އިންޑިޔާގެ އުއްތަރް ޕްރަދޭޝްގެ އަމްރޯހާގެ ޕްރައިވެޓް ސްކޫލެއްގައި ގްރޭޑް 3ގައި ކިޔަވަމުންދާ ކުއްޖެއްގެ ލަންޗްބޮކްސް ގައި އެއްގަމު މަސް އަޅާފައިފާ ކާއެއްޗެއް ގެންދިއުމުން ކުއްޖާ ސްކޫލުން ވަކިކޮށްފިއެވެ.
މި މައްސަލައިގައި ޕްރިންސިޕަލް އާއި ކުއްޖާގެ މަންމަ އާއި ދެމެދު ބަދަލު ކުރެވުނު ބަހުގެ ހޫނު ހަމަލާތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި މިހާރު ވަނީ ވައިރަލް ވެފައެވެ.
ކުއްޖާ އަތަށް ދީފަ މިގޮތަށް އެއްގަމު މަސް ބޭނުންކޮށްގެން ހަދާފައިވާ ކެއުން ފޮނުވުމުގެ ބޭނުމަކީ ކްލާހުގެ ހުރިހާ ކުދިން އިސްލާމް ދީނަށް އެބުރުވުން ކަމަށް ޕްރިންސިޕަލް ބުނެފައިވެއެވެ. މިކަން ދޮގުކޮށް ކުއްޖާގެ މަންމަ ބުނެފައި ވަނީ މުސްލިމަކަށްވީތީ ފާއިތުވި ތިންމަސް ދުވަހުވެސް އޭނަގެ ދަރިފުޅަށް ކްލާހުގައި އިހާނެތިކޮށް ހިތާފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ކްލާހަށް ވައްދާފައި ނުވާ ކަމަށެވެ.
މީގެ ޖަވާބުގައި ޕްރިންސިޕަލް ބުނެފައިވަނީ ހިންދޫ-މުސްލިމް މައްސަލަތައް ކުއްޖާގެ ހިތަށް ވައްދަނީ ކުއްޖާގެ މަންމަ ކަމަށާ، ހިންދޫ ފައްޅިއެއް ތަޅާލަން ބޭނުން ކަމަށް ކުއްޖާ ބުނެފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ދެން އެސްކޫލްގައި ކިޔަވާ ނުދޭނެ ކަމަށާ ކުއްޖާގޮވައިގެން އެތަނުން ދިއުމަށް ޕްރިންސިޕަލް ބުނެފައި ވެއެވެ.
ޕްރިންސިޕަލް ބުނާ ގޮތުން އެހެންކުދިން ކުއްޖާގައިގަ ތަޅާ ފުރައްސާރަ ކުރާކަމަށް ކުއްޖާގެ މަންމަ މިހާރު އެ ދައްކާވާހަކައަކީ ސްކޫލަށް އޮޅުވާލުމަށް ދައްކާ ވާހަކައެއް ކަމަށެވެ.
ވީޑިއޯ ވައިރަލްވުމާއި ގުޅިގެން އަމްރޯހާގެ މުސްލިމް ކޮމިޓީން ވަނީ ޕްރިންސިޕަލް ހައްޔަރުކޮށް ސްކޫލްއާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލާ ޑިސްޓްރިކްޓް މެޖިސްޓްރޭޓަށް މައްސަލަ ހުށަހަޅާފައެވެ. މިއާއެކު ޑިސްޓްރިކްޓް އިންސްޕެކްޓަރ އޮފް ސްކޫލްސްގެ ބެލުމުގެ ދަށުން މި މައްސަލަ ބެލުމަށް މިހާރު ވަނީ 3މެމްބަރުންގެ އިންކުއަރީ ކޮމިޓީއެއް އުފައްދާފައެވެ.