ގައުމީ ދުވަހަކީ ކޮބާ؟

Loading

Facebook
Twitter
WhatsApp

ކޮންމެ ގައުމެއްގައިވެސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އެގައުމަކަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބި އަމިއްލަ ވަކި ގައުމެއްގެ ގޮތުގައި ގުނެން ފެށި ދުވަހެވެ. ރާއްޖޭގައި ގައުމީދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން ދަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުގައި 17ވަރަކަށް އަހަރު އޮތުމަށްފަހު ރާއްޖެ މިނިވަން ކުރުމަށް މުހައްމަދު ތަކުރުފާނުލް އައުޒަމް ނުވަތަ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދާއި ވެވަޑައިގެންނެވި ގުރުބާނީ ފާހަގަ ކުރުމުގެ ދުވަހެއްގެ ގޮތުގައެވެ.  

ގައުމީ ދުވަހަކީ އެދުވަހެއްގައި ވަރަށްވެސް މުހިންމު ކަންތައްތަކެއް އެކުލެވޭ ދުވަހެކެވެ.އެއީ އުފާފާޅުކުރުމުގެ ދުވަހެކެވެ.އެކުވެރިކަމުގެ ދުވަހެކެވެ.އަދި އެދުހަކަށްޓަކާ އެގައުމެއްގެ ރައްޔިތުން ފަޚުރުވެރިވާ ދުވަހެކެވެ.

ގައުމީދުވަސް ފާހަގަކުރުމުގެ ތެރޭން ހިންގޭ ހަރަކާތްތަކުގައި އެންމެން އެކަތިގަޑަކަށްވެ،އެގައުމެއްގެ ތާރީޚާއި  ސަގާފަތް އަދި ތަރައްގީގެ މަގުގައި ހާސިލު ކުރެވިފައިވާ ކަންކަން ފާހަގަކޮށް އުފާފާޅުކުރުން އޮވެއެވެ.

ގައުމެއްގެ އަދި ރައްޔިތުންގެ އަމިއްލަ ވަންތަކަން އެގޮތުގައި ދެމެހެއްޓުމަށްޓަކާ ގައުމީދުވަސް ފާހަގަކުރުމުގެ މުހިންމުކަން މިތަނުގައި ފާހަގަ ކޮށްލާނަމެވެ.

ކޮންމެ ގައުމެއްގެވެސް ބަހާ ސަގާފަތް، އަދި ތަރިކަ، މިކަންކަމަށް ބަދަލެއް ނައިސް ދެމެހެއްޓުމަށްޓަކާ އެގައުމެއްގެ ކުޑަކުދިންނަށް ރަގަޅު މައުލޫމާތު ފޯރުކޮށްދިނުން ވަރަށް ވެސް މުހިންމެވެ. ގިނަ ކުދިން ބޮޑުވަމުން އަންނަނީ ކޮންމެވެސް ކަހަލަ ކާޓޫނެއްގެ ތެރޭގައި ކަމަށް ވާއިރު ބޮޑުތަކުރުފާނު ވާހަކަ،ގައުމީދުވަސް، އަދިރިއަދިރިންގެ ވާހަކަ، އަދި ޕޯޗުގީޒުންގެ މައުލޫމާތު ހިމަނައިގެން ކުދިން ޝައުގުވެރިވާ ކަހަލަ ގޮތަކަށް ކާޓޫނު ތައް އުފެއްދިދާނެއެވެ. އަދި ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިންވެސް ކުދިންގެ ޅަސިކުޑިތަކަށް މި މައުލޫމާތު ފޯރުކޮށްދެވިދާނެއެވެ.

ކޮންމެ ގައުމެއްގައިވެސް އަމިއްލަ ދިދަޔެއް އޮންނައިރު، އެގައުމަކީ މިނިވަން ގައުމެއްގެ ގޮތުގައި ދައްކާދޭ އެއްޗަކީ ދިދައެވެ. އާދެ ގައުމު ރަމްޒް ކޮށްދޭ  އެއްޗަކީވެސް ދިދައެވެ.

އެގައުމެއްގެ ބަހަކީވެސް މިނިވަން އަމިއްލަ ވަންތަ ގައުމެއްގެ ގޮތުގައި އޮތުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ކުޑަކުދިންނަށް ބޭރުގެ ބަސްތައް ދަސްކޮށްދިން ނަމަވެސް އެއާއެކު އެކީ މާދަރީ ބަހަށް މޮޅު ކުދިންތަކަކަށް ހަދަން ޖެހެއެވެ.

ގައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ގައުމީ ސަލާމް ގެ އިބާރާތްތަކާމެދު ވިސްނާ ފިކުރު ކުރުމަށްވެސް ކުދިންނަށް ހިއްވަރު ދެވިދާނެއެވެ.  

ގައުމީ ދުވަސް ފާހަގަކުރުމުން އެގައުމަކަށް މިނިވަންކަން ހޯދާދިނުމަށްޓަކާ އެގައުމެއްގެ ކާބަފައިން ވީ ގުރުބާނީގެ މަތިން ހަނދާން އާ ކޮށްދެއެވެ.އެއީ ކާބަފައިން ވީގުރުބާނީގެ ވާހަކަ ދައްކާ މިހާރުގެ ޖީލަށް މައުލޫމާތު ދިނުމުގެ ދުވަހެކެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމުން، ގައުމަށް ތަނަވަސްކަމާ ހަމަޖެހުން ގެނެސް ދިނުމަށް ގުރުބާނީ ތަކެއްވި ކާބަފައިން ނަށް ޝުކުރު އަދާކުރުމުގެ ރޫހެއް ރައްޔިތުންގެ ހިތްތަކުގައި އާލާވެއެވެ. މާޒީގައި ކާބަފައިން ކުރިމަތިލީ ގޮންޖެހުން ތަކާއި އެދުވަހުން ފެށިގެން މިއަދާ ހަމަޔަށް ގެނެވިފައިވާ ކުރިއެރުން ތަކާމެދު ވިސްނާ،އެކަމާމެދު ގައުމީ ދުވަހު ޝުކުރުވެރި ވެއެވެ. ގައުމީ ދުވަހަކީ ރައްޔިޔެއްގެ ހައިސިއްޔަތުން ފަޚުރުވެރިވާ ކަންކަން ދުނިޔެއަށް ދައްކާލުމަށް ލިބޭ ފުރުސަތެކެވެ.އަދި އެގައުމަކަށް ނިސްބަތްވީތީ ފަޚުރުވެރި ވުމަށް ވެސް ލިބޭ ފުރުސަތެކެވެ.

ގައުމީ ދުވަހަކީ ގައުމީ ކަންކަމުގައި ރަންމެޑެލް ހޯދާ ނުވަތަ ގައުމަށް ރީތިނަން ގެނެސްދޭ ފަރާތްތަކަށް އިނާމުދީ އަދި އެފަދަ ފަރާތްތަކުގެ މަތިން ހަނދާންކުރުމަށްވެސް ލިބޭ ފުރުސަތެކެވެ.  

ގައުމީ ދުވަހަކީ އެގައުމެއްގެ އަމިއްލަ ގައުމީ ހެދުން އަޅައިގެން ގައުމީ ދިދަ ހިފައިގެން ގައުމީ އެއްބައިވަންތަ ކަމުގެ ހަރަކާތްތަކުގައި ބައިވެރި ވުމުގެ ދުވަހެވެ.

ގައުމީދުވަސް ފާހަގަ ކުރުމުން އެގައުމެއްގެ ”ޔުނީކް“، ނުވަތަ އެފަދަ ދެވަނަ އެއްނުވާ ޝަގާފީ ތާރީޚް އާއިމެދު ވިސްނާ އެކަމާމެދު ފަޚުރުވެރި ވުމަށް ފުރުސަތު ލިބެއެވެ. ގައުމިއްޔަތު ދިރުވުމަށް ކުރެވޭ މިފަދަ މަސައްކަތުގެ ތެރޭން ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެ އެއްބަޔަކު އަނެއްބަޔަކަށް އިތުބާރު ކުރުމާ ހިއްސާކުރުމުގެ ރޫހެއް އާލާވެއެވެ.

ރަސްމީ ގައުމީ ދުވަހެއް ފާހަގަ ނުކުރާ ގައުމެއް ދުނިޔޭގަ ވޭހެއްޔެވެ؟ ރަސްމީ ގައުމީ ދުވަހެއް ނޯންނަ ދެގައުމު ދުނިޔޭގަވެއެވެ. އެއީ ޔުނައިޓަޑް ކިންގޑަމް އާއި ޑެންމާކެވެ.

ޔުނައިޓަޑް ކިންގޑަމުން 24 މޭ ”އެމްޕަޔާ ޑޭ“ގެ ގޮތުގައި ފާހަގަ ކުރަމުން އައެވެ.ނަމަވެސް ބްރިޓިޝް އެމްޕަޔާއާއި މެދު އާންމުގެ ވިސްނުން ތަފާތުވެ 1958 ގައި އެދުވަސް ފާހަގަކުރުން ހުއްޓާލާފައި ވެއެވެ.

ޑެންމާކުން ޖޫންމަހުގެ 5ވަނަ ދުވަސް ނުރަސްމީ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރެއެވެ. އެދުވަހަކީ ޑެންމާކުގެ ގާނޫނުއަސާސީ ތަސްދީގު ކުރަން ފެށިދުވަހެވެ.

(ތަރުޖަމާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް)  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް