އިތިއޯޕިއާގެ ބޮޑުވަޒީރު އެބީ އަހުމަދު،އެގައުމުގެ ކެބިނެޓް މިނިސްޓަރުންނާއި އެހެންވެސް ސަރުކާރުގެ އިސް އޮފިޝަލުން މިލިޓަރީ ޓްރެއިނިންގ ހަދަން ޖައްސައިފިއެވެ.މިކަމަށް އަމުރު ކުރައްވަމުން ބޮޑުވަޒީރު އެބީ ވިދާޅުވި ގޮތުގައި ”އާމްޑް ފޯސަސް“ ނުވަތަ ހަތިޔާރުއެޅި ބާރުތަކުން ގެންގުޅެންޖެހޭ އުސޫލުތަކަކީ ވަރުގަދަ ލީޑަރުން އުފައްދާ އަދި ގައުމުގެ ކުރިއެރުމަށްވެސް އެހީތެރިވާނެ އުސޫލުތަކެއް ކަމުގައެވެ.
ބޮޑުވަޒީރު އެބީ ވަނީ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި ސަރުކާރުގެ އިންސްޓިޓިއުޝަންގެ ވެރިންނާއި އެކު އިތިއޯޕިއާގެ ހަރސޯ މިލިޓަރީ ޓްރެއިނިންގ ސެންޓަރުގައި އޭނާވެސް ޓްރެއިނިންގ ހައްދަވާތަންފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ހިއްސާ ކުރައްވާފައެވެ.
މިގޮތަށް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން މިލިޓަރީ ޓްރެއިނިންގ ހެދުމަކީ އިތިއޯޕިއާގައި މީގެ ކުރިން ކުރާކަމެއް ނޫން ކަމަށް ވެއެވެ.ބޮޑުވަޒީރު އަރިހުގައި މިލިޓަރީ ޓްރެއިނިންގ ހެއްދެވި ބޭފުޅުންގެ ތެރޭގައި ސްޕީކަރ އޮފްދަހައުސް އޮފް ފެޑަރޭޝަން މޫފޭރިއަޓް ކާމިލް، ފައިނޭންސް މިނިސްޓަރ ފިޓްސަމް އާސެފާ އަދި ހެލްތު މިނިސްޓަރ މެކްޑޭސް ޑާބާ ހިމެނެއެވެ.
މިނިސްޓަރުންގެ މިލިޓަރީ ޓްރެއިނިންގ ފެށުނީ ކޮން އިރަކުކަމެއް އަދި މިއީ ކިތައް ދުވަހުގެ ޓްރެއިނިންގ އެއްކަން ސާފުނުވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.ޓްރެއިނިންގ ކުރިޔަށް ދާކަން ހާމަ ކުރައްވަމުން ބޮޑުވަޒީރު އެބީ ވިދާޅުވެފައިވާ ގޮތުގައި ޔުނިވަރސަލް ޕްރޮސްޕެރިޓީ ނުވަތަ ދުނިޔޭގެ ފެންވަރުގެ ތަނަވަސްކަން ހޯދުމަށް އިތިއޯޕިއާ އިން ގެންގުޅޭ އަމާޒު ހާސިލް ކުރުމަށްޓަކައި ލީޑަރޝިޕްގެ މެމްބަރުންނަކީ ހަށިގަނޑުގެ ގޮތުން ފިޓް،މޯރަލީ ވަރުގަދަ އަދި އިންޓަލެކްޗުއަލް ގޮތުންވެސް ކުޅަދާނަކަން ލިބިފައިވާ ބަޔަކަށް ވާން ޖެހެއެވެ.
އޭނާ ވިދާޅުވީ މިލިޓަރީ އިންސްޓިޓިއުޝަން ތަކަކީ ޑިސިޕްލީން(އަޚްލާގީ ރޮގުން)، ޕެޓްރިއޯޓިޒަމް(ގައުމީ ލޯބި އަށަގެންނެވުމުގެ ރޮގުން) ޓީމްވަރކްގެ ރޮގުން، އެކައުންޓަބިލިޓީ(ޒިންމާ ނަގަން ދަސްކޮށްދިނުމުގެ ރޮގުން) އަދި ލީޑަރޝިޕް ގެ ދާއިރާތަކުން އަގުހުރި ފިލާވަޅު ތައް ނަގާދެމުން ގެންދާ ތަންތަނެވެ.
އިތިއޮޕިއާގެ ކެބިނެޓް މިނިސްޓަރުން މިލިޓަރީ ޓްރެއިންނިންގ ހަދާފައި މިވަނީ އެގައުމުގެ ބައެއް ހިސާބުތަކުގައި ސެކިއުރިޓީ ގޮންޖެހުންތައް ކުރިމަތިވެފައި ވަނިކޮންނެވެ.މީގެ އިތުރުން އަވަށްޓެރި އެރިޓްރިއާ އާއި ދެމެދުވެސް ހަގުރާމަ އަލުން ފެށިދާނެ ކަމުގެ ކަންބޮޑުވުންވެސް އުފެދިފައިވާ ވަގުތެއްގައެވެ.
![]()
