާބާދީގެ ނިސްބަތުން ދިވެހިރާއްޖެއަށް ލިބޭ ޢާމުދަނީއަށް ބަލާއިރު ކޮންމެ ރައްޔިތަކަށް ވެސް އަސާސީ ބޭސްފަރުވާ އާސަންދައިން ދެވިދާނެކަމަށް ވަރަށްގިނަ ދިވެހިންނަށް ޤަބޫލުކުރެވެއެވެ. އާސަންދަ ބަގުރޫޓުވަނީ ދިވެހިންނަށް ބޭސްކުރާތީއެއް ނޫނެވެ. އާސަންދަ ބަގުރޫޓުވަނީ ބޭރުގެ ކާހިނުންނާއި އަދުއްވުންގެ މަޅީގައި، ރިޝްވަތު ނަގައިގެން ކަންކަންކުރާ ބަޔަކު ދައުލަތެއް ހިންގުމާއި ޙަވާލުވެ އެމަޅީގައި ޖެހިގަތުމުންނެވެ. އެގޮތުން ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް މަސައްކަތް ނުކުރާ ބައެއް މީހުންނަށް ވެރިކަމުގެ ބާރު ރައްޔަތުން ދިނުމުންނެވެ.
ހިތާމައިގެ ކޮޅެއްނެތެވެ. މިހާރު އާސަންދަ ބައްޓަން ކޮށްފައިވަނީ ރާއްޖެތެރޭގެ ނިކަމެތީން މާލެ ނައިސް ބޭސްފަރުވާ ނުކުރެވޭނެ ގޮތަށެވެ. ދެން އެއަށް ފަހު ކޮންމެވެސް އަވަށްޓެރި ގަމަކަށް ވެސް ބައި އެޅޭގޮތަކަށެވެ. އަވަށްޓެރި ގައުމުތަކަށް އާސަންދަ ލިބޭ މީހުންގެ ނިމުމަކީ ނުކެވިގެން ނުބޮވިގެން ހޮޓަލުކުލި ނުދެއްކިގެން ސަލާން ޖަހަން ޖެހުމެވެ. އާސަންދައިގެ ފައިސާ ލައްކައިން ގޮސް ވަންނަނީ ބޭރު މީހުންގެ ޖީބަށެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ދިވެހި ޒުވާނުންގެ މުސްތަގުބަލުގެ ބަނަކަމާއެވެ! ގައުމުގެ އިގުތިސާދަށް ހުރި ނާމާންކަމެއްގެ ބޮޑުކަމާއެވެ!
އާދެ! މައްސަލައަކާއި މެދު ވާހަކައެއް ދައްކައިފި ނަމަ ، އެ ކަމުގެ ޙައްލު ބަޔާންކޮށް ދިނުމަކީ ފާޑުކިޔުމުގެ އެންމެ އަދަބުވެރި ގޮތެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމާއި އާސަންދާގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ފައިދާ ލިބިދެނިވި ގޮތެއްގައި ފަރުމާކުރުމަށް ރިޢާޔަތް ކޮށްލަންޖޭހޭ ބައެއް މުހިންމު ނުގުތާތައް ފާހަގަ ކޮށްލާނަމެވެ.
އެކެއް: ދިވެހިރާއްޖޭގައި ބޭސްކުރުމުގެ ނިޒާމު ތިން މަރުޙަލާއަކަށް ބައިކުރުމެވެ. އެއީ ޕްރައިމެރީ ކުލިނިކު (އަވަށު ކުލިނިކު) އާއި ސެކަންޑަރީ ހޮސްޕިޓަލް (އަތޮޅު ހޮސްޕިޓަލް) އާއި ޓާޝިއަރީ (ސަރަޙައްދީ ހޮސްޕިޓަލް) އެވެ. އަދި އަވަށު ކުލިނިކުން ރެފަރަލް ލިބިގެން ނޫނީ ރީޖަނަލް ހޮސްޕިތަލަށް ނުވަތަ ސަރަޙައްދީ ހޮސްޕިޓަލަށް އާސްންދަ ނުލިބޭ ގޮތަށް ހަމަޖެއްސުމެވެ.
ރާއްޖޭގެ ތިން ސަރަޙައްދަކަށް ބަހައި އުތުރާއި މެދުރާއްޖެއާއި ދެކުނުގައި ސަރުކާރުގެ ޓާޝިއަރީ (ސަރަހައްދީ ހޮސްޕިޓަލް) ތައް ހުރުމެވެ. މިއީ ސަރުކާރުން ރައްޔަތުންގެ ފައިސާ ޚަރަދުކޮށްގެން ކުރާކަމަކަށް ވާތީވެ މިފަދަ ހޮސްޕިޓަލްތަކުގެ ލޮކޭޝަން އިންސާފުން ކަނޑަައެޅުން މުހިންމެވެ. މިސާލަކަށް ކޮންމެ ސަރަޙައްދެއް ވެސް ހަމަޔަށް ބަހައި މެދައްވަނީ ކޮންރަށެއްތޯބަލައި އެ ތަނެއްގައި އެ ހޮސްޕިޓަލެއް އެޅުމެވެ. އެ ގޮތުން ދިމާވާ ރަށަކީ މިވަތު އާބާދީ މަދު ނިކަމެތި ރަށަކަށް ވިޔަސް މިފަދަ މަޝްރޫއެއްގެ ސަބަބުން އެ ސަރަޙައްދެއް ތަރައްގީވުން ވެސް އެކަށިގެންވެއެވެ.
ދޭއް: ދިވެހިރާއްޖޭގައި ޕްރައިމެރީ ހެލްތުކެއާ އާއި ފެމިލީ މެޑިސިންގެ ނިޒާމު އުފައްދައި ބަލިންރައްކާތެރިވެ، ބަލިތައް މޭނޭޖުކޮށް، ސިއްޙީ ޚިދުމަތް އިސްރާފު ކުޑަގޮތުގައި ބޭނުން ކުރެވޭނެ ގޮތް ކަށަވަރު ކުރުމެވެ. އެގޮތުން އަވަށު ކުލިނިކުތައް އުފެއްދުމެވެ. އާސަންދާގެ ދަށުން ބަލިމީހާ އެންމެ ފުރަތަމަ ބޭސްކުރުމަށް ދާންޖެހޭނެ ތަނަކީ އަވަށު ކުލިނިކުކަމުގައި ހަމަޖެެެސުމެވެ. ސަރުކާރުން ހެޔޮގޮތުގައި މެނޭޖްކުރާ އަވަށުކުލިނިކެއް ހުރެއްޖެ ނަމަ އެ އަވަށުގައި ތިބޭ ޕުރައިވެޓު ކުލިނިކަކަށް އާސަންދާ ދިނުމުގެ ބޭނުމަކީ ފަހެ ކޮބާހެއްޔެވެ؟
އަޅުގަނޑު ދެކޭގޮތުގައި އަވަށުކުލިނަކަކީ ވަރަށް އެކުޓިވު ވާންޖެހޭނެ ތަނެކެވެ. މިސާލަކަށް ހަކުރުބަލީގެ މީހަކު ދައްކަންއޮންނަ މުއްދަތުގައި ޙާޒިރުނުވެއްޖެ ނަމަ އެ މީހަކާ ގުޅައި އަދި ނާދެވޭނެ ފަދަ އުޒުރެއް ބުނެފި ނަމަ އެ މީހެއްގެ ގެއަށް ގޮސްގެންވިޔަސް ހަކުރު ޗެކުކޮށް ދޭންޖެހޭ ފަރުވާ ފޯރުކޮށްދީ ހެދުމަކީ އަވަށު ކުލިނިކުގެ މަސްޢޫލިއްޔަތެކެވެ. އެ މަސްޢޫލިއްޔަތު އަދާކުރުމުން އޭގެ ބޮޑުފައިދާއެއް ބަލިމީހާގެ އިތުރުން އަސަންދައަށް ވެސް ލިބޭނެއެވެ. އެހެނީ މިސާލަކަށް ހަކުރުބަލި މޭނޭޖުނުކޮށް ހުއްޓައި މަތިވެއްޖެ ނަމަ ދެން ޖެހޭނީ މަތީމަރުޙަލާގެ ހޮސްޕިޓަލަކަށް ގެންގޮސްގެން އެޑުމިޓުކޮށް / އައިސީޔޫގައި ބާއްވައިގެން ބޮޑު ފަރުވާއަކަށް ދާށެވެ.
އެ ހިނދު ފަހަރެއްގައި ބޮޑުއެއްޗެއް އާސަންދައިން ޚަރަދުކުރަން ޖެހިދާނެއެވެ. ހަކުރުގެ މީހަކު އެޑުމިޓުކޮށްގެން ހަކުރު ދަށްކޮށް ނިމޭއިރު ބައެއެެްފަހަރު އެތަކެއް ހާސް ރުފިޔާ އަރައިދެއެވެ. އެހެންކަމުން ފެމިލީމެޑިސިން ތަޢާރަފުކޮށްގެން އަވަށުކުލިނުކުގެ ޚިދުމަތް ދޭންފަށައިފި ނަމަ އާސަންދަ ހުސްނުވެ އޮތުމަށް މަގުފަހިވާނެއެވެ. ހަކުރުބަލީގެ މިސާލެއް ދިންކަމުގައިވިޔަސް ލޭގެ ބައްޔާއި ކޮލެސްޓުރޯލް މޮނިޓަކޮށް އަވަށުގެ މީހުން ދުޅަހެޔޮކުރުމަކީ ވެސް އަވަށުކުލިނިކުގެ މަސްޢޫލިއްޔަތެކެވެ. އެހެންކަމުން މިކަމުގެ މޭސްތެރިންނަކީ ވަރުގަދައަށް ތަމުރީނު ލިބިފައިވާ ދިވެހި ފެމިލީމެޑިސިން ޑޮކްޓަރުން ކަމުގައިވާންޖެހެއެވެ. މަދުންނަމަވެސް އެ ވާހަކަ ދައްކާތާ އަހަރުތަކެއްވެއްޖެއެވެ. ނަމަވެސް އެކަމައް އެކަށީގެންވާ ބަދަލެއް ފެނިފައިނެތެވެ. އެއީ ބައެއް އަވަށްޓެރި ގައުމުތަކުގެ ނުފޫޒުންކަމަށް ވެސް ވެދާނެއެވެ.
ނުވަތަ ސަރުކާރުގައި އެކަމުގެ ތަޖުރިބާއި ގާބިލުކަން ނެތީކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް ފެންނަނީ ބައެއް ޕުރައިވެޓު ކުލިނިކުތަކުން ހުސްނުވާ އާސަންދަ ހުސްކުރާ މަންޒަރުތަކެވެ. ސަރުކާރުގެ ހޮސްޕިޓަލުން ޚިދުމަތެއް ލިބިލިބި ހުއްޓާ ކައިރީގައި ހުރި ޕުރައިވެޓު ކުލިނިކަށް އެ ޚިދުމަތަށް އާސްދަދިނުމުން ސަރުކާރުގެ އިޚްލާސްތެރި ކަމާއިމެދު ޝައްކުއުފެދެއެވެ. ނުވަތަ މަކުނުތަކެއް ކޭކެއް އަތުޖެހުމުން ކާލާގޮތަށް ގައުމު ކައިލަނީތޯއެވެ؟ ސަރުކާރުގެ ހޮސްޕިޓަލްތަކަށް އެންމެ މިޒަމާނުގެ މެޝީންތަކާއި މޮޅެތި ސްޕެޝިއަލިސްޓުން ނުގެނެވޭނެ ސަބަބެއް ނުވިސްނޭމެއެވެ.
ތިނެއް: މިހާރު ރާއްޖޭގައި ބޭސްފަރުފާއަށް ޚަރަދުކުރާ މޮޑެލް ( ނެޝަނަލް ހެލްތު އިންޝުއަރެންސް ) އިން ބެވަރިޖު މޮޑަލަށް ބަދަލުކުރުމެވެ. ނެޝަނަލް ހެލްތު އިންޝުއަރެންސް މޮޑަލްއަކީ ސަރުކާރާއި ޕްރައިވެޓް ހޮސްޕިޓަލްތަކުން ޚިދުމަތް ލިބިދެވޭ މޮޑެލްއެކެވެ. މިހާރު ރާއްޖޭގައި މި އޮތް އާސަންދަ މޮޑެލަކީ ނެޝަނަލް ހެލްތު އިންޝުއަރެންސް މޮޑެލެކެވެ. އެއީ ވަރަށް ގިނަ ފަހަރަށް ކޮރަޕްޝަނާއި ޕްރައިވެޓް ކުންފުނިތަކުގެ ޏުފޫޒު ވަދެދާ މޮޑެލެކެވެ. އާސަންދަ ބަގުރޫޓުވީ ވެސް އެހެންވެގެން ކަމަށް ވެދާނެއެވެ. އެއާއި ޚިލާފަށް ބެވަރިޖު މޮޑަލަކީ މައިގަނޑު ގޮތެއްގައި ސަރުކާރުގެ ހޮސްޕިޓަލުތަކުން ޚިދުމަތް ލިބިދެވޭ މޮޑަލެކެވެ.
ޕުރައިވެޓު ހޮސްޕިޓަލަކުން އެ މޮޑަލުގެ ދަށުން ފަރުވާއެއްލިބޭނީ ދެވަނަގޮތެއް ނެތްޙާލަތެއްގައެވެ. ގިނަ ޔޫރަޕުގެ ޤައުމުތަކުގައި ގެންގުޅެނީ ބެވަރިޖު މޮޑެލެވެ. ނަމަވެސް އެ ގައުމެއްގެ ވައްޓަފާޅިއަށް ބަދަލުކޮށް ފަރުމާކޮށް ގެންނެވެ. ވީމާ ރާއްޖޭގެ އާސަންދަ ވެސް ބެވަރިޖު މޮޑަލަކަށް ހަދައިގެން ކޮރަޕްޝަނާއި ޕްރައިވެޓް ކުންފުނިތަކުގެ ޏުފޫޒުން ސަލާމަތްކުރުވަން މިއޮތީ މަޖޫބޫރުވެފައެވެ. އަވަހަށް މިފަދަ ޙައްލެއް ހޯދުން ބުއްދިވެރިއެވެ.
ހަތަރެއް: އާސަންދާގެ ޚަރަދު ކުޑަކުރުމަށް ޓަކައި ދިވެހިރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ނަރުހުން ތަމުރީނުކޮށް، އެހެން ގައުމުތަކަށް މުހުތާދުވެފައިވާ މިންވަރު ކުޑަކުރުމެވެ. ރާއްޖޭގެ އާބާދީއަށް ބޭނުންވާ ސްޕެޝްލިސްޓް ޑޮކްޓަރުންގެ ނިސްބަތް ވަރަށް މަދެވެ. އެހެންކަމުން އެކަމަށް މަގުފަހިކޮށްދިނުން މުހިންމެވެ. އެގޮތުން ބައެއް ޑޮކްޓަރުން ތަމުރީނު ކުރުމަށް ޓަކައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ތަމުރީނުކޮށް އެ މީހުން ލައްވާ ރާއްޖޭގައި އެ ޤައުމުތަކާ އެއްފެންވަރަށް މުހިންމު ދާއިރާތަކުގެ ސްޕެޝަލައިޒޭޝަން ތަމްރީނުކުރާން ފެށުމެވެ.
އާދެ! އާސަންދަ ދެމެހެއްޓެނިވި ގޮތުގައި ހުސްނުވެ އޮންނާނެހެން ދިގުމުއްދަތަކައް ރާވައި މަސައްކަތް ކުރުމަކީ ( ރައްޔަތުން ދައުލަތް ހިންގުމަށް ޙަވާލުކޮށްފައިވާ ޚާދިމުން (ވެރިންގެ) ބޮލުގައި އެޅިފައިވާ ބިޔަ މަސްއޫލިއްޔަތެވެ. އެކަން ނުކޮށްފި ނަމަ އެޙައްގު ލިބިގަތުމަށް ވާހަކަ ދެއްކުމަކީ ރައްޔަތުންގެ ޙައްގެކެވެ. މިހާރު ރައްޔަތުންގެ ފަރާތުން ވާހަކަ ދައްކަން ތިބީ ސިޔާސީ ޕާޓީތަކާއި ރައްޔަތުންގެ މަޖިލިސްގައި ތިބޭ ރައްޔަތުންގެ މަންދޫބުންނެވެ. ވީމާ ރައްޔަތުންގެ މައްޗަށް އެދެވިގެންވަނީ ތިމާއަށާއި ގައުމަށް ތެދުވެރިނުވާ ޕަޓީތަކުން ދުރުވެ ހެޔޮލަފާދާރުކަމަށް ދެކޭ ބަޔަކަށް ތަޢީދުކުރުމެވެ. އަދި ރައްޔަތުން ރައްޔަތުންގެމަޖިލިސް މެންބަރު ހޮވުމުގައި ނަހަމަ ހަދިޔާތަކަށް ނުލެބި ސަރުކާރަށް މަޖިލިސް މެޖޯރެޓީ ދިނުމުގެ ބަދަލުގައި، ރަނގަޅުކަމަށް ތިމާ ދެކޭ ޢިލްމީ ގާބިލު މީހުންނަށް ތާޢީދުކުރަށްވައި ޒިންމާދާރު ބައެއްގެ ގޮތުގައި ރައްޔަތުން ބަހާއި ޢަމަލުން އެކަން ދެއްކުމެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް