ޔޫކްރެއިން ސިފައިންގެ ރައްދު ހަމަލާތަކުން ހިތްހަމަޖެހުމާއި ބިރުވެރިކަމުގެ ތެރޭގައި

Loading

Facebook
Twitter
WhatsApp

މިދިޔަ ހަފުތާގައި ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ދިން ކާމިޔާބު ހަމަލާތަކަށްފަހު ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ސަރަހައްދުގައި ޔޫކްރެއިން ސިފައިން މިހާރު ތިބީ ހިތްހަމަޖެހުމާއި އަދި ބިރުވެރިކަމެއްގެ ތެރޭގައިކަން މިއަދު މެންދުރު 12 ގެ ސީއެންއެން ޚަބަރުގައި ބުނެފިއެވެ. ބިރުވެރި ހާލަތެއްކަމަށް ބެލެވެނީ ރަޝިޔާއިން ދީފާނެ ހަމަލާއެއް އަންދާޒާވެސް ނުކުރެވޭތީއެވެ.                                            

ދެގައުމުގުޅޭ ދެކުނު ސަރަހައްދުގެ ސުމީ އެވެ ކިޔުނު ވަގުތީ ހިޔާ ( އިވެކުއޭޝަން ސެންޓަރ ) ގައި ހުރެފާ ހަންނާ ފެޑޯރކޮވުސްކާ  ޔޫކްރެއިންގެ ކާމިޔާބު ހަމަލާތަކަށް އިޝާރާތްކޮށް ސީ އެން އެން އަށް ކިޔާދީފައިވަނީ “ ޔޫކްރެއިންގެ ބިމުގައި ރަޝިޔާ ސިފައިންނަށް އެންމެ ފަހުން ކުރިމަތިލާންޖެހޭނެ ހާލަތަކީ މިއީއެވެ. އަހަރެމެން ރަޝިޔާގެ ބިމަށް އަންނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ރަޝިޔާސިފައިން އަހަރެމެންގެ ގެތަކަށް ވަދެގަނެ އަހަރެމެންގެ އަމާންކަން ނަގައިލީއެވެ.  މިއަދު އެމީހުންނަށް އެއޮތީ ހަމަ އެދުވަސް ކުރިމަތިވެފައެވެ. “     

އުމުރުން 21 އަހަރުގެ ހަންނާ ފެޑޯރކޮވުސްކާ ވަގުތީ ހިޔާ (އިވެކުއޭޝަން ސެންޓަރ) އަށް އައީ 52 އަހަރު ވަންދެން މިހާރު އުމުރުން 72 އަހަރުގެ މާމަ ދިރިއުޅެމުންގެންދިޔަ ގެއާއި ކާފަ ދޫކޮށްލާފައެވެ. ރަޝިޔާ ސިފައިން އެ ސަރަހައްދު އަތުލުމާ ގުޅިގެން އެ ސަރަހައްދު ދޫކުރަން ޖެހުނު އެތައްހާސް މީހުންގެ ތެރޭގައި ހަންނާއާއި މާމަވެސް ހިމެނުނީއެވެ. ހަންނާއަކީ މިހާރުވެސް ކިޔަވާ ކުއްޖެކެވެ. އޭނާ ބުނެފައިވަނީ އެމީހުންގެ ގެ ދޫކޮށްލާފައި އައުމަށް ކާފާ ބޭނުން ނުވީ ކަމަށެވެ.                                               

ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ސިފައިން މިހާރުވެސް ޔޫކްރެއިން-ރަޝިޔާގެ ބަފަރޒޯން ހުރަސްކޮށް ރަޝިޔާގެ ސަރަހައްދުގެ ތެރެއަށް ވަންނަމުން ގެންދާ ކަމަށެވެ. ޔުކްރެއިން ސިފައިން ދެކޭ ގޮތުގައި މިގޮތަށް ހަމަލާތައް ދެމުން ގެންދެވިއްޖެނަމަ އުތުރު ސަރަހައްދުތައް އަމާންވެގެން ދާނެއެވެ.              

ފަހަކަށް އައިސް ޔޫކްރެއިން ސިފައިންނަށް ލިބެމުންދާ ކާމިޔާބީގެ ސަބަބުން އެމީހުންނަށް އުންމީދުތަކެއް ލިބިއްޖެއެވެ. އެހެންނަމަވެސް ރަޝިޔާ ސިފައިންނާއެކު އިތުރު ރައްދު ހަމަލާތައް އަތުވެދާނެ ކަމުގެ ބިރު ކުޑައެއް ނޫނެވެ.                                                                 

2014 އިން 2015 އަށް ޑޮންބަސް ސަރަހައްދުގައި ހަނގުރާމަކުރި ޔޫކްރެއިން ސިފައިންގެ ސާރޖީ ޒެމްލިޔާކޯވް ވަގުތީ ހިޔާގައި ހުރެފާ ސީއެން އެން އަށް ދީފައިވާ މައުލޫމާތުތަކުގައި މިސަރަހައްދު ދެވަނަ މެރިއުޕޯލަށް ނުވެ ސަލާމަތް ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅޭ ބުނެފައި ވެއެވެ.                              

2022 ވަނައަހަރު މެރިއުޕޯލް އަށް ރަޝިޔާ ސިފައިން އަރައި ބޮންއަޅައި އެތައް ބަޔަކު މަރާލައި މުޅި ޝަހަރު ވީރާނާކޮށްލިއެވެ. އަދި ދެންތިބި މީހުންނަށް ކަބޯތަކެތި ލިބޭނެ މަގުތައް ބަންދުކޮށް އެތައް ބަޔަކު ބަނޑަށް މަރާލިއެވެ.                                                               

ސުމީ ސަރަހައްދުގެ އިޖްތިމާއީ ރައްކާތެރިކަމާބެހޭ އިދާރާގެ ފަރާތުން ނީލާ ބުހައިއޯވާ ސީ އެން އެން އަށް ކިޔާދީފައިވާގޮތުގައި މި ވަގުތީ ހިޔާއަށް މިހާތަނަށް އެތައް ސަތޭކަ ބަޔަކު އަތުވެއްޖެއެވެ. މީގެ ކުރިން ސުމީ ސަރަހައްދަށް ރަޝިޔާ ސިފައިން ބޮން އަޅަމުން ގެންދިއުމުގެ ސަބަބުން މިތަނުގައި އެއްވެސް މީހަކު ނެތި ދުވަސްތަކެއް ދިއުމަށްފަހު އަލުން މީހުން އަންނަން މިވަނީ ފަށާފައެވެ. ހުކުރުދުވަހު 270 މީހުން ހޮނިހިރު ދުވަހު 382 މީހުން އަދި އާދީއްތަ ދުވަހު 250 މީހުން އަތުވެއްޖެއެވެ.                               

ރަޝިޔާއާއި ގުޅޭ ފަރާތުގެ ބޯޑަރަށް ޖަމާވަމުންދާ މީހުންގެ ނިސްބަތުގައި މިއީ ވަރަށް ކުޑައަދަދެކެވެ. ކާރސްކް ސަރަހައްދުގެ އޮފިޝަލުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާރުވެސް 180000 މީހުންނަށް ވަގުތީ ހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ރަޝިޔާގެ ސަރަހައްދުން އެތައް ހާސްބަޔަކު އަންނަމުން ދާކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް ނީލާ ބުހައިއޯވާ ސީ އެން އެން އަށް ކިޔާ ދިނެވެ. އަހަރެމެންނަށް ރަޝިޔާ މީހުންނަށް ހަމްދަރުދީ ވެވޭނެއެކޭ ނުބުނެވޭނެއެވެ.                                  

އޮލީނާ ލޮޒޮކޯއަކީ ރަޝިޔާގެ ބޯރޑަރުން ހަމައެކަނި 4 ކިލޯމީޓަރ އެތެރޭގައި އޮންނަ ވެލީކާ ރައިބިޓްސިއާ އަވަށުގައި އެކައުންޓެންޓެއްގެ ވަޒީފާގައި އުޅޭ މީހެކެވެ. އޭނާ ބުނެފައިވަނީ ޔޫކްރެއިން ސިފައިންގެ ހަމަލާތަކާ ގުޅިގެން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ. އެކަމަކު ރަޝިޔާ ސިފައިންގެ ގައިޑެޑް ބޮން ތަކުން އަންނަ ހަމާލާތަކާހެދި ބިރު ފިލާ ވަގުތެއް ނާދެއެވެ. ރަޝިޔާ ސިފައިންގެ ހަމަލާތައް އަމާޒުވަމުން ދަނީ ޔޫކްރެއިންގެ އެއަރ ޑިފެންސް ސިސްޓަމުން 60 ވަރަކަށް ކިލޯމީޓަރ ބޭރަށެވެ. މިމަހު 13 ވަނަ ދުވަހުވެސް ސުމީ ސަރަހައްދުގެ ޔޫކްރެއިންގެ އަވަށެއްކަމުގައިވާ ލޮކްނިޔާގެ ގެތައް އެ ވަނީ ރޝިޔާގެ ހަމަލާތަކުގައި ބިމުގެ ވެއްޔަށް ހަދާލާފައެވެ.  މިހާރު ފެންނަނަ ފެނުމަށް ހާލަތު އަންނަނީ ގޯސްވަމުންނެވެ. މިތަނުން ނިކުމެގެން އަހަރެމެން ދެން ދާނެތަނެއް ނެތެވެ.                                                                 

ހަނގުރާމައިގެ މޫނުމަތި ބަދަލުވަމުންދާގޮތުން ޔޫކްރެއިންގެ އާންމު ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެކަމަށް ބުނެވިދާނެއެވެ. ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ޝަހަރު ޚާރކީވްގައި ކެފޭއެއް ހިންގާ ބޮރީސް ލޮމާކޯ ގެ އުންމީދަކީ ރަޝިޔާ ސިފައިން ބަލިވެ ސަލާމަތާ ރައްކާތެރިކާއެކު ދިރިއުޅެވޭނެ ދުވަސްތަކެއް ލިބުމެވެ. މީގެ ކުރިން މެދުކެނޑުމެއްނެތި ރަޝިޔާ ސިފައިން ބޮންއަޅަމުން ގެންދިޔަ މި ޝަހަރަށް ޔޫކްރެއިން ސިފައިންގެ ރައްދު ހަމަލާ ތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަމާން ހިނދުކޮޅެއް މިވަނީ ލިބިފައެވެ.                                                               

ޔޫކްރެއިން ކެޕިޓަލް ކީވްގައި ދިރިއުޅޭ އުމުރުން 40 އަހަރުގެ އެންޑްރީ ލެގިން ގެ ވިސްނުން ވަރަށް ތަފާތެވެ. އޭނާ ސީއެން އެން އަށް ކިޔާދީފައިވާގޮތުގައި ރައީސް ޕޫޓިން އަކީ ހަމަޔާއި އިންސާފު ގަބޫލު ނުކުރާ ޚުދުމުޚްތާރު ވެރިއެކެވެ. އޭނާއަށް ފެންނަގޮތަކަށް ހަމަލާތައް ކޮންމެ ވަގުތަކުވެސް ބަދަލުކޮށްފާނެއެވެ. އަމުދުން މިހާރު ރަޝިޔާގެ ސަރަހައްދުގައި ހަނގުރާމަ ހިނގަމުންދާއިރު އޭނާ އަޅާފާނެ ފިޔަވަޅެއް ލަފާކުރާކަށްވެސް ނޭގޭނެއެވެ. އަހަރެމެން އުފާ ފާޅުކުރަންވީ ވަގުތު އަތުވެއްޖެކަމަށް މިހާރަކު ނުބުނެވޭނެއެވެ.                              

ޔޫ. އެސް. އޭ ޓުޑޭއިން އިއްޔެ ހަވީރު ބުނެފައިވަނީ ޔޫކްރެއިނަށް މިދިޔަ ހަފުތާގައި ކުއްލިއަކަށް ހާސިލުކުރެނު ކާމިޔާބީއަކީ ޕެންޓަގަނުން ފޯރުކޮށްދިން 55 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު ހަނގުރާމައިގެ އެހީތެރިކަމެވެ. އެމެރިކާގެ އެހީ ބޭނުން ކުރުމުގައި ޔޫކްރެއިނުން މިފަހަރު އެމެރިކާގެ ހުއްދައެއް ނުހޯދައެވެ. އާންމު އުސޫލެއްގެ ގޮތުން ރަޝިޔާގެ އެތެރެއަށް ހަމަލާދޭނަމަ ޕެންޓަގަންގެ ހުއްދަ ހޯދަންޖެހެއެވެ. އެކަމަކު އެއީ މާބޮޑު މައްސަލައެއްވެސް ނޫނެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ބޭނުންވަނީ ރަޝިޔާ އިނދަޖައްސާލާށެވެ.     

ކުއްލިއަކަށް ޔޫކްރެއިނުން ދިން ހަމަލާތަކަށް ރަޝިޔާއިން ރައްދު ދެވޭނެ ގޮތެއް ނުފެނުނެވެ. ރަޝިޔާގެ ސިފައިންނަށް ކުއްލި ހާލަތުގެ ތަމްރީނު ފުރިހަމައަށް ލިބިދީފައި ނުވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެފައިވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ އެހީގައި ޔޫކްރެއިން ލައްވާ ހަނގުރާމަކުރުވުމުގެ ބޭނުމަކީ ސުލްހައިގެ ވާހަކަތަކުގައި ބާރުގަދަ މަގާމެއް ހޯދުމަށެވެ.                 

ޔޫކްރެއިން ހަނގުރާމައާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމުގެ ރަސްމީ ހައިސިއްޔަތެއް ލިބިފައިނުވާ އެމެރިކާގެ 2 އޮފިޝަލަކު ޔޫ އެސް އޭ ޓުޑޭ އަށް ކިޔާދީފައިވާގޮތުގައި ހަނގުރާމައިގާ ފާއިތުވެގެން މިދާ 900 ދުވަހުގެ ތެރޭގައި ކުއްލިއަކަށް ރަޝިޔާއަށް މިލިބުނު ގެއްލުމަކީ ކާރސްކު ސަރަހައްދުގައިތިބި ޔުކްރެއިން ސިފައިން ފައްސާލުމަށްޓަކައި ރަޝިޔާގެ ސިފައިން ބަރު ހަތިޔާރު ބޭނުން ނުކުރުމެވެ. ކާރސްކް އަކީ ރޫސީންގެ ސަރަހައްދަކަށް ވުމުން ބަރު ހަތިޔާރު ބޭނުން ކޮށްގެން އެ ސަރަހައްދަށް ގެއްލުންދޭން ރަޝިޔާ ސިފައިން ބޭނުން ނުވީ ކަމަށް ބެލެވެއެވެ.                                                        

ކާރސްކު ސަރަހައްދުން ޔޫކްރެއިން ސިފައިން އަތުލާފައިވާ ގާތަގަނޑަކަށް 1000 ކިލޯ މީޓަރ އަނބުރާ އަތުލުމަށްޓަކައި ރަޝިޔާގެ ލަޝްކަރުތައް އަލުން ބާރުވެރިކުރުވަމުން ގެންދާކަމަށް އެހެން އޮފިޝަލަކު ކިޔާދީފައިވެއެވެ.                                                            

ޔޫކްރެއިން ސިފައިންގެ ޕްރެސް އޮފިސަރަކު ނިއުޔޯރކް ޓައިމްސްއަށް ކިޔާދީފައިވާ ގޮތުގައި  “ ކާރސްކަށް އަރައިގަނެ ޔޫކްރެއިންގެ ދިދަ ޖެހުމަކުން އަހަރެމެންނަކަށް އަދި ހަމަޖެހުމެއް ނުލިބެއެވެ. ފުރަތަމަ އަހަރެމެން ވިސްނަންޖެހިފައިވަނީ ޔޫކްރެއިންގެ ސިފައިންގެ ބާރުގެ ދަށުގައި ކާރސްކް ހިފޭއްޓުމަށް ބޭނުންވާ އަދަކަކަށް ސިފައިންނެއް ނެތެވެ. ތަނަކަށް އަރާގަތުމާއި އެތަނެއް ހިފޭއްޓުމަކީ މުޅިން ތަފާތު ދެކަމެކެވެ. ޔޫކްރެއިން ސިފައިން ކާރސްކު ސަރަހައްދުން ފައްސާލުމަށްޓަކައި ރަޝިޔާއިން ހަނގުރާމަތީ އެއަރކްރާފްޓާއި ޓޭންކާއި ލަޝްކަރުތައް މިހާރުވެސް ކާރސްކު ސަރަހައްދަށް ޖަމާކުރަން ފަށައިފިއެވެ.

ރައީސް ޒެލެންސްކީއާއި އެންމެ އިސް ޖެނެރަލުންގެ އުންމީދުކުރަނީ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގައި ތިބި ރަޝިޔާ ސިފައިންގެ ލަޝްކަރުތަކުން މިކޮޅަށް ސިފައިން ގެންނާނެކަމަށެވެ. އެކަމަކު އެގޮތަށް ކަންތައް ދާތަނެއް ނުފެނެއެވެ. މީގެކުރިންވެސް ރަޝިޔާ ސިފައިންގެ ހަމަލާތައް އައިސްފައިވަނީ އެމީހުން ރާވަމުންގެންދާ ގޮތެއްގެ މަތިންނެވެ. އެހެންމީހުން އުންމީދުކުރާ ގޮތަކަށް ނޫނެވެ. “                                                                

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް