ހޫތީ މުޖާހިދުން ވަކިމިންވަރެއްގެ މިލިޓްރީ ހަރަކާތެއްގެގޮތުގައި ވަރަށް މަދު މިލިޓްރީ ވަސީލަތްތަކަކާއެކު ހާރަކާތްތެރިވަމުން ދިއުމަށްފަހު އީރާނުގެ ފުރިހަމަ އެއްބާރުލުމާއެކު މިހާރު އެވަނީ މެދުއިރުމަތީގައި ވަރުގަދަ މިލިޓްރީ ބާރަކަށް ބަދަލުވެފައިކަމަށް ޔުނައިޓެޑް ނޭޝަންސްގެ .ތަޖްރިބާކާރުންނާ ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސްއިން މިއަދު ރިޕޯރޓްކޮށްފިއެވެ
އެމެރިކާއާއި އިނގިރޭސި ވިލާތުން ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ ހިންދެމިލުމަށް ނުކުޅެދިފައިވާ ހޫތީ މުޖާހިދުންނަކީ އީރާނުގެ އެކްސިސް އޮފް ރެޒިސްޓޭންސްގައި ހިމެނޭ މެދު އިރުމައްޗާއި އަދި އެއަށްވުރެން ދުރަށްވެސް ފާހަގަކުރެވޭ މިލިޓްރީ ބާރަކަށް ވެއްޖެކަމަށް ޔުނައިޓެޑް ނޭޝަންސްގެ ތަޖްރިބާކާރުން ސެކިއުރިޓީ ކައުންސިލަށް ހުށައަޅާފައިވާ 537 ސަފުހާގެ ރިޕޯރޓުގައި ބުނެފައި ވެއެވެ. އެ ރިޕޯރޓުގައި ފާހަގަ ކޮށްފައިވާ ގޮތުން އިރާގުގެ މުޖާހިދުންނާއި ހިޒްބު ﷲ އަކީވެސް މިހާރު އާދައިގެ މިލިޓްރީ ހަރަކާތެއް ކަމަކަށް ނުބެލެވޭނެއެވެ.
ޔޫ. އެން. އެކްސްޕާރޓުންގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާގޮތުން 2015 ވަނަ އަހަރު ހަމައެކަނި 30000 މުޖާހިދުންތިބި އެ ޖަމާއަތުގައި މިއަދު ޖިހާދީންގެ އަދަދު 350000 އަށްވުރެން ގިނައެވެ. މިއަދު އެ ޖަމާއަތަކީ ހަމައެކަނި ޔަމަނުގެ ތެރެއަށް ފެތިގެންތިބި ޖަމާއަތެއް ނޫނެވެ. އެއާޚިލާފަށް މިއަދު އެ ޖަމާއަތަކީ މެދުއިރުމަތީގެ ބާރުގަދަ މިލިޓްރީ އޯގަނައިޒޭޝަނެކެވެ. ހޫތީ މުޖާހިދުންގެ މިލިޓްރީ ކުރިއެރުމުގައި އީރާނުގެ ދެމެހެއްޓެނިވި މަދަދާއި އެއްބާރުން ލިބެމުންދާއިރު ހިޒްބު ﷲ އާއި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ފޯރުކޮށްދެމުން ގެންދާ ޓެކްނިކަލް ސަޕޯރޓް ހިމެނެއެވެ.
ހޫތީ މުޖާހިދުން އަމިއްލައަށް ބެލިސްޓިކް މިސައިލްއާއި ޑްރޯންފަދަ ނުރައްކާތެރި ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ލިބިފައިނުވާއިރު އެބާވަތުގެ ހުރިހާ ހަތިޔާރެއް ބޭރުން ލިބިލިބި ހުރުމުގެ އިންތިޒާމް ވަނީ ކަށަވަރު ކޮށްފައެވެ. ޔޫ. އެން. ތަޖްރިބާކާރުންގެ ރިޕޯރޓުގައި ބުނެފައިވާގޮތުން ހޫތީ މުޖާހިދުން އަލްގާއިދާއާއި ސޮމާލިޔާގެ އަލްޝަބާބު ޖަމާއަތާއެކުވެސް ވަރުގަދަ ގުޅުމެއް ދަމަހައްޓަމުން ގެންދެއެވެ.
ހޫތީ މުޖާހިދުން މިހާރުވެސް ގެންދަނީ ހަމާސްގެ މުޖާހިދުންނާއި އެއްބައިވަންތަކަން ޔަގީންކޮށްދިނުމުގެ ގޮތުން ރެޑް ސީ ތެރެއިން ކަނޑުދަތުރުކުރާ ބައެއްގައުމުތަކުގެ ބޯޓުފަހަރަށް ހަމަލާދެމުންނެވެ. އެމެރިކާއާއި އިނގިރޭސި ވިލާތުގެ ކަނޑުސިފައިން ފާއިތުވެގެން މިދާ އަހަރުދުވަހު ހޫތީ މުޖާހިދުންގެ ހަމަލާތައް ހުއްޓުވަން އެކި ފެންވަރުގައި ދެމުންގެންދާ ބާރުގަދަ ހަމަލާތަކުންވެސް ހޫތީ މުޖާހިދުން ބަލިކުރެވޭގޮތެއްވަނީ ނުވެފައެވެ. މީގެ ކުރިން ޔަމަނުގައި ސައޫދީ އާއި އެމިރޭޓްސް ގެ ސިފައިންނަށް އެމެރިކާގެ އަސްކަރީން ލިބެމުންދިޔަ އެއްބާރުލުމާއެކު ވިރާނާ ކޮށްލާފައިވާ ޔަމަން އެމެރިކާއާއި އިނގިރޭސި ވިލާތުގެ ހަމަލާތަކުގައި ބިމުގައިހުރި ވެއްޔަށް ހަދާލުން ފިޔަވައި ލިބުނު ކާމިޔާބެއް ނެތެވެ.