”ބައްޕާ! އަހަރެންވެސް ގެންދެބަލަ!“ އަހަރެން ބޭނުންވީ ބައްޕައާއި ދޮންބޭބެ އަދި ތިއްތިބޭއާއެކު ޑައިނަސޯގެ ދުނިޔެއަށް ދާށެވެ.
ދޮންބޭބެއާއި ތިއްތިބޭއަކީ ބައްޕަގެ އެއްބަނޑުއެއްބަފާ ބޭބެއިންނެވެ. އަހަރެން އެންމެ ލޯބިވާ ބޮޑުބޭބެއިންނެވެ. އެމީހުން އަހަރެމެން ދިރިއުޅޭ ރަށަށް އަތުވެއްޖެނަމަ އަބަދުވެސް އަހަރެން އުޅެން ބޭނުންވަނީ އެމީހުންނާ އެކުގައެވެ.
”ކުޑަކުދިންނެއް ނުގެންދެވެޔޭ ދަރިފުޅާ! އެއީ ވަރަށް ނުރައްކާތެރި ތަނެއް.“ މިހެން ބުނެފައި ބައްޕަމެން އުދުހޭ އުޅަނދެއްގައި ދަތުރު ފަށައިފިއެވެ.
ފޮތްތަކުންނާއި ކާޓޫނުތަކުން ޑައިނަސޯ ފެނި، އޭގެ ވާހަކަތައް އިވިފައިވާތީ އަހަރެން ބޭނުންވީ ހަމަލޮލުން އެތަކެތި ދެކެލާށެވެ. ނަމަވެސް މިއަދު މި ދިމާވީ ވަރަށް ދެރަ ގޮތެކެވެ. އެންމެ ފޫހިވީ ބޮޑުބޭބެމެންނާއެކު ނުދެވުނީމައެވެ. ވީ ދެރައިން މާޔޫސްކަމާއެކު އަހަރެން ޖައްސައިލީ ގޯތިތެރޭގައި ހުރި ބަނބުކެޔޮގަހު ބުޑުގައެވެ. ދެން ހަދާނެ ގޮތަކާމެދު ވިސްނަން އިނީ ރޮވިފައެވެ.
”ޑައިނަސޯ ބަލަން ދާނަން؟“ އަހަރެންނަށް ބަލައިލިއިރު ކައިރީގައި ހުރީ ހަމަ ގައިމުވެސް އިންސާނެއް ނޫނެވެ. މޫނު ވައްތަރީ އެނިމޭ ކާޓޫނުތަކުގައި އުޅޭކަހަލަ ކުޑަ ފިރިހެންކުއްޖަކާއެވެ. އިސްކޮޅުގައި ގާތްގަނޑަކަށް ހަތަރުފޫޓުބައި ހުންނާނެއެވެ. ލައިގެން ހުރީ އޮރެންޖުކުލައެއްގެ ގަޔަށް ބާރު ޓީޝާޓަކާއި ޑަންގަރީއެއް ކަހަލަ، ރަތްކުލައިގެ ގަޔަށް ބާރު އެއްޗެކެވެ. ޑަންގަރީގެ މޭމަތީގައި ރީނދޫކުލައިގެ ބޮތްކެއް ކަހަލަ އެއްޗެއް ހުއްޓެވެ. އަރައިގެން ހުރި މުށިކުލައިގެ ބޫޓުން މުޅި ކަށިމަތި އޮތީ ނިވައިވެފައެވެ. ބޫޓުގެ ދެފަރާތުގައި ތަނބިކައްޓާ ދިމާގައި ނޫކުލައިގެ ދެ ބޮކި ހުއްޓެވެ. ބޮލުގައި ރަތްކުލައިގެ ހެލްމެޓެއް ފާޑުގެ އެއްޗެއް އޮތެވެ. ހެލްމެޓުގެ ދެފަރާތުން ކަންފަތާދިމާގައިވެސް މޭމަތީގައި ހުރި ކަހަލަ ނޫކުލައިގެ ދެ ބޮކި ހުއްޓެވެ.
”ތީ ކޮންކުއްޖެއް؟“ އަހަރެން ހައިރާންވެފައި އަހައިލީމެވެ.
”އަހަރެން މީ ޖިންނިއެއް. ރަހުމަތްތެރި ޖިންނިއެއް. އަހަރެން ގެންގޮސްދީފާނަން ޑައިނަސޯގެ ދުނިޔެއަށް.“ އެކުއްޖާ ބުންޏެވެ.
އަހަރެން ހައިރާންވެ، އުފާވެސް ވިއެވެ. ކެސްޕަރ ކާޓޫނުގައި އުޅޭކަހަލަ ރަހުމަތްތެރި ޖިންނިއަކާ ދިމާވުމަކީވެސް އަހަރެން ދުށް ހުވަފެނެކެވެ. އެކަންވެސް މިއޮތީ ވެފައެވެ. އެންމެ އުފާވީ އަހަރެންގެ އުންމީދެއް ފުރިހަމަކޮށްދޭން އައި ޖިންނިއަކަށް ވީތީއެވެ.
”އަސްލުވެސްތަ؟ ހިނގާ ދާން!“ އަހަރެން ވަރަށް އުފާވެފައި ބުނީމެވެ.
އޭނާ އަހަރެންގެ އަތުގައި ހިފައިގެން އުދުއްސައިގަތެވެ. ނެވަރލޭންޑް ކާޓޫނުގައި ކުދިން އުދުހޭހެން އުދުހިލެވޭތީ އަހަރެން އޮތީ ކުޑަކޮށް ފޮނިވެސްފައެވެ. ރަށުގެ ގޭގޭގެމަތިން އުދުހެމުން ދިޔައިރު ފެންނަމުންދިޔައީ ކުނިކަހައި ސާފުކޮށްފައިވާ މަގުތަކެވެ. ގެ އަޅާފައިވާ ހިސާބުތަކުގައި މަގަށް ހިޔާއަޅާނެ ގަހެއް ރުކެއް ނެތުމާއެކު މަގުތަކަށް ފެތުރިފައިވަނީ ރަތްދަކަ އަތްވެވެ. ބައެއް މަގުތަކުގައާއި ފުރާޅުތަކުގައި އެއްޗެހި އަވީލާފައި ހުއްޓެވެ. މަގަކުން ހިނގަމުންދިޔަ ތިން އަންހެނަކު ފިޔަވައި ރަށުތެރެއިން މީހަކު ފެންނާކަށް ނެތެވެ. މެންދުރުގެ ހޫނުގަދަ ވަގުތަށް ވުމާއެކު ގިނަ މީހުން ވީ ގޭތެރޭގައި ނުވަތަ އަތިރިމަތީ ގަސްތައްދަށުގައި ކަމަށް ވެދާނެއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑައިނަސޯގެ ދުނިޔެއަށް ދެވިއްޖެއެވެ. އެއްގަސް އަނެއް ގަހާ ލާމެހިފައިވާ ދިއްގާ ގަސްތަކުން ފުރިފައިވާ ޖަންގައްޔެއްފަދަ ތަނެކެވެ. ފަތްމައްޗަށް ފަތް އެޅިފައި އޮތުމުން، ހިނގާފައިދާއިރު ކުޑަކޮށް ގަނބާގޮތެއް ހުއްޓެވެ. ވާރޭ ވެހިފައި އޮތުމާއެކު ފަތްތައް ހުރީ ކޮންމެވެސް ވަރަކަށް ޗަކަވެފައެވެ. ހިނގަމުން ގޮސް އަހަރެމެންނަށް ދެވުނީ ކުރިން ބަޔަކު އުޅެ ފަޅުވެފައިވާ ގެތަކެއް ހުރި ހިސާބަކަށެވެ. ރަށް ފަޅުވިތާ މާ ގިނަ ދުވަހެއް ވެފައި ނުވާކަން، ފެންނަންހުރި ފާރުތަކުން ބުނެދެއެވެ. ތެޅިގަލުން ނުހަނު އުސްކޮށް ރާނާފައިވާ ފާރުތަކެކެވެ.
”ޑައިނަސޯތައް ތިބީ މިތަނުގަ.“ ދިހަވަރަކަށް ފޫޓު އުސްމިނަށް ރާނާފައިހުރި ގިފިއްޔެއް ކަހަލަ ތަނެއް ދައްކާފައި އެކުއްޖާ ބުންޏެވެ.
އަހަރެން އެތަނަށް ގޮސް ވަނީމެވެ. ފެހިޖަހައި، ކުނިއެޅިފައި ހުރި ފެންވަޅަކާއި، އެޔާ ގުޅުވައި ރާނާފައި އޮތް ތަޅުންގަނޑެއް ގިފިލީގެ މެދުގައި ހުއްޓެވެ. ކުލަނޭނގޭވަރު ވެފައި އޮތް ބާ ދާނިގަނޑެއް ވަޅުމަތީގައި އޮތެވެ. އެތާނގައި ތިބީ ދެ ޑައިނަސޯއެވެ. ދޭތިވެސް ތިބީ ބިއްދޮށަށްހުރި ފާރުގައި އައްސާފައެވެ. ވާތްފަރާތު ފާރާ ގާތަށް އޮތް ޑައިނަސޯގެ ކުލަޔަކީ ކިލާ ފެހިކުލައެކެވެ. އެއާ ޖެހިގެން އޮތީ ރަތްމުށިކުލައެއްގެ ޑައިނަސޯއެކެވެ. އޭގައި ކުޑަވަރެއްގެ ފިޔަގަނޑެއްވެސް ހުއްޓެވެ. ދޭތިވެސް ތިބީ ވަރަށް ބަނޑުހައިވެ ރުޅިއައިސްފައެވެ. މިތަނުން ސަލާމަތްކޮށް ދޫކޮށްލާށޭ ބުނާކަހަލަ ގޮތަކަށް، ބިރުވެރި އަޑަކުން ”ޣާންންން“ ކިޔާފައި ހަޅޭއްލަވަމުން ދިޔައެވެ. ”މިކޮޅަށް އަތުވެއްޖިއްޔާ ކާލާނަމޭ“ ބުނާކަހަލައެވެ. ޖަނަވާރުންދެކެ ލޯބިވާ މީހަކަށް ވާތީ ކަންނޭނގެއެވެ. އަހަރެންނަށް ހިނގައިގަނެވުނީ އެސޮރުމެންނާ ގާތަށެވެ.
”ކައިރިއަށް ނުދައްޗޭ! ވަރަށް ރުޅިއައިއްސަ އެތިބީ.“ ޖިންނި ކުއްޖާ ބުންޏެވެ.
”ކީއްވެތަ އައްސާފަ އެތިބީ؟ އެޔަށް ކާކަށްވެސް ނުދޭތަ؟“ އަހަރެން ހުރި ފިޔަވަޅުމަތީގައި ހުރެ އޭނާއާ ދިމާއަށް އެނބުރިލީމެވެ.
”އެއީ މިރަށުގަ އުޅުނު މީހުން ގެންގުޅުނު އެއްޗެހިތަކެއް.“ އޭނާ އޮޅުންފިލުވައިދިނެވެ.
ޖިންނި ކިޔައިދިންގޮތުގައި އެއީ އެރަށުގައި ދިރިއުޅުނު މީހުން އޮޅުކޮށްގެން ގެންގުޅުނު ޑައިނަސޯތަކެކެވެ. އެމީހުން ދިޔައިރު އެސޮރުމެން ނުގެންދިޔައީއެވެ. ތަރައްގީވެފައިވާ ރަށަކަށް ދެވޭތީ އެމީހުން މާބޮޑަށް ފޮނިބޮޑުވީއެވެ. އެސޮރުމެން ބަނދެފައި ދިޔައީ އެމީހުންގެ ފަހަތުން ހިނގައިދާނެތީ ކަމަށްވެސް ޖިންނި ކިޔައިދިނެވެ.
”އަޅެ އެހެން ހަދާކަށް ނުވާނެ ދޯ! ހިނގާބަލަ އެއަށް ކާންދީފަ ދޫކޮށްލަން.“ އަހަރެންނަކަށް ކެތެއް ނުވިއެވެ.
ވަލުތެރޭގެ ގަސްގަހުން އެސޮރުމެން ކާނެހެން ހީވާކަހަލަ ފަތް ބިނދެގެން އައިސް ކާންއެޅީމެވެ. އަހަރެން ބޭނުންވީ ކައި ނިމުމުން އެސޮރުމެން މޮހާލައި ދޫކޮށްލާށެވެ. ކާންއަޅާފައި އަހަރެން ދިޔައީ ބައްޕަމެން ފެނޭތޯ ބަލާށެވެ. އެކުވެރިޔާ މަޑުކުރީ ޑައިނަސޯތައް ކަރީގައެވެ.
ވަރަށް ގިނައިރު ވަންދެން އެކި ތަންތަން ބަލައިގެންވެސް ބައްޕަމެންނެއް ނުފެނުނެވެ. އަހަރެން ބިރުގަންނަން ފެށިއެވެ. ރޮވެންފެށިއެވެ. ރަށުން ފެންނަނީ ހައްތަހާވެސް މަތިވަޑާންގަނޑު ނެތް ގެތަކެވެ. އެއިން އެއްވެސް ތަނެއްގައި ބައްޕަމެން ތިބިނަމަ އަހަރެން ގޮވާއަޑު އިވުނީހެވެ. އެކަމަކު އިންސާނެއްގެ ހިލަމެއް ލިސާނެއްވެސް އެއިން ހިސާބަކު ނެތެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. އަނެއްކާ ޑައިނަސޯތައް ބައްޕަމެން ކާލީބާވައެވެ.
”ކައެއްނުލާނެ! އެއީ މަސް ކާ ވައްތަރުގެ ޑައިނަސޯއެއް ނޫން. އެވާނީ ބައްޕަމެން މިތަނުން ދިޔައީ ކަމަށް.“ ޖިންނި އަހަރެންނަށް ޔަގީންކޮށްދިނެވެ.
”ކޮބާ ޑައިނަސޯތައް؟“ އަހަރެން އެހީމެވެ.
”މޮހާލާފަ ދޫކޮށްލައިފިން.“ ޖިންނި މިހެން ބުނުމުން އަހަރެން ވަރަށް އުފާވިއެވެ.
”ހިނގާ ގެއަށް ދަމާ ދޯ!“ ޖިންނި ބުންޏެވެ.
”ކޮބާ ނުދަނީތަ؟ އެއޮއް ހަތެއް ޖަހަނީއޭ!“ ކުއްލިއަކަށް ހޭލެވުނީ ކޮއްކޮ ގޮވި އަޑަށެވެ.
ތެދެކެވެ. ސްކޫލަށް ދާ ގަޑި ޖެހެނީއެވެ. ކުރިންވެސް ކޮއްކޮ ގޮވިއެވެ. އެކަމަކު އަހަރެން އަދި ފަސްމިނެޓަށް ނިދައިލާނީއޭ ހިތައި އޮތީއެވެ. ފަސްމިނެޓުތެރޭގައި އަހަރެން މި އައީ އެކަކަށްވެސް ނުދެވޭ ކަހަލަ ތަނަކަށް ގޮސްލައިފައެވެ. ހުވަފެނަކީވެސް ހާދަހާ ޒާތެއްގެ އެއްޗެކެވެ. އެ ހިނގައިދިޔަ ކުޑަކުޑަ ވަގުތުކޮޅުގައި އަހަރެން އެ ގެންގޮސްދިނީ ކޮންކަހަލަ ދުނިޔެއަކަށްހެއްޔެވެ؟
One Response
ރަހަ ތަފާތުކޮށްލުމެއްދޯ. ދުވަސްކޮޅަކުން ކުލަ ޖެހޭނެ. ކުޑަކުދިން ގަޔާވާނެ.