ޗައިނާގެ ޒުވާން އަންހެނަކު ބަރުދަން ލުއި ކުރުމަށް ހެދި ސާޖަރީއެއްގެ ސަބަބުން އުމުރު ދުވަހަށް ދަރިން ނުލިބޭ މީހަކަށް ބަދަލު ވެއްޖެއެވެ.ހައިރާން ކުރުވާ ކަމަކީ އޭނާ ހެދި ސަރޖަރީ އަކީ ފަލަތައް ވިރުވާލުމަށްޓަކާ އާންމުކޮން ހަދާ ލިޕޯސަކްޝަން ސާޖަރީ ކަމަށް ވާތީއެވެ.
އުމުރުން 25 އަހަރުގެ މެއި ނަމަކަށް ކިޔާ މި ޒުވާނާގެ ބަރުދަނަކީ 50 ކިލޯގްރާމް ނަމަވެސް އޭނާ ބޭނުންވީ އެއަށްވުރެވެސް ބަރުދަން ލުއި ކުރުމަށް ކަމަށްވެއެވެ.ޚާއްސަކޮށް ބަނޑުގައި މަސްޖަހާފައިވާ ކަމަށް ބުނެ އޭނާ ބޭނުންވީ ބަނޑު ހިންދާލުމަށެވެ.
ހަންގޒޫ ސިޓީ އެކްސްޕްރެސްގައި ބުނެފައިވާ ގޮތުގައި އޭނާ ސާޖަރީ ހެދީ ޒީޖިއޭންގ ޕްރޮވިންސްގެ ޝުލާން ހަންގޒޫ ހޮސްޕިޓަލުންނެވެ.އެތަނުގެ ޑޮކްޓަރުން ގާތު މެއި ބުނެފައިވާ ގޮތުގައި އޭނާގެ ”ޓަމީ ފެޓް“ ނުވަތަ ބަނޑުގައި ޖަހާފައިވާ މަސް ހިންދާލުމަށް އެތައް ގޮތަކަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ވާގޮތް ވަނީ ނުވެފައެވެ.
ދެރަގޮތެއް ވެއްޖެ ކަން ހާމަވީ ސާޖަރީ އަށްފަހު ހަށިގަނޑަށް އަންނަން ފެށި ބަދަލުންނެވެ. ފުރަތަމަ އޭނަގެ މައްސަރު ކަންތައް ޖެހުން ހުއްޓުނީއެވެ.އެހެން ކަމުން ކަންތައް ބޮޑުވެ އޭނާޑޮކްޓަރަށް ދައްކަން ދިޔައެވެ. ޓެސްތްތަކުން ހާމަވެފައިވާ ގޮތުގައި މެއިގެ އޯވަރީ ވަނީ ހިނދިގެން ގޮސްފައެވެ. އޮޕަރޭޝަން ކުރި ޑޮކްޓަރ ޒޮންގ ބުނި ގޮތުގައި މިހެން ދިމާވެއްޖެ ނަމަ އެމީހަކަށް ދަރިން ނުލިބޭނެއެވެ.ބަނޑުގައިވާ ރަހިމު އަދި އޯވަރީ ހިމާޔަތް ކުރުމަށްޓަކައި އަންހެނުންގެ.
ބަނޑުގައި ކޮންމެވެސް ވަރަކަށް މަސްހުންނަން ޖެހޭ ކަމަށް ވެއެވެ.
މެއި އަށް ދިމާވެފައިވާ ގޮތެއްކަމަށް ޑޮކްޓަރުން ބުނަނީ ބޮޑީ ފެޓް މަދުކުރަން އުޅުމުގެ ތެރޭގައި މާބޮޑަށް ބަނޑު ހިނދި،އެސްޓްރޮޖެން ނުވަތަ އަންހެން ސެކްސް ހޯމޯން އުފެދޭ މިންވަރުވެސް މާބޮޑަށް ދަށްވެފައި ވަނީއެވެ.މިހެން ވުމުން އޯވަރީގެ މަސައްކަތްވެސް ހުއްޓި އޯވަރީ ސައިޒުން ކުޑަވެގެން ދިޔައީއެވެ.
ސޯޝަލް މީޑިޔާގައި މަގްބޫލް ޓްރެންޑްތަކަށް ތަބާވާން ހަދައިގެން މިފަދަ އިތުރު ހިތާމަވެރި ގޮތްތައް ދިމާވުން އެކަށީގެންވާ ކަމަށް ބުނެ އެކްސްޕަރޓުން ދަނީ އިންޒާރުގެ އެންގުންތައް އަންގަމުންނެވެ.
2021 ވަނަ އަހަރުވެސް އުމުރުން 33 އަހަރުގެ ޗައިނާގެ އިންފްލުއެންސަރަކު ވެސް ވަނީ މިފަދަ ބަނޑުގެ ލިޕޯސަކްޝަން އަދި އުރަމަތި ބޮޑުކުރަން އޮޕަރޭޝަން ކުރުމުގެ ތެރޭ މަރުވެފައެވެ.
ޗައިނާގައި ”ފެޓް ރިމޫވަލް ސާޖަރީ“ ހެދި 43 އަހަރުގެ އަންހެނަކުވެސް ކާޑިއެކް އެރެސްޓް ޖެހިގެންވެސް މަރުވެފައި ވެއެވެ.