ސްޓެލްކޯ ބޯޑު ރައްޔިތުންގެ ޙާލާއިމެދު ވިސްނަންޖެހޭ!

Loading

Facebook
Twitter
WhatsApp

ސްޓެލްކޯގެ ބޯޑުގައި ތިއްބަވާ ބޯޑުމެންބަރުންނަކީ ދިވެހިރައްޔިތުންގެ ޙާލާއިމެދު ވިސްނަވާ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ”ރައްޔިތުން ފުރަތަމަ“ ކަމަށް މޮޓޯގެންގުޅުއްވާ އަދި އެގޮތަށް ޢަމަލުކުރާ ބަޔަކަށް ވާންޖެހޭނެކަމުގައި ދެކެމެވެ. އެގޮތުން ބޯޑުން ނިންމަވާ، ރައްޔަތުން ދުވަހުންދުވަހަށް ދިރިތިބުމަށް ފޯރުކޮށްދޭ ޚިދުމަތްތަކާބެހޭ ނިންމުންތައް ޒިންމާދާރުގޮތެއްގައި ނިންމަންޖެހޭނެއެވެ. މިޔާޚިލާފަށް އަނިޔާވެރި ނިންމުންތައް ނިންމިގެންނުވާނެއެވެ. އެހެނީ ސްޓެލްކޯއަކީ ރައްޔަތުންނަށް އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ ތަނެއްގެގޮތުގައި އުފެދިފައިވާ ދައުލަތުގެ ކުންފުންޏަކަށްވާތީއެވެ.

ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ މިބޮޑު މުޞީބާތާގުޅިގެން މުޅި ރާއްޖެ ލޮކްޑައުންއަކަށް ދިޔަހިސާބުން އެތައްހާސް ރައްޔިތުންގެ ވަޒީފާގެއްލި ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓް ބަންދުވެ، ހޮޓާތަކާ ރެސްޓޯރެންޓްތަކާ އެނޫންވެސް މީހުން ގިނައިން ގޮސްއުޅޭ އެންމެހައި މާރުކޭޓުތައް ބަންދުވުމުގެ ސަބަބުން މުޅި ދިވެހި ގައުމާ ރައްޔިތުންވަނީ އިގްތިޞާދީ އަނދަވަޅަކަށް ވެއްޓި ޙާލުގައި ޖެހިފައިކަން ނުދެނަހުރި އެއްވެސް އިންސާނަކު މިދިވެހި ފަސްގަނޑުގައި ހުރުމަކީ ޙައިރާންވާންޖެހޭވަރުގެ ބޮޑުކަމެކެވެ.

ރާއްޖެއަށް ކުރިމަތިވި މިދެންނެވި މުޞިބާތާއި ގުޅިގެން ރައްޔިތުން މިތިބީ ގޭގެ ހަރުމުދާ ވިއްކާ ހިސާބުގައެވެ. ސްޓެލްކޯގެ ބޯޑުން ނިންމާފައިވަނީ ކޮވިޑްގެ ދުވަސްތަކުގައި ނުދެއްކިހުރި ކަރަންޓް ޚިދުމަތުގެ އަގުތައް މަސްމަހަށް ބަހާލައިގެން ދައްކާގޮތައްކަމަށް އަޑުފެތުރުނެވެ. ކޮވިޑްގެ ދުވަސްތައް އަދިވެސް މިދަނީ ވަކިގޮތެއް ނުނިމިކަން އެބޯޑުގެ މެންބަރުންނަށް އެނގިވަޑައި ނުގަތުމަކީވެސް، އެބޯޑުގައި ތިއްބަވަނީ ދިވެހިރައްޔަތުންނަށް ޚިދުމަތްކޮށްދިނުމަށް ރައްޔަތުންގެ ޓެކްސްފައިސާ އިން ޢިނާޔަތްތަށް ދީފައިތި ބައެއްކަން އޮޅިއްޖެއޭ ބުނެވިދާނެއެވެ.

އެއްބިލްވެސް ނުދެއްކި 10 މަސްވެފައިތިބި އެތަކެއްހާސް މީހުން ކަރަންޓްގެ ޚިދުމަތުން މަޙުރޫމްވާފަދަ ގޮތަކަށް ގަވާޢިދުތައް ބައްޓަންކުރުމަކީ އެބޯޑުގައި ތިއްބަވާ މެންބަރުންނަށް ގައުމާ ރައްޔިތުންގެ ޙާލަތު ގާތުންނުބައްލަވާ ރައްޔިތުމީހާ ހަފުސްވިޔަސް ވަރިހަމަ އުޞޫލުން ކޮށްފައިވާ އަނިޔާވެރި ކަމެއްކަމުގައި ދެކެމެވެ.

ކޮވިޑް 19 ރާއްޖެއަށް ކުރިމަތިވި ހިސާބުން ފެށިގެން ފައިސާނުދެއްކި ހުރި ބިލްތަކުގެ ތެރެއިން ފުރަތަމަ ދެބިލަށް ފައިސާދެއްކުމުން ދެންހުރި ބިލްތައް ބައްސަވާ އެގްރިމެންޓްކުރުމަށްފަހު 5 ދުވަސްފަހުން ދެބިލުގައިވާ ފައިސާ ދައްކަންޖެހެއެވެ. އެފައިސާ 5 ދުވަހުގެ ތެރޭގައި ނުދެއްކިއްޖެނަމަ، ކަރަންޓް ކަނޑާލާ އެގްރީމެންޓްވެސް ބާޠިލް ކޮށްލަނީއެވެ. އަނެއްކާވެސް އެގްރީމެންޓް ހަދައިދެނީ ދެމަހުގެ ބިލްގެ ފައިސާ ދެއްކީމައެވެ. މިއީ ކިހާބޮޑު ޖޯކެއްތޯއެވެ.

އެއް ބިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކި 10 މަސް ވެގެން މިދިޔައީ ރައްޔިތުންގެ އަތުގައި ފައިސާނެތީމައެވެ. އެހެނަސް ސްޓެލްކޯގެ ބޯޑުން ނިންމަވާފައިއެވަނީ ކަރަންޓްގެ ޚިދުމަތުގެ އަގު ރައްޔިތުމީހާ ފެލާލައިގެންނަމަވެސް ނަންގަވާގޮތަށެވެ. މާފްކުރައްވާށެވެ! މިހެން މިދެންނެވީ ސްޓެލްކޯގެ ބޯޑުގެ ހަރުކަށި ސިޔާސަތާ ނުރުހޭތީ އަދި އެކަން ގަބޫލުކުރެވޭނެ އެއްވެސް ގޮތެއްނެނީމައެވެ. މިހެން މިދެންނެވި ސްޓެލްކޯގެ ބޮޑުގެ ހަރުކަށި ސިޔާސަތާ ކުއްވެރިކުރަމެވެ. -/10 ރުފިޔާ ނުދެއްކިގެން އުޅޭ މީހަކަށް -/20 ރުފިޔާ ވަގުތުން ވަގުތައް ދައްކަން އެންގުމަކީ ކޮންކަހަލަ ހަމައާއި އިންސާފެއްތޯއެވެ. ދިވެހިބަހުން ތިލަކޮށް ބުނާނަމަ ފެލާލުމަކަށް ނުވޭތޯއެވެ.

ފެނިގެންމިދަނީ ހަގީގީ ޚިޔާނާތްތެރިން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ގުޅިގެން ރައްޔިތުންނަށް ސިއްރު ކަންކަން ކުރައްވާތަނެވެ. ޚިޔާނާތުގެ ވާހަކަދެއްކުމުން އެދައްކާމީހާދެކެ ރުޅިއައުންފިޔަވާ ރައްޔަތުމީހާއަށް ކޮށްދެވޭކަމަކީ ކޮބައިތޯ ސުވާލުކޮށްލަމެވެ.

މިފަހުގެ ތާރީޚެއްގައި ސަރުކާރުން ޚިޔާނާތް ވެފައިނުވާ މިންވަރަށް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވަނީ ޚިޔާނާތާއި ކޮރަޕްޝަނާ ޢަމަލުތަށް ހިންގާފައެވެ. ނަމަވެސް ހިތާމައަކީ އެބޮޑު ޚިޔާނާތްތަކުގެ މުގުލުގައި ތިބިމީހުންތައް އެއްފަރާތްކޮށް ދައުލަތުގެ މުދަލާއި ފައިސާ ޙިމާޔަތް ކުރުމަށް ސަރުކާރަށް ނުކުޅެދިފައިވުމެވެ.

މީ އެއްގޮތަކަސްވެސް، ރައްޔަތުންގެ  މަޖިލީސް ގަނޑުކޮށް ރައްޔަތުން ދީފައިވާ ސަރުކާރެއްގެ ކިބައިން ބަލައިގަނެވޭނެ ކަމެއްނޫނެވެ.

އަޑުހަރުކޮށް ވަގުން ހިފަން ރައްޔިތުން ހޮވި ސަރުކާރުވެސް މިވަނީ ވަގުންގެ އަތްދަށުވެ ޚިސާރުކުރެވިފައެވެ. އެމް.އެމް.ޕީ.އާރު.ސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކުރިއަށް ނުގޮސް، އެކަމުގައި ބައިއެޅި އެންމެހާ ބޮޑެތި ޚިޔާނާތްތެރިން ސަރުކާރުގެ ތަޙުގީގީ އިދާރާތަށް ޚިސާރުކޮށްފައިވާ ކަން ފެންނަމުން މިދާ މަންޒަރުތަކުން ހާމަވެއެވެ. މިއީދޮގެއްކަމަށް ގަބޫލުކުރެވޭނީ އެނޫންގޮތަކަށް ލޯތަކަށްފެންނަމުން ދިއުމުންނެވެ.

އެހެންކަމާއެކު ރައްޔިތުންނަށް ވަގުންނާ އިޚްލާސްތެރިން ނޭނގޭނަމަ، އެކި މަގާމުތަކަށް ކުރިމަތިލާ ވަގުން އަނެއްކާވެސް ސަރުކާރުގެ ތެރެއަށް ވަދެވި ވައްކަމުގެ އާ ސަފްޙާތައް އިތުރުވަމުން ދިއުމަކީ މުސްލިމް އުންމަތެއްގެ ތެރޭގައި ހިނގާނެ އެންމެ ނުރައްކާތެރި ކަންކަމަށް މެނުވީނުވާނެއެވެ.

އެހެންކަމާއެކު އަނެއްކާވެސް އިންތިޚާބެއް ބޯމަތިވެފައިވާތީ އިންތިޚާބުގެ ކުރިން ރައްޔިތުންނަން އެބުނަމުން އައި ވަގުންނަކީ ކޮބައިކަން ސާފްވާން ޖެހޭނެކަމަށްދެކެމެވެ. މި އަޅުގަނޑުގެ ޚިޔާލެވެ. އެއްވެސް ރައްޔިތަކު މިކަންކަމާ ދެބަސްވާނެކަމަށް އަޅުގަނޑު ނުދެކެމެވެ.

Loading

One Response

  1. ފަހަލަ ވެސް ރުޅިގަދަވީ؟ ޝުޢައިބުވެސް ރުޅިގަދަަވެފާ! ކިހިނެއްމިވަނީ. ހަމަގައިމުވެސް ގަނޑުކޮށް މަޖިލިސް ހޯދުމުގައި އުޅުނު ވަރުގަދަ އެމްޑީޕީގެ ކޮމާންޑަރުން ތަކެއް. މިވަރުވާއިރުވެސް ޕާޓީގެ ރައީސްމީހާއަށް ހަމަ އޯކޭތޯއެވެ. ވޯޓު ދުވަސް އަނެއްކާ މިއޮށްބޯމަތިވީއެވެ. ކައުންސިލް އިންތިޚާބު #ކކބކ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް