އެމެރިކާގެ ދަރަނީ 35 ޓްރިލިއަން ޑޮލަރުގެ ރަތްރޮނގު ހުސްކުރުމާގުޅިގެން ދުނިޔޭގެ ބައެއް ބޮޑެތި މަރުކަޒީ ބޭންކުތަކުން އެމެރިކާޑޮލަރުގެ ބަދަލުގައި ރަނާއި އަދި ބައެއް އެހެން ގައުމުތަކުގެ ފައިސާވެސް ރިޒާވް ކަރެންސީގެ ގޮތުގައި ގަބޫލުކުރަން ފަށައިފިއެވެ.
އެމެރިކާގެ ދަރަނި އެ ގައުމުގެ ގާނޫނުން ހުއްދަކުރާ އެންމެ މަތީ ހަރުފަތް ގިރާކޮށް ވެއްޓެން އަރިއަޅާލާފައިވާ އިރު އެ ގައުމުގެ ފައިސާ (އެމެރިކާ ޑޮލަރ) އަށް ބަރޯސާވެގެން އިގްތިސާދު ރޭވުމަކީ ނުރައްކާތެރިކަމެއް ކަމުގައި ގިނަ ގައުމުތަކަކުން ވިސްނަންފަށައިފިއެވެ.
ދުނިޔޭގެ ރިޒާވް ކަރެންސީގެ ގޮތުގައި އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ ވިސްނުން ފެށިފައިވަނީ ބްރިކްސް ޖާމާއަތުގެ ސަބަބުންނެވެ. އެ ޖަމާއަތުން ދެކޭގޮތުގައި ވަކި ފައިސާއަކަށް ބުރަވެފައިވާ އިގްތިސާދީ ސިޔާސަތަކީ އަޅުވެތި ކަމެކެވެ. ކޮންމެ ގައުމަކުންވެސް އެގަމުކަށް ބޭނުންވާ ބޭރުގެ ވިޔަފާރި ކުރެވޭނެ މިނިވަން މާހައުލެއް އޮންނަން ޖެހޭނެއެވެ.
ސައޫދީ އެރޭބިޔާއާއި އީރާނާއި ރަޝިޔާއާއި އަދި އެމިރެޓްސްއިންވެސް އެގައުމުތަކުން ވިއްކާ ތެލުގެ އަގު ގަބޫލުކުރުމުގައި އެމެރިކާ ޑޮލަރ ނޫނަސް ދެފަރާތުން އެއްބަސްވެވޭ އެހެން ފައިސާއަކުން ތެލުގެ އަގު އަދާކުރެވޭގޮތް ގެންދަނީ ހަމަޖައްސަމުންކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. މިހާރުވެސް ޗައިނާގެ ޔުއާނުންނާއި ރަޝިޔާގެ ރުބެލް އަދި އިންޑިއާގެ ރުޕީސް އިން ތެލުގެ އަގު އަދާކުރަން ފަށައިފިއެވެ. އެންމެ ފަހުގެ ޚަބަރުތަކުން އެނގިފައިވާ ގޮތުގައި ވެނެޒޫލާއިންވެސް އެ ގައުމުން ބޭރުކުރާ ތެލުގެ އަގު އެއްބަސްވެވޭ ގައުމީ ފައިސާއަކުން އަދާކުރެވޭގޮތަށް މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ.
ބްރިކްސް ޖަމާއަތުގެ އިސްނެގުމާއެކު ދުނިޔޭގެ އިގްތިސާދަށް އަންނާނެ ކަމަށް ކުރިއްސުރެނެ ބެލެވެމުންދިޔަ އިންގިލާބުގެ ކުލަވަރާއެކު އެމެރިކާ ޑޮލަރަކީ ދުނިޔޭގެ އެންމެ ބާރުގަދަ ފައިސާގެ ގޮތުގައި އޮތް އޮތުމަށްވެސް ގޮންޖެހުންތައް ކުރިމަތިވަމުންދާތަން ފެންނަން ފަށައިފިއެވެ.
އެޓްލާންޓިކް ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި 2022 ވަނައަހަރު ދުނިޔޭގެ ބޭންކުތަކުގައި ރިޒާވް ފައިސާގެ ގޮތުގައި އެމެރިކާ ޑޮލަރުން %72 ހިއްސާ ކުރަމުން ދިޔައިރު މިއަހަރުގެ ޖުލައިމަހުގައި އެ އަދަދު އޮތީ %59 އަށް ދަށްވެފައެވެ. ތަރައްގީ ވަމުން އަންނަ ގައުމުތަކުން އެމެރިކާ ޑޮލަރާ ދުރަށްދާން ފެށުމާއެކު ހަމައެކަނި 2022 ވަނައަހަރުގައިވެސް އެމެރިކާ ޑޮލަރ ހިއްސާ ކުރަމުން ގެންދިޔަ ރޭޓުން %13 ދަށްވެގްން ދިޔައެވެ. ކުރިމަގުގައި އެމެރިކާ ޑޮލަރުން ރިޒާވް ފައިސާގެ ގޮތުގައި ހިފާއްޓަމުން ގެންދާ މިންވަރު %50 އަށްވުރެންވެސް ދަށްވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި އެހިސާބުން އެމެރިކާގެ އިގްތިސާދު އަލުން އަރައި ނުގަނެވޭ ލެވަލްއަކަށް ވެއްޓުންވެސް އެކަށީގެން ވެއެވެ. މިހާރުގެ ބާޒާރަށް ބަލާއިރު ޗައިނާގެ ޔުއާނަށް %3 ގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރަށްފަހު އެންމެ ބާރުގަދަ ފައިސާއަކީ ޔޫރޯ އެވެ. 2008 ވަނައަހަރު ދުނިޔޭގެ ބާޒާރުގައި %28 ޔޫރޯ ހިއްސާކުރަމުން ދިޔައިރު މިހާރު އެ އަދަދު %19 އަށް ވެއްޓިއްޖެއެވެ.
ބްރިކްސް ގެ ގައުމުތަކުން އެންމެބޮޑަށް އިސްކަން ދެމުން ގެންދަނީ މެމްބަރު ގައުމުތަކާއި އަދި އެނޫންގައުމުތަކުގެ ލޯކަލް ފައިސާދުނިޔޭގެ ބާޒާރަށް ތަޢާރުފްކުރުމަށާއި ގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރިތައް ކުރެވޭނެ މަގު ތަނަވަސް ކުރުމަށެވެ.
ވެނެޒޫލާއިން ބްރިކްސް ޖަމާއަތާ ގުޅެން ހުށައަޅާފައިވާ ހުށައެޅުމަށް މިއަހަރު ބޭއްވޭ ސަމިޓްގައި ގޮތެއް ނިންމުން ވަރަށް ކައިރިއެވެ. ހަމައެއާއެކު ބްރިކްސް ޖަމާއަތް އިތުރަށް ފުޅާކުރުމުގެ މަޝްވަރާތައް ވެސް އެ ސަމިޓްގައި ކުރެވޭނެ ކަމަށް ބެލެވެއެވެ.
މިހާރު ބްރިކްސްގެ މެމްބަރުކަމަށް އެދި ހުށައަޅާފައިވަނީ މިސްރާއި އެމިރެޓްސް އާއި އިތިއޯޕިޔާ އަދި ނައިޖީރިއާއާއި މެލޭޝިޔާއާއި އަދި ތައިލޭންޑުންނެވެ.
ބްރިކްސްގެ އެންމެ ފަހުގެ ޚަބަރުތަކުގައި އެމެރިކާގެ ފިއްތުންތަކާއެކުގައިވެސް އީރާނުގެ ސާފުނުކުރާ ތެޔޮ ބަންގްލާދޭޝް އާއި އޮމާނުން ގަންނަން ނިންމައިފިއެވެ. މިކަމުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ވަރަށް ރަނގަޅު ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެއެވެ.
ރޮއިޓާރސް އިން ދީފައިވާ ޚަބަރުތަކަށް ބަލާއިރު މި އަހަރު ޖުލައި މަހާހަމަޔަށް އީރާނުން އުފައްދަމުން ގެންދިޔައީ ދުވާލަކު 3.22 މިލިއަން ފީފާގެ ސާފު ނުކުރާތެލެވެ. މިއީ 2018 އިން ފެށިގެން މިހާތަނަށް އީރާނުން އެންމެ ގިނައިން ތެޔޮ އުފައްދަމުންގެންދެވުނު ދުވަސްވަރެވެ. އީރާނުން މިހާރު ބަލަމުން ގެންދަނީ ދުވާލަކު 4 މިލިއަން ފީފާގެ ސާފުނުކުރާތެޔޮ އުފެއްދުމަށް އަމާޒުކޮށްގެންނެވެ. އެމެރިކާގެ އިގްތިސާދީ ފިއްތުންތަކާއެކުގައިވެސް 17 ގައުމަކުން އީރާނުގެ ތެޔޮ ގަންނަމުން ގެންދާކަމަށް ޕެޓރޯލިއަމް އާއި ބެހޭ ވަޒީރު ޖާވީދު އޮވްޖީ ވަނީ ވިދާޅުވެފައެވެ.