ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ރައީސް އޮފީހުގެ މިހާރުގެ ލީގަލް ސެކްރެޓްރީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޢައްބާސް ޝަރީފް އައްޔަން ކުރެއްވުމަށް އާންމުންގެ ޝަކުވާއެއް އޮތްތޯ ބަލަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ޕީޖީގެ މަޤާމު ހުސްވެފައި ވަނީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޒް ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އެގޮތުން ޕީޖީގެ މަޤާމަށް އައްޔަނު ކުރަން ހުޅުވާލުމުން އައްބާސްގެ އިތުރުން ހަ ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.
މަޖިލީހުގައި ދައުރުން ބޭރުން މިރޭ ބޭއްވި ޖަލްސާގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ. އޭގައި ވިދާޅުވެފައި ވަނީ ޕީޖީގެ މަޤާމް މިދިޔަ މަހު 22 ގައި ހުސްވެފައި ވާތީ އެ މަޤާމަށް އައްބާސްގެ ނަން އެކަނި ހުށަހަޅާ ކަމަށެވެ.
އައްބާސް ވަނީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލުކުރައްވާފައިވާފައެވެ. މީގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުކަން 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އައްބާސް ވަނީ ކުރައްވާފަ އެވެ.އަދި ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އާއި މައުމޫން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް އައްބާސް ކުރައްވާފައި ވެއެވެ.