الْحَمْدُ للهِ وَالصَّلاَةُ وَالسَّلاَمُ عَلَى مَنْ بَلَّغَ رِسَالَةَ رَبِّه، سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ أَجْمَعِيْنَ، وَبَعْدُ:
އާދެ! ދުނިޔެމަތީގައި މީހުންކޮށް އުޅޭ ނުބައި ޢަމަލުތަކުގެ ސަބަބުން އެބައިމީހުންނަށް ދުނިޔޭގައި ޢުޤޫބާތް ދެއްވުމަކީ އިލާހީ ޤާނޫނެވެ. އަދި އަބަދީ ޢުޤޫބާތާއި އަބަދީ ކޯފާއަކީ އާޙިރަތް ދުވަހަށް ޚާއްޞަ ވެގެންވާ އެއްޗެއް ކަމުގައި ﷲ ވަނީ ލައްވާފައެވެ. ޝައްކެއް ނެތްގޮތުގައި، ޤިޔާމަތް ދުވަހަކީ، އެނަފްސެއް ކުޅަ ޢަމަލެއްގެ ޖަޒާ އެނަފްސަކަށް ލިބޭނެ ދުވަހެވެ. އައްނަޙުލް ސޫރަތުގެ 111 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
يَوْمَ تَأْتِي كُلُّ نَفْسٍ تُجَادِلُ عَن نَّفْسِهَا وَتُوَفَّى كُلُّ نَفْسٍ مَّا عَمِلَتْ وَهُمْ لاَ يُظْلَمُونَ ﴿النحـــل: ١١١﴾
މާނައީ: ”އެދުވަހަކީ ކޮންމެ މީހަކުމެ އެމީހެއްގެ ފަރާތުން، އުޒުރުތަކާއި، ހެކިތައްދައްކާނެ ދުވަހެވެ. ކޮންމެ މީހަކަށްމެ، އެމީހަކު ކުޅަކަމެއްގެ ޖަޒާ އެދުވަހުން ލިބޭނެއެވެ. އަދި، އެބައިމީހުންނަށް ބޭއިންޞާފް ނުކުރެވޭނެއެވެ.“
އެދުވަހަކީ ނާމާންކަމުގެ ދުވަހެވެ. ބިރުވެރި ދުވަހެކެވެ. އަމާނާތްތެރީންނާ، ޚިޔާނާތްތެރިންނާ، ތެދުވެރީންނާ، މަކަރުވެރީންނާ، ނިޔާވެރީންނާ، އަނިޔާވެރީން، ﷲގެ ނިންމެވުމަށް އިންތިޒާރުކޮށް އެކަލާނގެ ޢަދުލުވެރި ދަރުބާރުގައި ނިކަމެތިކަމާއެކު ކޮޅަށް ތިބޭނެ ދުވަހެވެ. އެދުވަހަކީ އެއްވެސް މީހަކު އިސްތިޘްނާ ކުރެވޭނެ ދުވަހެއްނޫނެވެ. އެއްމެންވެސް ހަމަހަމަ ދުވަހެކެވެ. އެއްވެސް މީހަކަށް ބޭއިންޞާފެއް ނުކުރެވޭނެއެވެ. ދުނިޔެމަތީގައި ﷲގެ އާޔަތްތަކަށް ގޮންޖަހައި، އެކަލާނގެ މަގުން މީހުން އެއްކިބާކޮށް، އެކަލާނގެ މަގަށް ގިނަގިނައިން ހުރަސްއަޅައި އުޅުނު މީހުން އެދުވަހުން އެކަލާނގެ ފަޟީޙަތް ކުރައްވާނެތެވެ. އެދުވަހަކީ އަބަދީ ޡަވާބާއި އަބަދީ ވޭންދެނިވި ޢަޒާބުގެ ދުވަހެވެ. ދުނިޔޭގައި ﷲ އަނިޔާވެރީންނަށް ދެއްވާ ވޭންދެނިވި ޢުޤޫބާތުގެ އިތުރުން، އެދުވަހު އަބަދުގެ އަބަދަށް ހިތިކަމާއި ނާމާންކަން އެބައި މީހުން ދެކޭނެއެވެ. ﷲގެ އާޔަތްތައް އަޑުއަހައި، އެއަށް އިންކާރުކޮށް ފުރަގަސްދޭ މީހާއަށް މި ދުނިޔޭގައި އެއްވެސް ހިތްހަމަޖެހުމެއް ނުވާ، ދަތި އުނދަގޫ ދިރިއުޅުމެއް ދެއްވާނެކަމުގެ ވާހަކަ އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. އަދި ޤިޔާމަތް ދުވަހު ކަނު މީހެއްގެ ގޮތުގައި އޭނާ ﷲގެ ދަރުބާރަށް ޙާޟިރު ކުރައްވާނެ ކަމަށްވެސް އެކަލާނގެ ވަޢުދުވެ ވޮޑިގެން ފައިވެއެެވެ. އެވަޢުދު ފުޅަށްފަހު ޖެހިގެންއޮތް އާޔަތުގައި ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
وَكَذٰلِكَ نَجزِىۡ مَنۡ اَسۡرَفَ وَلَمۡ يُؤۡمِنۡۢ بِاٰيٰتِ رَبِّهٖؕ وَلَعَذَابُ الۡاٰخِرَةِ اَشَدُّ وَاَبۡقٰى ﴿طه: ۱۲۷﴾
މާނައީ: ”ފާފަ ކުރުމުގައި ހައްދުފަހަނައަޅައިގޮސް، އަދި އެކަލާނގެ އާޔަތްތަަކަށް އީމާންނުވާ މީހުންނަށް ޖަޒާ ދެއްވާނީ އެފަދައިންނެވެ. ހަމަ ކަށަވަރުން އާޙިރަތުގައި އެއަށްވުރެން އުނދަގޫ އަދި އަބަދީ ޢަޒާބެއް ދައްކަވާނެތެވެ.“ މި އާޔަތުން ވަރަށް ޞަރީޙަކޮށް އެނގޭ ގޮތުގައި ދުނިޔެ މަތީގައިވެސް ﷲ މީހުންނަށް ޢުޤޫބާތް ދެއްވައެވެ.
އިންސާނުން ދުނިޔޭގައި އަނިޔާވެރި ވެގެންފިނަމަ އެބައި މީހުންނާއިމެދު ކަންތައް ކުރައްވާނެ ގޮތުގެ ވާހަކަ މާތް ﷲ ވަޙީކުރައްވާ ފައިވެއެވެ.
وَإِذَآ أَرَدْنَآ أَنْ نُهْلِكَ قَرْيَةً أَمَرْنَا مُتْرَفِيْهَا فَفَسَقُوا فِيْهَا فَحَقَّ عَلَيْها الْقَوْلُ فَدَمَّرْنَهَا تَدْمِيْرًا. وَكَمْ أَهْلَكْنَا مِنَ الْقُرُنِ مِن بَعْدِ نُوحٍ وَكَفَى بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيْرًا بَصِيْرً ﴿ الإســــراء: ۱۶ – ۱۷ ﴾
މާނައީ: ”ތިމަން ﷲ ރަށެއް ހަލާކު ކުރައްވައި ނެތިކުރައްވައިފުމަށް އިރާދަ ކުރައްވައިފި ހިނދެއްގައި އެރަށެއްގެ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ތިމަން ﷲގެ މަގަށް ތަބަޢަވެ ކިޔަމަން ގަތުމަށް އަމުރު ކުރައްވަމެވެ. ދެން، އެބައިމީހުން އެރަށުގައި ފާސިޤުވެ ދީނުގެ އަމުރުތަކާއި ނަހީތަކަށް ނުކިޔަމަންވެ އުޅެތެވެ. ދެން އެކަމުގެ ސަބަބުން ކޯފާގެ ބަސްފުޅު އެބައިމީހުންގެ މައްޗަށް ޙައްޤުވެދެއެވެ. ދެން އެތަނެއް ތިމަން ﷲ ނެތިކުރެއްވުމަކުން ނެތިކުރައްވައި ހަލާކު ކުރައްވަމެވެ. އަދި ނޫހުގެފާނަށްފަހު ކިތައް ޤަރުނުގެ މީހުން ތިމަން ﷲ ހަލާކު ކުރައްވައިފިން ހެއްޔެވެ. އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ ޚަބަރު، ދެނެވޮޑިގެންވާ، އަދި އެކަން ބައްލަވާ ވޮޑިގެންވާ ކަލަކު ކަމުގައި ވުމަށް ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ފުދެއެވެ.“
އަދި ބިންމަތީގައި ފަސާދަކޮށް އުޅުނު ފިރުޢައުނާއި އޭނާގެ ކުރިން އުޅުނު އޭނާފަދަ އެހެން މީހުން ހަލާކުކޮށް ޣަރަޤު ކުރެއްވި ވާހަކަ ބަޔާން ކުރައްވަމުން ﷲ ވަޙީ ކުރައްވާފައިވެއެވެ.
كَدَاۡبِ اٰلِ فِرۡعَوۡنَۙ وَالَّذِيۡنَ مِنۡ قَبۡلِهِمۡؕ كَذَّبُوۡا بِاٰيٰتِ رَبِّهِمۡ فَاَهۡلَكۡنٰهُمۡ بِذُنُوۡبِهِمۡ وَاَغۡرَقۡنَاۤ اٰلَ فِرۡعَوۡنَۚ وَكُلٌّ كَانُوۡا ظٰلِمِيۡنَ ﴿الأنفال: ۵۴﴾
މާނައީ: ”ފިރުޢައުނުގެ މީހުންނާއި، އަދި، އޭގެ ކުރީގައި އުޅެ ގޮސްފައިވާ ނުބައިމީހުންނީވެސް މި ޢަޒާބުގެ ރަހަ ދެކިފައިވާ ގޮތުގެ މިސާލުތަކެވެ. އެއެންމެންމެ އެމީހުންގެ ވެރި ރަސްކަލާނގެ އާޔަތްތައް ދޮގުކުޅައެވެ. ދެން އެމީހުންގެ ފާފަތަކުގެ ސަބަބުން ތިމަން ﷲ އެބައިމީހުން ހަލާކުކޮށްލައްވައި ނެތިކޮށްލެއްވީމުއެވެ. އަދި ފިރުޢައުމުގެ މީހުން ކަނޑަށް ޣަރަޤުކޮށްލެއްވީމުއެވެ. އެއެންމެންވީ އަނިޔާވެރިން ކަމުގައެވެ.“
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ:
اَفَلَمۡ يَهۡدِ لَهُمۡ كَمۡ اَهۡلَكۡنَا قَبۡلَهُمۡ مِّنَ الۡقُرُوۡنِ يَمۡشُوۡنَ فِىۡ مَسٰكِنِهِمۡؕ اِنَّ فِىۡ ذٰلِكَ لَاَيٰتٍ لِّاُولِىۡ النُّهٰى ﴿طـــه: ۱۲۸﴾
މާނައީ: ”އެބައިމީހުންނަށް ހިދާޔަތްލިބި ޢިބްރަތް ނުލިބެނީހެއްޔެވެ؟ ތިމަން ﷲ އެބައިމީހުންގެ ކުރިން އިސްވެދިޔަ ކިތައްކިތައް ޤައުމު ހަލާކު ކުރެއްވީމު ހެއްޔެވެ؟ އެޤައުމުތަކުގެ ގެދޮރު ހުރި ތަންތާނގައި ހިނގާ އުޅޭ ޙާލު އެބައިމީހުން ވެއެވެ. ހަމަކަށަވަރުން އެއީ ބުއްދީގެ އަހުލުވެރިންނަށް ހުރި ދަލީލުތަކެވެ.“
އަދި ސަބައުގެ އަހުލުވެރިންގެ ވާހަކަ މިއުއްމަތަށް ބަޔާން ކުރައްވަމުން ﷲ ވަޙީ ކުރައްވާފައިވެއެވެ.
لَقَد كانَ لِسَبَإٍ في مَسكَنِهِم ءآيَةٌ ۖ جَنَّتانِ عَن يَمينٍ وَشِمالٍ ۖ كُلوا مِن رِّزقِ رَبِّكُم وَاشكُروا لَهُ ۚ بَلدَةٌ طَيِّبَةٌ وَرَبٌّ غَفورٌ.
فَأَعرَضوا فَأَرسَلنا عَلَيهِم سَيلَ العَرِمِ وَبَدَّلنٰهُم بِجَنَّتَيهِم جَنَّتَينِ ذَواتَي أُكُلٍ خَمطٍ وَأَثلٍ وَشَيءٍ مِّن سِدرٍ قَليلٍ. ذٰلِكَ جَزَينٰهُم بِما كَفَروا ۖ وَهَل نُجٰزي إِلَّا الكَفورَ ﴿ السبأ: ۱۵ – ۱۷ ﴾
މާނައީ: ”ހަމަކަށަވަރުން ކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއި ނިޝާންތައް ސަބައުގެ މީހުން އުޅުނު ތަންތާނގައި ވެއެވެ. އެބައިމީހުން އުޅެމުންއައީ ދެ ބަގީޗާއެއްގައެވެ. ކަނާތް ފަރާތުންނާއި ވައަތް ފަރާތުންނެވެ. (ބުނެވޭފަދައެވެ.) ތިޔަބައިމީހުން ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ ދެއްވި ރޯދިން ތިޔަބައިމީހުން ކައިއުޅޭށެވެ. އަދި ތިޔަބައިމީހުން، އެކަލާނގެ ކިބައަށް ޝުކުރުވެރިވާށެވެ. (އެއީ) ފާގަތި ތަނަވަސް ރަށެކެވެ. އަދި (ﷲ) އީ ފާފަ ފުއްސަވާ ކަލެކެވެ. ދެން އެބައިމީހުން އެ ނިޢުމަތްތަކަށް ކުފުރުވެ ފުރަގަސް ދިނެވެ. ދެން ތިމަން ﷲ އެބައިމީހުންގެ މައްޗަށް ބޮޑު ވެގެންވާ ފެންގަނޑު (ސައިލުލް ޢަރިމި) ފޮނުއްވީމެވެ. އަދި އެބައިމީހުންގެ އެދެބަގީޗާ އެހެން ދެ ބަގީޗާއަކަށް ބަދަލު ކުރެއްވީމެވެ. އެއީ ކާން ނުކެރޭފަދަ ހިތި މޭވާގެ ގަސްތަކާއި، މޭވާއެއްނެތް ކަށި ގަސްތަކަކާއި، އެތަން މިތާނގައިހުރި ކުންނާރު ގަސްތަކެއް ލިބިގެންވާ ދެ ބަގީޗާއެވެ. އެއީ އެބައިމީހުން ކާފިރުވީ ކަމަށްޓަަކައި ތިމަން ﷲ އެބައިމީހުންނަށް ދެއްވި ޖަޒާއެކެވެ. ފަހެ، ކާފިރުވާ މީހުންނަށް މެނުވީ ތިމަން ﷲ އެފަދަ ޖަޒާ ނުދެއްވަމުއެވެ.“
އާދެ! އިސްވެދިޔަ އާޔަތްތަކުން އެނގެން އޮތް ގޮތުގައި ދުނިޔެމަތީގައި އުރެދޭ މީހުންނަށް ﷲ ޢުޤޫބާތް ދެއްވައެވެ. އެހެންކަމުން ދުނިޔެމަތީގައި ޢުޤޫބާތެއް ނާންނާނެ ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. ކީރިތި ޤުރުއާނާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ތަޢާރުޟުވާ ވާހަކައެކެވެ. މިއީ އޮޅުމެއްނެތި އެނގެން އޮތް ޙަޤީޤަތެކެވެ. އިސްވެދިޔަ އާޔަތްތަކުގައި ޢިޝާރާތް ކުރައްވާފައިވަނީ އަނިޔާވެރިވާ މީހުންނާމެދު ޢަމަލު ކުރެވޭ އިލާހީ ޤާނޫނެވެ. އެއީ އެއްވެސް ތަޢާރުޟެއް ނުވާ ޤާނޫނެވެ. އެއާ މެދު އެއްވެސް ކަހަލަ ދެބަސްވުމެއް ނުވާ ޢަދުލުވެރި، މަތިވެރި ޤާނޫނެވެ. އެއްވެސް ކަހަލަ ޝަޚްޞީ ފަލްސަފާއަކުން ތަޣައްޔަރު ނުކުރެވޭނެ ޤާނޫނެކެވެ.
އާދެ! މީސްތަކުންކޮށް އުޅޭ ހުރިހައި ނުބައި ކަންތަކުގެ ސަބަބުން ﷲ ޢުޤޫބާތް ފޮނުއްވާނަމަ ބިންމަތީގައި ދިރިހުރި އެއްވެސް އެއްޗެއް ނުވާނެ ކަމަށް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ނަމަވެސް އެބައިމީހުންނަށް ޢަޒާބު ނުފޮނުއްވައި ލަސްކުރައްވަނީ އެބައިމީހުން އަމިއްލައަށް ރުޖޫޢަވޭތޯއެވެ. ނަމަވެސް އެބައިމީހުން ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރި ވުމުގައި ޙައްދު ފަހަނައަޅައި ދިއުމުން ﷲ އެބައިމީހުންނަށް ޢުޤޫބާތް ފޮނުއްވައެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَلَوۡ يُؤَاخِذُ اللّٰهُ النَّاسَ بِظُلۡمِهِمۡ مَّا تَرَكَ عَلَيۡهَا مِنۡ دَآبَّةٍ وَّلٰـكِنۡ يُّؤَخِّرُهُمۡ اِلٰٓى اَجَلٍ مُّسَمًّىۚ فَاِذَا جَآءَ اَجَلُهُمۡ لَا يَسۡتَـاۡخِرُوۡنَ سَاعَةً وَّلَا يَسۡتَقۡدِمُوۡنَ ﴿النحـــــــل: ۶۱﴾
މާނައީ: ”މީސްތަކުންގެ އެންމެހައި އަނިޔާތަކުގެ ސަބަބުން ﷲ މީސްތަކުން ކުށްވެރި ކުރައްވައި ގެންދަވަނީނަމަ، ފުރާނަ ލިބިގެން ހިނގައި އުޅޭ، އެއްވެސް ދިރޭ އެއްޗެއް ބިންމަތީގައި ޢުޤޫބާތް ނުދެއްވައި ދޫ ނުކުރެއްވީހެވެ. އެހެނެއް ކަމަކު ކަނޑައެޅިގެންވާ މުއްދަތަކަށް ދާންދެން އެބައިމީހުންނަށް އެކަލާނގެ ފަސްކުރައްވަނީއެވެ. ފަހެ އެމުއްދަތު އައިސް ހަމަވެއްޖެނަމަ އެންމެ ގަޑިއެއްގެ އިރަށްވެސް ފަސް ނުކުރެވޭނެތެވެ. އަދި އިސްވެސް ނުކުރެވޭނެއެވެ.“
އާދެ! އެކަލާނގެއީ ގިނަ ކަންތައްތަކަށް މަޢާފު ކުރައްވާ، ފުއްސަވާ އިލާހެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ.
وَمَاۤ اَصَابَكُمۡ مِّنۡ مُّصِيۡبَةٍ فَبِمَا كَسَبَتۡ اَيۡدِيۡكُمۡ وَيَعۡفُوۡا عَنۡ كَثِيۡرٍؕ ﴿الشورى: ۳۰ ﴾
މާނައީ: ”ތިޔަބައިމީހުންނަށް ދިމާވި އުނދަގުލަކާއި، މުޞީބާތަކީ، ފަހެ ތިޔަބައިމީހުންގެ އަތްތަކުން ލިބިގަންނަ ކަމެކެވެ. ﷲ އަޅުންގެ ގިނަ ފާފަތައް ޢަފޫ ކުރައްވައެވެ.“
މީސްތަކުންނަށް ދުނިޔަވީ ކޯފާއާއި ޢުޤޫބާތް ފޮނުއްވަނީ ﷲ ހަނދުމަނެތިކޮށްލައި، އެބައިމީހުންކޮށް އުޅޭ ޢަމަލުތަކުގެ ސަބަބުންނެވެ. ﷲ ތަޢާލާއަކީ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ. އެކަލާނގެއީ އަޅުތަކުންނަށް އޯގާވަންތަ އިލާހެވެ. އަޅުތަކުންގެ ޢަމަލުތަކުގެ ސަބަބުން އެކަލާނގެ އެބައިމީހުންނަށް ކުރިމަތި ކުރައްވާ މުޞީބާތްތަކާއި އިމްތިޙާންތަކަކީ އެބައިމީހުން، އެކަލާނގެ ދީނަށާއި، އެކަލާނގެ އަމުރުފުޅުތަކަށް އަލުން ރުޖޫޢަވޭތޯ ކުރިމަތި ކުރައްވާ ކަންތައްތަކެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ.
ظَهَرَ الۡفَسَادُ فِىۡ الۡبَرِّ وَالۡبَحۡرِ بِمَا كَسَبَتۡ اَيۡدِىۡ النَّاسِ لِيُذِيۡقَهُمۡ بَعۡضَ الَّذِىۡ عَمِلُوۡا لَعَلَّهُمۡ يَرۡجِعُوۡنَ ﴿الروم: ۴۱﴾
މާނައީ: ”މީސްތަކުންކުރި، ނުބައި ޢަމަލުތަކުގެ ސަބަބުން އެއްގަމާއި، ކަނޑުގައި (ދަތިކަމާއި) ފަސާދަ އުފެދިއްޖެއެެވެ. އެއީ އެބައިމީހުން ކުރި ބައެއް ޢަމަލުތަކަށްހުރި (ޢަޒާބުގެ) ރަހަ ދެއްކެވުމަށްޓަކައެވެ. އެއީ އެމީހުން ﷲގެ މަގަށް އަލުން ރުޖޫޢަވޭތޯއެވެ.“
އިސްވެދިޔައީ ﷲގެ އާޔަތްތަކެވެ. ތެދު މުޢުޖިޒާތެވެ. އެއިން އަޅުގަނޑުމެން ޢިބްރަތް ލިބިގަތުން ހުއްޓެވެ. ޢުޤޫބާތް ފޮނުއްވުމުގެ ޙިކްމަތަކީ ދިރިތިބި މީހުން އެއިން ޢިބްރަތް ޙާޞިލް ކުރުމެވެ. ﷲ އާއި ރަސޫލާއަށް ކިޔަމަން ގަތުމެވެ. ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ އުއްމަތްތަކުގެ ވާހަކަތަކަކީ އެވާހަކަތަކުން ޢިބްރަތް ޙާޞިލް ކުރުމަށް ބަޔާން ކުރެވިފައިވާ ވާހަކަތަކެކެވެ. ފަހަރެއްގައިވެސް މީސްތަކުންނަށް އަނިޔާވެރިވެ ވޮޑިގަންނަވާ ފަރާތެއްކަމުގައި ﷲ ނުވެއެވެ. އެކަލާނގެއީ އެންމެ ޢަދުލުވެރިވަންތަ، އެންމެ ޙިކްމަތްވަންތަ އިލާހެވެ.