މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު ކޯ-ޕޭމަންޓެއް ދައްކަންޖެހޭ ގޮތަށް، ޞިއްޙަތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އަންނަ އަހަރުގެ ޖަނަވަރީ 1ން ފެށިގެން، އާމްދަނީގެ ގޮތުގައި މަހަކު 60,000 ނުވަތަ އެއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އާސަންދަ ކޯ-ޕޭމަންޓުގެ ގޮތުގައި 15 އިންސައްތަ ނަގާނެ ކަމަށެވެ.
އެފަދަ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަން ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ
މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މިއީ ދައުލަތުގެ ޞިއްޙީ އިންޝުއަރެންސް ނިޒާމު ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމަށްޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، މި ފީ ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުން ކަމަށެވެ.
ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، ސަރުކާރުގެ ފެސިލިޓީތަކުން ޚިދުމަތް ހޯދާއިރު، މިހާރުވެސް ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ހާލަތްތަކުގައިވެސް ކޯ-ޕޭމަންޓް ނުނަގައި، ޚިދުމަތް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އާމްދަނީ ބޮޑުނަމަވެސް، ގައުމަށް ބޭނުންތެރި ފަންނީ ދާއިރާތައް ވަނީ މި އުސޫލުން އިސްތިސްނާކޮށްފައެވެ. އެއީ؛ ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންނާއި، އަދި އިންޖިނިއަރުންނާއި ސައިންސާ ގުޅޭ ދާއިރާތަކުގެ ފަންނީ މުވައްޒަފުންނެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވެފައިވަނީ، މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. މިގޮތުން ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާޢީ ތަރައްޤީއަށް ހޭދަކުރެވޭނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
![]()
