އެމެރިކާގެ އިމެއްނެތް އިގްތިސާދީ ފިއްތުންތަކުގައި އެންމެ ފުރަތަމަ ފިތެނީ އެމެރިކާގެ ރައްޔިތުން

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް މިދިޔަ ހޯމަ ދުވަހު އީރާނާ ދެކޮޅަށް އެއްވެސް އިމެއްނެތް އިގްތިސާދީ ފިއްތުންތައް އިއުލާންކުރައްވަމުން ސޯޝަލް މީޑިއާގައި ލިއުއްވާފައި ވެއެވެ. “ ސުލްހަވެރިގޮތުގައި ދެކޮޅުވެރިކަން ހައްލުކުރަން އީރާނަށް ދިން ފުރުސަތުތައް ނަގާލައިފިއެވެ. މިހާރުދެން ނިމުމެއްނުވާ އިމެއްގެ ތެރޭގައި އިގްތިސާދީ ފިއްތުންތަކާ ކުރިމަތި ލުމަށް ތައްޔާރުވާށެވެ. އިގްތިސާދީ ގޮތުންނާއި މާލީގޮތުންނާއި ދަތުރު ފަތުރު ކުރުމުގެ ގޮތުން ނުވަތަ އެހެން އެއްވެސް ގޮތަކުން އީރާނަށް އެހީތެރިވެ ދިން ކޮންމެ ގައުމަކުންވެސް އެމެރިކާގެ އިގްތިސާދީ ފިއްތުންތަކުގެ ހިތި ބޭސް ބޯން ޖެހޭނެއެވެ. “
އެ ވިދާޅުވި އެއްވެސް އިމެއްނެތް އިގްތިސާދީ ފިއްތުންތަކުގެ ހިތި ބޭހުގެ ވިހަ އަސަރު އެންމެ ފުރަތަމަ މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ބާޒާރުން ދައްކާލައިފިއެވެ.
ހޯމަ ދުވަހު ރައީސް ޓްރަމްޕް ކުރެއްވި އިއުލާނާ ގުޅިގެން އީރާނާ ދެކޮޅަށް ކުރިން އަޅާފައިވާ އިގްތިސާދީ ފިއްތުންތަކުގެ ހުރިހާކަމެއް ބަދަލުވެގެން ދިޔައީއެވެ. އެމެރިކާގެ ފިއްތުން މިފަހަރު އަމާޒުކުރެވުނީ ހަމައެކަނި އީރާނުގެ ކުންފުނިތަކަށް ނޫނެވެ. ޗައިނާއާއި ރަޝިޔާ އިންޑިއާ ޕާކިސްތާން ގަތަރާއި އަދި ތުރުކީވެސް ހިމެނެއެވެ. ދުނިޔޭގެ ލީޑަރުންނަށް ޓްރަމްޕް އިންޒާރު ދެއްވަނީ ހަމައެކަނި އެންމެ މެސެޖަކުންނެވެ. އީރާނާއެކު ވިޔަފާރި ކުރުން ނުވަތަ އެމެރިކާގެ ފައިސާގެ ނިޒާމް ބޭނުންކުރުމެވެ. ކޮންމެވެސް އެއްގޮތެއް އިޚްތިޔާރު ކުރުމެވެ. ހުޅުވިފާއޮތީވެސް ހަމައެކަނި އެންމެ މަގެކެވެ. އެހެން ގޮތެއް ނެތެވެ.
އެމެރިކާ ރައީސް ޑޮނާލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް އިއުލާންކޮށްފައިވާ އިގްތިސާދީ ފިއްތުންތައް އީރާނާއި ޗައިނާއިން މިހާރުވެސް ދުރަށް ކޮށްޕާލައިފިއެވެ. ޗައިނާއިން ބުނެފައިވަނީ އީރާނާ ދެކޮޅަށް އިތުރު އިގްތިސާދީ ފިއްތުން ކުރިމަތި ނުކުރެވޭނެކަމަށެވެ. ރައީސް ޓްރަމްޕްގެ އިއުލާންކުރުމަށް ރައްދު ދެއްވައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެކްސްގައި ވިދާޅުވެފައިވަނީ ރައީސް ޓްރަމްޕް އެ އުޅުއްވަނީ އެމެރިކާގެ ދަރަނި ބޮޑުވެގެންގޮސް ހަދާނެގޮތް ހުސްވެގެން ކަމަށެވެ. އަދި އެމެރިކާއިން އިއުލާންކޮށްފައިވާ އިގްތިސާދީ ޓެރަރިޒަމްގެ ސަބަބުން ދުނިޔެއަށް އިތުރަށް ބޭޒާރުވުމާއި މުޅިދުނިޔޭގެ އިގްތިސާދާއި އިސްތިގްލާލަށްވެސް ނުރައްކާތެރިކަން ކުރިމަތިވުން ނޫން އެހެން ނަތީޖާއެއް ނުލިބޭނެ ކަމަށެވެ. ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ފިއްތުންތަކާއި އުދަނގޫ ކުރުމަކުން އެއްވެސް ކަމެއް ރަނގަޅަށް ނިމިގެން ނުދާނެކަމަށާއި ރަނގަޅު ނިންމުމެއް ބޭނުންވާނަމަ އިޚްތިޔާރު ކުރަންޖެހޭ މަގަކީ ހަމައެކަނި މަޝްވަރާ ކުރުން ކަމަށެވެ.
އެމެރިކާގެ ރައީސް އިއުލާންކުރައްވާފައިވާ އިގްތިސާދީ ފިއްތުންތަކުގެ ސަބަބުން އެންމެ ބޮޑު ނުރަނގަޅު އަސަރެއް ކުރާނީ ޗައިނާއަށެވެ. ޗައިނާއަކީ އީރާނު ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. އީރާނަކީ މިހާރުވެސް އެމެރިކާގެ ބާރުގައި ބައިނަލް އަގްވާމީގޮތުން ވަރަށް ގިނަ އިގްތިސާދީ ފިއްތުންތަކެއްގެ ބުރަ ގިނަ އަހަރުތަކަކަށް އުފުލަމުންގެންދާ ގައުމެކެވެ. އެހެންނަމަވެސް ފިއްތުންތައް ކުރިމަތިވާ ހިނދު އެކަމުން ރެކި ގަނެވޭނެ މަގުތައް ހޯދަން މަސައްކަތްކުރުމަކީ އިންސާނީ ތަބީއަތެވެ. އީރާނުންވެސް އެ ގައުމަށް ކުރިމަތި ކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ދިރި ދެމިތިބުމަށް މިހާރު ވަނީ ދަސްކޮށްފައެވެ.
މިދިޔަ ހޯމަދުވަހު އެމެރިކާއިން އިއުލާންކުރި އިގްތިސާދީ ދަތިކުރުމަކީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމެއް ނޫނެވެ. މިހާތަނަށް އެމެރިކާއިން ކުރިމަތި ކުރި އެންމެ ނުރައްކާތެރި އިގްތިސާދީ ދަތިކުރުމުގެ މަގްސަދަކީ އީރާން އެކަހެރިވަންދެން ދަތިކުރުމުގެ ފިޔަވަޅު ދެމެހެއްޓައިގެން މިލިޓްރީ ހަރަކާތަކާނުލައި މާލީގޮތުން ފިއްތުން ކުރިމަތި ކޮށްގެން އީރާނުގެ ކަކޫ ބިންމަތީ ޖެއްސުންކަމަށް އެމެރިކާގެ ރައީސް ކުރެއްވި އިއުލާނާގުޅިގެން އީރާނުން ދުނިޔޭގެ ބޭންކިންގ ނިޒާމް ދޫކޮށްލިތާ ޒަމާންތަކެއް ވެއްޖެކަމަށާއި އީރާނުން ބޭނުންކުރަމުންގެންދަނީ ޝެޑޯ ނެޓްވޯރކެއްކަންވެސް ހާމަވެއްޖެއެވެ. ދުބާއިގެ ފައިސާ މާރުކުރާ ތަންތަނުންނާއި ހޮންގް ކޮންގާއި ސިންގަޕޯރުގައި ހުންނަ ޝެލް ކުންފުނިތައް މެދުވެރިކޮށްގެންނާއި ކްރިޕްޓޯ ޑެސްކް ތަކުންނެވެ. އަދި އެފަހަރަކު ބޭނުންވާ ވަރަކަށް ޚަޒާނާއިން ނެރެވޭ ފައިސާ ދަބަސްތައް ބޭނުންކޮށްގެންނެވެ. އެއީ އީރާނާއެކު ވިޔާފާރިކުރުން ނުވަތަ އެމެރިކާގެ ފައިސާގެ ނިޒާމް ބޭނުންކުރުމެވެ. ކޮންމެވެސް އެއްގޮތެއް އިޚްތިޔާރު ކުރުމެވެ. ހުޅުވިފާއޮތީ ހަމައެކަނި އެންމެ މަގެކެވެ. އެހެން ގޮތެއް ނެތެވެ.
އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އީރާނަށްވެސް ލިބޭނެ ގެއްލުންތަކެއް ހުރިކަމަށް އެއްބަސް ވާންޖެހެއެވެ. ޑޮލަރުގެ ނިސްބަތުން އީރާން ފައިސާގެ އަގުވެއްޓުމާއި އިންފްލޭޝަން މައްޗަށް ދިއުމެވެ. އެހެންނަމަވެސް
70 އަހަރު ވަންދެން އެމެރިކާގެ ފިއްތުންތައް އީރާނުން ވަނީ ގިރާކޮށްފިއެވެ. އަދިވެސް ގިރާކުރަމުން ގެންދާނެއެވެ.
އެމެރިކާއިން އިއުލާންކޮށްފައިވާ ގޮތުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ނިމުމެއް ނުވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އީރާނާ ދެކޮޅަށް އިސްރާއީލުން ކުރާ ހަނގުރާމައިގެ ކާމިޔާބީވެސް ހިމެނެއެވެ. އީރާނުގެ އިގްތިސާދު އިނދަ ޖެހި މިލިޓްރީ ހަކަތަ ނެތިގެން ދިއުމުން އިސްރާއީލުން އީރާނު އަތުލައިގަތުމަށް މަގުފަހިވެގެން ދާނެއެވެ.
އީރާނުގެ ރައްދަކީ އެމެރިކާގެ އިގްތިސާދީ ފިއްތުންތަކަށް އީރާން އޮތީ ހޭނިފައެވެ. އޭގެ ސަބަބުން އިތުރަށް ކުރާނެ ނޭދެވޭ އަސަރެއް ނޯންނާނެއެވެ. 1979 ގެ އިންގިލާބު އައުމާއެކު އީރާން އެކަހެރި ވެފާއޮތް ނަމަވެސް މިއަދު އީރާނާއެކު ވިޔަފާރިކުރާ ބައިވެރިން އެބަ ތިއްބެވެ.
ޗައިނާއަކީ އީރާނުގެ އެންމެ ބޮޑު ބާޒާރެވެ. އެއީ އެމެރިކާއާއި ހުޅަނގުން ނުފޫޒު ފޯރުވިދާނެ ބާޒާރެއް ނޫނެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އިއުލާން ކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބައިނަލް އަގްވާމީ ގޮތުން އެއްވެސް ގާނޫނީ ހަމައެއް ނެތް ޣައިރުގާނޫނީ އިއުލާންކުރުމެއްކަން ޗައިނާއިން ވަނީ ބުނެފައެވެ. އީރާނުގެ ދެވަނައަށް އެންމެބޮޑު ވިޔަފާރީގެ ބައިވެރިޔަކީ ތުރުކީއެވެ. އެމެރިކާއިން ތުރުކީއަށް ފިއްތުން ކުރިމަތި ކުރިކަމުގައި ވިޔަސް ތުރުކީގެ އިގްތިސާދަށް ލޮޅުން ނާރާގޮތަކަށް ތުރުކީން އީރާނާއެކު ކުރާ ވިޔަފާރި ހުއްޓުމަކަށް ނުގެނެވޭނެއެވެ.
ޕާކިސްތާނަކީވެސް އީރާނު ވިޔަފާރީގެ މުހިންމު ބައިވެރިއެކެވެ. ސަރަހައްދިގޮތުން ގުޅިލާމެހިފައިއޮތުމުގެ ސަބަބުން އީރާނާއެކު ޕާކިސްތާނުގެ ވިޔަފާރިވެރިން ކުރަމުންގެންދާ ގިނަ ވިޔަފާރީގެ މުއާމަލާތުތައް ޕާކިސްތާން ސަރުކާރަށް އެނގުމެއްވެސް ނުވެއެވެ. އޭގެތެރޭގައި އީރާނުން ބޯރޑަރ ހުރަސްކޮށް ވަގަށް ތެޔޮ އެތެރެކުރުން ވެސް ހިމެނެއެވެ. ޕާކިސްތާނުގެ މުދާ އެކްސްޕޯރޓް ކުރުމުގައި އެމެރިކާގެ ބާޒާރުން މުހިންމު ހިއްސާއެއް އަދާކުރަމުން ގެންދިޔަ ކަމުގައިވިޔަސް ޕާކިސްތާނުގެ ވިޔަފާރިވެރިން އީރާނާއެކު ކުރަމުންގެންދާ ވިޔަފާރި ހުއްޓުވިދާނެ ކަމަކަށް ނުބެލެވެއެވެ. ޕާކިސްތާނަކީ ދެކުނު އޭޝިޔާގައި އޮތް އެމެރިކާގެ އެންމެ ގާތް އެކުވެރި ގައުމެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މަޅީގައި ޕާކިސްތާނުވެސް ބަނދެވިގެންދާނެއެވެ.
އަރމީނިއާއަކީވެސް އީރާނު ވިޔަފާރީގެ ބައިވެރިއެކެވެ. އަރމީނިއާ އެކްސްޕޯރޓުގެ އެންމެ ބޮޑު މާރކެޓަކީ ރަޝިޔާއެވެ. ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އިއުލާންކޮށްފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި އަރމީނިއާއިން ގެންދަނީ މިހާރުވެސް ރަޝިޔާއާއެކު ވިޔަފާރި ކުރަމުންނެވެ. ރަޝިޔާއާއި އީރާނުގެ ގުޅުމަށް ބަލާއިރު އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު އިއުލާންކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަރމީނިއާ ޖެހިލުން ވެދާނެކަމަކަށް ނުބެލެވެއެވެ.
އިގްތިސާދީ މާހިރުން ދެކޭގޮތުގައި އެމެރިކާއިން އިއުލާންކޮށްފައިވާ ދަތިކުރުމުގެ ފިޔަޅުތައް ތަންފީޒު ކުރުމަކީ އެމެރިކާއަށް ކުރެވިދާނެ ކަމެއް ނޫނެވެ. މިސާލެއްގެ ގޮތުން އެބޭފުޅުން ނަންގަވަނީ މިދިޔަ އަހަރު ޗައިނާއާދެކޮޅަށް އެމެރިކާއިން އިއުލާންކުރި ޓެރިފްގެ އަގުތަކެވެ. އެންމެފަހުން އެމެރިކާއަށް ޖެހުނީ އުނބަށްޖަހާށެވެ. މުޅި ދުނިޔެއާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެމެރިކާއަށްވެސް ކުރެވިދާނެ ކަމެއް ނޫނެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ ހޮރްމުޒް ކަނޑުއޮޅި އޮތީ ވާގި ނެތިފައެވެ. ހަނގުރާމައިގެކުރިން ދުވާލަކު އެވްރެޖްގޮތެއްގައި 130 ބޯޓު ހުރަސްކުރަމުން ގެންދިޔަ ކަނޑުއޮޅިން މިހާރު ހުރަސްކުރަނީ ދުވާލަކު އަތުގެ އިނގިލިތަކުން ގުނާލެވޭ އަދަދަކަށެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ހަކަތައިގެ ބާޒާރު އޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. އަދި އެމެރިކާގެ ބާޒާރުގައިވެސް ސާފު ނުކުރާ ތެލުގެ އަގު މިދިޔަ ބުދަދުވަހުފީފާއެއްގެ އަގު 86.20 އެމެރިކާ ޑޮލަރުން 86.70 އެމެރިކާ ޑޮލަރަށް އުފުލިފައިވާއިރު އެމެރިކާގެ ދަރަނި 40 ޓްރިލިއަން އެމެރިކާ ޑޮލަރ ހުރަސް ކޮށްފިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް