ދިވެހިން ދިވެހިންގެ ގޮތުގައި

Loading

Facebook
Twitter
WhatsApp

މަތީގައިއެވާ ބަސްކޮޅަކީ މި ފަހަކަށްއައިސް ވަރަށްގިނައިން އަޑުއިވޭ ބަސްކޮޅެކެވެ. ގިނަފަހަރަށް އެ ބަސްކޮޅުގެ އަޑުއިވެނީ މަލާމާތުގެ ރާގަކަށެވެ. ދިވެހިން ކުރަންޖެހޭކަމަކަށް ފަރުވާކުޑަ ކުރާކަން ދޭހަވާކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ދިވެހިންނަކީ ޝަރަފްވެރި މާޒީއަކާއި އަދި ފަޚްރުވެރި އިއްޔެއެއްވެސް  އޮތްބައެކެވެ. ޢަލިރަސްގެފާނާއި ޙުސޭން އާދަމް ގައުމުގެ ދިފާޢުގައި ޝަޙީދުވެވަޑައިގެންނެވިއެވެ. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ގައުމު ދިފާޢުކުރައްވައި ކާމިޔާބު ކުރެއްވިއެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއަދުވެސް ދިވެހި ގައުމުގެ ކަރާމާތް ދެމެހެއްޓުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރަންބޭނުންވާ އެތައްބަޔަކު ތިބޭނެއެވެ. ފަހަރެއްގައި އިސްނަގާނެ ބޭފުޅެއްގެ ނުވަތަ ބޭފުޅުންކޮޅެއްގެ އިންތިޒާރުގައި ތިބެވެނީކަމަށް ވެދާނެއެވެ.

ސުރުޚީގައި އެވާބަސްކޮޅެކޭ އެއްފަދައިން ދިވެހިންގެ ދޫމަތީގައި މިހާރު އެންމެ ޢާންމު ބަހަކީ ފަސާދައާއި ކޮރަޕްޝަން އެވެ. ފަހަކަށްއައިސް ދިވެހިރާއްޖޭގައި ފަސާދައާއި ކޮރަޕްޝަންގެ ވަބާ ވަކި ހިއްޕާލާފައިވަނީ ދިވެހިކޮންމެ ރައްޔިތަކު ސަހަރޯއޭ ހީވާފަދަ މިންވަރަކަށެވެ. ޚާއްސަކޮށް ދިވެހިރައްޔިތުންނަށްޓަކައި ޢަދުލުވެރި ވެރިކަމެއް ކޮށްދޭން މާތްﷲ ގަންދީ ހުވާކޮށްގެން އަންނަ ސަރުކާރުތަކުގެ ތެރޭގައެވެ. ކޮންމެ އާސަރުކާރެއް އަންނައިރު މި ވަބާއިން ދިވެހިރާއްޖެ ސަލާމާތް ވާނެކަމަށް ރައްޔިތުން ތިބެނީ އުންމީދުކޮށްގެންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.

ކުރީގެ ސަރުކާރުން ކުރިވައްކަމާއި ރައްޔަތުންނަށް ވެފައިވާ ބޮޑު ޚިޔާނާތުގެ ވާހަކަތަކާއި ޢަދުލުއިންސާފު ގެއްލިގެންގޮސް ނިދޭވަރުވެސް ނުވެގެން ރައްޔަތުންނަށްޓަކާއި ދީނަށްޓަކައި ގައުމަށްޓަކައި އެއީ ކެމްޕެއިން ސްލޯގަންކަމުގައިވެ އެހެން އެކަން ނުވާނެކަމުގެ ވަޢުދުތަކުން އަޑުގުޑުމައިގެން އަންނަ ސަރުކާރުތަކަކަށް ވުމުންނެވެ. އެހެންނަމަވެސް ފެންނަމުން އަބަދުމެދަނީ އެހެން މަންޒަރެކެވެ. ކޮރަޕްޝަންގެ ހިޔަނި އެޅެމުންދަނީ ވަކި މަގާމެއް ނުވަތަ ވަކި ފަންވަރެއް ބަލައިގެނެއް ނޫނެވެ. މުޅި ދިވެހި ގައުމު މިކަމާހެދި މިވަނީ ނުކުޅެދުމެއްގެ ތެރެއަށް ވައްދާފައެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ދެކެވޭ ވާހަކަތައް  ދޭދޭމީހުންގެ ދޫތަކުންނާއި ކޮފީމޭޒުތަކަށްވުރެން ދުރަށްދާން އެބަޖެހެއެވެ. އިސްނަގާނެ ބަޔަކު މިވަނީ އިންތިހާއަށް ބޭނުންވެފައެވެ. މިކަމުގެ ސަބަބުން ގައުމަށް ކުރިމަތިވަމުންދާ ބޮޑެތި މުޞީބާތްތައް ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށެވެ. އަދި މިނޫންގޮތެއް މިލޮބުވެތި ގައުމަށް މިންވަރުކުރެއްވުމަށް އެދިގެންވެސްމެއެވެ. ”ސިޔާސީ“ ފަރާތްތަކުން މިކަން ކުރުން އުނދަގޫވާނެކަން މިހާރު ތަޖުރިބާއިން މިވަނީއެނގި ގަބޫލުކުރަން މަޖުބޫރު ކުރުވާފައެވެ.

މިދުވަސްވަރުގެ ބޮޑުސުރުޚީއަށް ބަލާއިރު އެމެރިކާގެ ރިޔާސީ އިންތިޚާބަށްވުރެން ބޮޑު ސުރުޚީއެއް ނުފެނެއެވެ. ޚާއްޞަކޮށް ސީ.އެން.އެން. ގެ ގެނެސްދިނުންތަކަށް ސާބަސްދޭންޖެހެއެވެ. ވެރިކަމުގެ އުނގަށް ނުވެއްޓި މުޅި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނެސްދޭލެއް ފުރިހަމަކަމަށްޓަކައެވެ. ދިވެހިރާއްޖޭގެ މީޑިއާތަކުންވެސް ދިވެހިންނާގުޅޭ މައްސަލަތައް ދުނިޔޭގެ ހަމަތަކާއި ހެޔޮ ސިޔާސީ ވިސްނުމަކާއި އެއްގޮތަށް ދިވެހިންގެ ކުރިމައްޗަށް ގެނެސްދެވޭނެ ދުވަހެއް އަންނާނީ ކޮންއިރަކުން ބާވައޭ ހިތައް އަރައެވެ. އިލްމުވެރިންގެ ކިބައިގާހުރިނަމަ ހުރި ތަފާތެއް ނެތިކޮށްލުމަށްފަހު ގައުމުގައިހުރި ނުރަނގަޅު ކަންތައްތައް ހަމަޔަކަށް އަޅުވަން ނިކުންނާނީ ކޮންދުވަހަކުން ބާވައޭ އެއީވެސް މިސައްތައިން ސައްތަ އިސްލާމީގައުމުގެ ބޮޑުބައެއްގެ ސުވާލަކަށް މިވަނީވެފައެވެ.

ދިވެހިންނަށް ދިވެހިރާއްޖެއާ އެކަށީގެންވާ ދުސްތޫރީ ނިޒާމެއް ގެނެސްދޭނެ ދިވެހި ދަރިންތަކެއް އެބަ ބޭނުންވެއެވެ. ކޮރަޕްޝަނާއި ފަސާދައާހެދި ދިވެހިގައުމުދަރާ ވިކެމުން މިދަނީ ކީއްވެގެންކަން އަދި އެކަންކަމުން ސަލާމަތް ވެވޭނެ މަގުތަކަކީ ކޮބައިކަން ތެދުވެރިކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވާދޭނެ އިޚްލާޞްތެރި ބަޔަކު އެބަ ބޭނުންވެއެވެ. ހަމަ އެހެންމެ ރައްޔަތުމީހާވެސް އޭނާގެ ބޭންކު ދަރަނިބޮޑުވެ ބަނގުރޫޓުވާތީ ވިސްނާފަދައިން އެނާގެ ދައުލަތް ގައުމު ބަނގުރޫޓުވަމުން ދާދިއުމާއި އޭގެ ސަބަބުން އޭނާގެ ދަރިފަސްކޮޅަކީ ދަރަނިބޯ ތަކެއްގެގޮތުގައި ނުހެދުމަށް ޒިންމާދާރު ހެޔޮލަފާ މީހުންނަށް ސަޕޯޓްދީ ވިސްނާފިކުރުކުރާ ބަޔަކަށް ވާންޖެހެއެވެ.

ސަރުކާރުތަކުގެ މަތި ބަރު ވާހަކައާއި ސިޔާސީ މަގާމުތައް އިތުރުވަމުން ދާތީ އެކަމުން މެދުވެރިވާ މައްސަލަތައް ރައްޔިތުންގެ ކަންފަތަށް ގިނަގިނައިން އަޑު އިއްވާ ވިސްނަދޭންޖެހެއެވެ. ދިވެހިންނަށް ނުކަތާވަރުގެ ބޮޑު ރައްޔިތުންގެ މަޖިލީހަކާ އެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންތަކެއް ބޭނުންފުޅުވާ ވަރެއްގެ މުސާރައަކާއި އިނާޔަތްތަކެއް ލިބޭގޮތަށް ކަންތައްތައް ރާވައި އިންތިޒާމް ކުރުމުގެ ކުރިން ރައްޔިތުން ދެކޭގޮތް އޮޅުންފިލުވަން ޖެހޭނެކަން ރައްޔިތުންނަށް ވިސްނާދޭން ޖެހޭނެއެވެ. މިފަދަ ގައުމީ މައްސަލަތަކުގައި ވިސްނާ ބަޔަކަށް ދިވެހިން ހޭލުންތެރިވާން މަޖުބޫރުކުރުވައިފިއެވެ. މެމްބަރުކަމަށްއެދި އާދޭސް ކުރަން އަންނައިރު އެއީ ރައްޔިތުންގެ ތަނެއްކަމާއި ރައްޔިތުންގެ ބާރު އޮންނާނެ ކަން އެމީހުންގެ ސިކުނޑިތަކުން ކައްސާލައިގެން ނުދާވަރަށް އެމީހުންނަށް ވިސްނާދޭން ޖެހޭނެއެވެ. މެމްބަރު ކަމަށް ރުހުން ދޭފަދައިން އެރުހުން އަނބުރާ ނެގޭނެގޮތްވެސް އޮންނަންޖެހޭނެއެވެ. އަދި އެކަމަށް ގާނޫނީ މަގުތައް އޮންނަންޖެހޭނީ ތަނަވަސް ކޮށްފައެވެ. މަޖިލިސް ގަނޑުކޮށް ދިނުމުންވެސް ރައްޔަތުމީހާއަށް  ސީދާ ފައިދާއެއްލިބޭނެގޮތެއްނުފެނުނެވެ. ސިޔާސީ މަގާމުތަށް ގާނޫނަކުން ލިމިޓްކޮށް ރައްޔަތުންގެ ޓެކްސްފައިސާނަގާ ބަޖެޓުންނާއި ރައްޔަތުންގެ ނަމުގައި ސަލާމްޖަހައިގެން ބޭރުގައުމުތަކުން ނަގާ ދަރަނިތަކާއި އެނހީތަކުންވެސް ހަމަނުޖައްސަނީ ކީއްވެބާވައެވެ. ސަރުކާރުގެ ވެރިންނާއި އެމީހުންގެ ސަޕޯޓުހޯދުމަށް އުފަށްދާ ސިޔާސީ މަގާމުތަށް ލިމިޓް ނުކޮށް ޚަރަދުތަށް އަތްނުފޯރާފަށަށް ބޮޑުވެ ރައްޔަތުންނާއި ގައުމު ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެކަން  ރައްޔަތުމީހާއަށް އެނގިގެންނޫނީ ބަދަލެއް ނާންނާނެއެވެ.

ދިވެހިންނަކީ އިސްލާމްދީނާއި އެމީހުންގެ އާދަކާދަ ދެމެހެއްޓުމަށްޓަކައި ކެރޭ ހީވާގި ބައެކެވެ. ޢިލްމުވެރިންނަށް ކަމޭހިތާ ބައެކެވެ. ދިވެހިރާއްޖޭގައި ދިވެހިންގެ ސަރުކާރެއް އުފައްދައި އެސަރުކާރު ހިންގުމުގައި ރައްޔިތުންގެ ދައުރަކީ ކޮބައިކަން އެބޭފުޅުންގެ ފަސޭހަ ދޫފުޅުތަކުން އެތައްފަހަރަކު ރައްޔިތުންނަށް ކިޔާދީފައިވިޔސް އަދިވެސް  އެބަބުނެދީ ޒިންމާދާރުވާންޖެހެއެވެ. ޢިލްމުވެރިން  އެބޭފުޅުންގެ ޢިލްމީ ދިރާސާތަކުގެ ތަފާތަކީ ހުރަހަކަށް ވެގެންނުވާނެއެވެ. ކަނޑައެޅިފައިވާ ޓާމްއަކަށް އަންނަ ސަރުކާރަކީ ސިޔާސީ ޕާރޓީތަކުގެ މިލްކެއް ނޫންކަން ފިސާރި ރަނގަޅަށް ދިވެހިންނަށް އޮޅުންފިލުވާދޭން އެބަޖެހެއެވެ.

މިގައުމުގެ ޢިލްމުވެރިންނަށް މިކަން ޙައްލު ކުރެވޭނެކަން ގިނަދިވެހިން މިހާރުވެސް ގަބޫލުކުރެއެވެ. މިއީ ދިވެހި ރައްޔިތުންނަށްޓަކައި އެޔަބޭފުޅުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޖިހާދެކެވެ. އެހެންކަމަށް ވާނަމަ އެފަދަ ޢިލްމީބައެއްގެ އެޖެންޑާއެއްވެސް އެބައޮންނަން ޖެހޭމެއެވެ. އަދި އެ އެޖެންޑާ ދިވެހި ރައްޔަތުން ވަރަށް ސާފުކޮށް ބުނެދީ އެކުގައި ޢިޚުލާސްތެރިކަމާއި އެކު މަސައްކަތްތަކެއް ކުރެންޖެހެއެވެ. މިހާރުގެ ދިވެހި މީޑިއާ ތަކުން މާބޮޑު އިސަލާޙީ ދައުރެއް އަދާކުރެވިދާނެކަމަށް ގަބޫލުކުރަން އުނދަގުލެވެ. އެމީހުން ދެމިތިބުމަށްޓަކައި ސަރުކާރުގެ ނުފޫޒާއި ބޮޑެތި މަހުޖަނުންގެ އިޝްތިހާރުތައް ބޭނުންވާނެތީއެވެ. މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަށްޓަކައި މިނިވަންކަން ބޭނުންވާނެއެވެ.

Loading

2 Responses

  1. ލިއުންތެރިޔާގެ ވާހަކައަށް ތާއީދުކުރަމެވެ. އަޅުގަނޑުވެސް ގަބޫލުކުރާގަޮތުގައި ދިވެހިރާއްޖޭގައި ތިއްބެވި ޢިލްމުވެރިން ގުޅިގެން އެކުގައި އިސްނަންގައިގެން ފިސާރި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރައްވައިފިނަމަ ދިވެހި ސަރުކާރުތައް މަގުންކައްސާލައިގެން ދިޔަނުދީ ހިފޭއްޓޭނެއެވެ. ދިވެހިންނަކީ ޢިލްމުވެރިންދެކެ ލޯބިވާ އައި އެބޭފުޅުންގެ ބަސްއަހާ ބައެއްކަން މާޒީގެ ސަފްޙާތަކުން ވަރަށްރީތިކޮށް ފެންނާން އެބަހުއްޓެވެ. ބޭނުންވަނީ އެބޭފުޅުންގެ އެއްބައިވަންތަކަމެވެ.

  2. މައްސަލައަކީ އަސްލުވެސް އެއްބައެއްވަންތަކަމުގެ ވާހަކަ ދެއްކެވިޔަސް އެގޮތަށް ޢަމަލު ނުކުރާކަން. އެނޫންނަމަ ކިހިނެއްތޯ އެކިޔާ ލާދީނީ މީހުންގެ ވެރިކަމެއް މިގައުމަށް އަންނާނީ. ޢިލްމުވެރިން މިތިބެނީ އެކަކަށްވުރެ އަނެކުން މޮޅުވެގެން ދެގަލަށް އަރައިގެން. އަހަރެމެން ކައިރީ މަޢާފުކުރުމާއި 3 ދުވަހަށްވުރެ ގިނަދުވަހު ވާހަކަ ނުދައްކާ އިސްލާމުން ޙަސަދަ ލައިގެން އޭނާގެ އަޚާއަށް ނުހުންނާށޭ ބުނެދީފާ މިބޭފުޅުން ދެފުރަގަސް ޖައްސައިގެން. ދެން މިހެންނޫންތޯ ވާނީ؟ ދެން ލާދީނީ މީހުން ގައުމު ޙިސޯރުކުރީމަ ދެން ވެސް މިބޭފުޅުންގެ ޒިންމާއެއް ނެތްކަމަށް ހައްދަވަނީ. ދެރަވަރު ކަމެކެވެ. އަދި ނުވިތާކަށް ޓުވިޓުންވެސް އެއް ޝެއިޚެސް އަނެއް ޝެއިޚަކަށް އެޓޭކުވެސް ކުރަނީއެވެ. ތެދަށް ދަންނަވަންޏާ ޢިލްމުވެރިންގެ އިހުމާލު ވަރަށްބޮޑެވެ. އުންމީދަކީ އެބޭފުޅުންނަށް ހެޔޮވިސްނުން ލިބެ ކުރިއެކޭ އެއްފަދައިން ޢިލްމުވެރިންގެ ބަސް ވިކޭ ރާއްޖެއަށް އެނބުރިއާދެވުމެވެ. ބުނެލަން ފަސޭހަވިޔަސް އުނދަގޫ ކަމެއްކަންވެސް އެގެމެއެވެ.

Leave a Reply to ނަސުރުﷲ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް