މިހާރު ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައާއި ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މިކަންހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މާދަމާ (14 އޮގަސްޓް ވާ ބުދަދުވަހަކީ) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވުމަށް ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައި ކަމަށް ހީނާ ވިދާޅުވެފައިވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާ ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ރައީސް ވަނީ ދެއްވައިފައި ކަމަށްވެސް ހީނާ ވިދާޅުވެފައި ވެއެވެ.